ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ގުޅިގެން ގަލޮޅު ދަނޑުގައި އަންގާރަ ދުވަހުގެ ހެނދުނު ކުރިޔަށްގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި މީހުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ވަދެގަނެ، ބައެއް މީހުންނަށް ޙަމަލާދީ، ތަކެއްޗަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކުރި އިތުރު ހަ މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ޖޫން 21 ވަނަ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން މީގެ ކުރިން ހައްޔަރުކޮށްފައިވާ ހަ މީހުންގެ އިތުރުން، އިއްޔެ ހައްޔަރުކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް 60 ދުވަސް، ދެ މީހެއްގެ ބަންދަށް ފަސް ދުވަސް އަދި އަނެއް ދެ މީހުންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް މިއަދު ދީފައިވާ ކަމަށެވެ.
ޔޯގާ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވާ ހަ މީހުން:
- މުޙައްމަދު އިސްމާޢީލް، 48، ހއ. ހޯރަފުށި، ޔާގޫތުގެ
- އިބްރާހިމް ރައްޒާން، 32، ސ. ހިތަދޫ، އޯކިޑްވިލާ
- އައްޝެއިޚް އާދަމް ނިޝާން، 38، ލ. މާމެންދޫ، ސޯސަންވިލާ
- އަޙްމަދު ނަސޫޙް، 26، ގއ. މާމެންދޫ، އަސްރަފީވިލާ
- ޢަބްދުﷲ ރިފާޢު، 31، ތ. ތިމަރަފުށި، ނަރުގިސްވިލާ
- އައްޝެއިޚް ފަޟްލޫން މުޙައްމަދު، 33، ށ. މިލަންދޫ، ނާޒް
އެ ހަ މީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވަނީ އަޙްމަދު ނަސޫޙާއި ޢަބްދުﷲ ރިފާޢުއެވެ. ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް މުޙައްމަދު އިސްމާޢީލާއި އިބްރާހިމް ރައްޒާނަށް ދީފައިވާއިރު އާދަމް ނިޝާނާއި ފަޟްލޫން މުޙައްމަދަށް ކޯޓުން ދީފައިވަނީ ހަތް ދުވަހުގެ މުއްދަތެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
އިއްޔެ ހައްޔަރުކުރި މީހުންނާއެކު މި މައްސަލައާ ގުޅިގެން މިހާތަނަށް ވަނީ 12 މީހަކު ހައްޔަރުކޮށްފައެވެ.

ޔޯގާ މައްސަލައާ ގުޅިގެން ފުރަތަމަ ހައްޔަރުކޮށްފައިވާ ހަ މީހުން
- މުޙައްމަދު ނަދީމް، 43، ކ. ތުލުސްދޫ، ވީނަސް
- މުޙައްމަދު ޛިލްޔަން، 37، މއ. ކަނުހުރާ
- ޝާމީ ރަޝާދު އިދްރީސް، 30، ދަފްތަރު ނަންބަރު ދރ 1105،
- މުޙައްމަދު މަޢުޞޫމް، 40، ތ. މަޑިފުށި، ހެޕީސައިޑް
- މުޙައްމަދު ޙުސައިން، 47، ހއ. ތުރާކުނު، ގްރީންހައުސް
- އަމީން އަޙްމަދު، 35، ގދ. ރަތަފަންދޫ، ލިލީޕާކް
"އެ މީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ނަދީމާއި މުޙައްމަދު މަޢުޞޫމާއި މުޙައްމަދު ޙުސައިންގެ އިތުރުން އަމީން އަޙްމަދެވެ. ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސްއެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ. "މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ."
ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ގާއިމްކޮށްފައިވާ ކަމަށާއި މިފަދަ މައުލޫމާތުތައް https://www.police.gov.mv/helpus/casetip އަށް ޒިޔާރަތްކޮށް ހިއްސާކުރުމަށް އެދޭ ކަމަށެވެ.
"މި ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވަމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.



advertisment