މަސްތުވާތަކެއްޗާއެކު ދ. ކުޑަހުވަދޫންނާއި ޅ. ހިންނަވަރުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކުޑަހުވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ އެ ރަށު ބަނދަރުމަތިން އެ މީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓް ފެނިގެން ކަމަށެވެ.
އަދި ހިންނަވަރުގައި މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 40 އަހަރުގެ މީހަކު ހައްޔަރުކުރީ، ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން ހުއްޓުވަން އުޅުމުން އެމީހާ އަތުގައި އޮތް އެއްޗެއް އެއްލާލިތަން ފެނުމުން ފުލުހުން އޭތި ނަގައި ބަލައި ފާސްކުރިއިރު މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓް ފެނިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.
"މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 40 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިންނަވަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.
މި ދެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



advertisment