Support Us

ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ދިއުމަކީ ކަންބޮޑުވުމާއި މާޔޫސްކަން އުފެދޭ ކަންތައްތައް: މެޑަމް ފަޒުނާ 

ހަނގުރާމައާ ގުޅިގެން ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ދިއުމާއި އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ މައްސަލަތަކަކީ މެދުކެނޑުމެއްނެތި ކަންބޮޑުވުމާއި މާޔޫސްކަން އުފެދޭ ކަންތައްތައްކަން ފާހަގަކުރައްވައި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވާހަކަފުޅު ދައްކަވައިފިއެވެ.

އެކަމަނާ މި މޭރުމުން ވާހަކަފުޅު ދެއްކެވީ ރުވާންޑާގެ ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީ.އެޗް.އޯ.ޖީ.އެމް) 2022 ގެ މަތީ ފަންތީގެ ބައްދަލުވުމުގެ ހަވާސާގައި "ރީ ތިންކިންގ މެންޓަލް ހެލްތު: އަ ކޮމަންވެލްތު ކޯލް ޓު އެމްޕަވަރ، ކެއަރ އެންޑް ޓްރާންސްފޯމް"ގެ ނަމުގައި ކުރިޔަށްދިޔަ ހަރަކާތުގައި ދެއްވި ވަރޗުއަލް ތަޤްރީރުގައެވެ.

ރުވާންޑާގެ ކިގާލީގައި މި މަހުގެ 20 އިން 25 އަށް ކުރިއަށްދާ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި މެޑަމް ފަޒުނާ ފުރާވަޑައިގެންނެވީ ރޭގައެވެ.

"ރީތިންކިންގ މެންޓަލް ހެލްތު: އަ ކޮމަންވެލްތު ކޯލް ޓު އެމްޕަވަރ، ކެއަރ އެންޑް ޓްރާންސްފޯމް" ހަރަކާތަކީ ދިރިއުޅުމުގެ އެކި ފަންތިތަކުގެ މެދުގައި ހުރި ފަރަޤުތަކާއި ތަފާތުކުރުންތައް ނައްތާލުމާއި އަތްފޯރާ ފަށުގައި ޞިއްޙީ ޚިދުމަތްތައް ލިބުމަށް ބާރުއަޅައި ކޮމަންވެލްތުން ގެންގުޅޭ ސިޔާސަތަށް ބާރު ލިބޭގޮތަށް ކުރިޔަށްގެންދާ ހަރަކާތެކެވެ.

މެޑަމް ފަޒުނާ ދެއްވި ތަޤްރީރުގައި ނަފްސާނީ ބަލިތައް ތަޙައްމަލުކުރަމުން އަންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައާއި ބޭނުންވާ ފަރުވާ ދިނުމުގައި ރާއްޖޭގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ. ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ފަރަޤުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ދާއިރާގެ ފަންނީ މީހުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ރާއްޖޭގެ ރަށްތައް ޤުދުރަތީ ގޮތުން އުފެދިފައި ހުންނަ ގޮތުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން މި ދާއިރާއިން މީހުން ހޯދުމުގައި ހުރި ދަތިތަކާއި، ޚިދުމަތް ބޭނުންވާ މީހުން ގިނަވުމުގެ ސަބަބުން ޚިދުމަތް ހޯދަން އިންތިޒާރުގައި މަޑުކޮށްގެން ގިނަ ބަޔަކު އަބަދުވެސް ތިބެންޖެހޭކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމުގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލައި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. އެކަމަނާ ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ޤައުމީ ހެލްތު އިންޝުއަރެންސް ސްކީމް އިތުރަށް ފުޅާކޮށް ނަފްސާނީ ބަލިތަކުގެ ފަރުވާވެސް އޭގެތެރޭގައި ހިމެނޭގޮތް ހެދުމާއި އެކަށޭނަ އަދި ޝާމިލު ގޮތެއްގައި ސައިކޯ ސޯޝަލް ސަޕޯޓް ކަށަވަރުކޮށްދިނުން ކަމުގައެވެ. ހަމަ އެހެންމެ އެކަމަނާ ވަނީ މި ސަރުކާރުން 2019 ވަނަ އަހަރުގެ މާރިޗު މަހު، އައި.ޖީ.އެމް.އެޗް. ގައި މެންޓަލް ހެލްތު ސެންޓަރެއް ޤާއިމުކުރައްވާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ނަފްސާނީ ބަލިތަކާ ގުޅޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެކަމަނާ ވަނީ ނަފްސާނީ ބަލިތަކާމެދު ދެކޭ ނުރަނގަޅު ގޮތްތައް ބަދަލުކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ އޭގެ ނަތީޖާއަކަށް ވާނީ ސްކޫލްތަކާއި އެކި ތަންތަނުގައި ތިބޭ ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުން ފަރުވާއާ އެހީއަށް އެދޭ މިންވަރު އިތުރުވެ، އެމީހުންނަށް ފަރުވާ ލިބޭގޮތްވެ، އެފަދަ ފަރާތްތަކުގެ ދިރިއުޅުން ކުރިޔަށްގެންދިއުމަށް އެފަރާތްތަކަށް ދަސްވެގެން ދިއުމަށް މަގުފަހިވެގެން ދިއުންކަމުގައެވެ. ހަމަ އެހެންމެ އެކަމަނާ ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހަރުދަނާ އަޚްލާޤީ މިންގަޑެއް ހިފެހެއްޓުމުގެ މުހިންމުކަމާއި، މި ދާއިރާ އިތުރަށް ހުޅުވާލައި ފުރުޞަތުތައް ފަހިކުރުމާއި، މި ދާއިރާއިން ދިރާސާކުރުން ފަދަ ނަފްސާނީ ބަލިތަކާ ގުޅޭ ޚިދުމަތްތަކަށް އިންވެސްޓްމަންޓުތައް އިތުރުކުރުމަށް ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *