ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ގުޅިގެން ގަލޮޅު ދަނޑުގައި އިއްޔެ ހެނދުނު ކުރިޔަށްގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި މީހުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ވަދެގަނެ، ބައެއް މީހުންނަށް ޙަމަލާދީ، ތަކެއްޗަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އިއްޔެ ހައްޔަރުކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް 60 އަދި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް މިއަދު ދީފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވާ މީހުން
- މުޙައްމަދު ނަދީމް، 43، ކ. ތުލުސްދޫ، ވީނަސް
- މުޙައްމަދު ޛިލްޔަން، 37، މއ. ކަނުހުރާ
- ޝާމީ ރަޝާދު އިދްރީސް، 30، ދަފްތަރު ނަންބަރު ދރ 1105،
- މުޙައްމަދު މަޢުޞޫމް، 40، ތ. މަޑިފުށި، ހެޕީސައިޑް
- މުޙައްމަދު ޙުސައިން، 47، ހއ. ތުރާކުނު، ގްރީންހައުސް
- އަމީން އަޙްމަދު، 35، ގދ. ރަތަފަންދޫ، ލިލީޕާކް
"އެ މީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ނަދީމާއި މުޙައްމަދު މަޢުޞޫމާއި މުޙައްމަދު ޙުސައިންގެ އިތުރުން އަމީން އަޙްމަދެވެ. ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސްއެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ. "މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ."
ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ގާއިމްކޮށްފައިވާ ކަމަށާއި މިފަދަ މައުލޫމާތުތައް https://www.police.gov.mv/helpus/casetip އަށް ޒިޔާރަތްކޮށް ހިއްސާކުރުމަށް އެދޭ ކަމަށެވެ.
"މި ޕޯޓަލްއަށް މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ހިއްސާކުރާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވަމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.



advertisment