މުޅި އަހަރަށް ބަހާލައިގެން، އެއްވެސް އަތޮޅެއް ބާކީ ނުކޮށް، މެދުކެނޑުމެއްނެތި ދީނީ އެކި ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށް އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތްތައް ރާވާލުމަށް ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ މި އަހަރުގެ ރަމަޟާންމަހުގެ ޕްރޮގްރާމްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކާ ބައްދަލުކުރެއްވުމަށްޓަކައި ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޙަފްލާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މެދުގައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އިތުރު މަސައްކަތްތައް ކުރަންޖެހިފައިވާ ކަމަށާއި، މިގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކަކީ މެދުނުކެނޑި ރައްޔިތުންގެ ޝައުގުވެރިކަން އުފެދޭ ގޮތަށް ބައްޓަންކުރެވިގެން އަތޮޅުތައްވެސް ހިމެނޭހެން ކުރިއަށްގެންދެވޭ ޕްރޮގްރާމްތަކަކަށް ހެއްދެވުމަށް ނައިބު ރައީސްގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮންމެ އަހަރަކުވެސް ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްޞަކޮށް، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ރޫޙު ޢާލާކޮށް ދިރުވުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން ރާވާ އިންތިޒާމުކުރާ ގިނަ ޕްރޮގްރާމްތަކެއް ޢާންމުންނާއި ހަމައަށް ގެނެސްދެވޭކަން ފާހަގަކުރެއްވިއެވެ. އަދި، އެގޮތުން ހިންގޭ ޕްރޮގްރާމްތަކުގައި ދީނީ ޢިލްމުވެރިންގެ އިތުރުން އެކިއެކި ހެޔޮއެދޭ ފަރާތްތަކާއި ކުންފުނިތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވާ، މި އަހަރުގެ ރަމަޟާންމަހު ހިންގި މިފަދަ އެންމެހާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމުގެ މަތިން އެހެން އަހަރުތަކާއި ޚިލާފަށް މިދިޔަ ރަމަޟާންމަހު އަތޮޅުތެރޭގައި އިޙްޔާ ޕްރޮގްރާމްތަކެއް ރޭވިގެން ކުރިއަށް ގެންދެވިފައިވާކަން ފާހަގަކުރެއްވިއެވެ.



advertisment