ދިވެހި ޤައުމީ ދިދަ ނެގުމުގައްޔާއި، ދިދަ ބޭނުންކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، އަނެއްކާ ވެސް އުސޫލެއް ކަނޑައަޅުއްވައިފިއެވެ. މިކަން އަންގަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.
މި ދެންނެވުމުގައި (6/2022) ވާގޮތުން ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތަައި އަދި، ދިވެހި ޤައުމީ ދިދައިގެ ޙުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް، އެއްވެސް ކަމެއްގައި ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި މި ދެންނެވުމުގައި ވަނީ ސަރުކާރުގެ އިމާރާތްތަކުގައްޔާއި، ސަރުކާރުގެ މުއައްސަސާތަކުގެ ރަސްމީ ކަންކަމުގައި އާންމު ގޮތެއްގައި ބޭނުންކުރަންވީ ދިދައިގެ މިންތައް ވެސް ކަނޑައަޅުއްވާފައެެވެ.
މީގެ އިތުރުން ވެސް މި އުސޫލުގައި ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ހުންނަންވާ ތަންތަނާއި ހެނދުނު 6:00 އިން ހަވީރު 6:00 އަށް ދިވެހި ޤައުމީ ދިދަ ނަގައިފައި ހުންނަންވާ މުއައްސަސާތައް ވަނީ ބަޔާންކުރައްވާފައެވެ. އަދި، ދިވެހި ޤައުމީ ދިދައާއި އެހެން ދިދައެއް އެކުގައި ހުންނަގޮތަށް ދެ ދިދައެއް ނަގާނަމަ، ނުވަތަ ބަހައްޓާނަމަ، ދިވެހި ޤައުމީ ދިދަ ހުންނަންވާނެ އުސޫލުވެސް މި ދެންނެވުމުގައި ވަނީ ބަޔާންކުރައްވާފައެވެ.
ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމުގައި ގެންގުޅެންވާ އުސޫލުވެސް މި ދެންނެވުމުގައި ވެއެވެ.
ދިވެހި ދިދައާ ބެހޭ ގަވާއިދެއް ހަދާ ފުރަތަމަ ތަންފީޒު ކުރެވެން ފެށީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާޗް 19، 1989 ގައެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން، އެ ދުވަހު ސިފައިންގެ މައިމަރުކަޒުގައި ވެސް ދިވެހި ގައުމީ ދިދަ ނެގިފައެއް ނެތެވެ. ސަބަބަކީ އެ ދުވަސްވަރު ދިވެހި ގައުމީ ދިދަ ނަގަނީ ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ކަމަށް ވާތީ އެވެ.
އެ ގަވާއިދުގައިވާ ގޮތުގެ މަތީން ޖުލައި 1، 1989 އިން ފެށިގެން ރައީސް އޮފީހާއި އެމްއެންޑީއެފްގެ ހެޑްކުއާޓަރު ހިމެނޭ ގޮތުން ފަސް ތަނެއްގައި 24 ގަޑިއިރު ދިވެހި ގައުމީ ދިދަ ނަގާފައި ހުންނަ ގޮތަށް ހަމަޖެއްސި އެވެ. ސަރުކާރުގެ އެހެން އިދާރާތަކުގައި ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ދިދަ ނަގާ ތިރި ކުރާ ގޮތަށެވެ.
ފަހުން އެ ގަވާއިދަށް ބަދަލު ގެނެސް އިސްލާހުކުރި އެވެ. އެގޮތުން ކޮންމެ ރަށެއްގެ ރަށު އޮފީހާ އަތޮޅު އޮފީހުގައި 24 ގަޑިއިރު ދިދަ ނަގާފައި ހުންނަ ގޮތަށް ހަމަޖެއްސި އެވެ. އަދި އޭގެ ފަހުން ސިޓީ ކައުންސިލްގެ އިދާރާތަކާއި އަތޮޅު ކައުންސިލްތަކުގެ އިދާރާތަކާއި، ރަށު ކައުންސިލްތަކުގެ އިދާރާތައް އެ ލިސްޓުގައި ހިމެނި އެވެ. އަދި މީގެ އިތުރުން ވެސް ސަރުކާރުން ކަނޑައަޅާ ތަންތަނުގައި 24 ގަޑިއިރު ދިދަ ނެގިދާނެކަން ބަޔާން ކޮށްފައި ވެއެވެ.
މި އުސޫލަށް ނިމުމެއް އައީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގަ އެވެ. ފެބުރުއަރީ 17، 2019 ގަ އެވެ. ހޯމް މިނިސްޓަރު ޝެއިޚު އިމްރާންގެ ވަޒީރުކަމުގައި އެ ވުޒާރާއިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އިއުލާނަކުންނެވެ. އެ ދުވަހު އެ އެސޫލު އުވާލާ ބާތިލު ކުރީއެވެ.
ދިވެހި ޤައުމީ ދިދަ ބޭނުންކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން ޢަމަލުކުރަންޖެހޭ އުސޫލު:
- ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ. އަދި، ދިވެހި ޤައުމީ ދިދައިގެ ޙުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް، އެއްވެސް ކަމެއްގައި ބޭނުންކޮށްގެނެއް ނުވާނެއެވެ.
- ބޭނުން ނުކުރެވޭވަރަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިވެހި ޤައުމީ ދިދައެއް ސަރުކާރުގެ މުއައްސަސާއަކުން ނައްތައިލަންވާނީ، ދިދައިގެ ޙުރުމަތް ނުކެނޑޭ ގޮތަށެވެ.
- ސަރުކާރުގެ އިމާރާތްތަކުގައްޔާއި، ސަރުކާރުގެ މުއައްސަސާތަކުގެ ރަސްމީ ކަންކަމުގައި އާންމުގޮތެއްގައި ބޭނުންކުރަންވާނީ، އަންނަނިވި މިންތަކުގެ ތެރެއިން، އެ ތަނަކަށް ނުވަތަ އެ ކަމަކަށް އެންމެ އެކަށީގެންވާ ބޮޑު މިނެއްގައި ހަދައިފައި ހުންނަ ދިވެހި ޤައުމީ ދިދައެވެ.
(ހ) 270 ސެންޓިމީޓަރު ދިގު، 180 ސެންޓިމީޓަރު ފުޅާ
(ށ) 180 ސެންޓިމީޓަރު ދިގު، 120 ސެންޓިމީޓަރު ފުޅާ
(ނ) 135 ސެންޓިމީޓަރު ދިގު، 90 ސެންޓިމީޓަރު ފުޅާ
(ރ) 60 ސެންޓިމީޓަރު ދިގު، 40 ސެންޓިމީޓަރު ފުޅާ
(ބ) 45 ސެންޓިމީޓަރު ދިގު، 30 ސެންޓިމީޓަރު ފުޅާ
(ޅ) 36 ސެންޓިމީޓަރު ދިގު، 24 ސެންޓިމީޓަރު ފުޅާ
(ކ) 30 ސެންޓިމީޓަރު ދިގު، 20 ސެންޓިމީޓަރު ފުޅާ
(އ) 24 ސެންޓިމީޓަރު ދިގު 16 ސެންޓިމީޓަރު ފުޅާ - ސަރުކާރުގެ މުއައްސަސާތަކުން ބޭނުންކުރާ ދިވެހި ޤައުމީ ދިދައިގެ މިންތަކާއި، ކުލަކޯޑާއި، ހަނދުފަޅި ހުންނަންވާނީ، ޤާނޫނުއަސާސީގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
- ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން އަންނަނިވި ތަންތާނގައި، ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ހުންނަންވާނެއެވެ. މި ގޮތަށް ދިދަ ނަގައިފައި ހުންނައިރު، އަނދިރި ވަގުތުތަކުގައި ދިދަ ބަހައްޓަންވާނީ، ރީތިކޮށް ދިދަ ފެންނާނޭހެން ދިދައަށް އަލިކޮށްފައެވެ.
(ހ) ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
(ށ) ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު
(ނ) ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދިރިޅުއްވާ ރަސްމީ ގެކޮޅު
(ރ) ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައި މަރުކަޒު
(ބ) ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި މަރުކަޒު
(ޅ) މެދުކެނޑުމެއް ނެތި 24 ގަޑިއިރު ޚިދުމަތް ދޭ ސަރުކާރުގެ މުއައްސަސާތައް - މި އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންވެފައިވާ ތަންތަން ފިޔަވައި ސަރުކާރުގެ އެހެން ކޮންމެ މުއައްސަސާއެއްގައި ހެނދުނު 6:00 އިން ހަވީރު 6:00 އަށް ދިވެހި ޤައުމީ ދިދަ ނަގައިފައި ހުންނަންވާނެއެވެ.
- ސަރުކާރުގެ އެއް މުއައްސަސާއަށްވުރެ ގިނަ މުއައްސަސާ، އެއް އިމާރާތެއްގައި ހުންނަނަމަ، އެ އިމާރާތެއްގައި ނަގާނީ އެއް ދިދައެވެ.
- ދިވެހި ޤައުމީ ދިދައާއި އެހެން ދިދައެއް އެކުގައި ހުންނަގޮތަށް ދެ ދިދައެއް ނަގާނަމަ، ނުވަތަ ބަހައްޓާނަމަ، ދިވެހި ޤައުމީ ދިދަ ހުންނަންވާނީ، އެ ދިދައެއްގެ ކަނާތްފަރާތުގައެވެ. ދިދައިގެ ކަނާތްފަރާތް ކަމުގައި ބަލާނީ، އެ ދިދަ ކުރިމަތިކޮށްފައިވާ ފަރާތަށް ކުރިމަތިލައިގެން ހުންނަ މީހާގެ ކަނާތްފަރާތެވެ. ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރީން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަންކަމުގައި ދިދަ ބޭނުންކުރުން މީގެ ތެރެއިން އިސްތިސްނާވާނެއެވެ.
- އެހެން ދިދައަކާ ކައްތިރިކޮށް ދިވެހި ޤައުމީ ދިދަ ނެގިދާނެއެވެ. ނަމަވެސް ދިވެހި ދިދައާއެކު ކައްތިރިކޮށް އެހެން ޤައުމެއްގެ ޤައުމީ ދިދަ ނެގޭނީ، އެ ޤައުމަކީ މިނިވަން ޤައުމެއް ކަމަށްވާނަމައެވެ.
- ދިވެހި ޤައުމީ ދިދަ އެހެން ދިދައަކާ ނުވަތަ ދިދަތަކަކާ އެއްވަލެއްގައި ނުވަތަ އެއް ފަށެއްގައި ނަގާނަމަ، ދިވެހި ޤައުމީ ދިދަ ހިމެނޭ ދިދަފަތި ހުންނަންވާނީ، އެންމެ މަތީގައެވެ. އަދި އެފަދަ ވަލަކަށް ނުވަތަ ފަށަކަށް ދިވެހި ޤައުމީ ދިދަ ނަގާނަމަ، އެންމެ ކުރިން ނަގަންވާނީ، ދިވެހި ޤައުމީ ދިދައެވެ. ނުވަތަ ދިވެހި ޤައުމީ ދިދަ ހިމެނިގެންވާ ދިދަ ފައްޗެވެ.
- ދައުލަތުގެ މުއައްސަސާއެއްގެ ނުވަތަ އެހެން ޤައުމެއްގެ ނުވަތަ ދިވެހި ސަރުކާރުން ގަބޫލުކުރާ ބައިނަލްއަޤްވާމީ ޖަމާޢަތެއްގެ ދިދައާއެކު ދިވެހި ޤައުމީ ދިދަ ނަގާ ތަންތާނގައި ދިވެހި ޤައުމީ ދިދަ ހުންނަންވާނީ، އެ ނޫން ދިދަތަކާ އެއް އުސްމިނެއްގައި އަދި އެ ދިދަތަކާ އެއް މިނަކަށެވެ.
- ޤައުމީ ފެންވަރެއްގައި ހިތާމަ ފާޅުކުރުމުގެ ނިޝާނެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެވިދާނެއެވެ. ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާކަމުގައި ބަލާނީ، ދިދަ ދަނޑީގެ ކުރިން ފެށިގެން، ދިދައިގެ ފުޅާމިނަށް ތިރިކޮށްފައި ބެހެއްޓުމުންނެވެ.
- ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ނަގަންވެއްޖެނަމަ، ދިދަ ނަގާނީ، އެ ދިދަ ނެގޭ ދަނޑިއެއްގެ ކުރިޔަށް ދިދަ ނެގުމަށްފަހުގައެވެ. އަދި ބައިދަނޑިއަށް ހުރި ދިދައެއް ތިރިކުރާނީވެސް، ފުރިހަމަ ދަނޑިއަށް ދިދަ ނެގުމަށްފަހުގައެވެ.
- ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ނަގާ ހާލަތްތަކުގައި ދިވެހި ޤައުމީ ދިދައާއެކު އެހެން ދިދައެއް ނުވަތަ ދިދަތަކެއް ނަގައިފައިވާނަމަ، އެ ދިދައެއް ނުވަތަ އެ ދިދަތަކެއްވެސް ބަހައްޓަންވާނީ، ބައިދަނޑިއަށް ތިރިކޮށްފައެވެ.
- ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމުގައި، ހެނދުނު 6:00 އިން ހަވީރު 6:00 އަށް ދިދަ ނަގާ ތަންތަނުގައި ދުވަސް ނިންމާނީ، ހަވީރު 6:00 އަށެވެ. 24 ގަޑިއިރު ދިދަ ނަގައިފައި ބަހައްޓާ ތަންތަނުގައި ދުވަސް ނިންމާނީ، ރޭގަނޑު 12:00 އަށެވެ.
- ބައިނަލްއަޤްވާމީ އުސޫލުތަކެއްގެ މަތީން ދިދަ ނަގަންޖެހޭ ތަންތާނގައްޔާއި އެއްޗެތީގައި، އެ އުސޫލުތަކާ އެއްގޮތަށް ދިވެހި ޤައުމީ ދިދަ ނެގިދާނެއެވެ.
- ސަރުކާރުގެ މުއައްސަސާތަކުން ބާއްވާ އެއްވުންތަކާއި، ރެލީތަކާއި، ހިނގައިލުންތަކުގައި ދިވެހި ޤައުމީ ދިދަ ބޭނުން ކުރެވިދާނެއެވެ. އަދި، ކަނޑުމަތީގެ އުޅަނދުތަކުގައި ނުވަތަ އެއްގަމު އުޅަނދުތަކުގައި ނުވަތަ ވައިގެ އުޅަނދުތަކުގައި ޤައުމީ ނިޝާނެއްގެ ގޮތުގައި ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ޤައުމީ ދިދަ ބޭނުންކުރެވިދާނެއެވެ.
- މޭޒުމަތީގައި ބަހައްޓާ ގޮތަށް ދިވެހި ޤައުމީ ދިދަ ތައްޔާރުކޮށްގެން ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރެވިދާނެއެވެ. އަދި ޤައުމީ ދިދަ ހިމެނޭ ގޮތަށް ބެޖް، ސްޓިކަރ، ލޯގޯ، ކަފްލިންކް ފަދަ ތަކެތި ތައްޔާރުކޮށްގެން ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރެވިދާނެއެވެ.
- ކަރުދާހުގައި ނުވަތަ ފޮތީގައި ޗާޕުކޮށްގެންނާއި، މަޢުދަނަކުން ނުވަތަ އެނޫންވެސް އެއްޗަކުން ހަދައިގެން ސަރުކާރުގެ ތަންތަނުގައި ދިވެހި ޤައުމީ ދިދަ ބޭނުންކުރެވިދާނެއެވެ.



advertisment