Support Us

"ދަތުރުގިރި" ތަރައްޤީކުރުމުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

މާލޭ ސަރަޙައްދުން ދަތުރުދާން ޚާއްޞަކުރި ކ. ކުޑަގިރި (ދަތުރުގިރި) ތަރައްޤީކުރުމުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ ކުޑަގިރިއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި ޤާއިމުކުރަމުންގެންދާ ވަޞީލަތްތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ. މިގޮތުން އެރައިވަލް ޖެޓީއާއި، އެރަށަށް ދަތުރުދާ ފަރާތްތަކަށް މެހްމާންދާރީ އަދާކުރުމަށް ތަރައްޤީކުރާ ރިސެޕްޝަނާއި، މިސްކިތް ޢިމާރާތާއި ޕަވަރހައުސްގެ އިތުރުން އެކޮމޮޑޭޝަން ބްލޮކްގެ މަސައްކަތް ބައްލަވާލެއްވިއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތްވެސް ބައްލަވާލެއްވުމަށްފަހު ކުޑަގިރި ތުނޑީ ސަރަޙައްދަށް ވަޑައިގެން ކޭމްޕް އައިލެންޑް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށްޓަކައި ބިން ހިއްކާފައިވަނީ އެމްޓީސީސީ ގެ ފަރާތުންނެވެ. އަދި މިރަށް ތަރައްޤީކުރުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރަމުންގެންދަނީ ސަރުކާރު ޙިއްޞާވާ ފަސް ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމްގެ އިތުރުން ސަރުކާރާއި ސަރުކާރު ޙިއްޞާވާ ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *