Support Us

ޕޯސްޓް-މޯޓަމް ހެދޭނީ ހަ ބާވަތެއްގެ މަރުތަކުގައި ކަމަށް ކަނޑައަޅައިފި

ޖިނާއީ ކުށަކާ ގުޅިގެން މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށްޓަކައި އަދި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށްޓަކައި މަރުވެފައިވާ މީހާގެ ޕޯސްޓް-މޯޓަމް ހެދޭނީ ހަ ބާވަތެއްގެ މަރުތަކުގައި ކަމަށް ކަނޑައަޅައި، ކަމާބެހޭ އިޖުރާތުތަކުގެ ގަވާއިދަށް ފުލުހުން އަމަލުކުރަން ފަށައިފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުން ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދަށް އަމަލުކުރަން ފަށާފައިވަނީ މި މަހު 24 ވަނަ ދުވަހު ފެށިގެން ކަމަށެވެ.

ޖިނާއީ ކުށަކާ ގުޅިގެން، މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށް ޓަކައި އަދި ގޮތްނޭނގޭ މަރުތަކުގެ ޙަޤީޤަތް ދެނެގަތުމަށް ޓަކައި، މަރުވެފައިވާ މީހާގެ ޕޯސްޓް-މޯޓަމް ހެދުމުގައި ފުލުހުން ޢަމަލުކުރާ އިޖުރާއަތުތައް ބަޔާންކުރާ މި ގަވާއިދު ތަންފީޒުކުރާނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ. މި ގަވާއިދުގެ ދަށުން ހަ ބާވަތެއް މަރުގެ މައްސަލައާ ގުޅިގެން މަރުވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓް-މޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

 ޕޯސްޓް-މޯޓަމް ހަދަންޖެހޭ ބާވަތްތަކުގެ މައްސަލަތައް 

  1. އެކްސިޑެންޓަކާ ގުޅިގެން މީހަކު މަރުވެފައިވާ މައްސަލަ
  2. އަމިއްލައަށް މަރުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ
  3. ގަސްތުގައި މީހަކު މަރާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ
  4. އިހުމާލުގެ އަމަލަކުން މީހަކު މަރުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ
  5. ގޮތް ނޭނގޭ މަރުގެ މައްސަލަ
  6. ގުދުރަތީ ގޮތުން ނޫން އެހެން ކޮންމެވެސް ގޮތަކުން މަރުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ

މި ގަވާއިދުގައި ޕޯސްތް-މޯޓަމް ހަދަންޖެހޭ ހަށިގަނޑެއް އެއްތަނުން އަނެއް ތަނެއް ގެންދަންވާނީ މަރުވެފައިވާ މީހުން ލުމަށް ހާއްސަ ބޮޑީ ބޭގު (ކެޑޭވާ ޕައުޗު) އަކަށް ނުވަތަ އެފަދަ ހާއްސަ ބޭގެއް ލިބެން ނެތް ހާލަތެއްގައި ސާފު ފޮތިގަނޑެއް ބޭނުންކޮށްގެން ހަށިގަނޑު ނިވާކޮށްގެންކަން ބަޔާންކޮށްފައިވެއެވެ. އަދި ހަށިގަނޑު އުފުލައި ގެންގުޅުމުގައި ހަށިގަނޑަށް އިތުރު ގެއްލުމެއް ނުލިބޭނެ ގޮތަށް އަދި ހަށިގަނޑަށް ލިބިދާނެ ހެއްކެއް ތަޣައްޔަރު ނުވާނެ ގޮތަށް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ޕޯސްޓް-މޯޓަމް ހަދަންވާނީ ޕޯސްޓް-މޯޓަމް ހެދުމަށް ހުއްދަ ދީފައިވާ މަރުކަޒަކުން ނުވަތަ އިދާރާއަކުން ނުވަތަ ދިވެހިރާއްޖެއިން ބޭރު ގައުމެއްގައި ގާއިމްކޮށްފައިވާ އެ ގައުމެއްގެ ކަމާބެހޭ އިދާރާއަކުން ޕޯސްޓް-މޯޓަމް ހެދުމަށް ހުއްދަ ދީފައިވާ ތަނަކުންކަން ބަޔާންކޮށްފައިވެއެވެ. އަދި ޕޯސްޓް-މޯޓަމް ހެދުމަށް ހުއްދަ ދެވޭނީ ތަހުގީގު ކުރުމުގެ އިހްތިސާސް ލިބިދީފައިވާ ފުލުހުންގެ އިދާރީ ބަހާގެ އެންމެ އިސް އޮފިސަރުގެ ހުއްދައާ އެކުކަންވެސް ބަޔާންކޮށްފައިވެއެވެ.

ހަމަ އެއާއެކު ޕޯސްޓް-މޯޓަމް ހަދާ މައްސަލަތަކުގައި އެމައްސަލައިގެ ތަހުގީގު ނިމެންދެން އިވެންޓް ލޮގް ފުރިހަމަކުރަންޖެހޭނެއެވެ. އަދި ކާކުކަން ދެނެގަނެވިފައިނުވާ ހަށިގަނޑެއް ނަމަ އެފަރާތަކީ ކާކުކަން ދެނެގަތުމަށް ބޭނުންވާ އެންމެހާ މައުލޫމާތާއި އެފަދަ ފަރާތްތަކުގެ ޕޯސްޓްމޯޓަމް އެގްޒަމިނޭޝަނާ ގުޅޭ އެންމެހައި މަޢުލޫމާތު ހިިމެނޭ ޑޭޓާބޭސްއެއް ދިވެހި ފުލުހުންގެ ޚިދުމަތުން ގާއިމްކުރަންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ ހަށިގަނޑެއްގެ ޕޯސްޓް މޯޓަމް ހަދަނާމަ އެ ހަށިގަނޑަކަށް އައިޑެންޓިފިކޭޝަން ނަންބަރެއް ދޭން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ޕޯސްޓް މޯޓަމް ހެދުމަށްފަހު ހަށިގަނޑާ ގުޅޭގޮތުން ތަހުގީގު ބޭނުމަށް އިތުރު އެހެން އެއްވެސް ބެލުންތަކެއް ނުވަތަ ކަންތައްތަކެއް ކުރަން ނެތްނަމަ ލަސްކުރުމެއްނެތި އެފަދަ ހަށިގަނޑެއް އާއިލާއަށް ހަވާލުކުރުމަށް ނުވަތަ ވަޅުލުމަށް ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހަދާ ފެސިލިޓީއަށް، ތަހުގީގުކުރާ ފަރާތުން ލިޔުމުން އަންގައި، މަރުވެފައިވާ މީހާގެ އާއިލާއަށް ނުވަތަ ބަލަދުވެރި ފަރާތަށް އެކަން އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މަރުވެފައިވާ ފަރާތަކީ ބިދޭސީއެއް ނަމަ، ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ އެ ބިދޭސީއަކު ނިސްބަތްވާ ޤައުމުގެ ކޮންސިއުލާ މިޝަނަށް އެންގުމަށް ޓަކައި ނުވަތަ އެ ބިދޭސީއަކު ނިސްބަތްވާ ޤައުމަށް އެކަން އެންގުމަށް ޓަކައި، ޚާރިޖީ ކަންކަމާބެހޭ ވުޒާރާއަށް އަންގަންވާނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *