Support Us

މާވަށުގެ ކައުންސިލްގެ ރައީސް އަޙުމަދު މޫސާ

މާވަށު ކައުންސިލުގެ ރައީސް އަށް ވަގަށް އޭނާގެ ނަން އެމް.އެން.ޕީ އަށް ދަފުތަރުކޮށްފި

ލ. މާވަށުގެ ކައުންސިލްގެ ރައީސް އަޙުމަދު މޫސާގެ ނަން އޭނާއަށް އެނގިވަޑައިނުގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ)ގައި ދަފުތަރުކޮށްފައިވާ ކަމަށް ވިދާޅުވެ، އެކަން ކުށްވެރިކޮށް އޭނާ މިއަދު ބަޔާނެއް ނެރުއްވައިފިއެވެ.

ޕީ.ޕީ.އެމް އުފެދުނީއްސުރެ އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ އަދި ޕީ.ޕީ.އެމްގެ މާވަށު ސްޓިއަރިން ކޮމެޓީގެ ރައީސްކަންވެސް ކުރައްވާ އަޙުމަދު މޫސާގެ ބަޔާނުގައި ވިދާޅުވީ އޭނާއަކީ "ރައީސް ޢަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ތާއީދުކުރާ ޤައުމީ ފިކުރުގެ މީހެއް" ކަމަށާއި އެކަން އޭނާ "ދަންނަ އެއްވެސް މީހަކަށް އޮޅިފައި ނޯންނާނެ" ކަމަށެވެ. އޭނާ އިތުރަށް ބަޔާންކުރައްވައިފައިވަނީ "ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުން ލިބޭ ކަންކަން އަމިއްލަ ފައިދާއަށް ޓަކައި ވަރިހަމަކޮށްލައިގެން އުޅޭ އެއްވެސް މީހަކަށް އަދި އެ ފަދަ މީހަކަށް ނިސްބަސްވާ ސިޔާސީ ޕާޓީއަކަށް ދުވަހަކު ވެސް ތާއީދުކުރާނެ މީހެއް ނޫން" ކަމަށް ވާއިރު އެފަދަ ޕާޓީއެއްގައި އޭނާ ރަޖިސްޓަރީކުރި ކުރުން ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ.

އަޙުމަދު މޫސާ ތުހުމަތުކުރައްވާ ގޮތުގައި އޭނާ ފަދަ ސިޔާސީ ޙާރަކާތްތެރި އަދި ގިނަ ބަޔަކު ދަންނަ މީހަކު އެ ގޮތަށް ވަގަށް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީކޮށްފައިވާއިރު، ސިޔާސީ ހަރަކާތްތަކުގައި އެހާ ޢަމަލީ ނޫން މީހުން މި ފަދަ ގޮތަކަށް ޕާޓީތަކަށް ވަގަށް ވައްދައިފައި ހުންނާނެ މިންވަރު އަންދާޒާކުރާން ނޭނގޭހާ ގިނަވާނެއެވެ. އޭނާ ތުހުމަތުކުރައްވާ ގޮތުގައި މި ފަދަ ވައްކަންތައް މި ހިންގަނީ އެ ކަންކަން ފަސޭހައިން ކުރެވޭ ފަދަ މަގާމެއްގައި ހުންނަ ކޮންމެވެސް މީހެއްގެ ނުވަތަ ބަޔެއްގެ އެހީތެރިކަން ލިބިގެންނެވެ. އެހެންކަމުން އެ ފަދަ ހަޑި މުޑުދާރު ޢަމަލުތައް ކުށްވެރިކޮށް ޕާޓީތަކުގެ މެންބަރުން މި ކަމަށް ސަމާލުކަން ދޭން އޭނާ އިލްތިމާސްކުރައްވައެވެ.

މެންބަރުން މަދު ޕާޓީތަކަށް ވަގަށް މީހުން ވެއްދުމުގެ މައްސަލައަކީ މި ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ މައްސަލައެކެވެ. އަދި މިކަމުގައި އިލެކްޝަންސް ކޮމިޝަންގެ ކޮންމެވެސް މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮންނަ ކަމަށް މައި އިދިކޮޅު ޕާޓީ، ޕީ.ޕީ.އެމް އިން މީގެ ކުރީން ތުހުމަތުކޮށްފައި ވެސް ވެއެވެ. ނަމަވެސް މި ތުހުމަތު އިލެކްޝަންސް ކޮމިޝަނުން ދޮގުކުރެއެވެ.

ޕާޓީތަކަށް ވަގަށް މީހުން ވެއްދުން ހުއްޓުވުމަށް ޓަކައި، ޕާޓީތަކަށް އަލަށް ވަންނާން ހުށަހަޅާ ނަންތައް ޢާންމުކުރަން ވެސް ދާދި ފަހުން އިލެކްޝަންސް ކޮމިޝަނުން ނިންމައި އެ ގޮތަށް ޢަމަލުކުރާން ވެސް ވަނީ ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *