Support Us

"މަންކީޕޮކްސް"ގެ ދިވެހި ނަމަކީ "މަކުނުވިދުރި" ކަމަށް ހަމަޖައްސައިފި

ދުނިޔެއަށް އަލަށް ތަޢާރަފުވެގެން އުޅޭ "މަންކީޕޮކްސް"ގެ ދިވެހި ނަމަކީ "މަކުނުވިދުރި" ކަމަށް ދިވެހިބަހުގެ އެކަޑަމީން ހަމަޖައްސައި ރަދީފުގައި ހިމަނައިފިއެވެ.

"މަކުނުވިދުރި" މި ލަފުޒުގެ މާނައެއް ކަމަށް ދިވެހިބަހުގެ ރަދީފުގައި އޮތީ އެއީ "ރާމާމަކުނާއި މީދާ ފަދަ ޖަނަވާރެއްގެ ފަރާތުން ވައިރަހެއްގެ ޒަރީއާއިން އިންސާނުންނަށް ވާސިލުވެފައިވާ ގައިންގަޔަށް އަރާ ބައްޔެއް" ކަމަށާއި "މި ބަލި އެކެއްގެ ކިބައިން އަނެކަކަށް ޖެހެނީ ވަރަށް ބޮޑަށް ގައިގޯޅިވެ ގިނައިރު އެއްތާވެ އުޅުމުގެ ސަބަބުން ހަމުގެ ތެރެއިން ނުވަތަ ނޭވާލާ ނިޒާމުގެ ތެރެއިން" ކަމަށެވެ. އަދި "ބަލިޖެހުމުން ހުންއައުމާއި ބޮލުގައި ރިއްސުމާއި ނޭވާކުރުވުމާއި ހިކިކެއްސުމަކުން ކެއްސުން ފަދަ ޢަލާމާތްތަކެއް ފެނުމާއެކު، މޫނާއި އަތާއި މުޅިހަށިގަނޑުގައި ދޮސްބިހިތަކެއް ނަގައެވެ." މިހެންނެވެ.

މި ބައްޔަށް މި ނަން ދީފައިވަނީ މިއީ ކަށިވިދުރީގެ ޢާއިލާގެ ބައްޔަކަށް ވެފައި މި ބަލި އިންސާނުންނަށް ވާސިލުވީ ރާމާމަކުނު ފަދަ ޖަނަވާރެއްގެ ޒަރީއާއިން ކަމަށް ވާތީ ކަމަށް ބެލެވެއެވެ. މި ބަލި ޖެހުމުން އޭގެ ޢަލާމާތްތައް ފެންނާން ފަށާނީ ފަސް ދުވަހާއި ތިން ހަފުތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެނގިފައިވާ ގޮތުގައި މި ބަލި ޖެހުމުން އޭގެ ޢަލާމާތްތައް ފެންނާން ފަށާނީ ފަސް ދުވަހާއި ތިން ހަފުތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަކުނުވިދުރި ފެތުރެމުންދާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ މިކަމާ ގުޅޭ ގޮތުން ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި މިވަގުތު މި ބަލި ރާއްޖޭގެ ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ލަފާ ކުރެވޭ ކަމަށް ބުނުމާއެކު، ދުނިޔޭގައި ބަލި ފެތުރެމުންދާ މިންވަރު އިތުރުވާނަމަ ރާއްޖެއިން ވެސް ބަލި ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެޗް.ޕީ.އޭ އިން ބުނެފައިވެއެވެ.

ދުނިޔޭގެ މި ފަދަ އެހެން ބަލިތަކެކޭ އެއް ފަދައިން މި ބަލި ވެސް އައީ އެފްރިކާ ބައްރުން ކަމަށް ހުޅަނގުން ތުހުމަތުކުރެއެވެ. އެހެންނަމަވެސް އިސްރާއީލުން ވެސް މިހާތަނަށް މި ބަލީގެ ދެ ވޭދަނަ ވަނީ ފާހަގަކުރެވި އެކަން އިޢުލާނުކޮށްފައެވެ.

ކޮވިޑް19ގެ ޢާލަމީ ވަބާގެ ތެރޭގައި ވެސް އެ ބައްޔާ ގުޅޭ ގިނަ ލަފުޒުތަކެއް ދިވެހިބަހުގެ އެކެޑަމީން ފާސްކޮށް އާންމުކޮށްފައި ވެއެވެ. މިގޮތުން ފައްސިއާއި ނައްސިއާއި ގައިދުރުކަމާއި ސުންކު ފަދަ ވަރަށް ގިނަ ލަފުޒުތައް ވަނީ އާންމުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *