މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ދާއިރާއިން ރާއްޖެއިން އެންމެ ބޮޑު އިސްކަމެއް ދެނީ މާލީ އެހީތެރިކަން ހޯދުމަށް ކަމަށާއި އެދެވޭ ގޮތެއްގައި ގޮނޑުދޮށްތައް ޙިމާޔަތްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ދަޢުލަތުގެ ބަޖެޓުގެ ހަތަރު ގުނަ ޚަރަދުކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ އެގްޒެކެޓިވް ސެކްރެޓަރީ ޕެޓްރީޝިއާ އެސްޕިނޯސާއާ މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެސްޕިނޯސާ ރާއްޖެއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ ކްރޮސްރޯޑް މޯލްޑިވްސްގައި މިހާރު ކުރިޔަށްދާ "ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން"ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ބައްދަލުކުރެއްވުމުގައި އެސްޕިނޯސާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަޝްވަރާތަކުގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކުރާ ކަމަށާއި، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ މައިދާނުގައި މިފަދަ މައްސަލަތަކުގައި ވަކާލާތު ކުރުމުގައި އިތުބާރާއި އިޚްތިޔާރު ލިބިގެންވާ ޤައުމެއް ކަމުގައި ވިދާޅުވިއެވެ. އަދި ސްކޮޓްލެންޑްގެ ގްލާސްގޯގައި ނިމިދިޔަ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) ސަމިޓުގައި ދިވެހިރާއްޖެއިން އަޑުއުފުލާފައިވާތީ، އެ ކަމަނާ ވަނީ ދިވެހިރާއްޖެއަށް ތަޢުރީފުކުރައްވާ، މޫސުމީ ބަދަލުތަކާދެ ކޮޅަށް ކުރާ މަސައްކަތުގެ ކުރީ ސަފުގައި ކުދި ޖަޒީރާ ޤައުމުތަކުން ހަރަކާތްތެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، ޚަދީޖާ ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.



advertisment