Support Us

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް މަސައްކަތްނުކޮށް ތިބުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑު: ފައިސަލް

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް މަސައްކަތްނުކޮށް ތިބުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑު ކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ މިއަދު ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި "ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ދުނިޔެއަށް ކުރިމަތިވަމުން އަންނަ ޕެންޑަމިކްއާއި ސަރަޙައްދީ ހަނގުރާމަތަކާއި އަދި އެތައް ގޮންޖެހުން ތަކަކީވެސް މޫސުމަށް އަންނަ ބަދަލުތަކާއި އެކިގޮތްގޮތުން ގުޅިފައިވާ ކަންތައްތައްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖެއަކީ ބިންތިރި ޖަޒީރާ ޤައުމެއް ކަމުގައިވާތީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމުގެ އަސަރު ރާއްޖެއަށް ބޮޑުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ކަނޑުތައް ހޫނުވުމާއި، ޖައްވު ހޫނުވުމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވާ ނުރައްކާތަކަށް ފިޔަވަޅު އެޅުމަށް ކުރަންޖެހޭ އިންވެސްޓްމަންޓާއި ބޭނުންވާ ކަންކަން ވަރަށް ސާފުކޮށް އެނގެން އޮތް ނަމަވެސް އެކަމަށް ސިޔާސީގޮތުން ލިބެންވާ ސަމާލުކަން، ބޭނުންވާ މިންވަރާ ގާތަށްވެސް ނުލިބޭކަމާ، މާލީ އެހީތެރިކަން ލިބެމުން ނުދާކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރު އ.ދ.ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޤްރީރުގައި، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އިން ދެ ޑިގްރީ ސެލްސިއަސްއަށް މަތިވެއްޖެނަމަ އެއީ ރާއްޖެއަށް މަރުގެ ޢަދަބެއް އިޢުލާނުކުރުންކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ތަކުރާރު ކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މި އަހަރުގެ ނޮވެންބަރު މަހުގައި ޝަރްމުއްޝައިޚްގައި އޮންނަ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުން ތައްޔާރުވާއިރު ޕެރިހާއި ގްލާސްގޯގައި ވެފައިވާ ވަޢުދުތައް ތަންފީޒުކުރެވި، ސިޔާސަތުތަކަކަށް ބަދަލުކުރެވި، މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެޑެޕްޓޭޝަނަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވަނީ ދިވެހިން ކުރަމުން އަންނަ މަސްވެރިކަމާއި އެނޫންވެސް މަސައްކަތްތައް ކުރުމުގައި އެމީހުންގެ ޤައުމުގައި ޤާއިމުވެ ތިބެން ބޭނުންވާކަމަށާއި އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަމާއި ބޭނުންވާ ޓެކްނޮލޮޖީ ހޯދުމުގައި ލުއިގޮތްތަކެއް ހަމަޖެއްސުމާއި ދެމެހެއްޓެނިވި ތަރައްޤީއާއި ތަފާތުކުރުންތައް ކުޑަކުރުމަށް މަގުފަހިވާގޮތަށް ވިލުންތެރިކަން އިތުރުކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތައް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ ނައިބު ރައީސް ބަނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން އިތުރަށް ލަސްވެގެންދިއުމަކީ އެންމެ ނާޒުކު ޙާލަތުގައި ހުރި ޤައުމުތަކުގެ ރައްޔިތުންނަށް ތަޙައްމަލު ކުރެވޭވަރުގެ ގެއްލުމެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން އިތުރުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ ފުރުޞަތުވެސް، ފިޔަވަޅުތައް ނާޅައި ތިބެފިނަމަ، ކުރިޔަށްއޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ގެއްލިގެން ހިނގައިދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން" ޕްރޮގްރާމް ކުރިޔަށްގެންދަނީ މިމަހުގެ 16 އިން 17އަށް ރާއްޖޭގައެވެ. ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގައި ހިފެހެއްޓުމަށްޓަކައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނާޒުކުކަން ކުޑަކުރުމަށް މަސައްކަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި ވިލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަކީ ޕެރިސް އެގްރީމަންޓުގެ މުހިންމު އަމާޒެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *