Support Us

ކޮންމެ މީހަކީވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ މީހަކަށް ވާންޖެހޭ: ރައީސުލްޖުމްހޫރިއްޔާ

ކުޑަކުދިންނަށް ރައްކާތެރިކަމާއި އަމާންކަން ހޯދައިދިނުމަކީ މުޅި މުޖްތަމަޢުގެ ޒިންމާއެއްކަމަށާއި އެގޮތުން ކޮންމެ މީހަކީވެސް ކުޑަކުދިންގެ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމްކުރާ، އެކުދިންގެ ކަރާމާތާއި ޢިއްފަތްތެރިކަމާއި އަބުރުވެރިކަން ރައްކާތެރިކޮށްދޭ މީހަކަށްވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ޒަމާނީ ތަޢުލީމުން ކުދިންގެ ސިކުނޑިތައް ތަރައްޤީކުރަން މަސައްކަތްކުރާ ފަދައިން، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި އެކުދިން ތަރުބިއްޔަތު ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި ހަމައެފަދައިން މުޖްތަމަޢުގައި ހުރި ނޭދެވޭ ސިފަތަކާއި ޢަމަލުތަކުން ދުރުހެލިކޮށް، މުޖްތަމަޢުގެ ޞުލްޙަޔާއި ހަމަޖެހުމަށް އިސްކަންދޭ ބައެއްގެ ގޮތުގައި ކުދިން ބޮޑެތިކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތިމާވެށި ޙިމާޔަތްކުރުމަށް ލޯބިކޮށް އެކަމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދަރިން ބޮޑެތިކުރުމަކީ، އެކުދިންގެ ކުރިމަގަށްޓަކައި ކޮށްދެވޭނެ ވަރަށް އަގުހުރި މަސައްކަތެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ޚިޠާބުގައި، ދަރިންނަކީ މައިންބަފައިންގެ ފަޚުރެއްކަމުގައި ހެދޭނީ، އެންމެ ޅަފަތުން ފެށިގެން ކުދިންނަށް ރަނގަޅު ތަޢުލީމާއި ރިވެތި ތަރުބިއްޔަތު ދީގެންކަމުގައި ވިދާޅުވިއެވެ. އެގޮތުން ދަރިންގެ ހިތްތަކުގައި އަނެކުންނަށް އިޙްތިރާމް ކުރުމުގެ މާތް ސިފަ އަށަގެންނެވުމަށާއި ބައިބައިނުވެ އެކުވެރިވެ އުޅުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ކުދިންގެ ވިސްނުމާއި ޚިޔާލު ބައްޓަންކުރުމަށް މަސައްކަތްކޮށްދެއްވުމަށް މައިންބަފައިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *