Support Us

ދުނިޔޭގައި ރިޒަރވް ފައިސާއެއްގެ ގޮތުގައި ބޭނުންކުރާ ޔޫ.އެސް ޑޮލަރުގެ ކުރިމަގު

ރަޝިޔާ އަތުން ބައެއް ޤައުމުތައް ގަންނަމުންދާ ތެލަށާއި ގޭހަށް ރަޝިޔާ ފައިސާ ރޫބެލުން އަގު ދައްކަން މޮސްކޯއިން ކަނޑައެޅުމުން ދުނިޔޭގައި މިއަދު ޤާއިމު ވެފައިވާ ޕެޓްރޯޑޮލަރުގެ މާލީ ނިޒާމަށް އަސާސީ ބަދަލުތަކެއް އަތުވެދާނެ ކަމަށް ބާހިސުން ވިދާޅުވަން ފަށްޓަވައިފިއެވެ.

ސަރބިއާގެ ލިޔުންތެރިއެއް ކަމުގައިވާ ބޯޔަން ޑިމިޓްރިވިޗް ވިދާޅުވާ ގޮތުގައި ރޫސީ ރައީސް ވްލެޑިމީރު ޕޫޓިން ރަޙްމަތްތެރި ނޫން ޤައުމުތަކަށް ރަޝިޔާގެ ތެޔޮ ރޫބެލަށް ވިއްކަން ހަމަޖެއްސެވުމުން ސާފު އުޑުމަތިން ބޮޑު ގުގުރިއެއް ޖެހި ކަހަލައެވެ. ރައީސް ޕޫޓިންގެ މި ފިޔަވަޅުގެ ސަބަބުން އެމެރިކާއާއި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް އެޅި އިޤްތިޞާދީ ފިޔަވަޅުތައް މާނައެއް ނެތް ކަމަކަށް ވެގެން ހިނގައްޖެއެވެ.

އޭނާ ސަރބިޔާގެ ބިޗެޓް ނޫހުގައި ލިޔުއްވި މަޒްމޫނެއްގައި ވިދާޅުވިއެވެ. "ޕޫޓިންގެ މި ޤަރާރުގެ ސަބަބުން ބައިނަލްއަޤްވާމީ އިޤްތިޞާދީ ގުޅުންތަކަށާއި ބައިނަލްއަޤްވާމީ މާލީ ނިޒާމަށް އަސާސީ ބަދަލުތަކެއް ގެނެސްފާނެއެވެ."

އޭނާ ހާމަ ކުރެއްވި ގޮތުގައި "ރަޝިޔާއިން ވަނީ އެ ޤައުމުގެ ރިޒާރވްގައި ހުރި 1400 ޓަނުގެ ރަން އެ ޤައުމުގެ ބާރުފޯރާ ހިސާބަށް ގެނެސްފައެވެ. އަދި ރައީސް ޕޫޓިން ވަނީ ފައިދާގެ ރޭޓު މައްޗަށް ޖައްސަވައިފައެވެ. މީގެއިތުރަށް އޭނާ ވަނީ ރައުސްމާލުތައް ޤައުމަށް ގެންނެވުމަށް ޓަކައި ވާރުނެގުން ކުޑަ ކުރައްވައިފައެވެ."

އޭނާ މަޒްމޫނު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މ ހުރިހާ ފިޔަވަޅުތަކެއްގެ ވެސް އަމާޒަކީ ރަޝިޔާގެ ބާޒާރަށް މާލީ ހަމަޖެހުން ގެންނެވުމާއި ރޫބެލްގެ އަގު ވެއްޓުން މަނާކުރެއްވުމެވެ." އޭނާ ސިފަކުރައްވާ ގޮތުގައި މި ފިޔަވަޅުތައް ވަނީ ކާމިޔާބު ފިޔަވަޅުތަކަކަށް ވެފައެވެ. ޑޮލަރުގެ ކުރިމަތީގައި ރޫބެލް ވަނީ ދުޅަހެޔޮކަމާއެކު ތެދުވެފައެވެ. ރޫބެލްގެ އަގު ވެއްޓުމަށްފަހު ވަރަށް އަވަހަށް ވަނީ ކުރީގެ އަގަށްވުރެ ބޮޑު އަގަކާއެކު ބާޒާރުގައި ތެދުވެފައެވެ. ރަޝިޔާގެ ލާދަ ވަނީ މައްޗަށް ދިޔުން ހުއްޓިފައެވެ.

ނަވާރަ ސަތޭކަ ސާޅީސް ހަތަރު ވަނަ އަހަރުން ފެށިގެން ބްރިޓަން ވުޑްޒް އެއްބަސްވުމާއެކު ދުނިޔޭގެ އިޤްތިޞާދީ ނިޒާމު ޤާއިމުވެގެން ދިޔައީ ޑޮލަރު ރިޒަރވެއް ކަމުގައި ބަލައިގެންނެވެ. އަދި 1971ވަނަ އަހަރާ ހަމައަށް މި ނިޒާމު  ގުޅިފައި ވަނީ ރަނާއެވެ. އެމެރިކާއިން ރަނަށް ބަރޯސާވުން ހުއްޓައިލުމުން 1973ގައި ރިޒަރވް ފައިސާއަކަށް ވެގެން ދިޔައީ ޕެޓްރޯޑޮލަރެވެ. ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ރިޒަރވް ފައިސާއެއްގެ ގޮތުގައި ބަލަމުން ދިޔަ ޑޮލަރުގެ އިތުބާރު ވަނީ 80% އިން 60% އަށް ދަށަށް ގޮސްފައެވެ.

ޑިމިޓްރިވިޗް ހާމަކުރެއްވި ގޮތުގައި މި ކަމުގެ ސަބަބުތަކަކީ އެމެރިކާއިން ފައިސާ ޗާޕުކުރުމުގައި ޙައްދުފަހަނަޅައިދިޔުމާއި އެމެރިކާގެ ވިޔަފާރީގެ ނުކުޅެދުންތެރިކަން  ބޮޑުވުމާއި އެމެރިކާގެ ޢާންމު ދަރަނި އިތުރުވުމާއި އެމެރިކާއާއި ޗައިނާއާ ދެމެދުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައާއި ބައެއް ޤައުމުތަކާ ދެކޮޅަށް އެމެރިކާއިން  އަޅަމުންދާ "ތަސައްލީގެ" އުޤޫބާތްތަކެވެ.

ލީބިޔާއާއި އިރާނާއި ޢިރާޤުފަދަ ޤައުމުތަކުގައި ހިނގަމުންދިޔަ ހަނގުރާމަތަކާއި އިންޤިލާބުތަކުގެ ސަބަބުން ޑޮލަރަށް ތެޔޮ ވިއްކުމާ ދުރުހެލިވާން ޖެހުނެވެ. ޑޮލަރަށް ދެވުނު އެންމެ ވަރުގަދަ ދެ ޙަމަލާއަކީ ޗައިނާއާއި ރަޝިޔާއިން ދިން ދެ ޙަމަލާއެވެ. ބޭޖިންގުން މިހާރު ވަނީ ސުޢޫދީ ޢަރަބިއްޔާއިން ޔުވާނަށް ތެޔޮ ގަތުމަށް އެއްބަސްވެފައެވެ. މޮސްކޯއިން ވަނީ ޗައިނާއަށާއި އިންޑިއާއަށް ރޫބެލުން ގޭސް ވިއްކަން ހަމަ ޖައްސައިފައެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިނގިރޭސި ޕައުންޑްގެ އަގު ވެއްޓިގެން ދިޔަ ގޮތަށް  ޑޮލަރުގެ އަގުވެސް ވެއްޓިގެން ހިނގައި ދާނެކަމަށް އޭނާ ލަފާކުރައްވައެވެ. ބައިނަލްއަޤްވާމީ  މަސްރަޙުގައި ޑޮލަރުގެ އަގު ވެއްޓުމަކީ އެމެރިކާގެ ދަރަނި ބޮޑުވެގެންދާނެ ކަމެކެވެ. އޭރުން ޑޮލަރު އިތުރަށް ޗާޕުކޮށްގެން އެކަށީގެންވާ ފައިދާއެއް ނުލިބޭނެއެވެ.

އޭނާ ނިމުތު ކުރައްވާ ގޮތުގައި ބައިނަލްއަޤްވާމީ މައިދާނުގެ ރަނަށް ބަރޯސާވާ މިންވަރު ކުރިމަގުގައި އިތުރު ވެގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން ސަރަޙައްދީ ފައިސާތަކުގެ އަގު މައްޗަށް ދާނެއެވެ.

އާޚިރުގައި ދުނިޔެ އެތައް ތަނޑިތަކަކަށް ބަދަލުވެގެންދާނެއެވެ. އަދި ދުނިޔެއަށް އިންސާފު ވެސް ލިބޭނެއެވެ.

މި މައުޟޫޢާ ގުޅޭގޮތުން ރަޝިޔާގެ ސެނެޓަރެއް ކަމުގައިވާ އެލެކްސީ ބުޝްކޯފް ވިދާޅުވާ ގޮތުގައި ދުނިޔޭގެ މާލީ ނިޒާމު މިހާރު އެ ދަނީ އޭގެ ކަންކާލު އަލުން ތަރްތީބު ކުރަމުންނެވެ. މި ކަމުގައި އިސްވެ ޙަރަކާތްތެރި ވަނީ ރަޝިޔާއާއި ޗައިނާއާއި އިންޑިއާއި ސުޢޫދީ އަރަބިއްޔާއާއި ތުރްކީކަމަށް އޭނާ ވިދާޅުވިއެވެ.

ބުޝްކޯފް އޭނާގެ ޓެލެގްރާމުގައި ލިޔުއްވައިފައި ވެއެވެ. "ބައިނަލްއަޤްވާމީ ފައިސާ ފަންޑް (އައިއެމްއެފް)ވެސް އެއްބަސްވާ ގޮތުގައި ދުނިޔޭގައި ނަގާކިޔާ ފައިސާގެ ދައުރު ޑޮލަރަށް ބީވަން ފަށައިފިއެވެ."

އޭނާ ވިދާޅުވިއެވެ. "އަދި ޑޮލަރެއް ނުވެއްޓެއެވެ. އެހެނަސް އެއަށް ލޮޅުން އަރަމުން އެބަ ދެއެވެ. މިއީ ހަމަ ފެށުމެވެ."

 

  

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *