މިއަހަރުގެ ޖޫން މަހު ރުވާންޑާގެ ކިގަލީގައި އޮންނަ ކޮމަންވެލްތު ޤައުމުތަކުގެ ސަރުކާރުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބާއްވާ ކޮމަންވެލްތު އޮފް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ އިންތިޚާބުގައި ޖެމެއިކާގެ ކެނޑިޑޭޓް ކަމީނާ ޖޯންސަން ސްމިތްއަށް ރާއްޖެއިން ތާޢީދުކުރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކަމީނާ ޖޯންސަންގެ ކެންޑިޑެސީއަށް ރާއްޖެއިން ތާޢީދުކުރާކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކޮށްދެއްވާފައި ވަނީ މިއަދު ޖެމެއިކާގެ ބޮޑުވަޒީރު އެންޑްރޫ މައިކަލް ހޯލްނެސްއާއެކު ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކަމީނާ ޖޯންސަންއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލްގެ ކެންޑިޑެސީއަށް ކަމީނާ ޖޯންސަން-ސްމިތްއަކީ، އެކަމަނާއަށް ލިބިވަޑައިގެންފައިވާ ގިނަ ތަޖުރިބާއަށް ބަލާއިރު އެންމެ އެކަށީގެންވާ ކެންޑިޑޭޓްކަން ފާހަގަކުރައްވާފައެވެ. އަދި ކަމީނާ ޖޯންސަންއަށް ރާއްޖޭގެ ފުރިހަމަ ތާޢިދުއޮތްކަން ހާމަކުރައްވަމުން އެކަމަނާގެ ޒަޢާމަތުގައި ރާއްޖެއާ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ކޮމަންވެލްތުގައި ރަނގަޅަށް ތަމްޞީލުކުރެވިގެންދާނެ ކަމުގައި ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖެމެއިކާގެ ބޮޑު ވަޒީރު ރާއްޖެއަށް ވަޑައިގެންނެވުމަށް ދަޢުވަތު ދެއްވާފައެވެ.
ކަމީނާ ޖޯންސަން ސްމިތަކީ ޖެމެއިކާގެ ފުރަތަމަ އަންހެން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ފޮރިން ޓްރޭޑްގެ މަޤާމު އަދާކުރެއްވި ބޭފުޅާއެވެ. އަދި އެކަމަނާ ވަނީ ކެރީބިއަން ފޯރަމް (ކެރިފޯރަމް)ގެ ޗެއަރޕަރސަންގެ މަޤާމާއި، ކައުންސިލް އޮފް މިނިސްޓަރސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސްގެ ރައީސްގެ މަޤާމާއި، ކެރިކޮމް ކައުންސިލް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ ރައީސްގެ މަޤާމު އަދާކުރައްވާފައެވެ. މިހާރު ކަމީނާ އަދާކުރައްވަނީ ޖެނީވާގެ ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ގްރޫޕްގެ ކޯޑިނޭޓަރުގެ މަޤާމެވެ.



advertisment
One Response
ޖެމެއިކާ އަކީ އެގައުމުގެ ގާނޫނުން ގަންޖާ ބުއިން ހުއްދަ ގައުމެއް. ޖެމެއިކާއިން މިސާލު ނަގައި ރާއްޖޭގަ ގަންޖާ ހުއްދަ ނުކުރާތި