Support Us

މެއި މަހާއެކު ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ: ރައީސް

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވި ފަދައިން މި ފެށުނު މެއި މަހާއެކު ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިކަމާ ގުޅޭގޮތުން މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޓީޗަރުންގެ މުސާރައަށް ގެނައި މި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް ކަމަށާއި އަދި މިއީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިންނަށް ޙައްޤުވާ މިންވަރު ހޯދައިދިނުމުގެ ފެށުމެއްކަން ފާހަގަކުރެއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ދިރާސާކުރަމުން އަންނަކަން ހާމަކުރައްވާފައެވެ. މީގެ އިތުރުންވެސް، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، އެހެން ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، ހެޔޮ ބަދަލުތަކެއް އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ޤާނޫނީ ގޮތުން ކަނޑައަޅައި އެކަން ތަންފީޒު ކުރުމާއި، ޓީޗަރުންގެ މުސާރައަށް މިއަދު ގެނައި ބަދަލަކީ، ޙައްޤުވާ މިންވަރަށް އުޖޫރަ ހޯދައިދިނުމަށް ފެށި މަސައްކަތުގެ ވަރަށް މުހިންމު ދެބައިކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބަދަލުތައް ގެނައުމުގެ އެންމެ މުހިންމު ބޭނުމަކީ، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުންކަމުގައި އެމަނިކުފާނި ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައަށް ގެނައި މި ބަދަލާ އެކު މިހާތަނަށް އިތުރު ގަޑީގެ ފައިސާއާއެކީގައި ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް، ހަމައެކަނި މުސާރައާއި ޢިނާޔަތްތަކުންވެސް ލިބޭނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޓީޗަރުންގެ މުސާރައަށް ގެނައި މި މި ބަދަލަކީ ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެން ނެތުމުގެ މައްސަލައަށް ޙައްލު ހޯދުމުގައި ވެސް އިތުރު ބާރަކަށް ވެގެންދާނެ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *