Support Us

"އިންޑިއާ އައުޓް" އެންމެ ބޮޑު ބެނަރ ރައީސް ޔާމީންގެ ގެކޮޅުގައި އެލުވައިފި

ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާގޮތަށް އިންޑިއާއިން ހިންގަމުންދާ ހަރަކާތްތަކާ ދެކޮޅު ހެދުމުގެ ގޮތުން އިދިކޮޅު ކޯލީޝަނުން ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ އެންމެ ބޮޑު ބެނަރ އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީންގެ ގެކޮޅުގައި މިއަދު އެލުވައިފިއެވެ.

ހަދަމުން އަންނަ 16 ބުރީގެ ހ. ދޫވެހީގެ އެންމެ މަތީގައި މިއަދު ހަވީރު އެލުވައިވައިފައި ވަނީ 75 ފޫޓުގެ ބެނަރއެކެވެ. މި ބެނަރ އެލުވި ވަގުތު ގިނަ ބަޔަކު އެ ހިސާބަށް އެއްވެ، ކުޅިބަލަން ތިއްބެވެ.

ހެންވޭރު އިރުމަތީ ފަރާތުގައި ހުންނަ މި އިމާރާތުގައި އެލުވި ބެނަރ، އެ މަގުން ދަތުރުކުރާ މީހުންނަށް އެހާ ރީއްޗަށް ނުފެނުނަސް، ބުރިޖުން އަންނަ މީހުންނަށް ވަރަށް ރީއްޗަށް ފެނެއެވެ.

"އިންޑިއާ އައުޓް" ބެނަރއެއް ޕީ.ޕީ.އެމް/ ޕީ.އެން.ސީގެ އޮފީސް ބޭރުގައިވެސް މިދިޔަ ހަފުތާގައި ވަނީ އެލުވައިފައެވެ. އެއީ 45 ފޫޓުގެ ބެނަރއެކެވެ.

"އިންޑިއާ އައުޓް" ހަރަކާތްތައް މާލޭގެ އިތުރުން އެކިއެކި އަތޮޅުތަކުގައިވެސް އަންނަނީ ބާއްވަމުންނެވެ. އެއާ ވިދިގެން، އިންޑިއާއާ ގާތް ގުޅުމެއް ބާއްވާ އެމް.ޑީ.ޕީ ސަރުކާރުން ގެންދަނީ، ރައްޔިތުންގެ މަޖިލީހުގައާއި އެހެނިހެން ފޯރަމްތަކުގައި އެ ހަރަކާތްތަކާ ދެކޮޅަށް އަޑު އުފުލައި، އެ ހަރަކާތްތައް ހުއްޓުވުމަށް އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ.

"އިންޑިއާ އައުޓް" ހަރަކާތްތައް މިދިޔަ އަހަރު ފެށިގެން އައިއިރު، ސަރުކާރުން ބުނަމުން އައީ އެކަމުގައި ބައިވެރިވަނީ ޑްރަގު ނެޓްވޯކުގައި އުޅޭ މަދު ބައެއް ކަމަށެވެ. ނަމަވެސް އޭރު ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ރައީސް ޔާމީން މިދިޔަ ނޮވެމްބަރު 30 ގައި މިނިވަންވުމާއެކު، "އިންޑިއާ އައުޓް" ޖަހައިފައިވާ ޓީޝަރޓް ތުރުކުރައްވައިގެން މުޒާހަރާތަކަށް ނުކުންނަވައި، އެ ހަރަކާތުގެ ފޯރި ވަނީ އިތުރަށް ގަދަކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *