ކުރިމަތިވަމުން އަންނަ ރަމަޟާން މަހަށް ތައްޔާރުވާންވީ ގޮތާ ބެހޭ ގޮތުން އިރުޝާދުދިނުމަށް އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނީންގެ ޖަމުޢިއްޔާގެ ފަރާތުން މަޢުލޫމާތު ދިނުމުގެ ފޯރަމެއް ރޭ ބާއްވައިފިއެވެ.
"ހެޔޮކަމުގެ މަހަށް އިސްތިޤުބާލުކުރުން" މި ނަމުގައި އައިޔޫއެމް އެލުމްނައި އެސޯސިއޭޝަންގެ ފަރާތުން ބޭއްވި މި ފޯރަމްގައި ރަމަޟާން މަހަށް ތައްޔާރުވުމަށް ޓަކައި މުސްލިމުން ކުރާންވީ ކަންތައްތަކާއި އެ ގޮތަށް ކަންތައް ކުރާންޖެހޭ ސަބަބުތަކުގެ މައްޗަށް ވަނީ މަޢުލޫމާތު ދީފައެވެ. ގޫގްލް މީޓް މެދުވެރިކޮށް އާންމުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ މި ފޯރަމްގައި ރަމަޟާންމަހުގެ މާތްކަމާއި، ރަމަޟާންމަހާ އިސްތިގުބާލުކުރުމަށް ޓަކައި މަސައްކަތްކުރާންޖެހޭ ސަބަބުތަކުގެ މައްޗަށް ވެސް ޢާންމުންނަށް މަޢުލޫމާތުދީފައިވެއެވެ. އަދި މި ފޯރަމުގައި އާންމުންގެ ސުވާލުތަކަށް ޢިލްމުވެރީން ޖަވާބު ވެސް ދެއްވިއެވެ.
މި ފޯރަމުގައި މަޢުލޫމާތު ދެއްވީ ދީނީ ޢީލްމުވެރީން ކަމުގައިވާ ޑރ. އަނާރާ ނަޢީމާއި އަލްއުސްތާޒާ ޙައްވާ ލަޠީފެވެ. މޮޑަރޭޓަރެއްގެ ގޮތުން ފޯރަމް ހުށަހަޅުއްވައިދެއްވީ އަލްއުސްތާޛާ ފާޠިމަތު އަމްނާ ޢަޒީޒެވެ.



advertisment