ސީޝޭލްސްގެ ކުރީގެ ރައީސް ޑެނީ ފަރުރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ސީޝެލްސްގެ ކުރީގެ ރައީސް ވަނީ އެމަނިކުފާނާއި އަދި އަނބިކަނބަލުން ރާއްޖެއަށް ވަޑައިގެންނެވުމުން ރާއްޖެއިން އަދާކުރި މެހުމާންދާރީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސީޝެލްސްގެ ކުރީގެ ރައީސް ވަނީ ކޯވިޑް-19ގެ ޙާލަތާ ކޮވިޑް ވެކްސިންގެ ކަންކަން ކުރިޔަށްދާ ގޮތާއި އިޤްތިޞާދީ ހަރާކާތްތަކާއި ފަރުވެރިކަމާއި ދެ ޤައުމުގެ ތާރީޚްފަދަ ދެ ފަރާތުން އިސްކަންދޭ އެކި މައުޟޫއުތަކުގައި ޚިޔާލު ބަދަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ސީޝެލްސްގެ ކުރީގެ ރައީސް ވަނީ އެމަނިކުފާނު އުފައްދަވާފައިވާ ފައުންޑޭޝަންގެ ތަފްޞީލުތަކާއި ކުރިޔަށް ރޭވިފައި ހުރި ބައެއް މަސައްކަތްތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ މުސްތަޤްބަލުގައި ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.



advertisment