Support Us

އައްޑޫ ސިޓީ ތަރައްޤީނުވެ ރާއްޖެ ތަރައްޤީއެއްނުވާނެ: ރައީސުލްޖުމްހޫރިއްޔާ

އެކި ދާއިރާތަކުން މުޅިރާއްޖެ ތަރައްޤީކުރުމުގައި އައްޑޫ ސިޓީގެ ޙިއްޞާ ބޮޑުކަމާއި އެހެންކަމުން ރާއްޖެ ތަރައްޤީވުމުގައި އައްޑޫ ސިޓީ ތަރައްޤީވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން އައްޑޫ ސިޓީގެ ރައްޔިތުންނަށް މިރޭ ދެއްވި މާހެފުމުގެ ތެރެއިން ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ކެންޕެއިންގެ ހަނދާންތައް އައު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީގައި ބޭއްވި ކެންޕެއިންގެ އެންމެ ފަހު ޖަލްސާގައި ކައުންސިލުން އެމަނިކުފާނަށް އެރުވި އައްޑޫ ސިޓީ ތަރައްޤީކުރާނެ ގޮތުގެ ވައުދު ނާމާއާ އެއްގޮތަށް މިހާރު ސަރުކާރުން އެކަންކަން ފުރިހަމަކުރަމުން އަންނަކަމުގައެވެ.

އެގޮތުން އޭގެ ތެރެއިން މަސައްކަތްތަކެއް މިހާރު ފަށައިގަނެވިފައި ވާކަން ފާހަގަކުރައްވައި، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފުރަތަމަ އިސްކަންދޭން ޖެހުނީ އޭރު ގިނަ ރަށްތަކެއްގައި ނުލިބި ހުރި އަސާސީ ޚިދުމަތްތައް ދިނުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ އައްޑޫ ސިޓީގެ މަތިން އެމަނިކުފާނު ހަނދުމަފުޅު ނައްތަވައިނުލައްވާ ކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ ސިޓީގައި ފެށިފައިވާ އަދި ފެށުމަށް ތައްޔާރުވެފައިވާ ބޮޑެތި މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއެއް މިހާރު ފެށިފައިވާ ކަމަށާއި ގަން އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ފުރިހަމަ ޔަޤީންކަން ލިބިވަޑައިގެންފައިވާ ކަމަށާއި ލަސްތަކެއްނުވެ އެ މަޝްރޫއު ބިޑުކުރެވި އަމަލީ މަސައްކަތް ފެށޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބިން ހިއްކުމަކީވެސް އައްޑޫ ތަރައްޤީގެ ވަޢުދުނާމާގައި ހިމެނޭ ކަމެއް ކަމަށާއި އަދި މިއަދު އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަޝްރޫޢު ކުރިޔަށްގެންދާނީ އީއައިއޭ ހަދައި ތިމާވެއްޓަށް ކުރާ އަސަރު އެންމެ ކުޑަވާ ގޮތްތަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބިން އިތުރުކުރެވޭއިރު ސަރުކާރުގެ ވަޢުދާ އެއްގޮތަށް ފަތުރުވެރިކަމަށް ފަސް ރަށް ތަރައްޤީކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވަޒީފާގެ ދަތިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، ހެރެތެރެ ރިޒޯޓްގެ އެއްބައި މިހާރު ހުޅުވައި ޚިދުމަތްދެމުން އަންނަ ކަމަށާއި ލަސްތަކެއް ނުވެ ޝަންގްރިއްލާ ވެސް އޮޕްރޭޝަނަށް ގެނެވޭނެ ކަމަށާއި އަދި ދޫގަސް ހުރި އިމާރާތުގައި 120 އެނދުގެ ހޮޓަލެއް ތަރައްޤީކުރުމަށް ގަން އިންޓަނޭޝަން އެއަރޕޯޓަށް ދިނުމަށް މިއަދު ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ކަރަންޓުގެ މައްސަލައަށް ޙައްލެއް ގެނައުމުގެ މަސައްކަތް ފެނަކައިން ފަށާފައިވާކަމަށާއި ކުރިޔަށް އޮތް ހަތް މަހެއްހާ ދުވަހުގެ ތެރޭގައި 41 މެގަވޮޓުގެ ކެޕޭސިޓީއާއެކު އައު އިންޖީނުގެއެއް އަޅައި އައްޑޫސިޓީގެ ނެޓްވޯޓް ބަދަލުކުރެވޭނެކަމުގެ ޔަޤީންކަން ފެނަކައިން ދީފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަ އެގޮތަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖްމަންޓުން އެ ހޮސްޕިޓަލަށް އެންމެ ދަތިވާ މައްސަލަތަކުގެ ގޮތުގައި ފާހަގަކުރެއްވި ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަމާއި އެމްބިއުލަންސްގެ ދަތިކަން ފަދަ މައްސަލަތައް ޙައްލުކުރުމަށް މެނޭޖްމަންޓުން އެދިވަޑައިގެންނެވި މިންވަރަށް ޑޮކްޓަރުންނާއި ނަރުހުން އިތުރުކޮށްދީ އެމްބިއުލަންސް އިތުރުކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އައްޑޫ ސިޓީގެ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގެ ތަފްޞީލުތައް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފެނަކަ އިމާރާތާއި އައްޑޫ ނޭޗަރ ޕާކަށް ޒިޔާރަތްކުރައްވާފައެވެ. އަދި މިރޭ އެމަނިކުފާނު ވަނީ އައްޑޫގައި އިމާރާތްކޮށްފައިވާ މަސްޖިދު އިބްރާހީމް ހުޅުވައިދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ތިކަހަލަ ކިތަންމެ ދަޅައެއް ތި ރަށު މީހުންނަށް ދައްކައިފި….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް