ފުވައްމުލަކު ސިޓީގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާނު ކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތައް އިޢުލާނު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް މިރޭ ދެއްވި މާހެފުމުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވުމުން އެ ސިޓީގެ ރައްޔިތުން ކީ ހޫނު މަރުހަބާއަށް ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި ސަރުކާރުން ރިޔާސީ އިންތިޙާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ފުވައްމުލައް ސިޓީގެ ކުރިޔަށް ހުރި ތަރައްޤީގެ ބައެއް މަޝްރޫޢުތަކަށް ހާމަކުރައްވަމުން، ސިޓީ ކައުންސިލުން އެ ސިޓީގެ އެއަރޕޯޓް މިހާރަށްވުރެ ބޮޑުކުރުމަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެއަރޕޯރޓް ބޮޑުކުރެވެން އޮތް މިންވަރެއް ބެލުމަށް ޓެކްނިކަލް ސާވޭއެއް ހަދަންޖެހޭކަން ފާހަގަކުރައްވައި އެ ސާވޭއަށްފަހު އެއަރޕޯޓް ބޮޑުކުރެވެން އޮތް އެންމެ ބޮޑަކަށް އެއަރޕޯޓް ބޮޑުކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މީގެ އިތުރުން އެ ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް މިހާރު ޓެންޑަރިންގގެ މަރުޙަލާގައިވާ 200 ހައުސިންގ ޔުނިޓުގެ އިތުރުން އިތުރު 200 ހައުސިންގ ޔުނިޓެއްގެ މަސައްކަތް ފުވައްމުލައް ސިޓީގައި ކުރިޔަށްގެންދިއުމަށް ނިންމަވާފައިވާކަން އެމަނިކުފާނު މިރޭ ހާމަކުރެއްވިއެވެ.

ފުވައްމުލައް ސިޓީގެ މިހާރު ކުރިޔަށްދާ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާއިރު އެ މަސައްކަތް މެދުނުކެނޑި ކުރިޔަށްދާގޮތަށް ދެވަނަ ފޭސްއެއްގެ ގޮތުގައި އިތުރު 10 ކިލޯމީޓަރުގެ މަގު ހެދުމަށް ނިންމަވާފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ މިރޭ އިޢުލާނުކުރެއްވިއެވެ.
ފުވައްމުލައް ސިޓީގައި ތަރައްޤީކުރާ 50 އެނދުގެ އައު ހޮސްޕިޓަލް ތަރައްޤީކުރާއިރު އެތަނުގައި ޚާއްޞަ ޚިދުމަތް ތަކެއްގެ ގޮތުގައި ކުޑަކުދިންނާއި އަންހެނުންނަށް ޚާއްޞަ ސްޕެޝަލިޓީ ޚިދުމަތްތައް ހިމަނުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ފުވައްމުލައް ސިޓީގެ ބަނދަރުގެ ދަތިކަން ހައްލުކޮށް ބަނދަރު ބޮޑުކުރުމަށް ކުރިން އެ ބަނދަރުގެ މަސައްކަތް ކުރި ކުންފުންޏަށް ބަނދަރުގެ ސާވޭގެ މަސައްކަތް ހަވާލުކުރުމަށް ނިންމަވާފައިވާ ކަމަށާއި އަދި މި ނޫންވެސް މަސްވެރިންގެ ފަސޭހައަށް ރޭވިފައިވާ ކަންކަމާއި ފުވައްމުލައް ސިޓީގައި ފަތާފެންގަޑެއް ތަރައްޤީކުރުމާއި އަދި ސިޓީގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައިވާ ހުރި އަދި މިހާރު ހިނގަމުންދާ ބައެއް މަޝްރޫއުތަކުގެ ތަފްޞީލުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެންކަން ފާހަގަކުރެއްވިއެވެ. އަދި ފުވައްމުލައް ސިޓީއަކީ ބަޔޮސްފިއަރ ރިޒާވެއްކަން ފާހަގަކުރައްވައި ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށްގެންދިއުމުގައި އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ގުދުރަތީ ދިރުންތައް އަންނަން އޮތްޖީލުތަކަށް ވާޞިލުކޮށްދެވޭގޮތަށް ކުރިޔަށްގެންދިއުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެެވެ.
މި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށާއި ޚާއްޞަކޮށް ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ތަޢުލީމީ ދާއިރާއިން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފުވައްމުލައް ސިޓީއަށް ވަޑައިގެންފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.



advertisment