ރޫސީ ވައިގެ އުދުހުންތަކަށް ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން އޭގެ ރައްދެއްގެ ގޮތުގައި، ވިލާތު އިއްތިޙާދުގެ ގައުމުތަކާއި ކެނެޑާ ވެސް ހިމެނޭހެން، 36 ގައުމަކަށް ރޫސީ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ. މީގެ ތެރޭގައި ކެނެޑާއާއި ވިލާތު އިއްތިހާދުގެ ގައުމުތައް ހިމެނެއެވެ.
ވައިގެ ސަރަހައްދު ބަންދުކުރިކަން އަންގައިފައިވާ އެއްވެސްގެ ގައުމެއްގެ އެއްވެސް އުޅަނދަކަށް ރޫސީ ވައިގެ ސަރަހައްދަށް ވަދެވޭނީ ވަރަށް ޚާއްސަ ސަބަބަކަށް ޓަކައި ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް ވެސް ރޫސީން ބުނެއެވެ.
ރޫސީވިލާތުގެ "ދައުލަތުގެ ވައިގެ ދަތުރުފަތުރާ ބެހޭ އެޖެންސީ"އިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ މި ފިޔަވަޅު އަޅާންޖެހުނީ ކެނެޑާއާއި ވިލާތުގެ ގައުމުތަކުން އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ރޫސީ ވިލާތުގެ ދަތުރުތަކަށް ބަންދުކޮށްފައިވާތީ އެ ކަމުގެ ރައްދެއްގެ ގޮތުން ކަމަށެވެ. ރޫސީން އެޅި މި ފިޔަވަޅަކީ އެޅުން އެކަށީގެންވާ ފިޔަވަޅެއް ކަމަށް ދުނިޔޭގެ ބައެއް ގައުމުތަކުން ކުރީން ލަފާކޮށްފައިވާ ފިޔަވަޅެކެވެ.
ރޫސީ ވިލާތުން އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކުރި ގައުމުތަކަކީ އަލްބޭނިއާ، އެނގީލާ، އޮސްޓްރިއާ، ބެލްޖިއަމް، ވާރޖިން އައިލެންޑްސް، ބަލްގޭރިއާ، ކެނެޑާ، ކްރޮއޭޝިއާ، ސައިޕްރަސް، ޗެކް ރިޕަބްލިކް، ޑެންމާކު (ގްރީން ލޭންޑާއި ދަ ފޭރޯ އައިލެންޑްސް ހިމަނައިގެން)، އެސްތޯނިއާ، ފިންލޭންޑް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ޖީބްރޯލްޓާ، ގްރީސް، ހަންގޭރީ، އައިސްލޭންޑް، އަޔަރލޭންޑް، އިޓަލީ، ޖާރސީ، ލެތުވިއާ، ލަގްޒެމްބާރގް، މޯލްޓާ، ނެދަރލޭންޑްސް، ނޯވޭ، ޕޮލަންޑް، ޕޯޗުގަލް، ރޫމޭނިއާ، ސޮލަވާކިއާ، ސްޕޭން، ސްވިޑްން އަދި އިނގިރޭސިވިލާތެވެ.

ޖަރުމަނުވިލާތުގެ ލުފްތަންސާގެ މިލްކުވެރިކަމުގެ ދަށުގައި އޮންނަ ސްވިސް އިންޓަނޭޝަނަލް އެއަރލައިންއިން، ޒިޔުރިކުން މޮސްކޯއަށް ތާވަލުކޮށްފައިވާ ދަތުރުތައް ވެސް މިހާރު ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް މަނާ ލިސްޓްގައި ޖަރުމަނުވިލާތް ހިމެނިފައި ވީ ނަމަވެސް އެ ލިސްޓްގައި ސްވިޒަރލޭންޑް ހިމެނިފައެއް ނެތެވެ. އެ ކުންފުނީގެ ތަރުޖަމާނެއް ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޯޓްތަކެއް ރޫސީ ވައިގެ ސަރަހައްދަކުން ނޫދުހޭނެއެވެ.
ރޫސީވިލާތަކީ އެންމެ ސަރަހައްދު ބޮޑު އެންމެ ބިޔަ ގައުމަކަށް ވެފައި ވިލާތާއި އެންމެ ކައިރީގައި އޮންނަ އެއް ގައުމަށް ވާތީ ރޫސީން އެޅި މި ފިޔަވަޅުގެ ސަބަބުން އެ ގައުމުތަކުގެ އުދުހުންތަކަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް އިތުރުވާނެއެވެ. އަދި އަންދާންޖެހޭ ތެޔޮ އިތުރުވުމުގެ ސަބަބުން އެތައް ގުނައަކަށް ޚަރަދު ބޮޑުވާނެއެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ވައިގެ އުދުހުންތަކުގެ ޓިކެޓްގެ އަގު ވެސް އުފުލޭނެކަމަށް ބެލެވެއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އިޤުތިސާދަށާއި ތެލުގެ އަގަށާއި ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ފޯރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.



advertisment