ހަނދާނުގެ މަންޒަރުން މިނުބައި ޖަރީމާ ފޮރުވިދާނޭތޯ
ތަދާ ވޭންތައް ހިތުގެ ޒަޚަމުގެ ދަވާއިން ފޮހެލެވޭނޭތޯ
ޣިޔާޘުއްދީނު ކަނޑުފައްތައި ޝަހީދުކުރީ ޖަރީމާއިން
ނިޔާއިން އަދަބު ދޭންވާ ބޮޑު ކުށެއްކަމުގައި ނުވާނޭތޯ
ޣިޔާޘުއްދީނު ޙައްޖަށްފަހު ވަޑައިގެންނެވި ހިނދުން އަނބުރާ
ރިޔާސަތު ހޯދުމަށް ކުޅަ ބޮޑު ބަޣާވާތް ސިއްރުވާނޭތޯ
މުޙައްމަދު ފާށަނާ ކިލެގޭ ކިޔޭ ނުލަފާވި ބޮޑުޚާއިނު
ނުޙައްޤުން ރަސްކަމަށް އެރުމަށް، ރަދުން ބަރުބަނދެ ނުފައްތާތޯ
ރަދުންގެ ގެކޮޅު ތަޅާލާފައި އެއިން "ކަޅުވަކަރު މިސްކިތް" އެޅި
އަނދުން އަޅުވައި އެކަން ފޮރުވާން ނަދުރެކޭ ބުނެ ނުފުއްދާތޯ
މުދާ ވާރުތަވެރީންނަށް ވެސް ނުދީ އަނިޔާ މުޅީން އިސްކޮށް
މުދާ މިސްކިތް އަޅާން ނަދުރެއް ކަމަށްބުފައި ނުފޭރޭތޯ
ޙަލާލުނުވާ ނުޞައްޙަ މަގުން، އަރައިގަނެ ފޭރިގަތް މުދަލުން
ކަލާނގެ ވަޖުހު ފުޅަށްޓަކަޔޭ ކިޔައި މިސްކިތް އެޅޭނޭތޯ
ޢަޖާއިބަކީ އެކަން އެނގިހުރެ އެކަން ފޮރުވައި، ދެލޯ މެރުމޭ
ނަޖާ ނަރަކައިގެ ގަދަހޫނުން އެފަދަ މީހުން ދިނޭނޭތޯ
- ނޯޓު: اَلسُّلْطَانُ مُحَمَّدُ غِيَاثُ الدِّيْنُ ސިރީ ކުލަރަންމަނި ކީރިތި މަހާރަދުން ޝަހީދުކޮށް ބަރޯސާ ބަނދެފައި ކަނޑުފެއްތި ބަޣާވާތާއި، އެ ރަދުންގެ ގެކޮޅާއި ގޮވަތި ފޭރެވި، ގެކޮޅުގެ ތަކެތީން ގޯތިކޮޅުގައި، ބާޣީ ރަސްގެފާނު ނަދުރެއް ފުއްދާށޭބުނެ، ކަޅުވަކަރު މިސްކިތް އެޅުމުގެ ހަނދާން.
