އިސްލާމް ދީނުގެ ޞައްޙަ އަޤީދާގެ މަތީގައި ދެމިތިބޭ ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތުކޮށް އެފަދަ ދަރިންތަކެއް މުޖުތަމަޢުގައި އުފެއްދުމުގެ މަސައްކަތަކީ މިއަދުގެ ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއްދޭ އެއްކަންތައް ކަމުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިއަށްދިޔަ 34 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ ރަނގަޅު ޖީލެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މަދަރުސާތަކާއި، ދަރިންނަށް ކިޔަވައިދޭ ހުރިހާ އިދާރާތަކުންވެސް ހެޔޮލަފާ، މަސައްކަތްތެރި، ޤާބިލު، ރަނގަޅު ޖީލެއް ބިނާކުރުމަށް ސަމާލުކަންދިނުމަށް އެދިވަޑައިގެންފައެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ނައިބު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ޤުރުޢާން ކިޔަވައިދެއްވުމަށާއި އިސްލާމީ ތަރުބިއްޔަތު ކުދިންނަށް ދިނުމަށް ދެއްވާ ސަމާލުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ޤައުމީ ޤުރުއާން މުބާރާތެއް އިންޒިތާމުކޮށް ހިންގުމުގެ މަޤްޞަދަކީވެސް ވަރަށް ސާފު މަޤުޞަދެއްކަމަށާއި އެއީ ތުއްތުކުދިންގެ ހިތްތަކުގައި ޤުރުޢާނަށް ލޯބިޖައްސައި، ތަޖުވީދުގެ މަގުން ކިޔެވުމަށް ހިތްވަރުދިނުން ކަމުގައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އެއްބައިވަންތަ ކަމާއެކު ޤައުމު ކުރިއެރުވުމަށް ނަޞޭހަތްތެރިވެލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ﷲ ގެ އިރާދަފުޅުން ދުވަހަކުވެސް މި ލޮބުވެތިފަސްގަނޑު ދެމި އޮތްހާ ހިނދަކު މި ފަސްގަނޑުގައި ބަޔަކު ދިރިއުޅޭހާ ހިނދަކު، އިސްލާމްދީނުގެ ނޫރު އަދި އަލިކަން ދުވަހަކުވެސް ފިލައިގެނެއް ނުދާނެ ކަމަށާއި، ﷲ އިރާދަކުރެއްވިއްޔާ ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ޤަދަރާއި ލޯބި ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމުގައި ވިދާޅުވެފައެވެ.



advertisment