Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރާއްޖެ ކާފަރުވާ ދުވަސް ނުދައްކަވައިފިއްޔާ ކިތައްމެހާވެސް ރަނގަޅު!

އެއްރެއެއްގެ މަޣްރިބް ނަމާދު ވަގުތެވެ. މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސިޓީ ކަމުގައިވާ އައްޑޫ ސިޓީގެ މިސްކިތެކެވެ. މަޣްރިބް ނަމާދަށް އެރިއިރު އަޅުގަނޑު ހިމެނޭ ގޮތަށް ޖަމާއަތުގައި ތިބީ އެނމެ ތިން މީހުންނެވެ. ދުއިސައްތަ މީހުންގެ ޖާގައިގެ މިސްކިތެކެވެ. ފަންސަވީސް ބީޓީޔޫގެ ހަތަރު އެއާކޯން ސައުވީސް ގަޑިއިރު ހިނގަހިނގާ ހުރެއެވެ. ވިއްސާރަ ދުވަސްދުވަހު މުސްކުޅިން ގައިން ހީބިހި ނަގައި، ދަތްދޮޅި ތެޅޭ އިރުވެސް މިއިން އޭސީއެއް ނިއްވޭނެ ގޮތެއް ނޯވެއެވެ. މުދިމް މީހާ ބުނަނީ ކައުންސިލުން އަންގާފައި އޮންނަނީ އޭސީ އެއްގޮތަކަށް ވެސް ނުނިވުމަށް ކަމަށެވެ. ޖަމާއަތުގައި ހަތަރު މީހުން ހަމަނުވިއަސް އޭސީތައް ހުންނަން ޖެހޭނީ ޖައްސައިފައެވެ.

މަޣްރިބް ނަމާދުގެ ޖަމާއަތް ނިމިއްޖެއެވެ. ޖަމާއަތުގައި ތިބި ތިން މީހުން ޒިކުރު ތަސްބީހަ ކިޔަން މަޑުކޮށްލިއެވެ. ދެކޮނޑަށް ސަލާމް ދިނުމާ އެކު މުދިމް މީހާ ނަގޫ ޖެހިތާގަ ބޯ ޖަހައިފައި މިސްކިތުން ފައިބައިގެން ހިނގައްޖެއެވެ. އޭނާ އަވަސް އަރުވާލާފައި އެދަނީ އޭނާގެ އަސްލު ޖޮބަށެވެ. މުދިމަކަށް މަހަކު ބާރަ ވަރަކަށް ހާސް ރުފިޔާގެ މުސާރައެއް ލިބުނަސް ގިނަ މުދިމުން ދެކެނީ އެއީ ޕާޓްޓައިމް ޖޮބެއް ކަމަށެވެ. ޖަމާއަތް ނިމުމާ އެކު މައުމޫމުންނަށް ވުރެ ކުރިން މުދިމް މީހާ ދުވެ ފިލައެވެ. ބަންގި ގޮވަން އަންނަނީ ވެސް ކަންޒު ކަހަނބު ރޭސް ނިންމަނީކަން މުސަޅަށް އެނގިގެން މުސަޅު ހޭލައިގެން ދުވެފައި އަންނަ ގޮތަށް ތެޅެމުން ފޮޅެމުންނެވެ. މިކަން ކުރާ ހިތްވާ، އިހްލާސްތެރި، ރަނގަޅު ބަޔަކަށް މުދިމްކަން ދިނުން މާ ރަނގަޅުވާނެއެވެ.

މިސްކިތްތަކުގެ މުދިމުން ވާން ޖެހެނީ މުޖުތަމައު އަށް ނަމޫނާ ބަޔަކަށެވެ. ގަޑިއަށް ބަންގިދޭ، އަދި، ޖަމާއަތް ނިމުމުން ޒިކުރު ކޮށް، ރަވާތިބް ސުއްނަތް ކުރާ ބަޔަކަށެވެ. މިސްކިތަށް އަންނަ ޒުވާނުންނާ ސަލާމްކޮށް، ދޭތެރެއަކުން ދީނީ ނަސޭހަތެއްދީ، ހިއްވަރުގެ ބަހެއް ބުނެލާ ބަޔަކަށެވެ. މިސްކިތުން އެއްވެސް މީހަކާ ބަހެއް ނުބުނެ، ސަލާމް ގަލާމެއް ނުކޮށް، މަމީ މުދިމޭ ބުނާ ކަހަލަ ގޮތަކަށް ސީލިންގާ ދިމާއަށް ބަލަމުން މިސްކިތުން ފައިބައިގެންދާ ބަޔަކަށް ނޫނެވެ.

މަޣްރިބް ނަމާދުކޮށް، ޒިކުރުކޮށް، ރަވާތިބް ސުއްނަތުގެ ދެރަކްއަތް ކޮށްގެން ފޭބީމެވެ. ކުރަން ހުރި ބައެއް މަސައްކަތަ ކުރުމަށް ފަހު އިޝާ ނަމާދަށް ލައްވާލީ އެހެން ދިމާލެއްގައި ހުރި މިސްކިތަކަށެވެ. މިފަހަރު ޖަމާއަތުގައި ތިބީ ދެމީހުންނެވެ. އޭސީތައް ހަމަ ބަރާބަރަށް މިސްކިތް ފިނި ކުރަމުން، ގަނޑު ކުރަމުން ދިޔައެވެ. ނަމާދަށް ފަހު ޖަމާއަތުގައި އިން އަނެއް މީހާ ވަގުތުން ހިނގައްޖެއެވެ. މުދިމް މީހާ ދަމުން ބޮކިތައް ނިއްވާލިއެވެ. އަޅުގަނޑު ސުންނަތް ކޮށްގެން މިސްކިތުން ފޭބިއިރު އެތަނެކޭ ފަޅު ގެއެކޭ ތަފާތެއް ނެތެވެ. މިއީ ސައްތައިން ސައްތަ ކަމަށް ދައުވާ ކުރާ އިސްލާމީ ޤައުމެއްގެ ބޮޑު ސިޓީއެއްގެ މެދުގައި ހުރި، 200 ވަރަކަށް މީހުންގެ ޖާގައިގެ މިސްކިތެއްގެ ހާލެވެ. އިޝާ ނަމާދު ޖަމާއަތުގެ ފުރަތަމަ ސަފު ފުރާނުލެވެއެވެ. ނަމަވެސް ރާއްޖެ މިއޮތީ އިސްލާމްވެފަތާއެވެ. ރާއްޖެ އިސްލާމްވީ ދުވަހަކީ މިހާރު ރާއްޖޭ މީހުން ދަތުރުދާ ދުވަހެކެވެ. އެދުވަހު އިސްލާމީ ޝިއާރެއް ހިތަށް އަރާނީ މަދު ބައެކެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އެއް ދުވަހަކު ފަތިސް ނަމާދަށް އެރުމުން އަދި ލިބުނީ ކުރީ ދުވަހަށް ވުރެ ތަފާތު ތަޖުރިބާއެކެވެ. މުދިން މީހާ ބަންގި ގޮވާކަށް ނާދެއެވެ. ދެން ހުރީ ބަނގާޅު މީހެކެވެ. އަޅުގަނޑު ދިޔައިރު، މުދިމް މީހާ ނައިސްގެން ލަސްވެގެން ބަންގާޅު މީހާ އޭނައަށް އެނގުނު ގޮތަކަށް ބަންގި ގޮވައިފި އެވެ. އަޅުގަނޑު ދިއުމުން އިމާމްވެ ނަމާދު ކުރާށޭ އޭނަ ބުނެފިއެވެ. "ބޭބެ ނަމާދު ކުރޭ!"

އަޅުގަނޑަކީ އިމާމްވެ ނަމާދު ކުރަން މާ ފަރިތަ މީހެއް ވެސް ނޫނެވެ. ނަމަވެސް ކޮންމެ ކަމަކަށް ވެސް ފުރަތަމަ ފަހަރެއް އޮންނަ ފަދައިން މިކަން ވެސް ކުރަން ޖެހުނީމަ ކުރާނީތާއޭ ހިތުލައިގެން ފަތިސް ނަމާދު ކޮށްލީމެވެ. ނަމާދަށް ފަހު ބަންގްލަދޭޝް މީހާ ހިނގައްޖެއެވެ. ބޮޑު މިސްކިތުގެ އޭސީ ތަކުގެ "ރޫރޫ" އަޑަށް ކަންފަތް ދީގެން، ވަށައިގެންވާ ހަނުހިމޭން ކަމަށް ވިސްނަން އަޅުގަނޑަށް އިދެވުނެވެ. މިސްކިތުގެ ވަށައިގެން އެތައް ބައިވަރު ގެއެއް ހުއްޓެވެ. އެ ގެތަކުގައި، އަރާމު ތަންމަތި ތަކުގައި، ރަޖާ ލައިގެން ކިތައް ސަތޭކަ، ނުވަތަ ކިތައް ހާސް މީހުން ތިބޭނެ ބާއެވެ؟ އެންމެން އަރާމު ނިދީގައެވެ. މިސްކިތް ހުހަށެވެ. ނިންޖަށް ވުރެ ނަމާދު މާ މުހިއްމު ކަމަށް ގޮވޭ އަޑުވެސް އެމީހުނަނަކަށް ނީވެއެވެ. މުދިމް މީހާވެސް އޮތް ތަނެއް ނޭނގެއެވެ. އަޅުގަނޑު މިސްކިތުގެ ބޮކިތައް ނިވާލާފައި ފޭބީމެވެ. ހިތަށް އެރިއެވެ. ރާއްޖެ މިއޮތީ އަނެއްކާވެސް އަލުން އިސްލާމް ކުރަން ވެފައެވެ!

ރާއްޖެ އިސްލާމް ވީ ދުވަހުގެ މުނާސަބަތުގައި ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންނަށް ފޮނުއްވި ޙިތާބެއްގައި ވިދާޅުވީ އިސްލާމް ދީނާ ގުޅުންނެތް ހަރުކަށި ފިކުރުތައް މިދިވެހި މުޖުތަމައުއަށް ތައާރަފް ކުރަން ހަރުކަށި ބަޔަކު އެބައުޅޭ ކަމަށާއި، ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއީ ކަމަށެވެ. ޤައުމަށް ޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއީ އެއް ނޫނެވެ. އެވާހަކަ މިތާނގައި ނުލިޔެ ކުރުކޮށްލާނަމެވެ. މިކަހަލަ ދުވަސް ދުވަހުގެ މުނާސަބަތުގައި، މިހަކަލަ ހިތާބް ތަކުގައި، ވެރިއަކަށް ހުންނަ މީހާ މިކަހަލަ މޮޅެތި ބަސް ބުނެލުމުން ނިމުނީއެވެ. ފަސް ނަމާދަށް މިސްކިތަށް ދިއުމާއި، އަނބީން ބުރުގާ އެޅުވުމާއި، ސުންނަތް ރޯދަ ޤަވާއިދުން ހިފުމާއި، ރިބާ ހަރާމް ކަމަށް ބުނުމާއި، ހިލޭ އަންހެނުނާއި އަތް ޖޯޑުކޮށް ސަލާމް ނުކުރުމާއި، ބެލުން ތިރި ކުރުމާއި، މިއުޒިކް ހަރާމް ކަމަށް ބުނުމަކީ މި ސަރުކާރުގެ ނަޒަރުގައި ހަރުކަށި ވުމެވެ. ހައްދުފަހަނަ އެޅުމެވެ.

ކްރިސްމަސް ފާހަގަކޮށް، ރިސޯޓް ތަކަށް ގޮސް ނިއުއިޔަރ ޑިސްކޯގައި ނަށައި، ރާ ބޮއެ ޕާޓީކޮށް، އެމެރިކާގެ ފައްޅިތަކަށް ގޮސް އަޅުކަމުގައި ބައިވެރިވެ، ދުވަހަކު މިސްކިތަކަށް ނާރައި އުޅުމަކީ ތަރައްޤީއެވެ. ގިނަ ޒުވާނުން މިހާރު ބޮޑުވަނީ އެ ވިސްނުމުގައެވެ. އެގޮތަށް އަމަލު ބަހައްޓައިގެންނެވެ. އިސްލާމް ދީނަކީ ހަރުކަށި ދީނެއް ނޫނޭ، ފަސޭހަ ދީނެކޭ ކިޔައިގެން، އެ ބަހުގެ މަފްހޫމް އޮޅުވާލައިފިއެވެ. ޒިނޭކޮށް، ރާބޮއެ ހެދުމަކީ ފަސޭހަ ގޮތެވެ. ދީނަށް އުޅުމަކީ ހަރުކަށިވުމެވެ. މުޖުތަމައު އޮތީ މިގޮތަށެވެ. މިސްކިތުގެ ޖަމާއަތަށް އަރާނެ މީހަކު ނުވުމަކުން ހައިރާން ވާކަށް ނުޖެހެއެވެ.

ހުކުރު ދުވަހުގެ ހުކުރު ޙުތުބާގެ ހާލަކީވެސް މިއެވެ. މިދިޔަ ހުކުރު ދުވަހުގެ ޙުތުބާގައި ވެސް ދެއްކީ މަގުމަތީގެ އަދަބުތަކުގެ ވާހަކައެވެ. އެވެސް ހަމަ ރަނގަޅު މައުލޫއެކެވެ. މައްސަލައަކީ ހުރިހާ ހުތުބާއެއްގެ މައުލޫ ވެސް އެފަދަ ކަންކަމަށް ފޯކަސްކޮށްފަ ހުރުމެވެ. ދަރީން ތަރުބިއްޔަތު ކުރުމުގެ މުހިއްމު ކަމުގެ ވާހަކަ ހުތުބާގައި ކިޔާއިރު އެދަރީން ތަރުބިއްޔަތު ކުރަން ސަރުކާރުން ބައްޓަން ކޮށްފައިވާ މުޖުތަމައު އަކީ އިންޓަނެޓްގެ ފާހިޝް ކަމުންނާއި، މިއުޒިކްގެ ހަރާމް ކަންކަމުން ފޯވެފައިވާ މުޖުތަމައު އެކެވެ. އިސްލާމީ ޝަރީއަތް އޮތީ ނަމަކަށެވެ. މިހާރުގެ ޙުތުބާ ތަކަކީ އެކި ކަހަލަ ސިޔާސީ މެސެޖު ދޭން ބޭނުންކުރާ ސިޔާސީ ހަތިޔާރެކެވެ. މީހުން މިހާރު އެ ހުތުބާތައް އަޑުއަހާ ހިތެއް ނުވެއެވެ. ރޮބޮޓް ތަކެއްހެން ތިބޭ އިމާމުން ތަކެއް މިމްބަރަށް އަރާ، ފޮތަކުން ބަލައިގެން އަބަދު ކިޔަނީ އެއް ޒާތެއްގެ އެކައްޗެކެވެ. ރައްޔިތުން އިސްލާމް ދީނާ ކައިރި ކުރަން އިހްލާސްތެރި މަސައްކަތެއް ކުރާ ތަނެއް ނުފެނެއެވެ. އިސްލާމިކް މިނިސްޓްރީގެ ހާލަކީ ވެސް މިއެވެ.

އިސްލާމީ ދަރުސް ތަކުގެ އަޑު މަޑުވެ، ސިޔާސީ މުނާފިޤް ޖަލްސްސާތައް ގިނަވެ، އިންޓަނެޓާއި ސްމާޓް ފޯނު އާއްމުވެއްޖެއެވެ. ފާހިޝް ފޮޓޯއާއި ފާހިޝް އަމަލު ރީތިވެއްޖެއެވެ. މިސްކިތްތަކަކީ ރީތިކޮށް އިމާރާތްކޮށް، އެއާކޯން ކޮށްފައި ބަހައްޓާ ތާޖުމަހަލް ތަކަކަށް ވެއްޖެއެވެ. އެތަންތަނަށް އަރާނެ ބަޔަކު ނެތެވެ. މިހުރިހާ ލާދީނިއްޔަތެއްގެ މައްޗަށް މިހާރު ބިންދާލަން އުޅޭ ވިހަގަދަ ބިޔަ ރާޅަކީ "ހޯމް ސްޓޭ"ގެ ބިޔަ ރާޅެވެ. މީހުން އުޅޭ ގޭގައި ބާކީ ހުންނަ ކޮޓަރި ގެސްޓުންނަށް ވިއްކުމުގެ ޕްރޮގްރާމެވެ. އެއިރުން އަމިއްލަ އަންހެންދަރިން ގެސްޓުންނަށް ވިއްކާ މީހުން އެކަން ކުރާނެ ފަސޭހަ މަގެއް ވެސް ކޮށުނީއެވެ. އެއްޖިންސުން ގުޅުން ހިންގާ ދެ ގެސްޓުން އައިސް ގޭގެ ސިޓިންގް ރޫމްގަ ތިބެ ގަނޑުގަތަސް އޯކޭއެވެ. ޖީބަށް ޑޮލަރު ވަންނާނެއެވެ. ދައުލަތަށް ޑޮލަރު ލިބޭނެއެވެ. ޓޫރިސްޓް އެރައިވަލްގެ ނަމްބަރުތައް އިތުރުވާނެއެވެ. ދިވެހި އިސްލާމީ މުޖުތަމައުގައި ބުރި ނުވެ އޮތް އެންމެ ފަހު ރޮދި ވެސް އެމް.ޑީ.ޕީ ސަރުކާރުން ބުރިކޮށް ލަނީ އެވެ. ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރާ ގޮތަށް މީގެ 10 ވަރަަކަށް އަހަރު ފަހުން ދެން ފާހަގަ ކުރާނީ ރާއްޖެ ކާފަރުވީ ދުވަސް ކަމަށް ނުވެއްޖެއްޔާ ކިތައްމެހާވެސް ރަނގަޅެވެ. މިފަދަ ޙިޔާލެއްގައި އިނދެ އިރު އެރުމުން އިޝްރާގް ނަމާދުގެ ދެރަކްއަތް ކޮސްލައިގެން ފޭބީމެވެ. ރައްޔިތުން ތިބީ އަދިވެސް ނިދައިފައެވެ. ގަދަ ނިދިން ހޭލެވޭނެ އިރެއްވެސް ނޭނގެއެވެ.