ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހަތަރު ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.
ޤައުމީ އިނާމަށް ބޭފުޅުން ހޮވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ހަތަރު ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ، މީގެ ކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު ލިބިވަޑައިގަންނަވަނީ 11 ބޭފުޅަކަށެވެ. މިބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާޢްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ހަ ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި ހަތަރު ބޭފުޅަކާއި އަދި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރެއްވި ބޭފުޅެކެވެ.
މިބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ދެއްވުން އޮންނާނީ، މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، މާދަމާރޭ 8:45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ކީރިތި ޤުރްއާން ހިތުދަސްކޮށް، މިއަހަރު 1 ވަނަ ދަރަޖައިގައި ފާސްވި 11 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލްވެސް މި ޖަލްސާގައި ދެއްވާނެއެވެ.
މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ ރޭގެ ޖަލްސާގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.



advertisment