Support Us

ވޯޓުލާން ދަނިކޮށް ޝަހީދު ޢަލީގެ އަޑު

އެރީ އަދު އިރު އުޖާލާ ކުލަތަކެއް ފަވަމުން ދިވެހި އުޑުގައި
އިރުން އައި ދޯދިތައް ވެސް ހޭލަމޭލަވަމުން ބިމާ ކަނޑުގައި

މިއީ ދިވެހީން އެބައިމީހުންގެ މުސްތަގުބަލު ކުރާން ފާގަތި
ވަކީލުން ބަރުލަމާނަށް ލާ ދުވަސް ފާހަގަ ޖަހައި ގަނޑުގައި

ހިނގައިފައި މަޑުމަޑުން ދިޔައިން މަޖީދީ މަގު ހުޅަނގު ފަންނަށް
މަގޭ ޒިންމާ އަދާކުރުމަށް "ނުލައި އަތް" ކުރެހި ބުދު ގަނޑުގައި

"ޝަހީދު ޢަލީ ހިނގުން" ކުރަމުން ހުރަސް ދިޔަ ހިނދު އެ މަގު އެ އެހީ
ޝަހީދު ޢަލީ އެނގޭ މީހަކު އުޅޭ ހެއްޔޭ މި ފަސްގަނޑުގައި

އެ މާތް ވި ބަޠަލުގެ ލެއިފޮދު ނޫންހެ ބިން ތާޒާކުރީ ކާދުން
އެ ކާދުން ނޫންހެ މިނިވަންކަމުގެ އާ ނިރުތައް ފެޅީ "ދަނޑު"ގައި

އެ މިނިވަންކަން އަމާނާތެއް އެއީ އަދު ދިވެހި ކަތުނަށް އޮތް
އެ މިނިވަންކަން އޮޔާ، ބެހި، ދިޔަ ނުދެއްޗޭ ހިންދު މާކަނޑުގައި

މިއީ އަލި ރަސްގެފާނު ޝަހީދުވެވަޑައިގަތް ދުވަސްކަން ވެސް
ހުރީ ކާކުގެ ހަނދާނެއްގައި؟ އެ މީހަކު ނެތް މި ފަސްގަނޑުގައި

ބަހީ ހެކިވާން މިއަދު ޝާހިދު! މަގޭ އަޑު ފަހެ، މަ އިއްވައިފިން!
"ޝަހީދު ޢަލީ" އެހެން ބުނި އިރު ހުރީ އަސަރާ ރިހުން އަޑުގައި

މަގޭ ފައި، ވޯޓުފޮށި ހުރި މަރުކަޒަށް އަހަރެން ގެނައި އިރު ވެސް
މަގޭ ހިތުގައި، މަގޭ ބޮލުގައި، ވަނީ ރިހުމެއް މެ މޭގަނޑުގައި

  • މިއީ 2019.4.6 ގައި (އެ އަހަރު ޝަހީދުންގެ ދުވަހު) ހަދައިފައި ވާ ޅެމެކެވެ. މިއަދާ ވެސް މުނާސަބުވީމާ ހިއްސާކޮށްލީއެވެ. -މޝޙ
ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *