އެރީ އަދު އިރު އުޖާލާ ކުލަތަކެއް ފަވަމުން ދިވެހި އުޑުގައި
އިރުން އައި ދޯދިތައް ވެސް ހޭލަމޭލަވަމުން ބިމާ ކަނޑުގައި
މިއީ ދިވެހީން އެބައިމީހުންގެ މުސްތަގުބަލު ކުރާން ފާގަތި
ވަކީލުން ބަރުލަމާނަށް ލާ ދުވަސް ފާހަގަ ޖަހައި ގަނޑުގައި
ހިނގައިފައި މަޑުމަޑުން ދިޔައިން މަޖީދީ މަގު ހުޅަނގު ފަންނަށް
މަގޭ ޒިންމާ އަދާކުރުމަށް "ނުލައި އަތް" ކުރެހި ބުދު ގަނޑުގައި
"ޝަހީދު ޢަލީ ހިނގުން" ކުރަމުން ހުރަސް ދިޔަ ހިނދު އެ މަގު އެ އެހީ
ޝަހީދު ޢަލީ އެނގޭ މީހަކު އުޅޭ ހެއްޔޭ މި ފަސްގަނޑުގައި
އެ މާތް ވި ބަޠަލުގެ ލެއިފޮދު ނޫންހެ ބިން ތާޒާކުރީ ކާދުން
އެ ކާދުން ނޫންހެ މިނިވަންކަމުގެ އާ ނިރުތައް ފެޅީ "ދަނޑު"ގައި
އެ މިނިވަންކަން އަމާނާތެއް އެއީ އަދު ދިވެހި ކަތުނަށް އޮތް
އެ މިނިވަންކަން އޮޔާ، ބެހި، ދިޔަ ނުދެއްޗޭ ހިންދު މާކަނޑުގައި
މިއީ އަލި ރަސްގެފާނު ޝަހީދުވެވަޑައިގަތް ދުވަސްކަން ވެސް
ހުރީ ކާކުގެ ހަނދާނެއްގައި؟ އެ މީހަކު ނެތް މި ފަސްގަނޑުގައި
ބަހީ ހެކިވާން މިއަދު ޝާހިދު! މަގޭ އަޑު ފަހެ، މަ އިއްވައިފިން!
"ޝަހީދު ޢަލީ" އެހެން ބުނި އިރު ހުރީ އަސަރާ ރިހުން އަޑުގައި
މަގޭ ފައި، ވޯޓުފޮށި ހުރި މަރުކަޒަށް އަހަރެން ގެނައި އިރު ވެސް
މަގޭ ހިތުގައި، މަގޭ ބޮލުގައި، ވަނީ ރިހުމެއް މެ މޭގަނޑުގައި
- މިއީ 2019.4.6 ގައި (އެ އަހަރު ޝަހީދުންގެ ދުވަހު) ހަދައިފައި ވާ ޅެމެކެވެ. މިއަދާ ވެސް މުނާސަބުވީމާ ހިއްސާކޮށްލީއެވެ. -މޝޙ
