ހެންރީ ޗާރލްސް ޕާރވިސް ބެލް (އެޗް.ސީ.ޕީ.ބެލް) ގެ ފަރާތުން ދިވެހި ތާރީޚަށް ވަނީ ވަރަށް މަތިވެރި ޚިދްމަތްތަކެއް ލިބިފައެވެ. ދިވެހިރާއްޖެއާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުންތަކާއި ބިމުގައި ފޮރުވިފައިވާ ބައެއް ތަކެއްޗާއި ދިވެހިންގެ އާދަކާދައާއި ޘަޤާފަތާއި މަސައްކަތަތްތެރިކަމާއި މިފަދަ އެތައް ކަމަކާ ބެހޭ މަޢުލޫމާތު ހޯއްދަވައި ދިރާސާ ކުރެއްވުމަށް ފަހު އެޗް.ސީ.ޕީ. ބެލް ވަނީ ޝާއިޢު ކުރައްވާފައެވެ. ރާއްޖެއާ ބެހޭގޮތުން އެޗް.ސީ.ޕީ.ބެލް ލިޔުއްވާފައިވާ ލިޔުންތަކުގެ ތެރެއިން ދިވެހި ތާރީޚާ ބެހޭ މުހިއްމު ގިނަ މަޢުލޫމާތު ލިބޭ އެއް ވަސީލަތަކީ 1940 ވަނަ އަހަރު ސްރީލާންގައި ޗާޕްކޮށް ޝާއިޢުކޮށްފައިވާ އެޗް.ސީ.ޕީ.ބެލްގެ މޮނޮގްރާފް (ދަ މޯލްޑިވް އައިލަންޑްސް، މޮނޮގްރާފް އޮން ދަ ހިސްޓްރީ، އާކިއޮލޮޖީ) އެވެ.

އެޗް.ސީ.ޕީ ބެލްގެ މޮނޮގްރާފުގެ ނަމުގައި ހިމެނޭ ބައެއް ބަސްބަހުގެ މާނަ
ހިސްޓްރީ history – ތާރީޚް ޢިލްމު (ކަމެއް ހިނގަމުން އައިގޮތް ލިޔެފައިވާ ލިޔުން ނުވަތަ ކިޔައިދީފައިވާ ކިޔައިދިނުން)
އާކިއޮލޮޖީ archeology – އިންސާނުން އުޅެފައިވާ ތަންތަނުން ނޭގޭ މާއްދީ ތަކެތިން ތާރީޚް ދެނެގަތުމުގެ ޢިލްމު
އެޕިގްރަފީ epigraphy – ހިލައާއި މަޢުދަނާއި ކަރުދާހުގައި ހުންނަ ލިޔުންތައް ދިރާސާ ކުރުމުގެ ޢިލްމު

އެޗް.ސީ.ޕީ.ބެލްގެ ޙަޔާތުގެ ކުރީކޮޅާ ބެހޭ ގިނަ މަޢުލޫމާތުތަކެއް ލިބިފައެއް ނެތެވެ. އެޗް.ސީ.ޕީ.ބެލް އުފަންވީ 21 ސެޕްޓެމްބަރ 1851 ގައެވެ. އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި ސިލޯނު (މިހާރުގެ ސްރީ ލަންކާ) އޮތް ދުވަސްވަރު ބެލް އިނގިރޭސި ސަރުކާރަށް ޚިދްމަތްކުރައްވަން ފެއްޓެވިއެވެ. އެއީ 10 ޖުލައި 1873 ން ފެށިގެންނެވެ.
އެޗް.ސީ.ޕީ.ބެލް ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރު
އެޗް.ސީ.ޕީ.ބެލް ދިވެހިރާއްޖެއަށް ފުރަތަމައަށް ދުރުވުމަށް މެދުވެރިވީ 21 އޮގަސްޓް 1879 ގައި މާލެ އަތޮޅު ގާފަރު ކައިރިން ބުރުލުފަރަށް އުރުނު އިނގިރޭސީންގެ އާގު ބޯޓެއް ސާވޭ ކުރެއްވުމަށެވެ. (ފަތްތޫރަ 18 ވަނަ އަދަދު) މި ބޯޓަކީ އިންޑިއާގެ ކަލްކަތާއިން ފުރައިގެން ލަންޑަނަށް މުދާ ހިފައިގެން ދަތުރު ކުރަމުންދިޔަ 1012 ޓަނުގެ ސީގަލް ބޯޓެވެ. އޭރު ބެލް ހުންނެވީ ސިލޯން ގައި އޮތް އިނގިރޭސި ކޮލޯނިއަލް ސަރުކާރުގެ ވަޒީފާއެއްގައި ކޮޅުނބު (ކޮލޮމްބޯ) ގައެވެ. ސީގަލްބޯޓާ ގުޅޭގޮތުން ބެލް ކުރެއްވި މަސައްކަތް ނިންމާލައްވާފައި މާލެއަށް ދުރުވީ އެދުވަސްވަރު ދިވެހިން ދަތުރުކުރަން ބޭނުންކުރި ކަހަލަ އަނގަމަތީ ރިޔަލު ދޯންޏެއްގައެވެ. މާލޭގައި ދެތިން ދުވަސް ހުންނެވުމަށްފަހު އެނބުރި ވަޑައިގެންނެވީ ސިލޯނަށެވެ.
އެޗް.ސީ.ޕީ.ބެލް ފުރަތަމަ ފަހަރު މާލެ ދުރުވިރު، ރާއްޖޭގެ ތަޚުތުގައި ރެދަލި ކުރައްވަމުން ގެންދެވީ އައްސުލްޠާން މުޙައްމަދު އިމާދުއްދީން (ހަތަރުވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބޮވަނަ މަހާރަދުންނެވެ. މީލާދީ ސަނަތުން 1835މ. އިން 1882މ. އަށް 48 އަހަރާއި 4 މަހާއި 28 ދުވަހު ރަސްކަން ކުރެއްވި، މިރަދުންނަށް މުސްކުޅި ބަންޑާރައިންގެ ނަންފުޅުން ތާރީޚުގައި ނިސްބަތްކުރެވިފައި ވެއެވެ. (ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން ޞ. 252، 259)
އެޗް.ސީ.ޕީ.ބެލްގެ މި ދަތުފުޅަށް ފަހު 1881 ވަނަ އަހަރު ރާއްޖެއާއި ބެހޭގޮތުން ރިޕޯޓެއް ލިޔުއްވިއެވެ. އެ ރިޕޯޓް ހިމެނޭފޮތް 1883 ވަނައަހަރު ޝާއިޢު ކުރެއްވިއެވެ. އެ ރިޕޯޓުގައި ބެލް މައިގަނޑު ގޮތެއްގައި ލިޔުއްވީ ދިވެހިރާއްޖޭގެ ޤުދްރަތީ ސިފަތަކާއި، މޫސުމާއި، ތާރީޚާއި، މީހުންނާއި އުފެއްދުންތަކާއި ވިޔަފާރިއާއި ބެހޭ ވާހަތަކެވެ.
އެޗް.ސީ.ޕީ.ބެލް ރާއްޖެއަށް ކުރެއްވި ދެވަނަ ދަތުރު
އެޗް.ސީ.ޕީ.ބެލް ދެވަނަ ފަހަރަށް ރާއްޖެ ދުރުވީ އެޗް.އެމް.އެސް. ކޯމަސް، މަނަވަރުގައި 20 ޖެނުއަރީ 1920 ގައެވެ. ރާއްޖެ ދުރުވިތާ 40 އަހަރުފަހުން ދެވަނަ ފަހަރަށް އެޗް.ސީ.ޕީ.ބެލް ރާއްޖެ ދުރުވީ އިނގިރޭސި ރަސްގެފާނު ހިޒް މެޖެސްޓީ ކިންގް ޖޯޖް 5 ގެ ފަރާތްޕުޅުން ރާއްޖޭގެ ތަޚުތުގައި އިންނެވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ވަނައަށް ކޭ.ސީ.އެމް.ޖީގެ ޝަރަފުވެރި މަތިވެރި މެޑެލް ރައްދު ކުރެއްވުމަށް އިނގިރޭސި ވިލާތުން ފޮނުއްވި ވަފްދުގެ މެމްބަރެއްގެ ގޮތުގައެވެ.
ކޭ.ސީ.އެމް.ޖީ KCMG = Knight Commander of St Michael and St George ގެ މެޑެލް އެރުވުމަށް ރާއްޖެ ވަޑައިގެންނެވި ވަފުދުގެ މެމްބަރުން ފުރުއްވުމަށްފަހުވެސް އިތުރު 26 ދުވަހު އެޗް.ސީ.ޕީ.ބެލް މާލޭގައި ހުންނެވިއެވެ.
ރާއްޖޭގައި އެޗް.ސީ.ޕީ.ބެލް މަޑުކޮށްލެއްވި މައިގަނޑު 3 ސަބަބަކީ:-
1. 1881 ވަނައަހަރު ލިޔުއްވި ރިޕޯޓަށް މަޢުލޫމާތު އިތުރުކުރުން.
2. ޙަސަން ތާޖުއްދީން ލިޔުއްވި ރާއްޖޭގެ ތާރީޚް މުޠާލިއާ ކުރުމާއެކު އޭގެ ކޮޕީއެއް ހޯއްދެވުން.
3. ދިވެހިރާއްޖޭގައި އެއްއިރެއްގައިވެސް ބުޑިޒަމްއޮތްތޯ ބައްލަވައި އެކަން ދިރާސާ ކުރެއްވުން.
އިސްވެދިޔަ ތިން ބޭނުމަށްޓަކައި ރަސްމީގޮތުން ދިވެހިސަރުކާރަށް އެޗް.ސީ.ޕީ.ބެލް ތާޢާރަފްކޮށްދެވުނީ ސިލޯނު ގަވަރުނަރ ރާއްޖޭގެ ރަދުންނަށް ލިޔުއްވި ފަތްކޮޅަކުންނާއި ރަދުންނަށް މެޑެލް ދެއްވުމަށް ވަޑައިގެންނެވި ވަފްދުގެ ރައީސް އޮނަރަބްލް ހޯސްބާރގްގެ ފަރާތްޕުޅުންނެވެ. މިދަތުރުފުޅުގައި ބެލް އެހެން ރަށަކަށް ދަތުރުފުޅެއް ނުކުރައްވައެވެ. މިފަހަރު އެޗް.ސީ.ޕީ.ބެލް މާލޭގައި ހުންނެވީ 24 ޖެނުއަރީ އިން 18 ފެބްރުއަރީ 1920 ށެވެ. ބެލް ހުންނެވީ ކަނބާފާނު ގަނޑުވަރު (ފަހުން މާބަގީޗާގެ) ގައެވެ. މިދަތުރު މާލެ ފިޔަވާ އެހެން ރަށަކަށް ބެލް ދަތުރުފުޅެއް ނުކުރައްވައެވެ. މިފަހަރު އެޗް.ސީ.ޕީ.ބެލް މާލޭގައި ހުންނެވިއިރު އެހީތެރިވެ ވަޑައިގެންނެވީ އަޙުމަދު ދޮށިމޭނާ ކިލެގެފާނެވެ. މިދަތުރަށްފަހު މާލެއިން އެޗް.ސީ.ޕީ.ބެލް ފުރުއްވީ އެސް.އެސް. ލޭޑީ މެކްމިލަމް ގައެވެ.
އެޗް.ސީ.ޕީ.ބެލް ރާއްޖެއަށް ކުރެއްވި ތިންވަނަ ދަތުރު
އެޗް.ސީ.ޕީ.ބެލް ތިންވަނަ ފަހަރަށް ރާއްޖެ ދުރުވީ 3 ފެބްރުއަރީ 1922 ގައި އެޗް.އެމް.އެސް. ކޯމަސްގައެވެ. ބެލްގެ އެސިސްޓެންޓެއްގެ ގޮތުން ޑަބްލިޔު.އެލް.ސިލްވާ ކިޔާ ސިލޯނު މީހަކާއި ނޯކަރެއްގެ ގޮތުގައި މެލޭ މީހެއް ގެންނެވިއެވެ. މި ދަތުރުފުޅުގައި ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް އެޗް.ސީ.ޕީ.ބެލް އާއި އޭނާގެ އެހީތެރިން ފުރުއްވީ މާލޭގައި ފަސް ދުވަސްވަރު ތިއްބެވުމަށްފަހު 9 ފެބްރުއަރީ 1922 ގައެވެ. މި ދަތުރުގައި ބެލް އާއެކު ވަޑައިގެންނެވި ދިވެއްސަކީ ދޮންމަނިކުގެ އިސްމާއީލް ދީދީ އެވެ.
ބެލްގެ ޓީމު “އެޗް.އެމް.އެސް ކޯމަސް” ގައި ފުރަތަމަ ދުރުވީ އައްޑު އަތޮޅަށެވެ. އައްޑޫގައި 11 ފެބްރުވަރީ 1922 އިން 15 ފެބްރުވަރީ 1922 އަށް ހުންނެވިއެވެ. އައްޑުއަތޮޅު ގަމުގައި ހުރި އިސްތޫޕާ ނުވަތަ އުސްތުބާ ކިޔުނު ތަނަކާއި ހިތަދޫ ކޯއްޓޭ ބެއްލެވިއެވެ.
އައްޑު އަތޮޅުން 16 ފެބްރުއަރީ 1922 ގައި "އެޗް.އެމް.އެސް ކޯމަސް" ފުރައިގެން ދަތުރުކުރީ ޏ. ފުވައްމުލަކަށް ދިއުމަށެވެ. ފުވައްމުލަކުގައި ބެލް މަޑުކުރެއްވި ހައެއްކަ ގަޑިއިރު ތެރޭގައި އެރަށު ހަވިއްތަ ބެއްލެވިއެވެ.
#ThaareekheeFotoa
Fua Mulaku Island. Goyiveri (Headman) and Family.
Photo & caption: The Maldive Islands, Monograph in the History, Archaeology and Epigraphy. H.C.P.Bell) pic.twitter.com/rrIiq3G1YO— ނާޖިހު ???????? Naajih (@NaajihDidi) March 27, 2019
ފުވައްމުލަކުން 16 ފެބްރުއަރީ 1922 ގައި އެޗް.އެމް.އެސް. ކޯމަސް ފުރައިގެން ދަތުރުކުރީ މާލެއަށެވެ. އަދި އެޗް.އެމް.އެސް. ކޯމަސް 19 ފެބަރުއަރީ 1922 ގައި ކޮޅުނބަށް ދިއުމަށް ފުރި ނަމަވެސް ބެލް މާލޭގައި މަޑުކުރެއްވީއެވެ. ބެލްގެ ދަތުރުފުޅުގެ ދެން އޮތް ބައިގައި ބޭނުންފުޅު ކުރެއްވީ، ދިވެހި ސަރުކާރުގެ "ފަތުޙުލް މަޖީދު" ނާކޮޅެވެ.
ފަތުޙުލްމަޖީދު ނާކޮޅުގައި 07 މާރިޗް 1922 ގައި އިސްމާޢީލް ދީދީ އާއެކު ބެލް ރާއްޖެތެރެއަށް ފުރުއްވިއެވެ. ހަތަރު ދުވަހުގެ ދަތުރަކަށްފަހު ފުރަތަމަ މަޑުކުރެއްވީ ލ. ގަމުގައެވެ. އަދި 11- 20 މާރިޗް 1922 ށް ލ. ގަމުގައި ހުރި ހަތްތެލި އަދި ކުރުހިންނައިގައި ހުރި އެކިއެކި އާސާރީ އުސްގަނޑުތައް ބައްލަވައި ތަޙްޤީގުކުރެއްވިއެވެ. ގަމުން ފުރައިގެން ދަތުރުފުޅު ކުރެއްވީ މުންޑޫގެ އާޘާރީތަންތަން ބެއްލެވުމަށެވެ.
ބެލް 4-5 އޭޕްރީލް 1922 ގައި ލ. އަތޮޅުތެރޭގައި ދަތުރުކުރެއްވިއެވެ. އެއަށް ފަހު މ. ކޮޅުފުއްޓަށް ދުރުވިއެވެ. ކޮޅުފުށީގައި ހުރި ބޮޑުތަކުރުފާނު ބެހެއްޓެވި މިސްކިތާއި އެމިސްކިތުގައި އޮތް ދުވަސްވީ ކަނޑިކޮޅު ބެލް ބެއްލެވިއެވެ.
ފެލިދެއަތޮޅުގައި 06 އޭޕްރީލް 1922 ގައި ޖެހޭވައިރޯޅި މަޑުކަމުން މަޑުކުރެއްވިއެވެ. އަދި 07 އޭޕްރީލް 1922 ގައި ތިނަދޫ އާއި ފެލިދު ބެއްލެވިއެވެ. އެއަށްފަހު 08 އޭޕްރީލް 1922 ގައި ވ. އަތޮޅުން ފުރައިގެން މާލެ އައުމަށް ބެލް ދަތުރު ފެއްޓެވިއެވެ. އެހެނަސް ހަމަ އެ ދުވަހު ކ. ގުރައިދޫގައި މަޑުކުރެއްވިއެވެ. ގުރައިދުން ބެލް ބެއްލެވީ ޙުސައިން ފާމުލަދޭރިކިލެގެފާނުގެ މަހާނަފުޅެވެ.
ބެލް ދަތުރުކުރެއްވި ފަތުޙުލްމަޖީދު މާލޭ ބަނދަރަށް އާދެވުނީ 09 އޭޕްރީލް 1922 ގައެވެ. މިދަތުރަށްފަހު ބެލް މާލޭގައި ހުންނެވީ ހ. އަނބުގަސްދޮށުގޭގައެވެ. ކޮޅުނބަށް ދަތުރުކުރައްވާނެ އުޅަނދެއްގެ އިންތިޒާރުގައި ބެލް މާލޭގައި ހުންނެވުމަށްފަހު ދިވެހި ސަރުކާރުގެ ސްކޫނަރ މޭރީ ނާކޮޅުގައި ކޮޅުބަށް ދިއުމަށް ބެލް ފުރުއްވީ 17 އޭޕްރީލް 1922 ގައެވެ.
އެޗް.ސީ.ޕީ.ބެލް ރާއްޖެއަށް ކުރެއްވި ކޮންމެ ދަތުރެއްގެ ފަހުން އެދަތުރަކާ ބެހޭ ރިޕޯޓް ލިޔުއްވާ ޝާއިޢު ކުރެއްވިއެވެ. ބެލްގެ މި ދަތުރުފުޅުތަކުގެ ސަބަބުން ރާއްޖޭގެ ތާރީޚީ މަޢުލޫމާތު ޝާއިޢުކުރެވި ފަސޭހައިން އެ މަޢުލޫމާތު ލިބޭނެ ގޮތް އަޅުގަނޑުމެންނަށް ފަހިވިއެވެ. ސެޕްޓެމްބަރ 1937 ގައި، ޢުމުރުން 86 ވަރަކަށް އަހަރުގައި އެޗް.ސީ.ޕީ.ބެލް ނިޔާވިއެވެ. ބެލް ނިޔާވިތާ ގާތްގަނޑަކަށް ތިން އަހަރު ފަހުން، 1940 ގައި ބެލްގެ މޮނޮގްރާފް، "ދަ މޯލްޑިވް އައިލަންޑްސް، މޮނޮގްރާފް އޮން ދަ ހިސްޓްރީ އާކިއޮލޮޖީ" ޝާއިކުރެވުނެވެ.
މަޢުލޫމާތު ނެގި ފޮތްތައް:
ޙަސަން އަޙުމަދު މަނިކު. (1980). އެޗް.ސީ.ޕީ. ބެލް. ފަތްތޫރަ 18.
ނަސީމާ މުޙައްމަދު. (2010). ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. މާލެ: ދިވެހިބަހުގެ އެކެޑަމީ.
H.C.P. Bell. (1940). The Maldive Islands. Monograph on the history, archeology and epigraphy.
Colombo, Sri Lanka: Government Record Office, Novelty Printers Publishers, 2002.



advertisment