ރައީސް ސުހާޓޫ ވެރިކަމުން ވައްޓާލުމާ ވިދިގެން އެމެރިކާއިން އިންޑޮނީޝިޔާއަށް ހަތިޔާރު ވިއްކުން ވަނީ މަނާކޮށްފައެވެ. އެ ޤައުމުގައި ހުރި އެމެރިކާގެ މަތިންދާބޯޓުތަކަށް ބޭނުންވާ ސްޕެއަރ ނުލިބިގެން އެ ބޯޓުތައް ހުރީ ހަރުގެއަށް ވައްދައިފައެވެ. އެކަމަކު ކުއްލިއަކަށް ރައީސް ޓްރަމްޕް އިންޑޮނީޝިޔާއަށް ދެ ބާވަތެއްގެ ހަނގުރާމަމަތީ މަތިންދާ ބޯޓު އަލުން ވިއްކަން އެއްބަސްވެވަޑައިގެންފިއެވެ. މިއީ އިސްލާމީ އެންމެ ބޮޑު ޤައުމު ކަމުގައިވާ އިންޑޮނީޝިޔާގެ ލޯބި ހޯދުމަށް ޓަކައި އެމެރިކާއާއި ޗައިނާއާ ދެމެދުގައި ވާދަވެރިކަން އިތުރުވެއްޖެ ކަމުގެ ޢަލާމާތެކެވެ.
ވާދަވެރިކަން އިތުރުވުމާ ވިދިގެން ބޮޑު ދެ ބާރުންވެސް ޖަކާޓާ ހައްލައިލުމަށް ޓަކައި ދަނޑަށް ވަނީ ނުކުމެފައެވެ. ކޮންމެ ފަރާތަކުން އަތުކުރި އޮޅާލައިފާ ވަނީ މި މުބާރާތް ކާމިޔާބު ކުރެވޭތޯއެވެ. ސުވާލަކީ މި މުބާރާތް ކާމިޔާބު ކުރާނީ ކޮން ދައުލަތެއް ބާވައެވެ؟
އެމެރިކާގެ ރައީސްކަމަށް އިންތިޚާބު ކުރެވިފައިވާ ރައީސް ޖޯ ބައިޑްނަށް ބަލާއިރު ޗައިނާއާ އިންޑޮނޭޝިޔާއާ ދެމެދުގައި ނުތަނަވަސްކަން އުފެދުމަކީ ވޮޝިންގްޓަން- ޖަކާޓާ ގުޅުންތައް އަލުން ހަރުދަނާ ކުރުމަށް ލިބިވަޑައިގަންނަވާނެ ފުރްޞަތެއްކަން ކަށަވަރެވެ. ފަހަކަށް އައިސް ޗައިނާގެ ނުފޫޒު ވަނީ އޭޝިޔާގެ ތަފާތު ސަރަޙައްދުތަކަށް ވަކިން ޚާއްޞަކޮށް ޗައިނާގެ އަވަށްޓެރި އޭޝިޔާގެ ސަރަޙައްދުތަކަށް ވަރަށް ބޮޑަށް ފެތުރިފައެވެ.

އިންޑޮނޭޝިޔާއަށް އެމެރިކާއާއި ޗައިނާ ވާދަކުރަނީ ކީއްވެ؟
އިންޑޮނޭޝިޔާ- ޗައިނާ- އެމެރިކާ ގުޅުމަކީ ވަރަށް އޮޅުންބޮޅުންކަން ބޮޑު ގުޅުމެކެވެ. މިކަމާހެދި އިންޑޮނޭޝިޔާއަށް ޓަކައި އެމެރިކާއާއި ޗައިނާ ވާދަކުރާވާދަކުރުމަކީ ޚާއްޞަ ޠަބީޢަތެއް އެއަށް ލިބިގެންވާ ކަމެކެވެ.
އިންޑޮނީޝިޔާއަށް ބަލާއިރު އެ ޤައުމަކީ އެ ޤައުމު މިނިވަންކުރެއްވި ޒަޢީމު އަޙްމަދު ސުކާރނޯގެ ވެރިކަމުގައި ވަކި ފަރާތަކަށް ނުޖެހޭ ޙަރަކާތުގެ ބާނީއެކެވެ. މިހެންވެ އިންޑޮނީޝިޔާ ދިޔައީ ސޮވިއެޓް ޔުނިއަނާއި ޗައިނާއާއެކު ގުޅުންތައް ބަދަހި ކުރަމުންނެވެ. ނަމަވެސް 1968ގައި ރައީސް ސުކާނޯ ވެރިކަމުން ވައްޓައިލި އިންޤިލާބާ ވިދިގެން އިންޑޮނީޝިޔާ ހުޅަނގުގެ އެކުވެރިއަކަށް ބަދަލުވެއްޖެއެވެ. ނަމަވެސް އެމެރިކާގެ އެކުވެރި ރަޙްމަތްތެރި ސުހާޓޯ 1999 ގައި ވެރިކަމުން ވައްޓައިލުމާ ވިދިގެން އެމެރިކާގެ ސިޔާސަތު ޖަކާޓާއާ ދެކޮޅަށް ބަދަލުވެއްޖެއެވެ. މިކަމާ ވިދިގެން އިންޑޮނީޝިޔާގެ ސިފައިން އިރުމަތީ ޓީމޯރުގައި އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ހިންގަމުންދާ ކަމަށް ތުހްމަތު ކޮށް އިންޑޮނީޝިޔާއަށް ހަތިޔާރު ދިނުން މަނާކުރިއެވެ. މި ސަރަޙައްދު 1975ގައި އިންޑޮނޯޝިޔާގެ ބައެއް ކަމުގައި ހެދީ ހުޅަނގުން އެކަމަށް އެދިގެންނެވެ. މިކަމާ ވިދިގެން އިންޑޮނީޝިޔާ އަލުން ވަކި އަތަކަށް ބުރަނުވާ ޤައުމަކަށް ވުމަށް މަސައްކަތް ފެށިއެވެ. އަދި އެ ޤައުމުގެ ހަތިޔާރުގެ ބާވަތްތައް ތަފާތު ކުރުމަށް މަސައްކަތް ފެށިއެވެ. ރަޝިޔާ އަތުންނާއި ޗައިނާ އަތުން ހަތިޔާރު ހޯދުމަށް މަސައްކަތް ފެށިއެވެ. އަދި އަވަށްޓެރި ޤައުމަކަށް ވާތީ ޗައިނާއާއެކު ގުޅުންތައް ބަދަހި ކުރުމަށް ވެސް ނުކުތެވެ.
ނަމަވެސް އިންޑޮނީޝިޔާ ޗައިނާ ގުޅުމަކީ އެމެރިކާ- އިންޑޮނީޝިޔާ ގުޅުމަށްވުރެ މާ އޮޅުންބޮޅުންކަން ބޮޑު ގުޅުމެކެވެ. ޗައިނާއިން ޖަކާޓާއަށް ޚާއްޞަ އަހައްމިއްޔަތެއް ދިނެވެ. އެތައް ސަބަބުތަކަކަށް ޓަކައެވެ. އެއް ސަބަބަކީ އިންޑޮނީޝިޔާއަކީ އިސްލާމީ އެންމެ ބޮޑު ޤައުމުކަމުގައި ވުމެވެ. އިންޑޮނީޝިޔާގެ އާބާދީއަކީ މުޅި ދުނިޔެއަށް ބަލާއިރު އެންމެ މީސްގިނަ ހަތަރުވަނަ ޤައުމެވެ. ދެވަނަ ސަބަބަކީ އިންޑޮނީޝިޔާއަށް ކަނޑުގެ ވަރަށް އިސްތިރާތީޖީ ސަރަޙައްދެއް ލިބިފައި ވުމެވެ. އެއީ އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި ވަރަށް މުހިއްމު ހިސާބެއްގައި އޮތް ޤައުމުކެވެ.
މިހެންވެ ޗައިނާއިން އިސްނަގައިގެން އިންޑޮނީޝިޔާއަށް ކޮރޯނާ ވައިރަސް ވެކްސިން ދިނުމަށް ނިންމިއެވެ. އަދި އިންޑޮނީޝިޔާއާއެކު މި ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަން ޗައިނާއިން ގަސްތު ކުރާކަން ވެސް ހާމަކުރިއެވެ. މި އެއްބަސްވުމާ އެއްގޮތަށް ޢަމަލު ކުރެވިއްޖެނަމަ އިންޑޮނީޝިޔާ ވެގެންދާނީ ދެކުނު އިރުމަތީ އޭޝިޔާގައި މި ވެކްސިން އުފައްދާ މަރްކަޒަކަށެވެ. މީގެ އިތުރަށް އިންޑޮނީޝިޔާ ވާނީ ޗައިނާގެ ވެކްސިންގެ އަޖުމަ ބެލޭ ދަނޑަކަށެވެ. މި މަރްކަޒު ޤާއިމު ކުރެވޭނީ ހުޅަނގު ޖާވާގެ ރަށެއްކަމުގައިވާ ބެންޑޫންގް ގައެވެ. މި މަރްކަޒުގައި އުފައްދާ ވެކްސިން އިރުމަތީ އޭޝިޔާއަށާއި މުޅި ދުނިޔެއަށް ފެތުރިގެން ދާނެއެވެ. މި މަސައްކަތް ކުރާނީ ޗައިނާގެ Sinovac Biotech Ltd ކުންފުނީންނެވެ.
މީގެ އިތުރަށް އިންޑޮނީޝިޔާ ވަނީ ޗައިނާގެ ވިޔަފާރީގެ އެންމެ ބޮޑު ދެވަނަ ބައިވެރިޔާ ކަމުގައި ވެފައެވެ. އަދި އެއީ ޗައިނާއިން އެންމެ ބޮޑަށް އެހީވެދޭ ދެވަނަ ޤައުމުވެސްމެއެވެ. ޗައިނާއިން އިންޑޮނީޝިޔާގައި ހިންގާ މުހިއްމު މަޝްރޫޢުތަކުގެތެރޭގައި އަވަސް ދުވެލީގެ ރޭލު ޚިދްމަތް އިންޑޮނީޝިޔާގައި ޤާއިމުކުރުން ވެއެވެ. މި ކަމަށް ޓަކައި ޗައިނާއިން 6 ބިލިއަން ޑޮލަރު އިންޑޮނީޝިޔާގައި ވުނަކުރާނެތެވެ.
އެހެނަސް ޗައިނާ އިންޑޮނީޝިޔާ ދެބަސްވުންތައް މާ ފުނެވެ. މިއީ އެމެރިކާއަށް ލިބިފައިވާ އަރަނި ޕޮއިންޓެކެވެ.
މުޅި ދުނިޔެ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކަންތައްތަކުގައި އަވަދިނެތިފައި އޮތް ވަގުތެއްގައި އިންޑޮނީޝިޔާއިން އެ ޤައުމުގެ ދިފާޢީ އިސްތިރާތީޖީއަށް ބޮޑެތި ބަދަލުތަކެއް ގެނެއެވެ. މިއީ ބޭޖިންގަށް ފޮނުވި ޚާއްޞަ މެސެޖެއް ކަމަށް ބުނެވިދާނެއެވެ. މި މެސެޖްގައި އިންޑޮނީޝިޔާ ޗައިނާ ގުޅުމަށް ބަދަލުތަކެއް އަތުވެދާނެކަމުގެ އިޝާރާތެއް ހިމެނެއެވެ. އިންޑޮނީޝިޔާއިން އެ ޤައުމުގެ ހަނގުރާމަމަތީ ފައުޖުތަކެއް ނަޓޯނާ ޖަޒީރާތަކަށް ގެންދިޔަ މަންޒަރު ފެނުމުންނެވެ. މި ރަށްތަކަކީ މި ރަށްތަކުގެ މިލްކިއްޔާތާމެދު ޖަކާޓާއާ ބޭޖިންގާ ދެމެދުގައި ދެބަސްވުން އުފެދިފައިވާ ރަށްތަކެކެވެ. މި ރަށްތަކަށް ގެންދެވުނު ސިފައިންނާ ޙަވާލު ކުރެވިފައިވާ މަސައްކަތަކީ އެ ހިސާބާ ކައިރިވާ ބޭރުގެ ބޯޓުފަހަރަށް ހުރަސްއެޅުމެވެ. މިއީ ޗައިނާގެ މަސް ބޯޓުފަހަރު މަސްބޭނުމަށް ޓަކައި މި ސަރަޙައްދަށް ވަރަށް ގިނައިން ވަދެނުކުމެވާ ސަރަޙައްދެކެވެ. އިންޑޮނީޝިޔާގެ މި ޢަމަލަކީ އެ ޤައުމުގެ ޒަމާންވީ ސިޔާސަތާ ވެސް ތަޢާރުޟުވާ ކަމެކެވެ. އިނގިރޭސިވިލާތުގެ ފައިނަންޝިއަލް ޓައިމްސްގެ ރިޕޯޓެއް ބުނާގޮތުގައި އިންޑޮނީޝިޔާއަކީ އެ ޤައުމަށް މިނިވަންކަން ލިބުނީއްސުރެ ބޮޑެތި ބާރުތަކާ ޢަދާވަތްތެރިވުމާ ދުރުހެލިފައިވާ ޤައުމެކެވެ. އިންޑޮނީޝިޔާއިން ޗައިނާއާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް ޗައިނާގެ ދެކުނު ކަނޑުގައި ޗައިނާގެ ބާރުތައް ފުޅައުވަމުންދާ ދިޔުމަކީ އެކަމާމެދު އެ ސަރަޙައްދުގެ ހުރިހާ ޤައުމުތަކަކުން ވެސް ވަރަށް ކަންބޮޑުވާ ކަމެކެވެ. ޗައިނާއިން ދަނީ އެ ސަރަޙައްދުގެ ބައެއް ރަށްތަކުގައި ޢަސްކަރީ ބޭސްތައް ވެސް ހަދަމުންނެވެ. މި ސަރަޙައްދަކީ ސަރަޙައްދީ ވަރަށް ގިނަ ޤައުމުތަކެއްގެ އެދުންތަކެއް އޮތް ސަރަޙައްދެކެވެ.
އިންޑޮނީޝިޔާއަކީ އާބާދިގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ހަތަރުވަނަ ޤައުމެވެ. މީގެއިތުރަށް އެ ޤައުމުގެ އިޤްތިޞާދަކީ ހެދި ބޮޑުވަމުން އަންނަ އިޤްތިޞާދެކެވެ. ތެލުގެ މުއްސަނދިކަން އޮތް ޤައުމެކެވެ. މިކަމާ ހެދި އެމެރިކާ ދެކޭގޮތުގައި އިންޑޮނީޝިއާއަކީ ޗައިނާގެ ކަރު މަޅި ބާރުކުރުމަށް އެ ސަރަޙައްދުން އެމެރިކާއަށް ލިބިފައިވާ ވަރަށް ރަނގަޅު ވާގަނޑެކެވެ. ވޮޝިންގްޓަނާ ބޭޖިންގާ ދެމެދުގައި ވާދަވެރިކަން އިތުރުވަމުންދަނީ މިކަމާ ހެދިއެވެ. ވޮޝިންގްޓަނުން މި ޙައްސާސު ވަގުތުގައި ޖަކާޓާއާ އެކު ގުޅުން ރަނގަޅު ކުރުމަށް ކުރިމަތިލީ މިހެންވެގެންނެވެ. އިންޑޮނީޝިޔާއަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތް ވަގުތެއްގައި އިންޑޮނީޝިޔާއަށް އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ގަތުމަށް މަގުފަހިކޮށް ދިނީ މިހެންވެގެންކަމަށް ރިޕޯޓަރުން ބުންޏެވެ. އަދި ކިއެއްތޯއެވެ؟ އިންޑޮނީޝިޔާގެ ދިފާޢި ވަޒީރު ސުބިއަންޓޯގެ ނަންފުޅު ކަޅު ލިސްޓުން ފުހެލުމަށް ވެސް އެމެރިކާއިން ނިންމިއެވެ. އެމެރިކާއިން އޭނާ ކަޅު ލިސްޓަށް އެރުވީ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކެއް ހިންގަވާފައިވާ ކަމަށް ތުހްމަތު ކޮށެވެ. އެމެރިކާއިން އޭނާގެ ނަންފުޅު ކަޅު ލިސްޓުން ފުހެލީ އޭނާއަށް ވޮޝިންގްޓަނަށް ވަޑައިގަތުމަށް މަގުފަހިކޮށް ދިނުމަށް ޓަކައެވެ.

Asia Aikkei ބުނާގޮތުގައި އެމެރިކާގެ އެފް 15 ބޯޓާއި އެފް 18ގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތައް ޖަކާޓާއަށް ވިއްކަން އެއްބަސްވެވުނީ އެ ދެ ޤައުމުގެ ދިފާޢީ މަސްއޫލުވެރީންގެ މެދުގައި ވާހަކަ ދެއްކުންތަކެއް ބޭއްވުމަށް ފަހުގައެވެ. އެމެރިކާގެ ވަގުތީ ދިފާޢީ ވަޒީރު ކްރިސްޓޮފަރ މިލަރ މިދާކަށްދުވަހު އިންޑޮނީޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑޮނީޝިޔާގެ ދިފާޢީ ވަޒީރު ސުބިއަންޓޯއާ ބައްދަލު ކުރައްވައި މި ބޯޓުފަހަރު ވިއްކުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރަށް ދެކުނު ޗައިނާ ކަނޑުގެ މަސްއަލައާމެދު ވެސް އޭނާ ބަހުސް ކުރެއްވިއެވެ. ދެކުނު ޗައިނާ ކަނޑަކީ ޗައިނާއާ ޗައިނާގެ އަވަށްޓެރި ޤައުމުތަކާ ދެމެދުގައި އެންމެ ބޮޑަށް އަރާރުން އުފެދިފައިވާ އެއް މަސްއަލައެވެ.
އިންޑޮނީޝިއާގެ ދިފާޢީ ވުޒާރާގެ ދިފާޢީ އިސްތިރާތީޖީއާ ބެހޭ ބައިގެ މުދީރު ޢާއްމު ރޫދޫން ބައިދަރަސޫން ވިދާޅުވާ ގޮތުގައި އެމެރިކާއާ އިންޑޮނީޝިޔާއާ ދެމެދުގައި އޮންނަ ގުޅުމުގެ ހޫނުކަން ބޭޖިންގަށް ފެނުމުން ބޭޖިންގ އެކަމާ ވަރަށް ކަންބޮޑުވާކަން އެނގެއެވެ. ޗައިނާގެ މަސްއޫލުވެރީން އިންޑޮނީޝިއާގެ މަސްއޫލުވެރީންނާ ބައްދަލުވެ ވަޑައިގަންނަވާ ކޮންމެ ވަގުތަކު އެމެރިކާގެ މި "ވިޔާފާރިގަނޑު" ޤަބޫލު ކުރެއްވީ ކީއްވެގެންތޯ ސުވާލު ކުރައްވާ ކަމަށް ވެއެވެ. އިންޑޮނީޝިޔާގެ އިސްތިރާތީޖީ މުދީރު ޢާއްމު ވެބިނާރެއްގައި ވިދާޅުވި ގޮތުގައި "އަހުރެމެން އެމެރިކާ އިހްމާލުކުރަން ބޭނުން ނުވާކަން ޗައިނާއަށް ދައްކަން ބޭނުމެވެ."
މީގެ އިތުރަށް އެމެރިކާގެ ވަގުތީ ދިފާޢީ ވަޒީރު އިންޑޮނީޝިއާގެ ސިފައިންގެ ވެރިޔާއާ ގުޅުއްވައި އެ ދެ ޤައުމުގެ ދެމެދުގައި ގުޅިގެން ބާއްވާ ޢަސްކަރީ ތަމްރީނުތައް ވަރުގަދަ ކުރައްވަން ބޭނުންފުޅުވާ ވާހަކަ ވިދާޅުވިއެވެ. ދެކުނު ޗައިނާ ކަނޑު މިނިވަންކޮށް އެންމެންނަށް ހުޅުވިފައިވާ ސަރަޙައްދަކަށް ހަދަން އެމެރިކާ ބޭނުންވާ ކަމަށާއި އެއީ އިންޑިއާ ކަނޑަށާއި ޕެސިފިކް ކަނޑަށް ވަދެވެން އޮތް ނެރެއްގެ ގޮތުގައި އެ ކަނޑު ދަމަހައްޓަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބައިދަރަސޫން ވިދާޅުވި ގޮތުގައި އެމެރިކާގެ އައު ސަރުކާރުން މި ސިޔާސަތަށް ބަދަލުތަކެއް ގެނެސްފާނެ ކަމުގެ ބިރު އެބަ އޮތެވެ. ހަތިޔާރު ވިއްކުމަށް އެއްބަސްވެވުނު އެއްބަސްވުމަށް ވޮޝިންގޓަން އިޙްތިރާމު ކުރާނެކަމަށް ޖަކާޓާ އުއްމީދު ކުރެއެވެ. މީގެއިތުރަށް އިންޑޮނީޝިއާގެ ބަޖެޓުން އެ ކަމަށް ހޭދަކުރާނެކަމާމެދު ވެސް ޝައްކު ވަނީ އުފެދިފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޖަކާޓާ ބޭނުން ވަނީ އެފް-35 މަރުކާ ބޯޓެވެ. އެހެނަސް ވޮޝިންގޓަނުން އެކަމާ ޤާބޫލެއް ނުވިއެވެ.
އެމެރިކާގެ އިތުރަށް ދެކުނު ޗައިނާ ކަނޑުގެ މަސްއަލައާ ބެހޭގޮތުން ފަރަންސޭސިވިލާތާއި ޖަރްމަނުވިލާތާއި އިނގިރޭސިވިލާތުން ވެސް އިންޑޮނީޝިޔާއާ ގުޅަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ. އިންޑޮނީޝިޔާގެ ދިފާޢީ ވަޒީރު ހަތިޔާރު ހޯއްދެވުމަށް ޓަކައި މި އަހަރު ވިއްސަކަށް ދަތުރުފުޅު ބޭރަށް ކުރެއްވިއެވެ. އޭނާ ވަޑައިގެންނެވި ޤައުމުތަކުގެތެރޭގައި ފަރަންސޭސިވިލާތާއި ރޫސީވިލާތާއި ތުރްކީއާއި ޗައިނާ ހިމެނެއެވެ. މިއަންނަ އަހަރުގެ ކުރީކޮޅުގައި އޭނާ އިނގުރޭސިވިލާތަށް ޒިޔާރަތް ކުރައްވާނެ ކަމަށް ޚަބަރު ލިބެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޖަކާޓާއިން ސަތޭކައެއްހާ މަތިންދާބޯޓު ގަންނަން ބޭނުންވެއެވެ. މިހާރު އެ ޤައުމުގެ ޢަސްކަރިއްޔާގައި އޮތީ އެންމެ 60 މަތިންދާބޯޓެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ކުރިއަށް އޮތް 20 އަހަރުގެތެރޭގައި އިންޑޮނީޝިއާއިން އެގާރަ ވަރަކަށް ބިލިއަން ޑޮލަރު ހަތިޔާރު ގަތުމަށް ހޭދަކުރާނެއެވެ.



advertisment