Support Us

ޝިޔާމު މަޖިލީހުގައި ވާހަކަ ދައްކަވަނީ -ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ޅ. ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި އެ މަސައްކަތް ހުއްޓިފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅުއްވައިފިއެވެ.

އެ ގަރާރުގައިވާ ގޮތުން ނައިފަރުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް 85 އިންސައްތަ ނިމިފައި ވަނިކޮށް އެ މަސައްކަތްކުރާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން 23 ޖެނުއަރީ 2020ގައި ސަރުކާރުން ކުއްލި ގޮތަކަށް އުވާލުމާ ގުޅިގެން މަޝްރޫޢުގެ މަސައްކަތް ހުއްޓި، ކަނޑައެޅިފައިވާ މުއްދަތަށްވުރެ އެތައް ދުވަހެއް ދިގުލައިގެން ގޮސް، ރައްޔިތުންނަށް އެކަމުގެ ސަބަބަބުން ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި މި އެއްބަސްވުން އުވާލުމާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ވާހަކަ ދައްކައިގެން މިކަން ޙައްލުކުރުމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އެލްއީ ޓްރިވެނީ ޖޭވީ ކުރި މަސައްކަތުންވެސް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާތީ އާއި، މިކަމާ ގުޅިގެން ޙައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީއެއް ފޮނުވުމުންވެސް ކުރިއެރުމެއް ލިބިފައި ނެތް ކަމަށް އެ ގަރާރުގައި ވެއެވެ. އަދި އޭރުގެ ޕްލޭނިންގ މިނިސްޓަރ އަދި މިހާރުގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމަށްވެސް ސިޓީއަކުން ދެންނެވުމުންނާއި އަދި މަޖިލީހުގައި ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީއާ ޙަވާލުކުރައްވައިގެން މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވި ނަމަވެސް މި މަސައްކަތް ނުފެށި މިހާރު ފަސް މަސް ދުވަސް ވެގެން ގޮސްފައިވާ ކަމަށް އެ ގަރާރުގައިވެއެވެ.

އަދި ފެނާއި ނަރުދަމާގެ މަސައްކަތް ނުނިމި ހުއްޓިފައިވުމުގެ ސަބަބުން، ނައިފަރުގެ މަގުތައް ހަލާކުވެ، ހިނގާބިގާވެ އުޅުމަށް ދަތިތަކެއް ކުރިމަތިވެފައި ވީހިނދު މަގުތައް ހެދޭނެ ގޮތެއްވެސް ނެތި، ވިއްސާރަވުމުން މަގުތަކުގައި ފެންބޮޑުވެ، ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ގެއްލުންތަކާ ކުރިމަތިވަމުންދާތީ އެކަން ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.

މި ގަރާރުގެ ފުރަތަމަ ކިއުން މިއަދު ވަނީ އިއްވައިފައެވެ. މި ގަރާރަށް ބަހުސް ކުރާނީ ދެން އޮންނަ ޖަލްސާއެއްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *