Support Us

ކޮވިޑް19 ގައި މަރުވި މީހުންގެ އަދަދު 37 އަށް

ކޮވިޑް19 ޖެހިގެން އިތުރު މީހަކު މިއަދު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 37 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ޖެހިގެން މިއަދު މެންދުރުފަހު 80 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށާއި އެމީހާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ގެންދަނިކޮށް ކަމަށެވެ.

ރާއްޖެއިން ކޮވިޑް19 ޖެހިގެން އެންމެ ފުރަތަމަ މީހަކު މަރުވެފައި ވަނީ މި އަހަރުގެ އެޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އެފަހަރު މަރުވެފައި ވަނީ އުމުރުން 83 އަހަރުގެ އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިހާރު 11،178 އަށް އަރާފައިވާއިރު މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 10،097 އެވެ. އެކްޓިވް ކޭސްގެ ގޮތުގައި މި ވަގުތު 1،038 މީހުން ތިބިއިރު އައިސޮލޭޝަން ތަކުގައި 369 މީހަކު އަދި ހޮސްޕިޓަލްތަކުގައި 43 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

މި ބައްޔަށް އިއްޔެ ޕޮޒިޓިވްވީ 24 މީހުންނެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެންމެ ބޮޑަށް އިތުރުވާން ފެށީ މިދިޔަ އޮގަސްޓް މަހު އެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅަން ފަށައިފައިވާ ފިޔަވަޅުތަކާ އެކު ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ވަނީ ދަށަށް ދާން ފަށައިފަ އެވެ. އަދި އެއާ އެކު ބަލިކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު 8 އިން ފަތިހު 5 އަށް ދުއްވާ އެއްޗެހި ދުއްވުން މަނާކޮށްފައި އޮތް އޮތުން މިހާރު ވަނީ ރޭގަނޑު 11 އިން 4 އަށް ބަދަލުކޮށްފައެވެ.

ކޮވިޑް19 ޖެހޭ މީހުން އަދަދު ދަށަށް ދިޔަ ނަމަވެސް މިއީ ކޮންޓްރޯލްވި ކަމުގެ އަލާމާތެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލް ކުރަމުން ގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކޮވިޑް19 އަށް ވެކްސިނެއް ނުލިބެނީސް ކޮވިޑްގެ ކުރީގެ ދިރިއުޅުމަށް ނުދާނެ ކަމަށް ހެލްތް އެމެޖެންސީ ސެންޓަރުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *