Support Us

ފަރުހާދު އިބްރާޙިމް، އޭނާ ތައްޔާރުކޮށްފައިވާ ކަލަންޑަރާއެކު

ތާނަ އަތުލިއުމުގެ ތަފާތު ހުނަރުތައް ދައްކުވައިދޭ ކަލަންޑަރެއް ނެރެފި

ތާނަ އަތުލިއުމުގެ ތަފާތު ހުނަރުތައް ދައްކުވައިދޭ ކަލަންޑަރެއް، ގައުމީ ދުވަހާ ގުޅުވައިގެން މިއަދު ބާޒާރަށް ނެރެފިއެވެ.

އެމް ސެވަން ޕްރިންޓުގެ ފަރާތުން ބާޒާރަށް ނެރުނު "ދިވެހި ކަލަންޑަރު 2021″ ގައި މުޅިން އަލަށް 12 ތާނަ ފޮންޓެއް ތައާރަފުކޮށްފައިވެއެވެ. މި ހުރިހައި ފޮންޓެއް ފަރުމާ ކޮށްފައި ވަނީ ކުރެހުމާއި ކެލިގްރަފީގެ ފަންނުގައި ވަރަށް ކުޅަދާނަ ހުނަރުވެރިއެއް ކަމަށްވާ ފަރުހާދު އިބްރާހީމެވެ. މި ކަލަންޑަރުގައި ކޮންމެ މަހަކަށް ނަސޭހަތުގެ ބަސްކޮޅެއް ލިޔެފައި އޮވެއެވެ. އެ ނަސޭހަތުގެ ބަސްކޮޅު ލިޔެފައި އޮންނަނީ ކޮންމެ މަހަކަށް ވެސް އާ ފޮންޓަކުންނެވެ.

 

"ބާރަ މަހަށް 12 ނަސޭހަތް ހިމެނޭނެ. އެއިން ކޮންމެ ނަސޭހަތެއް ލިޔެފައިވާނީ އާ ފޮންޓަކުން،" ފަރުހާދު، 41، ބުންޏެވެ. "ގާތްގަނޑަކަށް ދެ ހަފުތާގެ މަސައްކަތުން ފޮންޓުތައް ކުރަހައި ނިމުނީ. މުޅި ކަލަންޑަރު ނިންމަން ނެގީ މަހެއްހާ ދުވަސް. މި ފޮންޓުތަކުން ކޮމްޕިއުޓަރުން ލިޔެވޭނެ ގޮތް ހެދުމުގެ މަސައްކަތް އެބަކުރަން. އޭރުން ވަރަށް ބޮޑު ކުރިއެރުމެއް އެ ލިބުނީ."

މި ކަލަންޑަރުގައި ބޭނުންކޮށްފައިވާ ފޮންޓުތަކުގެ ތެރޭގައި އާޔަތްތަކާއި ބޮޑެތި ލިއުންތައް އަރަބި އަކުރުން ލިއުމުގައި އާންމުކޮށް ބޭނުންކުރާ ކަހަލަ އަސަރު އެކުލެވިގެންވާ ފޮންޓުވެސް ހިމެނެއެވެ.

"ތާނަ އަކުރާއި ޢަރަބި އަކުރުގެ ރަހަ މުޅިން ވެސް ހުންނާނީ. އިނގިރޭސި ގޮތްގަނޑު އެއްގޮތަކަށް ވެސް ނުހުންނާނެ،" ލިއުމާއި ކުރެހުމާއި ފަރުމާކުރުމުގެ ދާއިރާއިން އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު 2016 ގައި ލިބިފައިވާ ފަރުހާދު ބުންޏެވެ. ފަރުހާދުގެ ކެލިގްރަފީގެ މަސައްކަތް މާލެ އާއި އަތޮޅުތަކުގެ ވަރަށް ގިނަ މިސްކިތްތަކުގައި އެބަހުއްޓެވެ.

މީގެ ކުރިން ދެ އަހަރަކު ކަންޑަރު ފަރުމާކޮށްފައިވާ ފަރުހާދު ބުނީ، މި ފަހަރުގެ މި މަސައްކަތީ އެމް ސެވަން ޕްރިންޓާއެކު ވެފައިވާ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެއް ކަމަށެވެ.

"ކުރީގެ ކަލަންޑަރުތަކުގައި ހުންނާނީ އަރަބި ކެލިގްރަފީ. މިހާރު މިއީ މުޅިން ވެސް ތާނަ ކެލިގްރަފީ. ތިން އަހަރުގެ މި ޕްރޮޖެކްޓް ނިމޭއިރު 36 އާ ތާނަ ފޮންޓު އުފަންވާނެ،" ފަރުހާދު ބުންޏެވެ.

މި ކަލަންޑަރު ލުމަށްޓަކައި ވަރަށް ރީތި ކަރުދާސް ފޮޓެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. ފަރުހާދު އެ ފޮށި ފަރުމާކޮށްފައި ވަނީ ލިޔެލާޖެހި އެއްޗެހީގައި ހުންނަ ކުރެހުމުންނެވެ.

"މި ކަލަންޑަރުގައި ހުންނާނީ ތާނަ ފޮންޓުތަކެއް. ކުރެހުން ތަކުގައި ބޭނުންކޮށްފައި ހުންނާނީ މަހާނަ ގަލުގައި ހުންނަ ޑިޒައިނާއި ލިޔެލާޖެހުމުގައި ބޭނުންކޮށްފައި ހުންނަ ޑިޒައިން. މުޅިން ދިވެހިވަންތަ އުފެއްދުމެއް މީހަކަށް ހަދިޔާއަކަށް ދެންޏާ ފޮއްޓާ ވެސް އެއްކޮށް ދޭންވީ. ފޮށި ނުލާ ކަލަންޑަރު ވަކިން ވެސް ލިބޭނެ،" ފަރުހާދު ބުންޏެވެ.

އެމް ސެވަންގެ ފޮތް ފިހާރަތަކުން މި ކަލަންޑަރު ވިއްކަނީ 28ރ. އަށެވެ. ފޮއްޓާއެކު 35ރ. އަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
22
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *