Support Us

"އާދަމް ނަޞީރު އިބްރާހީމްގެ އަދަބީ އުފާ" ޅެންވެރިކަމުގެ ދަރިވަރުން ދަސްވެނިވެއްޖެ

މަޝްހޫރު ޅެންވެރިޔާ އާދަމް ނަޞީރު އިބްރާހީމް ކުރިޔަށްގެންދަވާ ޅެންވެރިކަމުގެ މަތީފެންވަރުގެ ހުނަތައް އުނގަންނައިދޭ ޕްރޮގްރާމުގެ އާ ބުރެއްގެ ދަސްވެނިވުން ރޭ ބާއްވައިފިއެވެ.

"އާދަމް ނަޞީރު އިބްރާހީމްގެ އަދަބީ އުފާ" މި ޝިޢާރުގެ ދަށުން އޮންލައިންކޮށް ކުރިޔަށް ގެންދިޔަ އަދަބީ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކުގެ މި ފަހަރުގެ ބުރުގައި ވެސް 25 ދަރިވަރަކު ބައިވެރިވިއެވެ. މި ޕްރޮގްރާމުތައް ކުރިޔަށް ގެންދިޔައީ ދިވެހި އަދަބިއްޔާތާއި ޅެންވެރިކަމުގެ ތެރޭގައި ނަސީރު އުނގަންނަވައިދެއްމުންދާ އަދަބިއްޔާތު ރީތިކުރުމުގެ ޢިލްމުތައް ހިމަނައިގެންނެވެ.

ފަނަރަ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ފަހަރުގެ ޕްރޮގްރާމުގެ ނިމުން ފާހަގަކުރުމަށް ރޭ ބޭއްވި އޮންލައިން ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހި ބަހުގެ އުސްތާޒު، ނިޝާން ޢިއްޒައްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޞާދިޤު (ސޯދުބެ) އެވެ. މީގެ އިތުރުން ވެސް އަދަބީ ދާއިރާގެ އިސް ބައެއް އުސްތާޒުންނާއި ދިވެހިއަދަބަށް ލޯބިކުރައްވާ އެހެން ބައެއް ދާއިރާތަކުގެ ބޭފުޅުން ވެސް ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ.

ރޭގެ ޖަލްސާގައި ސޯދުބެ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ޅެންވެރިކަމަށް ހެޔޮ ބަދަލެއް ގެނައުމަށް ޓަކައި ދަރިވަރުން ހިންމަތާއެކު ދެމިތިބުމަށް އިރުޝާދު ދެއްވައި ހިތްވަރު ދެއްވިއެވެ. މީގެ އިތުރަށް ދިވެހިރައިވަރުގެ ދުނިޔެއަށް ޅެންވެރީން ނިކުތުމަށް އެދިވަޑައިގަތެވެ. ސޯދުބެ ފާހަގަކުރެއްވި ގޮތުގައި އާދަމް ނަސީރުގެ އަދަބީ އުފަލަކީ އެކަމަށް އޮތް ރަނގަޅު މަންސައެވެ.

"އަޅުގަނޑުގަނޑަށް ދެންނެވޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތް. އަޅުގަނޑުގެ ލޮބުވެތި ދަރިވަރު އާދަމް ނަޞީރު އިބްރާހީމަކީ މިހާރު ރާއްޖޭގައި ހުންނެވި އެންމެ މޮޅު ޅެންވެރިޔާ،" އާދަމް ނަސީރުގެ އަދަބީ ޚިދުމަތްތަކުގެ ފެންވަރާ މެދު ވާހަކަފުޅު ދައްކަވަމުން ޞާދިޤު ވިދާޅުވިއެވެ.

އާދަމް ނަސީރުގެ މި ޕްރޮގްރާމަކީ ޖުމުލަ 50 ގަޑިއިރުގެ މައްޗަށް އެކުލެވޭ ޕްރޮގްރާމެކެވެ. މި ގަޑިތަކުގައި ރާއްޖޭގެ މަޝްހޫރު އެކި ޅެންވެރިން ބައިވެރީންނަށް ތަޤުރީރުކޮށްދެއްވައެވެ. މި ގޮތުން މި ފަހަރުގެ ޕްރޮގްރާމުގައި ކުޅަދާނަ ޝާޢިރު އުތީމު އާދަމް ޢަބްދުއްރަޙްމާނު ވަނީ ތަޤުރީރުކޮށްދެއްވާފައެވެ. ހަމަ އެހެންމެ ދިވެހި ފަރިއްސާއި ރައިވަރުގެ ތަޖުރިބާކާރެއް ކަމުގައިވާ ފިއްލަދޫ ޤާސިމް މުޙަންމަދު ވެސް ވަނީ ބައިވެރީންނަށް މަޢުލޫމާތު ދެއްވާފައެވެ.

ޕްރޮގްރާމުގެ ބައިވެރީންގެ ޝުޢޫރުތަކަށް ބަލާއިރު މިއީ ޅެންވެރިކަމާ ބެހޭ ގިނަ މަޢުލޫމާތުތަކެއް ލިބުނު ޕްރޮގްރާމެކެވެ. ޅެން ހެދުމަށް މަގު ފަހިކުރާ އާ ހުނަރުތަކާއި އުކުޅުތައް ދަސްވި ޕްރޮގްރާމެކެވެ. ކޮންމެ ފިލާވަޅަކާ އެކީގައި އޭގެ އަތްމަތީ ކަރުދާސް ލިބޭތީ ކޯސް ނިންމުމަށް ފަހު ވެސް މަސައްކަތައިގެން ކުރިޔަށް ދާނެ މަގުޗާޓެއް އަތްމަތީގައި އެބަ އޮތްކަން ބައިވެރިން ފާހަގަކުރިއެވެ.

ދިވެހި ބަހުން ވާހަކަ ދެއްކުމުގެ ފަތީ ފެންވަރުގެ ހުނަރުތައް ދަސްކޮށްދިނުމުގެ 15 ދުވަހުގެ ޕްރޮގްރާމެއް މި މަހު 20 ގައި ފެއްޓެވުމަށް ވެސް އާދަމް ނަސީރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މިފަދަ އިތުރު ނޫސްތަށް ނުކުންނަ ކަމީ އަދުގެ ހާލަތަށް ބަލާއިރު ވަރަށްވެސް ރަނގަޅު ކަމެއް ކަމުގައި ދެކެން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *