...

Support Us

ގައުމީ ދުވަހާއި ދިވެހި ޤައުމާއި ޤައުމިއްޔަތު

މިއަދަކީ "ޤައުމީ ދުވަސް" ކަމުގައި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުވަހެވެ. މިހާރު ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަތްދަށުގައި އޮތް 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރެއްވުމަށް ޓަކައި އައްސުލްޠާން މުޙައްމަދު ތަކުރުފާނުލްއައުޒަމް (ބޮޑުތަކުރުފާނު) ކުރެއްވި އަގުހުރި ޖިހާދުގެ ކާމިޔާބީގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ޤައުމީ ޙަޔާތުގައި ޤައުމަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ އެއީކަމަށް ދިވެހީން ދެކޭތީއެވެ. ޤައުމީ ދުވަހުގެ ވާހަކަ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ އެދުވަހުގެ މުހިއްމު ކަމުންނެވެ. އާދޭހެވެ! ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރޭގައެވެ.

ޤައުމީ ދުވަހުގެ ތާރީޚަށް ނަޒަރެއް ދޭ އިރު، ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަކުރި ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް އޭގެ ފަހުން ޤައުމީ ދުވަސް އެކި ދައުރުގައި އެކި ގޮތްގޮތަށް ރާއްޖޭގައި ފާހަގަކުރަމުން އައިސްފައިވެއެވެ. މިހެން މިދެންނެވީ "ޤައުމީ ދުވަސް" މި ނަމުގެ ބަދަލުގައި ރަބީޢުލްއައްވަލު 1 ވަނަ ދުވަހަކީ "ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީ ކަމުގެ ހަނދާން" މި ނަމުގައި ފާހަގަކުރާ ދުވަހެއް ކަމުގައި ދައުލަތުން ހަމަޖެއްސެވި ދުވަސްވަރެއް ވެސް ތާރީޚު ދެކެފައިވާތީއެވެ. ފަހުން، ޤައުމީ ދުވަސް ހަމަޖެހުނީ ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ކަމުގައެވެ. އެހެންކަމުން އެ ދުވަސް ބަދަލުވެގެން ދިޔައީ ޖުލައި 26 އަށެވެ. ހިޖުރީ ގޮތުން 1368 ވަނަ އަހަރުން ފެށިގެން 1398 ވަނަ އަހަރާ ހަމައަށް ރަބީޢުލްއައްވަލް މަހު ފުރަތަމަ ދުވަސް ފާހަގަކުރަމުން އައީ "ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްވި ދުވަހު"ގެ ގޮތުގައެވެ. މި ކަން މި ގޮތުގެ މަތީން ހަމަޖައްސަވައި އޭރުގެ ވަޒީރުލްއަޢުޒަމްގެ އޮފީހުން 21 ޖޫން 1966 ގައި ނެރުއްވި އިޢުލާނެއްގައި ވަނީ ކުރީގެ ޤައުމީ ދުވަސް (1 ރަބީޢުލްއައްވަލް) އަކީ، ރަސްމީ ބަންދު ދުވަހެއް ކަމަށާއި، އެ ދުވަހު އޮންނާނީ ދީނީ ކަންތައްތައް ކުރުން ކަމަށާއި، އެއީ، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީކަމުގެ ހަނދާނުގައި ކަމަށެވެ. އަދި ޤައުމީ ދުވަހުގެ ޖަލްސާތަކާއި، ޕްރޮގްރާމްތައް އޮންނާނީ (26 ޖުލައި) މިނިވަންދުވަހު ކަމަށާއި، އެއީ، އިނގިރޭސިންގެ އަތްދަށުން ރާއްޖެ ފުރިހަމައަށް މިނިވަންވީ ދުވަސް ކަމަށެވެ. އަދި މިހެންކަމުން މިނިވަން ޤައުމީ ދުވަހުގެ ގޮތުގައި މީލާދީން 1966 ވަނަ އަހަރުން ފެށިގެން ފާހަގަކުރެވޭނީ ޖުލައި 26 ވަނަ ދުވަހު ކަމުގައި ވެސް މި އިޢުލާނުގައި ލިޔުއްވައިފައިވެއެވެ.

މިހާ ހިސާބުން 1 ރަބީޢުލްއައްވަލް ފާހަގަކުރަމުން އައި ގޮތުގެ ޕްރޮގްރާމްތަކަށް ވެސް ބަދަލުތަކެއް ގެނެވުނެވެ. ދުވަސް ފާހަގަކުރުމުގެ ގޮތުން ހުކުރުމިސްކިތު ހަރުގޭގައި ޞަލަވާތް ކިޔެވުމާއި، ކޮންމެވެސް ބޭފުޅެއްގެ ވާހަކަފުޅު ދެއްކެވުން ބޭއްވެމުން އައިސްފައިވެއެވެ. މި ގޮތުގައި ދުވަސްތަކެއް ވޭތުވުމަށްފަހު 1978 ވަނަ އަހަރު ސަރުކާރުން އިޢުލާނުކުރެއްވީ މާޗް މަހުގެ 29 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ "މިނިވަން ޤައުމީ ދުވަސް" ކަމުގައެވެ. ސަބަބަކީ މާޗް 29 އަކީ އައްޑުއަތޮޅު ގަމުން އިނގިރޭސިން ފޭބި ދުވަސް ކަމުގައިވާތީއެވެ. ވީމާ، އެ ދުވަހަކީ ސިޔާސީ ގޮތުން ފުރިހަމަ މިނިވަން ލިބުނު ދުވަސްކަމުގައި އޭރުގެ ސަރުކާރަށް ފެނިވަޑައިގަތީއެވެ. ނަމަވެސް މި ދެންނެވި "މިނިވަން ޤައުމީ ދުވަސް" ފާހަގަ ކުރެވުނީ ހަމައެކަނި 1978 ވަނަ އަހަރުއެވެ. އެ އަހަރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ.) ގެ ވެރިކަން ނިމި، 1978 ނޮވެމްބަރު 11 ވަނަ ދުވަހު، އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ޙަވާލުވެވަޑައިގަތުމަށް ފަހު، ސަރުކާރުގެ ސިޔާސަތަށާއި ޤާނޫނުތަކަށް ގެންނެވި ބަދަލުތަކުގެ ނަތީޖާއަކަށްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލްތަކެއް ފާސްވީއިރު ދިވެހިރާއްޖޭގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ދެ ދުވަހުގެ ތެރެއިން އެއް ދުވަސް ކަމުގައި ޤައުމީ ދުވަސް ހިމެނިފައިވުމެވެ. އެ ޤާނޫނުގައި ބުނަނީ "ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް 1 ވަނަ ދުވަހެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ." އެހެން ކަމުން ދިވެހީންގެ ޤައުމީ ދުވަސް ކަމުގައި ރަބީޢުލްއައްވަލު މަހުގެ ފުރަތަމަ ދުވަސް އަނެއްކާ ވެސް ހަމަޖެހުނީއެވެ.

ހިޖުރައިން 1400 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަސް ފާހަގަކުރުމުގެ ކަންތައްތައް ބަލަހައްޓަވާ އޮފީހަކީ ދިވެހިބަހާއި ސަގާފަތަށް ޚިދުމަތްކުރާ ޤައުމީ މަޖްލިސް ކަމުގައި ދައުލަތުން ހަމަޖެއްސެވިއެވެ. މި މަޖުލީހުގެ ނަން އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލުވަމުން އައިސްފައިވެއެވެ. މި ގޮތަށް 18 ވަރަކަށް އަހަރު ވޭތުވުމަށްފަހު، 1998 ޖެނުއަރީ 1 ވަނަ ދުވަހު އަމަލުކުރާން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 9 ވަނަ މާއްދާގައި "ދިވެހިރާއްޖޭގެ ޤައުމީ ދުވަސް" ކަނޑައެޅިގެން ބަޔާންކުރައްވައި އެއީ ޤާނޫނުއަސާސީގައި ހަމައެކަނި ނަންގަނެވިގެންވާ ދުވަހަކީ އެއީ ކަމުގައި ކަނޑައެޅިއްޖެއެވެ. އެ ދުވަހަކީ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މި ނޫން މިފަދަ އެހެން އެއްވެސް ދުވަހެއްގެ ވާހަކަ ޤާނޫނު އަސާސީގައި ބަޔާންކުރެވިގެންނެއް ނުވެއެވެ.

ކޮންމެއަކަސް ޤައުމީ ދުވަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންވުމާއެކު، މި ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ވެސް ފުޅާވެ ފުރިހަމަވެގެން ދިޔައެވެ. އަދި 1998 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަސް ފާހަގަކުރުމުގެ އެންމެހައި ކަންތައްތައް ހަމަޖައްސަވާ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ކަމުގައި ސަރުކާރުން ވަނީ ހަމަޖައްސަވައިފައެވެ. އަދި އެ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ޤައުމީ ދުވަހަށް ވަކި ޚާއްޞަ ޝިޢާރެއް ކަނޑައެޅެމުން އައެވެ.

ޤައުމީ ދުވަހުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ފާހަގަކުރައްވާ ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން މި ރަސްމިއްޔާތު ކޮންމެ ދެ އަހަރުން އެއް އަހަރު، ރާއްޖޭގެ ކޮންމެވެސް ދެ ރަށެއްގައި އަދި އަނެއް އަހަރު މާލޭގައި ބާއްވާގޮތަށްވެސް ސަރުކާރުން ހަމަޖެއްސެވިއެވެ.

މިހާ ހިސާބުން ދެން، ޤައުމަކީ ކޮބައިތޯ ބަލައިލަމާތޯއެވެ! "ޤައުމު" މި ނަމަކީ ދުނިޔޭގެ ބައްރު ނުވަތަ ބިމާއި ކަނޑު ހިމެނޭ ގޮތުން މުޅި ދުނިޔެ، ޖުޣުރާފީ ގޮތުން ބެހިފައިވާ ބައިތަކަށް ވެސް ކިޔާ އާންމު ނަމެކެވެ. އަދި ކަރަކަރައާއި ވިލާތްވިލާތާއި ރާއްޖެރާއްޖޭގެ މާނައިގައި ވެސް "ޤައުމު" ބޭނުންކޮށްފައި ހުރެއެވެ. ދިވެހިރާއްޖޭގެ މާނައިގައި "ދިވެހި ޤައުމޭ" ވެސް ބުނެ އުޅެނީ މި އުޞޫލުންނެވެ. "ޤައުމު"ގެ ފުރިހަމަ މާނައަކީ ކުރީން ދެންނެވި ފަދައިން ބެހިފައި ހުންނަ ބައިތައް ސިޔާސީ ގޮތުންނާއި ސިޔާދަތީ ގޮތުން ވަކިވެ، މިނިވަންކަމާއި އެކު، އެ ސަރަހައްދެއްގެ އަމިއްލަ ވެރިކަމެއް ހިންގުމުގެ ބާރާއި އެ ތަނެއްގެ ކަންކަން އެ ތަނަކުން ހަމަޖެއްސޭނެ ގޮތްތަކަށް ފަހިވެފައިވާ، އަދި އެ ތަންތަނުގައި ވަކި ސަރުކާރެއް އުފެއްދި ވަކި އިޤްތިޞާދެއް އޮވެ، އެއް ކަހަލަ އުޞޫލުތަކެއް ބަލައިގަންނަ މީސްތަކެއް އެ ތަނެއްގައި ދިރިއުޅޭ ތަންތަނެވެ. މިއީ "ޤައުމު"ގެ ފުރިހަމަ މާނައޭ މި ދެންނެވީ "ޤައުމު" މި ލަފުޒުގެ މުޅި މަފުހޫމު، މި ތަޢުރީފުގައި ހިމެނިފައިވާތީއެވެ. ޤައުމުގެ ތަޢާރުފު، ތަފާތު ޢިބާރާތްތަކުން ތަފާތު ބޭފުޅުން ބަޔާންކޮށްފައި ހުރެއެވެ. އެ ހުރިހާ ތަޢުރީފުތަކެއްގެ މަފުހޫމު މި ދަންނަވައިލެވުނީއެވެ. އެންމެ ފުރިހަމަ މާނައެއް އެކަކަށް ވެސް އޮޅުންފިލުވައިދެވޭނެހެނެއް ހިޔެއްނުވެއެވެ. އަޅުގަނޑުގެ ޤާބިލުކަން ހުރި މިންވަރުން ދަންނަވައިލެވޭނީ މި މިންވަރަށެވެ.

ދެން އޮތީ ޤައުމިއްޔަތެވެ. އެ މީހަކު ނިސްބަތްވާ ޤައުމަކީ އެ މީހެއްގެ ޤައުމިއްޔަތެވެ. އެ މީހެއްގެ ޤައުމާމެދު އެ މީހެއްގެ ހިތުގައި އޮންނަ ފަޚުރާއި އެ އިޙުސާސަކީ ވެސް ޤައުމިއްޔަތެވެ. އަދި އެ މީހެއްގެ ކިބައިގައި ނުވަތަ އެ ތަނެއްގައި އޮންނަ ޤައުމީވަންތަ ކަމަކީ ވެސް ޤައުމިއްޔަތެވެ. "ވަންތަކަމޭ" މި ދެންނެވީ ކުރިން ދަންނަވައިލެވުނު ސިފަތައް ލިބިގެންވާ ލިބިގެންވުމަށެވެ. ވީމާ ކުރީން ދަންނަވައިލެވުނު ސިފަތަކަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިސާލަކަށް އަޅުގަނޑުމެން ޤަބޫލުކުރާ ޢަޤީދާ (މާތްވެގެންވާ އިސްލާމް ދީން) އާއި އަޅުގަނޑުމެންގެ މާދަރީ ބަސްކަމުގައިވާ ދިވެހިބަހާއި ސަގާފަތާއި އާދަކާދަތައް ހިމެނެނީ އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ އުޞޫލުތަކަށެވެ. އަޅުގަނޑުމެންގެ ޤައުމުގެ އަމިއްލަވަންތަކަމާއި މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލާއި މި ހުރިހާ ކަމެއް ހިމެނޭނީ ޤައުމިއްޔަތުގެ ތެރޭގައެވެ. މިއަދުގެ ދުނިޔޭގައި، އިސްލާމް ދީނާ ޚިލާފުނުވާ ގޮތުގެ މަތީން ބަލައިގަނެވޭ ދީމުޤްރާޠީ އުޞޫލުތަކާއި އިންސާނީ ޙައްޤުތައް ވެސް ހިމެނޭނީ ޤައުމިއްޔަތުގެ ތެރޭގައެވެ. އެހެންކަމުން ޤައުމާ ބެހޭ އެންމެހާ ޝަރަފެއް، އެންމެހާ ޢުންޞުރުތަކެއް ޤައުމިއްޔަތުގެ ތެރޭގައި ހިމެނޭނެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ހަމައެކަނި ދުވަސް ކަމުގައި ވާ ޤައުމީ ދުވަސް ވެސް މި އަހަރު މި ވަނީ (ކޮވިޑުގެ "ނުލަފާކަމުން") ފާހަގަ ނުކުރައްވާ ގޮތަށް ނިންމަވައިފައެވެ. ގައުމީ ދުވަހެއް، ގައުމުގެ ދުވަހެއް، އޮންނާނީ ގައުމެއް އޮވެގެންނެވެ! ގައުމުގެ ސިޔާދަތާއި މިނިވަންކަން އޮވެގެންނެވެ. ގައުމަކީ އަމިއްލަ އިޚްތިޔާރަކާއި ބާރެއް އޮތް ގައުމަކަށް ވެގެންނެވެ. ގައުމުގެ މީހުނަންކީ އެމީހުންގެ ކަންކަން އެ މީހުންނަށް ކަނޑައަޅައި ނިންމުމުގެ ކުޅަދާނަކަމާއި އެކަށޭނަކަމާއި ބާރާއި އިޚުތިޔާރު ލިބިގެންވާ ބަޔަކަށް ވެގެންނެވެ. މިފަދަ ކަންކަން ލިބިފައި ނެތް ބަޔަކަށް ގައުމީ ދުވަހެއް ފާހަގަ ކުރާކަށް ނުޖެހޭނެތާއެވެ. ނުވެސް ކުރެވޭނެތާއެވެ.

ޤައުމިއްޔަތާމެދު މިއަދު މިވަނީ ސުވާލު އުފެދިފައެވެ. ދިވެހި ޤައުމިއްޔަތުގެ ބިންގާކަމަށްވާ މާތްވެގެންވާ އިސްލާމްދީނަށް ތަޙައްދީކޮށް ފުރައްސާރަކުރާ މީހުން މި ލޮބުވެތި ފަސްގަނޑުން ފާޅުވެ، އިސްއުފުލައިގެން އުޅޭކަމީ "ލަދުވެތި ނަމަވެސް" ހަގީގަތެވެ. އަދި މިފަދަ މީހުންގެ ޙިމާޔަތުގައި ދިވެހީންގެ ތެރެއިން ކޮންމެވެސް "ބަޔަކު" ތެދުވެ ބަސްބުނާކަމީ ދެބަސްވެވެން ނެތް ހަގީގަތެވެ. ދީނުގެ ޙިމާޔަތުގައި ބަސްބުނާ މީހުންނަކީ ނިރުބަވެރީންކަމުގައި ބަލައި، އަދަބުދެވި އިސްލާމް ދީނަށް ފުރައްސާރަކޮށް ޤުރުއާނަށް އިންކާރުކުރާ މީހުންނަކީ "ނަފްސާނީ ބަލި މީހުން" ކަމަށް ހަދައި ނުވަތަ އެއީ ޚިޔާޅުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުކަމަށް ބަލައި، އެމީހުންނަށް ހޭހަންކުރާ "ބަޔަކު" އުޅޭކަމީ އަދި މިޔަށްވުރެ ބޮޑު ހަގީގަތެކެވެ. މި ފަޚުރުވެރި ޤައުމީ ދުވަހު އަޅުގަނޑުމެން "ދިވެހީން" އަމިއްލަ ފަސްގަނޑުގައި ތިބޭން މި ޖެހެނީ ލަދާއި ހިތާމައިން އިސްޖަހައިލައިގެންނެވެ. އަމިއްލަވަންތަކަމެއް، އިސްތިޤުލާލެއް ސިޔާދަތީ ބާރެއް ދިވެހީންނަށް ނެތްކަމުގެ ހިތްދަތި އިޙުސާސްތަކާއެކީގައެވެ.

އަނެއްކޮޅުން ދިވެހި ޤައުމިއްޔަތާއި މިނިވަންކަމުގެ ރަމްޒު ކަމުގައިވާ ދިވެހި ދިދައާ ބެހޭ ގަވާއިދާއި އުޞޫލު ވަނީ އުވައިލެވިފައެވެ. އެ ގަވާއިދުގައި އެއްވެސް ރަށެއްގައި ގައުމީ ދިދައަށްވުރެ އެހެން އެއްވެސް ދިދައެއް އުހަށް ނުނެގޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ގައުމީ ދިދައަށް އިޙުތިރާމްކުރުމުގެ ގޮތުން ޢަމަލުކުރާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހިމަނުއްވައިފައިވެއެވެ. އެހެންނަމަވެސް މި ގަވާއިދު އުވައިލެއްވުމާއެކު މިހާރު ކޮންމެހެން ޤައުމީ ދިދައަށް އިސްކަމެއް ދޭކަށް ލާޒިމެއް ނުކުރެއެވެ.

ޤައުމުގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ޤައުމީ ތަރައްޤީގެ ތަޞައްވުރެއް ގެންގުޅުއްވީ މަދު އިސްވާރުންކޮޅެކެވެ. ޒަމާންވީ ރަސްކަމެއް ޖުމްހޫރިއްތަތަކަށް ބަދަލުކޮށްލެއްވީ މި ނިޔަތުގައެވެ. ދެވަނަ ޖުމުހޫރިއްޔަތު ތަޢާރަފުކޮށް ވޯރާވިޔަފަރިވެރީން ރާއްޖެއިން ފޮނުވައިލެއްވީ މި އުއްމީދުގައެވެ. އައިހަވަންއާއި ފ. މަޝްރޫޢުގެ ތަޞައްވުރު ގެންގުޅުއްވީ މި ނިޔަތުގައެވެ. އެހެން ބޭފުޅުން ބޭނުންފުޅުވީ ރައްޔިތުންނަށް، ޤައުމަށް ޚިދުމަތްކުރެއްވުމަށްވުރެ ބޮޑަށް އަމިއްލަ މަންފާ ލިބިގަންނާށެވެ. ޖާހާއި ޝާނާއި ޝައުކަތާއި ޢިއްޒަތް ހޯއްދަވާށެވެ. އެހެންކަމުން "ދީނަށްޓަކައި"، ޤައުމަށްޓަކައި" ވިދާޅުވެ އޭރު ގޮވި ފަތިވަރުގެ ހަގީގީ މާނައަކީ "ނަފުސަށް ޓަކައި" ޖީބަށްޓަކައި" ގޮވި ގޮވެލިފައްޗެއްކަން އެ ބޭފުޅުން އެ ގެންދަވަނީ ޢަމަލުފުޅުން ދައްކަވައި ސާބިތުކުރައްވަމުންނެވެ. ރައްޔިތުންނަށް ވިސްނައިދެއްވާން އެ ބޭފުޅުން ބޭނުންފުޅުވަނީ ދިވެހީންނަށް ޙައްޤު މިންވަރަކީ ނިކަމެތިކަމާއި އަޅުވެތިކަންކަމެވެ. ތަޞައްވުރީ އިސްވާރަކު މި ޤައުމުގައި މިނިވަންކަމާއެކު ވެރިކަން ކޮށްފާނެތީ މަވެތި އިސްވާރުން ކަންބޮޑުވަނީ އެހެންވެގެންނެވެ. ނަމަވެސް މި ރާއްޖެއަކީ ކައިރި ބިޔަ ބޮޑެތި ކަރަކަރައަށް ބަރޯސާ ނުވެ، އަމިއްލަ ފުދުންތެރިކަމާއެކު ތަރައްޤީ ވެވޭނެ ޤައުމެކެވެ. ތަޞައްވުރީ އިސްވާރަކު ޤައުމު ހިންގަވާން ހުންނެވުމުން ނުކުންނަ ހެޔޮ ނަތީޖާ ސިންގަޕޫރުން އެހެރީ ފެންނާށެވެ. ޖުޣުރާފީ ގޮތުން ސިންގަޕޫރު އޮތް ތަނަށް ވުރެ، ދިވެހިރާއްޖެ އޮތް ނުކުތާ އިސްތިރާޖީ ގޮތުން މާ މުހިއްމެވެ. އަދި ރާއްޖެއިން ވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ތަރައްގީވެވޭނެކަމުގެ ހަގީގަތް ދާދި ކައިރި މާޒީއެއްގައި ވަނީ ފެނިފައެވެ.

ރާއްޖެ އޮތް ތަނުގެ ގޮތުން ސިންގަޕޫރަށްވުރެ، އަރަބި އިމާރާތަށްވުރެ ބޮޑަށް މި ޤައުމަށް ތަރައްޤީވެވޭނެކަން ދެނެވަޑައިގެން މަސައްކަތްކުރެއްވި އިސްވާރުންގެ ވެރިކަން ވައްޓައިލުމަށް ރާއްޖެއާ ޢަދާވާތްތެރި ރާއްޖޭގެ ކުރިއެރުމަށް ޙަސަދަވެރިވާ ކަރަކަރައިގެ އެހީ ހޯދަނީ އެހެންވެގެންނެވެ. ނަމަވެސް މި ގޮތަށް ބޭރުގެ ޢަދާވާތްތެރީންގެ އެހީގައި ވެރިކަން ހޯދާން މަސައްކަތްކުރި ޚިޔާނަތްތެރި، ޣަދަރުވެރި ބާޣީންނާއި ވެރިކަން ހޯދި މީހުންނަށް އާޚިރުގައި ލިބިފައިވަނީ ނާކާމިޔާބީއެވެ. ނަމަވެސް އެ ޙާލަތަށް ދާއިރު މުޅި ޤައުމު އޮންނާނީ ސަތޭކައަހަރު ފަހަތުގައެވެ. ނުވަވަނަ ޙަސަން ރަސްގެފާނާއި ޙަސަން ތާޖުއްދީނުގެ ދެ ބޭފުޅުންގެ ޣަދަރުވެރިކަމާއި، އެންމެ ކުރީއްސުރެ، މިއަދާ ހަމައަށް ޤައުމަށް ޚިޔާނާތްތެރިވި ހުރިހާ ޚާއިނުންގެ މަސައްކަތަށް ވިސްނުންހުއްޓެވެ. މައްސަލައަކީ އަޅުގަނޑުމެން އިއްޔެގެ ތަޖުރިބާއިން ޢިބްރަތް ލިބިނުގަންނަ ކަމެވެ. ފަތުރުވެރިކަމާއި އެ ނޫންވެސް ޤައުމީ އިޤުތިޞާދު ހަލާކުކޮށްލާން ފާޅުގައި މަސައްކަތްކުރި މީހުންނާއި ބޭރު ތަންތާނގައި، ހަމަ ގަސްތުގައި ދިވެހިރާއްޖޭގެ އަގުވައްޓައިލައި ރާއްޖޭގެ އިސްތިޤުލާލަށް ނުރައްކާ ކުރުމުގެ ނިޔަތުގައި "އަލްޤައިދާ"އާއި "އައިއެސްއެސް" ފަދަ ނިރުބަވެރި ޖަމާޢަތްތަކާ ގުޅުވައިގެން ވާހަކަދައްކާ ޤައުމާ މެދު އެއްވެސް ކުލުނެއް އަގަލެއް ރަޙުމެއް ލޯތްބެއް ނެތް މީހުން  އެކި މަޤާމުތަކަށް ހޮވާން ވޯޓު ދިން މީހުންގެ ހިތުގައި ޤައުމާމެދު ހަމަ ޒައްރެއްގެ މިންވަރުގެ ކުލުނެއް ވެސް ނެތީބާވައޭ ހިތަށް އަރައެވެ. ހަގީގަތުގައި އެ ފަދަ ވާހަކަތައް އެ ދައްކަނީ އެ ވާހަކަތަކުގެ ސިރިއަސްކަން އެނގި ތިބެ ގަސްތުގައެވެ. ރާއްޖޭގެ ދުޝްމަނު ބަޔެއްގެ ރިޝްވަތު ހިފައިގެން ރާއްޖޭގެ ކުރިއެރުވުން ހުއްޓުވާން ކުރެވުނުހާ ކަމެއް ކުރާ ނަމަ، އެއީ ހަސަން ރަސްގެފާނަށްވުރެ މާ ނުލަފާ ޚާއިނުންނެވެ.

ސަޢޫދީ ޢަރަބިއްޔާއިން ފ. އަތޮޅުގައި ހިންގާން އުޅުނު ބިޔަ މަޝްރޫޢާއި "އައިހަވަން"ގެ ބިޔަ މަޝްރޫ ހުއްޓުވީ، އިޤުތިޞާދީ ގޮތުން މުޅި މި ސަރަހައްދުގެ އެންމެ ނުފޫޒު ގަދަ ޤައުމަށް ދިވެހިރާއްޖެ ވެދާނެތީއެވެ. ޢަދާވާތްތެރީންގެ ނުފޫޒުގައެވެ. އާންމު ރައްޔިތުންގެ ތެރެއިން ބައެއް މީހުންނަށް ނޭނގުނަސް މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޢުލާލަށް ވެސް ނުރައްކަލެއްނެތް، އިޤުތިޞާދީ ގޮތުން ސިންގަޕޫރު ފެންވަރަށް ރާއްޖެ ކުރިއަރައިގެން ދާނޭ ދެ މަޝްރޫޢުކަން އިސްވާރުންނަށް އެނގެއެވެ. ނަމަވެސް އެ މަޝްރޫޢު "ހުއްޓުވީ"، އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތި ކަމުގައި، "ނަފުސަށްޓަކައި"، "ޖީބަށްޓަކައި" މަސައްކަތްކުރާ މީހުން ރައްޔިތުން ލައްވައި ސަޢޫދީ ރަސްގެފާނަށް ކުޑައިމީސްވާ ގޮތަށް، އެތައް ވާހަކައެއް ދައްކައި، އެ ރަދުންގެ އަބުރުފުޅާބެހި ހަދައިގެންނެވެ. ފ. އަތޮޅު ވިއްކައިލަނީ ކަމަށް ރައްޔިތުންނަށް ވިސްނައިދީ ހަދައިގެންނެވެ. ޙަސަން ރަސްގެފާނު ފަދަ ޣައްދާރުން، ވެރިކަން ބޭނުންވަނީ ޤައުމު ހަލާކުކޮށްލައި އިނދަޖައްސައިލައިގެންނެވެ. ސިންގަޕޫރު ފަދަ ޔޫއޭއީ ފަދަ ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދޭނެ ކަމެއް މި މީހުންގެ ކޮށި ވިސްނުމަކަށް ނާދެއެވެ. މިއީ ރާއްޖެއާ ޢަދާވާތްތެރި ބާރުތަކުގެ ބައިވެރީންނެވެ. ނަމަވެސް މިއީ އެހެން މައުޟޫޢެކެވެ. މި މަޢުޟޫޢަށް އެހެން ފުރުޞަތެއްގައި އިންސާފުކުރެވޭތޯ މަސައްކަތްކުރާނަމެވެ.

ކޮންމެއަކަސް މިއަހަރު އަޅުގަނޑުމެންގެ ކަލަންޑަރުން ޤައުމީ ދުވަސް އައިސް ދިވެހީންނާ ބައްދަލުކުރީ އުފާވެރި މާޙައުލެއްގައެއް ނޫނެވެ. މިއަދު ދިވެހި ޤައުމިއްޔަތަށް މިވަނީ ނުރައްކާތެރި ޙަމަލާތަކެއް އަމާޒުވެފައެވެ. ޤައުމިއްޔަތުގެ ބިންގަލަށް ވަނީ ނުރައްކާވެފައެވެ. އިސްލާމް ދީނަށް ތައުހީނުކުރާ މީހުންނަށް ވަނީ ޙިމާޔަތާއި ޢިނާޔަތް ދެވިފައެވެ. ދީނަށް ފުރައްސާރަކުރުން ޢާއްމުވެފައި ވީ ނަމަވެސް އެ ފަދަ ކަމަކާ، ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން އަޅައިލާ ތަނެއް ނުފެނެއެވެ. ޤައުމުވަނީ ޞިއްޙީ ގޮތުންނާއި އިޤުތިޞާދީ ގޮތުން އިނދަޖެހިފައެވެ. ޤައުމީ ސަލާމަތަށް ވަނީ ނުރައްކާވެފައެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު، ޤައުމުގެ އަމިއްލަ ވަންތަކަމާއި ސިޔާދަތީ ބާރުވަނީ ބޭރު ބަޔެއްގެ ކޮންޓުރޯލުގެ ދަށުގައެވެ. މިއަދު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ ޢަސްކަރީ އުޅަނދުތަކަކީ ބޭރު ބަޔަކު މުނިފޫހިފިލުވާން ބޭނުންކުރާ އެއްޗަކަށް ވަނީ ވެފައެވެ. ރާއްޖޭގެ ބިމާއި ޖައްވާއި ވަޔާއި ކަނޑާއި ކަނޑުއަޑިއަށް ދާންދެން ބޭރުގެ ޢަސްކަރީ ބާރަކުން "ކުޅޭން" ވަނީ ދޫކޮށްލެވިފައެވެ. ޚާރިޖީ މިނިވަންކަން ވަނީ އެހެން ޤައުމެއްގެ ބާރުގެ ދަށުގައެވެ. ޤައުމުގެ ހުރިހާ ކަމެއް ހަމައެކަނި އެއް ޤައުމަކަށް ބަރޯސާ ވެފައި އޮތުމުގެ ސަބަބުން އަވަށްޓެރި އެހެން ޤައުމުތަކާއި ދުނިޔެއާ ވަނީ ފެއަށް ޖެހެވިފައެވެ. ޚާރިޖީ ކަންކަމުގެ އިތުރަށް ދާޚިލީ ކަންކަން ވެސް ހިންގާ ތަން ފެންނަނީ، އަދި ޤައުމުގައި ހިންގާންޖެހޭ މަޝްރޫޢުތައް ވެސް އެނގެނީ ބޭރު ޤައުމެއްގެ ބަޔަކަށެވެ. އެ ބަޔަކު ސޫދުގެ ބޮޑު ޢަދަދެއް ހިމަނައިގެން ދަރަންޏަށް ބޮލުގައި އަޅުވާ ފައިސާއިން އެ މީހުން ބޭނުންވާ ކުރިކެޓް ދަނޑެއް ރާއްޖޭގައި އެޅުމުގެ ބޭނުމެއް ނެތަސް އެކަން ކުރާން ސަރުކާރަށް ވަނީ "މަޖުބޫރު"ވެފައެވެ. ރާއްޖޭގެ ވައިގެ ބަދަރުތައް އެ މީހުން ކަނޑައެޅި ޢަދަދެއްގެ ދަރަނީގެ ފައިސާއިން "ތަރައްޤީކޮށް" އެ މީހުންނަށް ދިގު މުއްދަތަކަށް ހަދިޔާކުރުމަކީ ޤައުމަށް ގެއްލުން ދިނުން ފިޔަވައި ކޮން ކަމެއް ތޯއެވެ! ރާއްޖޭގައި ތަރައްގީކުރާ ކަމަށް ބުނާ ވިޔަފާރި ބަނދަރުތައް ތަރައްޤީ ކުރާން، "އެބައިމީހުން" ކަނޑައަޅާ ބިޔަ ޢަދަދެއްގެ ދަރަނި ފައިސާއިން "ތަރައްޤީކޮށް"، ދިވެހީންނަށް ފައިދާ ނުވާ ގޮތަށް "އެވެރީންނަށް" ދިގު މުއްދަތަކަށްދީ، އެ ދަރަނި ދިވެހީންގެ ބޮލުގައި އެޅުވުމަކީ ދިވެހި ރައްޔިތުންނަށް ޙައްޤު މިންވަރުތޯއެވެ! މިއީ ރާއްޖޭގެ މައި އެއަރުޕޯޓު ކުރީން ބޭރު ކަރައެއްގެ ކުންފުންޏަކަށް ދޫކޮށްލުން ފަދަ "ނަލަ" ވުނައެއް ނޫންތޯއެވެ!

މި ކަންކަމާމެދު ފުންކޮށް ވިސްނައިލުމުން ލޮލުން ފައިބާ ކަރުނައާއި ހިތުގައި އުފެދޭ ޖަޒުބާތުން ކޮންމެވެސް މިންވަރެއް ޢިބާރާތެއްގެ ސިފައިގައި ހުށަހަޅައިލާން ޒަމީރު މަޖުބޫރުކުރީއެވެ. ހިތުގެ ޖަޒުބާތުތަކަށް ކޮންމެ ވެސް މިންވަރެއްގެ ލުޔެއް ލިބުމުގެ އުއްމީދުގައެވެ. މި ކަންކަމާމެދު ފުންކޮށް ވިސްނައި، އަޅުގަނޑުމެންގެ ޤައުމިއްޔަތު ޙިމާޔަތްކުރުމުގެ ޢަޒުމު އާކުރުމަކީ ވެރީންނާއި ރައްޔިތުންގެ މައްޗަށް، އަޅުގަނޑުމެން އެންމެންގެ މައްޗަށް، އޮތް ޤައުމީ ވާޖިބެހެވެ. ޤައުމީ ޝަރަފު ކަމުގައިވާ އިސްލާމްދީން ޙިމާޔަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެކެވެ. ޤައުމިއްޔަތުގެ އެއް ބަހާ ކަމުގައިވާ ދިވެހިބަހާއި ދިވެހީންގެ ރީތި ސަގާފަތް ދިރުވައި އާލާކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. އަދި ދިވެހި ޤައުމިއްޔަތާއި މިނިވަންކަމާއި ސިޔާދަތުގެ ރަމްޒުކަމަށްވާ ދިދައިގެ ޙުރުމަތް ދެމެހެއްޓުމަކީ އަޅުގަނޑުމެންނަށް ލާޒިމުކަމެކެވެ. މާޒީގެ ތަޖުރިބާއިން ޢިބްރަތް ޙާޞިލްކޮށް، އެ ފަދަ ޚާއިނުންނާއި ޣައްދާރުންނަށް ނޫނެކޭ ބުނާން ދަސްކުރާން އެބަޖެހެއެވެ. "އަހުރެންގެ މޭ ޤައުމަށްޓަކައި އަށްޑަނައަކަށް ދިއްކޮށްލުމީ، ފަހު ނޭވައަށް ދަންދެން މޮޓޯކަމުގައި" ހެދުމުގެ ޢަޒުމު އާކުރާން މިއަދަކީ އެންމެ އެކަށީގެންވާ ދުވަހެވެ. މި ލޮބުވެތި ދިވެހި ޤައުމު ޤިޔާމަތާ ހަމައަށް އިސްލާމީ ހިދާޔަތުގައި ލެހެއްޓެވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.