ކޮރޯނާވައިރަހާ ހެދި މި ދުވަސްވަރު ގައިދުރުކުރުން މަޖުބޫރެވެ. ޖިސްމާނީ ގޮތުން އަހަރެމެން ދުރު ދުރުގައި ތިބި ނަމަވެސް، ޓެކްނޮލޮޖީ އަކީ ދުރު ގާތްކޮށްދޭ ވަސީލަތެއް ކަމަށް ބުނާ ބުނުން މި އޮތީ ސާބިތުވެފަ އެވެ.
ކޮވިޑް-19އާ ހެދި ގެއިން ނުނިކުމެވިފައި ތިބެން ޖެހުމުން، އިޖުތިމާއީ މައިދާނަށް ނިކުތުމަށް ވަސީލަތެއް ގޮތުގައި ގިނަ ބަޔަކު ބޭނުންކުރީ ސްމާޓް ޑިވައިސްތަކެވެ. މި އަހަރުގެ ތިންވަނަ ކުއާޓަރު – ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރުގައި، މޮބައިލް އެޕްލިކޭޝަންތައް ބޭނުންކުރެވިފައި ހުރި ގޮތް – އެޕް އެނީން ކިޔައިދިންއިރު، ފެންނަނީ ގުޅުން ދެމެހެއްޓުމަށް ކޮށްފައި ހުރި ބޮޑު ހޭދަ އެވެ. ( އެޕް އެނީ އަކީ ކުންފުންޏެކެވެ. މަސައްކަތަކީ މައުލޫމާތު އެއްކުރުމެވެ. އެޕް އެނީން މައުލޫމާތު އެއްކުރަނީ، މީހުން ބޭނުންކުރަން އެދޭ ޒާތްޒާތުގެ މޮބައިލް އެޕްލިކޭޝަންތައް ހިލޭ ބަހައި، ފޯރުކޮށްދީގެންނެވެ.)
މި މުއްދަތުގައި އެންމެ ގިނައިން ބޭނުންކޮށްފައި ހުރި އެޕްލިކޭޝަންތައް ނިސްބަތް ވަނީ ފޭސްބުކަށެވެ. އެއީ ފޭސްބުކް، މެސެންޖާ، ވަޓްސްއެޕް އަދި އިންސްޓަގްރާމް އެވެ. މި ހަތަރު އެޕްލިކޭޝަން ވެސް ހިންގައި ބަލަހައްޓަނީ ފޭސްބުކުންނެވެ. ދެން އެންމެ ގިނައިން ބޭނުކުރި ކަމަށް ދައްކަނީ ނެޓްފްލިކްސް، އެމެޒޯން، ޓްވީޓާ، ޓިކްޓޮކް އަދި ސްޕޮޓިފައި އެވެ.
މޮބައިލް އެޕްލިކޭޝަންތައް ބޭނުންކުރުމުގައި މީހުން ހޭދަކޮށްފައި ހުރި ވަގުތު، 180 ބިލިއަން ގަޑި ފަހަނައަޅަ އެވެ. މޮބައިލް އެޕްލިކޭޝަން ގަތުމަށާއި، އެޕްލިކޭޝަން ތެރެއިން ފީޗާތައް ގަތުމަށް 28 ބިލިއަން ޑޮލަރު ހޭދަކޮށްފައި ވާ ކަމަށް އެޕް އެނީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެޕް އެނީގެ ޗާޓްތަކަށް ބަލާއިރު އެންމެ ގިނައިން ބޭނުންކޮށްފައި ހުރީ ގޭމްތަކެވެ. ދެ ވަނަ އަށް ތައުލީމީ އެޕްލިކޭޝަންތަކެވެ. ވިޔަފާރިއާ ގުޅުން ހުރި އެޕްލިކޭޝަންތައް ދަރަޖަކޮށްފައި އޮތީ ތިންވަނާގަ އެވެ.