Support Us

ބަންގީގެ އަޑުން އުނދަގޫވާނީ ކޮން ބަޔަކަށް؟

އަޅުގަނޑު ދެކެ ފަރިތަ މީހަކު، އޭނާގެ ރައްޓެއްސެއްގެ ގާތު، އެއް ދުވަހަކު ދެއްކި ވާހަކައެއްގައި ބުންޏެވެ. ފަތިސްނަމާދު ވަގުތުގައި އެގޭ ކައިރީގައި ހުންނަ މިސްކިތުން ބަންގި ގޮވާ އިރު ތާޅަފިލި ހުންނަނީ ތިމަންނަގެޔާ ސީދާ ދިމާއަށެވެ. އެހެންވެ ފަތިހު ނިދައިލެވޭކަށް ވެސް ނޯވެއެވެ. ގޭގައި ތިބި ކުޑަކުދީންނަށް ސިއްސައިގެން ގޮސް ހޭލެވެނީއެވެ. ހަތަރެސްފައި ދަނީ ކޮއްޅަށް ނެގިގެންނެވެ. ބަންގި ކަމަށް ވިޔަސް މިއީ ޢާންމު އުނދަގުލެކޭ ނުބުނެވޭނެ ހެއްޔެވެ؟

މާލޭގައި އަލުން ބިނާކޮށްފައިވާ ކަޅުވަކަރު މިސްކިތް – ފޮޓޯ: އަހުމަދު އާމިރު/ އެފް.ބީ

އޭނާ މި ވާހަކަ އަމާޒުކުރީ ސީދާ އަޅުގަނޑަށް ކަމަށް ނުވާތީއާއި އަދި އޭނާގެ މިޒާޖާއި ޚަޞީލަތް ނޭނގޭތީ އަޅުގަނޑު އެއްޗެކޭ ނުބުނަމެވެ. އެ ބުނި ބުނުމާމެދު އަޅުގަނޑަށް މާ ފުންކޮށް ވިސްނައިލެވުމުން އެ ޚިޔާލުގައި ހުރެ އެތަނުން ދުރަށް ދިޔައީއެވެ.

އަޅުގަނޑު ހިތަށް އެރިއެވެ. އަޅުގަނޑު ކަންބޮޑުވަނީ މިސްކިތުން ފަތިހު ގޮވާ ބަންގީގެ އަޑު މަޑުކަމުންނެވެ. އަޅުގަނޑު ބޭނުންވަނީ ފަތިސް ނަމާދުގެ ވަގުތަށް ހޭލާށެވެ. ބަނަގީގެ އަޑު ބާރަށް އިވޭށެވެ. ކުދީން ހޭލައްވާށެވެ. ނަމަވެސް އޭނާ، އެ ކަން ބޮޑުވީ ފަތިސް ނަމާދު ވަގުތަށް އޭނާއާއި އޭނާގެ ދަރިފުޅަށް  ހޭލެވޭތީއެވެ. ހޭލެވިދާނެތީއެވެ. މިކަމާ އަޅުގަނޑަށް މާ ބޮޑަށް ވިސްނައިލާންޖެހުނީ އެހެންވެގެންނެވެ.

އުތީމު ބަންޑާރައިންގެ މިސްކިތް، ހއ. އުތީމު. -ފޮޓޯ: ޝުއާ މުހައްމަދު/ އެފް.ބީ

އަޅުގަނޑުމެންގެ މި ދިވެހި ޤައުމަކީ ﷲ އިންސާނަކަށް ދެއްވާނެ އެންމެ މަތިވެރި ނިޢުމަތްކަމުގައިވާ އިސްލާމް ދީނުގެ ހިދާޔަތުގައި، ޤައުމުގެ ރައްޔިތުން ދެމި ތިބޭތާ އަށްސަތޭކަ އެތައް އަހަރެއް ވެފައިވާ ޤައުމެކެވެ. އަޅުގަނޑުމެން ވިހައި ބޮޑުވެ ދިރިއުޅެމުން މި އަންނަނީ އިސްލާމީ މުޖުތަމަޢެއްގައެވެ. އަޅުގަނޑުގަނޑުމެން ދުނިޔެއަށް އައުމާއެކު އަޅުގަނޑުމެންގެ ކަންފަތްދޮށުގައި ފުރަތަމައަށް އިއްވައިލެވުނު އަޑަކީ ބަންގީގެ މަތިވެރި ކަލިމަތަކެވެ. އެ ހިސާބުން އަޅުގަނޑުމެންގެ ދަރީން ބައްޓަންކުރާން ލާޒިމުވަނީ އެ ކުދީންނަށް ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު ލިބޭނޭ މަގުންނެވެ. ބަންގީގައި އެ ކިޔަނީ އެހެންނޫންތޯއެވެ! ބަންގީގެ ފުރަތަމަ ތަކުރާރުކޮށްލެވޭ ކަލިމައިގައި ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަށަކުޅަދުންވަންތަކަމާއި ގަދަކީރިތި ވަންތަކަމާއި މަތިވެރިކަމުގެ ވާހަކައެވެ. އެއާ ވިދިގެން އަންނަނީ ﷲ ފިޔަވައި އަޅުކަންކުރުން ޙައްޤުވެގެންވާ އެހެން އެއްވެސް ކަލަކު ނުވާކަމަށް ހެކިވާ ހެކިވުމެވެ. ދެން ހެކިވެވެނީ މުޙައްމަދު ﷺ އަކީ މާތް ﷲގެ ރަސޫލާކަމަށެވެ. މި ކަލިމަތަކަށްފަހު, ދެން ގޮވައިލެވެނީ ނަމާދުކުރަން އަވަހަށް އައުމަށެވެ. ނުވަތަ ނަމާދުކުރާން އަވަސްވުމަށެވެ އެއީ ކީއްވެގެންކަން ހަނދާންކޮށްދިނުމަށް ޓަކައި ދެން ގޮވައިލެވެނީ ފަލާޙާއި ކާމިޔާބީ ހޯދުމަށްޓަކައި އަވަހަށް އަންނާށޭއެވެ. ފަތިސްނަމާދުގެ ބަންގީގައި އެހެން ނަމާދުތަކާ ޚިލާފަށް ވަރަށް މުހިއްމު އެހެން ކަމެއް މި ހިސާބުން ހަނދާންކޮށްދެވެއެވެ. ނިދުމަށް ވުރެ، ނަމާދު ކުރުން މާ ހެޔޮކަން ބޮޑުވެގެންވާ ކަމުގެ މެސެޖެވެ. އެންމެ ފަހުން، ބަންގި ނިންމައިލަމުން ﷲގެ ކަށަކުޅަދުންވަންތަކަމާއި ގަދަކީރިތިވަންތަން ހަނދާންކޮށްދީ ﷲ ނޫން ކަލަކު ނުވާކަމަށް ހަނދާންކޮށްދެވެއެވެ.

ހުޅުމާލޭގެ މިސްކިތެއް -ފޮޓޯ: ޝުއާ މުހައްމަދު/ އެފް.ބީ

އަޅުގަނޑު ހިތަށް އެރިއެވެ. އިންސާނާއަށް ފަލާޙާއި ކާމިޔާބު ލިބުމުގެ މަގުގެ އަސާސަކީ ނަމާދުކަން ބަންގީން ދޭހަވާއިރު، އެ ފަދަ މަތިވެރި ދަޢުވަތަކީ ތުއްތު ކުއްޖާއަށްވާ އުނދަގުލެއްކަމަށް ދުށުމަކީ ކޮންފަދަ ކަމެއްބާވައެވެ! ކުއްޖާ ދުނިޔެއަށް އައުމާއެކު ކަންފަތްދޮށުގައި އިއްވައިލެވޭ ކަލިމަތައް އެއީ އެ ކުއްޖެއްގެ މުޅި ޙަޔާތާ ގުޅުވައިލާންޖެހޭ ކަލިމަތަކެއް ކަމުގައި ޅަފަތުއްސުރެ ހަދާން، މައިން ބަފައިން ނުވިސްނަނީ ކީއްވެބާވައެވެ! ބަންދު ދުވަހެކޭ ކިޔައި ދަރިފުޅަށް ނުގޮވައި، ނަމާދުތައް ފާއިތުވެގެންދާއިރު، އެ ދަރިފުޅު ނިދާން ބޭއްވުމަކީ ދަރިފުޅު ދެކެ ލޯބިން ކުރާ ކަމެކޭ ބުނެވޭނެބާވައެވެ!

ދަރީން ތަރުބިއްޔަތުކޮށް ބައްޓަންކުރާންޖެހޭނީ ޅަފަތުގައި ނޫންތޯއެވެ! ގަހެއް ވެސް ވަކި ބައްޓަމަކަށް ހައްދާން އަޅުގަނޑުމެން ބޭނުންނަމަ، ގަހުގެ ޅަފަތުގައި އެ ބައްޓަމަކަށް ހާނުވައި ބޭނުންވާ ބައްޓަކަމަށް ހަރުވަންދެން ބަހައްޓަނީ ނޫންތޯއެވެ. ގަސް ބޮޑުވެ ހަރުވީމާ ދެން އެ ގަސް ލަންބައިލާން އުޅެފި ނަމަ، ދާނީ ބިންދައިގެން ނޫންތޯއެވެ؟ ދަރީން ތަރުބިއްޔަތު ކުރުމުގެ މިސާލަކީ ވެސް ހަމަ މިއީއެވެ.

ވީމާ ހަމަ އެންމެ ކުޑަކުއްޖާއަށް ވެސް ބަންގީގެ އަޑަކީ އުފާވެރި، ނަސީބުވެރި އަޑެއް ކަމުގައި ބަލައިގަންނާން ދަސްކޮށްދޭން އެބަޖެހެއެވެ. ފަތިސް ނަމާދަށް ހޭލައިގެން ނިންޖަށް ލިބޭނީ ކޮން އުނިކަމެއް ކަމެއް ނުވިސްނެއެވެ. ޢިޝާނަމާދަށް ފަހު ނުވަ ވަރަކަށް ގަޑިއިރަށް ވުރެ ވެސް ގިނަ ވަގުތު ލިބޭ އިރު، އަށެއްކަ ގަޑި އިރު ނުވަތަ ހައެއްކަ ގަޑިއިރު ނިދައިލާނެ ވަގުތު ދަރިފުޅަށް ހޯދައި ނުދެވެންވީ ކީއްވެހެއްޔެވެ؟ ބަންދު ދުވަހެއް ނަމަ، ހެނދު ސައިބޮއިގެން ވެސް ނުވަތަ މެންދުރު ފަހުގެ ވަގުތެއްގައި ވެސް ނިދައިލާން ބޭނުން މީހަކަށް އަލުން ނިދައިލެވޭނެތާއެވެ.

މާލޭ އިސްކަންދަރު މިސްކިތް -ފޮޓޯ: ޝުއާ މުހައްމަދު/ އެފް.ބީ

މުސްލިމުންގެ ގޮތުގައި އިސްލާމީ މުޖުތަމައަކަށް ދަރިފުޅު ހާނުވައި އިސްލާމީ ވެއްޓެއްގައި ދަރިފުޅު ތަރުބިއްޔަތު ކުރާން ބޭނުން ނަމަ، އަދި ވަކީން ޚާއްޞަކޮށް ދަރީންނަށް ފަލާޙާއި ކާމިޔާބު ހޯދައިދޭން އެދޭ ނަމަ، ފަތިސް ނަމާދުގެ ބަންގިއާއެކު ދަރީން އަމިއްލައަށް ތެދުވާން ދަސްކޮށްދޭން އެބަޖެހެއެވެ. އެކަން ކުރެވޭނީ މަންމައާއި ބައްޕަ ވެސް މި ނަމޫނާ ދައްކައިގެންނެވެ. ހެދުނުހެނދުނާ ކުރާ މަސައްކަތްތަކުގައި ﷲ ބަރަކާތްލެއްވުން އެދިވަޑައިގެން ކައު ރަސޫލާ މުޙައްމަދު ﷺ ދުޢާކުރައްވައިފައިވާކަން ދަރީންނަށް އަބަދާއި އަބަދު ހަނދާންކޮށްދީގެންނެވެ.

ކޮންމެ މަޔަކު ވެސް ބަފަޔަކު ވެސް އެ މީހެއްގެ ދަރިފުޅަށް ގެއްލުމެއް ލިބިދާނެ ކަމެއް ވާން އުޅޭ ނަމަ އެކަން އެހެން ނިހިނގާނެ ހުރިހާ ގޮތަކަށް މަސައްކަތްކުރެއެވެ. ނަމަވެސް، އިސްލާމީ ތަރުބިއްޔަތެއް ނުދީ، އަޅުގަނޑުމެންގެ ދަރީން ބޮޑުކުރުމަކީ ގަސްތުގައި އެކުދީން އަލިފާންގަނޑަކަށް އެއްލައިލުން ފަދަ ކަމެކެވެ. އެހެނީ ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. އެހެންވީމާ އެންމެ ޅަފަތުއްސުރެ، ދަރިފުޅު ފަތިސް ނަމާދަށް ހޭލުމުގެ އާދަ އެކުދީންގެ ކިބައިގައި އަށަގަންނަވާން މަސައްކަތްކޮށް، ބަރާބަރަށް ނަމާދުކުރުމުގެ އާދަ، ދަރީންގެ ކިބައިގައި އަށަގަންނަވާން ޖެހެއެވެ. ދަރީން ދެކެ ލޯބިވުމަކީ މިއީއެވެ. ސަބަބަކީ އެހެނީ ބަރާބަރަށް ރަނގަޅަށް ނަމާދުކުރުމަކީ ހުރިހައި ނުބައި ކަންތައްތަކާއި މުންކަރާތްތަކުން މީހާ ދުރުކޮށްދޭ ކަމެކެވެ.

މާލޭގެ އިސްމާލީ މަރުކަޒު -ފޮޓޯ: އަހުމަދު އާމިރު/ އެފް.ބީ

އަޅުގަނޑުމެން މި ދުނިޔެއަށް ފޮނުއްވީ ހަމައެކަނި ﷲއަށް އަޅުކަން ކުރާށެވެ. ﷲއަށް އަޅުކަން ކުރުމަކީ ކޮބައިތޯއެވެ! އެއީ ﷲގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންގަތުމެވެ. ވީމާ، ﷲގެ އެންމެ މަތިވެރި އަމުރުފުޅުކަމަށްވާ ނަމާދުކުރާން ހަނދާންކޮށްދިނުމަށް ޓަކައި ގޮވައިލެވޭ ބަންގީގެ އަޑަކީ އަޅުގަނޑުމެން އެ އަޑަށް އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އަދި އެ އަޑުން ހިތަށް އުފާވެރިކަން ލިބޭންޖެހޭ އަޑުކަން ދަރީންނަށް ހަނދާންކޮށްދޭންޖެހެއެވެ.

ވީމާ އިސްލާމީ މުޖުތަމަޢެއްގައި އިސްލާމީ ވެއްޓެއްގައި އުޅޭ ބަޔަކަށް ބަންގީން އުނދަގޫވާ ވާހަކަ ބުނުމަކީ ކޮންފަދަ ލަދުވެތިކަމެއްތޯއެވެ! ބަންގިއަކީ އެ ކަލިމަތައް އިވުމުން ހިތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިއްބައިދޭ ކަމެއް ކަމުގައި ވާންޖެހެއެވެ. މި ކަން މި މަގަށް ވާނީ އެންމެ ޅަފަތުއްސުރެ ދަރީންނަށް މި ތަރުބިއްޔަތު ދީގެންނެވެ. ރޭގަނޑު އަވަހަށް ނިދައި، އަވަހަށް ހޭލުމުގެ އާދަ މުޖުތަމަޢުގައި އަށަގަންނުވައިގެންވެ. ދިވެހިރާއްޖޭގައި މުސްލިމު ވެއްޓެއް ބޭނުންނަމަ، ޢަމަލުކުރާންޖެހޭނީ މި މަގުންނެވެ. އިސްލާމީ މި މުޖުތަޢަކީ އިސްލާމީ ވެއްޓެއްގައި ދަރީން ތަރުބިއްޔަތުކުރެވޭ މުޖުތަމަޢެއް ކަމުގައި ވާނީ އޭރުންނެވެ. އެންމެ ޅަފަތުއްސުރެ، މި ތަރުބިއްޔަތު ދަރީންނަށް ދީގެންނެވެ. ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވާނީ އޭރުންނެވެ. އެހެންކަމުން ބަންގީގެ އަޑުން އުނދަގޫވާ ވާހަކަ މީހަކު ބުނެފި ނަމަ، އޭގެ މާނައަކީ އެ މީހަކު އިސްލާމީ ވެއްޓެއްގައި އުޅޭން ބޭނުން ނުވާކަން އިޢުލާންކުރުން ފަދަ ކަމެކެވެ. ވީމާ އެ ފަދަ މީހުން، މުސްލިމު ވެއްޓެއް ބޭނުން ނުވަނީކަމަށް ނުބުނެވޭނެތޯއެވެ! އަދި ބަނގީގެ އަޑުން އުނދަގޫވާނީ ޝައިޠާނުންނަށް ނޫންތޯއެވެ! އެއީ ޖިންނީންގެ ތެރެއިން ވާ ބަޔެއް ކަމަށް ވިޔަސް ނުވަތަ އިންސާނުންގެ ތެރެއިން ވާ ބަޔެއް ކަމަށް ވިޔަސް ވެހެވެ.

ކަވަރ ފޮޓޯގައި: މާލޭގައި އަލަށް ބިނާކޮށްފައިވާ ސަލްމާން ރަސްގެފާނުގެ މިސްކިތް -ފޮޓޯ: އަހުމަދު އާމިރު/ އެފް.ބީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4

One Response

  1. ޝައިޡޯނުންނާއި އޭނާގެ އައުވާނުންނަށް އަދި އޭނާގެ ބަހައް ހެއްލިފައި ތިބޭ އިންސާނުންގެ ތެރޭގައި ހިމެނޭ ޝައިޡޯނުންނަށް ވެސް ބަންގީން އުދަގޫވާނެ

    ފުރިހަމަ މުސްލިކަމަށްވެސް ބަންގީން އުދަގުލެއްނުވާނެ، އަދި އެމީހާ ނަމާދަށް ނުތެދުވިޔަސް އޭނާގެ ހިތުގައި ބަންގިޔާ ނަމާދަށް އިސްކަމެއް އަބަދުވެސް އޮންނާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *