Support Us

ކީރިތި ރަސޫލާ ޢިއްޒަތްތެރިކޮށް މާތްކުރުން- 2

އަދުގެ މިހާލަތަށް ރިއާޔަތްކުރާއިރު އަޅުގަނޑުމެން މުސްލިމުން ކުރަންޖެހޭ އެންމެބޮޑު ކަމަކީ ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް މާތްކުރުމެވެ. އެކަލޭގެފާނަށް ލޯބިކޮށް ހުރުމަތްތެރިކޮށް ހިތައި އެކަލޭގެފާނަށް އިޙުތިރާމްކުރުމެވެ. ހަމަ އެފަދައިން އެކަލޭގެފާނުގެ ސުއްނަތުގައި އެންމެ ފުރިހަމަ ގޮތުގައި ހިފުމެވެ. ނަތީޖާއަކަށްވާނީ ހުރިހާ މާނައެއްގައި އެންމެ ފުރިހަމަ ނަމޫނާ މުޖުތަމަޢުއަކަށް އަޅުގަނޑުމެންވުމެވެ. ސުލްހަވެރިކަމާއި އަމާންކަމާއި ފާގަތިކަމުގައި މިސާލަކަށްވުމެވެ. ދުނިޔޭގެ ކުރިމަތީގައި އިސްލާމް ދީނާއި އުއްމަތުގެ ބުރުސޫރަ ރީތިވުމެވެ. މިކަންކުރުމަށްޓަކައި ފުރަތަމަ ޖެހެނީ ރަސޫލުﷲ ﷺ ޢިއްޒަތްތެރިކޮށް މާތްކުރުމަކީ ކޮބައިކަން ދެނެގަންނާށެވެ.

މިލިޔުން ލިޔުމުގެ ބޭނުމަކީ ރަސޫލުﷲ ﷺ އަކީ ކޮބައިކަމާއި އެކަލޭގެފާނު ޢިއްޒަތްތެރިކޮށް މާތްކުރުމަކީ ކޮބައިކަން ބަޔާންކުރުމެވެ. މިލިޔުމުގައި ފުރަތަމަ މިބަލަނީ އަޅުގަނޑުމެންގެ ރައްބު ﷲ ތަޢާލާ އެކަލާނގެ ނަބިއްޔާ މުޙައްމަދު ﷺ އަށް ދެއްވި ޢިއްޒަތާއި މަގާމާއި ދަރަޖައާއި މަތިވެރިކަމަށެވެ. ﷲ އެކަލާނގެ ނަބިއްޔާ ﷺ އަށް ދެއްވި ލޯތްބާއި އިޙުތިރާމާއި ޝަރަފަށެވެ. މިލިޔުމުގައި ދެން މިބަލަނީ އަޅުގަނޑުމެންނަށް އެކަލޭގެފާނު މުހިންމުވާ މައިގަނޑު ސަބަބަށެވެ. އެއަށްފަހު މިލިޔުމުގައި މިބަލަނީ އެކަލޭގެފާނާމެދު މާތްކޮށް ހިތުމުގެގޮތުން އަޅުގަނޑުމެން ކަންކުރަންވީގޮތަށެވެ. ޢިލްމާނީ ނުވަތަ ސެކިއުލަރ ފިކުރަށް ގައުމު ގެނބިގެންދާ ވަގުތު މިމައުޟޫއުއަށް އިންސާފުކުރުމަކީ ކޮންމެ ދިވެއްސަކު ކުރަންޖެހޭ ކަމެއްކަމުގައި ދެކެމެވެ.

ﷲ، އެކަލާނގެ ނަބިއްޔުންނާއި ރަސޫލުންގެ ގޮތުގައި އިޚުތިޔާރުކުރެއްވި އެންމެހައި ބޭކަލުންނަށް ޢިއްޒަތާއި މަތިވެރިކަން ދެއްވިއެވެ. އެހުރިހައި ބޭކަލުންނަށް ދުނިޔެއާއި އާޚިރަތުގައި މަގާމާއި ދަރަޖަ ދެއްވިއެވެ. އެކަމަކު އެހުރިހައި ބޭކަލުންނާއި ނުބައްދަލު މިންވަރަށް ﷲ، ރަސޫލު ﷲ ﷺ އަށް ޢިއްޒަތާއި ދަރަޖައާއި ޝަރަފްދެއްވިއެވެ. މިކަމުގެ ސަބަބުން މީހުންނަށް މަގުއޮޅި އެކަލޭގެފާނު ރަސޫލު ބޭކަލަކަށްވުރެ މަތިކޮށްފާނެތީ ﷲ އަހަރެމެންނަށް އިންޒާރާއި ނަސޭހަތްވެސް ދެއްވައެވެ. އެގޮތުން ﷲ ކީރިތި ޤުރްއާނުގައި ތަކުރާރުކޮށް އެކަލޭގެފާނަކީ ﷲ ގެ ރަސޫލާ ﷺ ކަމުގައި އެންގެވިއެވެ. އެކަލޭގެފާނަކީ އިންސާނެއްކަމަށް ތަކުރާރުކޮށް ﷲ ހަނދާންކޮށްދެއްވިއެވެ. އެކަލޭގެފާނަކީ ހަމައެކަނި ﷲ ގެ އެންމެފަހުގެ ރަސޫލާ ﷺ ކަމުގައި ވިދާޅުވުމަށް އެކަލޭގެފާނަށް އަމުރުކުރެއްވިއެވެ. މިކަމުގެ ޙިކުމަތަކީ އެކަލޭގެފާނަށް ތަބާވި މީހުން ޝިރުކުގެތެރެއަށް ވަނުމަށް ފުރުސަތުނުދެއްވުމެވެ.

، ރަސޫލު މާތްކުރައްވައި މަތިވެރިކުރެއްވުން

މާތް ﷲ އެކަލާނގެ ރަސޫލާ ﷺ ސިފަކޮށްދެއްވާފައިވާ ގޮތާއި އެކަލޭގެފާނަށް ދެއްވާފައިވާ ޢިއްޒަތާއި މަތިވެރިކަން އިންސާނަކަށް ބަޔާންކޮށްދެވޭ ވަރަށްވުރެބޮޑެވެ. ކީރިތި ޤުރްއާނުގެ 400 އަށްވުރެ ގިނަ އާޔަތުގައި ﷲ، އެކަލާނގެ ނަބިއްޔާ ﷺ މަތިވެރިކުރައްވާ މާތްކުރައްވާފައިވެއެވެ. އެކަލޭގެފާނަށް ތަބާވުމަށާއި ކިޔަމަންވުމަށް އަންގަވާފައިވާ އާޔަތްތައްވެސް އެހާގިނައެވެ. އަދި އިތުރަށް ކީރިތި ޤުރްއާނުގެ އެތައް ސަތޭކަ އާޔަތުގައި އެކަލޭގެފާނުގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ.

ކީރިތި ޤުރްއާނުން ތިން ސޫރަތް ޚާއްޞަވެފައި ވަނީ ރަސޫލުﷲ ﷺ ގެ މާތްކަމަށެވެ. އެއީ މުޙައްމަދު ސޫރަތާއި ފަތުޙު ސޫރަތާއި ޙުޖުރާތު ސޫރަތެވެ. މިސޫރަތްތަކުގެ އިތުރަށް ޟުޙާ ސޫރަތާއި އިންޝިރާޙު ސޫރަތާއި ކައުޘަރު ސޫރަތުން ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ މާތްކަންހުރިވަރު ބަޔާންކޮށްދެއެވެ. ﷲ، އެކަލާނގެ ނަބިއްޔާ ﷺ މަތިވެރިކުރައްވައި ޢިއްޒަތްތެރިކުރައްވާފައިވާވަރާ ކައިރިއަށްވެސް އިންސާނަކަށް އެކަން ނުކުރެވޭނެއެވެ. އެކަމަކު މުސްލިމުންނަށް އޮތީ އެމަސައްކަތުގައި ފޫހިކަމެއްނެތި ދެމިތިބުމެވެ. އެކަލޭގެފާނުގެ ޢިއްޒަތާއި މާތްކަން ދިފާއުކުރުމުގައި ސާބިތުވެތިބުމެވެ.

އިންސާނުންގެ ކުރިމަތީގައި އެމީހުންނަށް އެންމެ ހިތްގައިމު އަދި އެންމެ މުހިންމު އެއް އަޑަކީ އޭނާގެ ނަމެވެ. އެހެންވެ ނަމުން މުޚާޠަބުކުރުމަކީ އާންމުކޮށް އެންމެންވެސް ކަންކުރާގޮތެވެ. އެކަމަކު ތިމާޔާ އެންމެ ގާތް އަދި ތިމާދެކެ އެންމެލޯބިވާ މީހުން ތިމާއާއި ވާހަކަދައްކާއިރު ތިމާގެ ނަން ބޭނުމެއްނުކުރެއެވެ. ނަމުގެ ބަދަލުގައި އެމީހުން ބޭނުންކުރަނީ ކޮންމެވެސް ލަގަބެކެވެ. މިސާލަކަށް މަންމަ ތިމާއަށް މުޚާޠަބުކުރާނީ ދަރިފުޅާ ނުވަތަ ދޫނި މިފަދަ ނަމަކުންނެވެ. ހަމައެގޮތަށް މަގާމުގައި ތިބޭ މީހުންނާއި ވާހަކަދައްކާއިރު އެމަގާމު އިސްކުރެވެއެވެ. އެއީ އިހުތިރާމްކޮށް ކަމޭހިތުމުގެގޮތުންނެވެ. ﷲ، އެއިލާހުގެ ނަބިއްޔުންނާއި މުޚާޠަބުކުރެއްވީ މުޅިންވެސް އެބޭކަލުންގެ ނަންފުޅުންނެވެ. އިބުރާހީމްގެފާނަށް އެކަލޭގެފާނުގެ ނަންފުޅުންނެވެ. ޢީސާގެފާނަށް އެކަލޭގެފާނުގެ ނަންފުޅުންނެވެ. މޫސާގެފާނަށް އެކަލޭގެފާނުގެ ނަންފުޅުންނެވެ.

އެކަމަކު އެންމެ ފަހަރަކުވެސް ﷲ އެކަލާނގެ ރަސޫލާ ﷺ އަށް އެކަލޭގެފާނުގެ ނަންފުޅުން މުޚާޠަބުނުކުރައްވައެވެ. ކޮންމެފަހަރަކުވެސް ﷲ އެކަލޭގެފާނަށް މުޚާޠަބުކުރައްވާފައިވަނީ ޚާއްޞަ ލަގަބަކުންނެވެ. މިސާލަކަށް އޭ ރަސޫލާއެވެ. އޭ ނަބިއްޔާއެވެ. މިކަމުން ދޭހަވަނީ ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ ލޮބުވެތިކަމާއި މާތްކަމެވެ. ﷲ އަކީ އަޅުގަނޑުމެންގެ ރައްބުއެވެ. އެހެންކަމުން އަޅުގަނޑުމެންނީ އެއިލާހުގެ އަޅުންނެވެ. ﷲ ރަސޫލުﷲ ﷺ އަށް ދެއްވި އެއް ދަރަޖައަކީ އިސްރާއާއި މިޢުރާޖު ދަތުރުފުޅެވެ. އިސްރާ ސޫރަތުގައި މިދަތުރުފުޅުގެ ވާހަކަ ބަޔާންކުރައްވަމުން ﷲ އެކަލާނގެ ރަސޫލާ ﷺ ބަޔާންކުރެއްވީ އެކަލާނގެ އަޅާގެ ގޮތުގައެވެ. އެއީ އެކަލާނގެ ޙަޟުރަތުގައި ރަސޫލުﷲ ﷺ ގެ އެންމެމަތީ ދަރަޖައާއި ލަގަބެވެ. އެހެނީ ﷲ އަށް އަޅުވެތިވެ އަޅުކަންކުރެއްވުމުގައި އެންމެ ފުރިހަމަ ނަމޫނާއަކީ އެކަލޭގެފާނުއެވެ.

މިޢުރާޖު ދަތުރުފުޅުގައި ޖިބުރީލްގެފާނު އަރިހުގައި ރަސޫލުﷲ ﷺ ހަތްވަނަ އުޑަށް ވަޑައިގަތެވެ. ހަތްވަނަ އުޑުން ސިދުރަތުލްމުންތަހާއާ ހަމައިން ޖިބުރީލުގެފާނު ރަސޫލުﷲ ﷺ އަށް އެންގެވީ އެހިސާބުން ރަސޫލުﷲ ﷺ ގިނިކަންޏާ ވަޑައިގަތުމަށެވެ. ޖިބުރީލުގެފާނަށް ހުއްދަ އޮތް މިންވަރު އެހިސާބުން ނިމުނީއެވެ. ޔަޢުނީ މަލާއިކަތުންގެ ސާހިބާ ޖިބުރީލުގެފާނަށް ވަޑައިނުގެންނެވޭ ހިސާބަށް އަޅުގަނޑުމެންގެ މާތް ސާހިބާ ރަސޫލުﷲ ﷺ އަށް ވަޑައިގެންނެވުމެވެ. އެއަށްފަހު ﷲ އެކަލާނގެ ނަބިއްޔާ ﷺ އަށް ބަސްފުޅު ވަހީކުރެއްވިއެވެ. މިކަމުން އެނގެނީ އެކަލޭގެފާނަށް ﷲ ދެއްވި ދަރަޖައާއި މަގާމުގެ މަތިވެރިކަމެވެ.

ކީރިތި ޤުރްއާނުގައި ރަސޫލުﷲ ﷺ ގެ ނަންފުޅު ފަސް ފަހަރު އައިސްފައިވެއެވެ. އެއީ މުޙައްމަދުގެ ނަންފުޅުން ހަތަރު ފަހަރާއި އަޙުމަދުގެ ނަންފުޅުން އެއްފަހަރުއެވެ. މުޙައްމަދު މިނަންފުޅު ބަޔާންކުރެއްވުމުގައި އެއްފަހަރު ފިޔަވައި ކޮންމެ ފަހަރަކުވެސް އެކަލޭގެފާނުގެ ނަންފުޅާއެކު އެކަލޭގެފާނުގެ ލަގަބު ނުވަތަ ދަރަޖަ ބަޔާންކުރައްވާފައިވެއެވެ. މިނޫން ގޮތަކަށް އެކަލޭގެފާނުގެ ނަންފުޅު އައިސްފައިވަނީ މުޙައްމަދު ސޫރަތުގައެވެ. އެއީ އެކަލޭގެފާނު ދައްކަވާ ކޮންމެ ވާހަކައެއް އަޑުއަހަން ނުޖެހޭނެ ކަމަށް ބުނެ މުނާފިގުން ވާހަކަ ދައްކަން ފެށުމުން ބާވައިލެއްވި ސޫރަތެކެވެ. އެމީހުން ބުނަމުން ދިޔަގޮތުގައި އެމީހުން އަޑުއަހަންޖެހޭނީ ރަސޫލުﷲ ﷺ ގެ ހައިސިއްޔަތުން އެކަލޭގެފާނު ދައްކަވާ ވާހަކައެވެ. އެކަމަކު މިސޫރަތުގައި ﷲ އަންގަވަނީ އެކަލޭގެފާނު މުޙައްމަދުގެ ގޮތުގައި ނުވަތަ އެހެންވެސް ހައިސިއްޔަތަކުން ކޮންމެ އެއްޗެއް ވިދާޅުވިޔަސް އޭގައި މުސްލިމުން ފުރިހަމައަށް ހިފަންޖެހޭނެ ކަމަށެވެ. މިހާލަތު ބަޔާންކޮށްދެއްވަން ﷲ އެކަލޭގެފާނުގެ ނަންފުޅާއެކު ލަގަބެއް ނުދެއްވައެވެ. އަޙުމަދު މިނަންފުޅު ޤުރްއާނުގައި އައިސްފައިވަނީ ޢީސާގެފާނުގެ ދޫފުޅުންނެވެ. މިއިން އެނގި ފާޅުވަނީ ﷲ އެކަލާނގެ ނައްބިއްޔާ ﷺ މާތްކުރެއްވިވަރެވެ.

ރަސޫލުﷲ ﷺ ގެ ނަންފުޅަށް ބަލާލަމާތޯއެވެ؟ އިންސާނާގެ ދުލުން ފުރަތަމަ ނިކުތް ބަހަކީ އަލްޙަމްދުލިއްލާހިއެވެ. ޢަރަބީން ޝުކުރާއި ތަޢުރީފަށް ބޭނުންކުރާ ބަހަކީ ޙަމްދުއެވެ. މިއީ ﷲ އަށް އެކަނި ނިސްބަތްކުރެވޭ ބަހެކެވެ. މިބަހުން ލިބޭ މެސެޖަކީ ޙަމްދުހުރީ ﷲ އަށް ކަމެވެ. މުޙައްމަދު މިބަސް އައިސްފައިވަނީ ޙަމްދު މިބަހުންނެވެ. މާނަޔަކީ އެންމެގިނައިން ޙަމްދުލިބިގެންވާ މީހާއެވެ. ގިޔާމަތަށް ދާދެން ދުނިޔޭގައި އެންމެގިނަ ނަމަކަށް ﷲ ލެއްވީ އެކަލޭގެފާނުގެ ނަންފުޅު މުޙައްމަދުއެވެ. އުޑާއި ބިމުގައި އެންމެ އިތުރުކަންބޮޑު ނަމެއްކަމުގައި ﷲ ލައްވާފައިވަނީ މުޙައްމަދުއެވެ. އެހެންކަމުން އަޅުގަނޑުމެން ރަސޫލުﷲ ﷺ އަށް ކަމޭހިތާ އިހުތިރާމްކުރަންޖެހެނީ ނިހާޔަތަށްކަން ކަށަވަރުވެއެވެ.

މުޖުތަމަޢުގެ ކޮންމެ މެމްބަރެއްހެން ތިމާއާއި ދިމާއަށް ތިޔައީ މޮޔައެކޭ ގޮވަންފެށުމުން ތިމާއަށް ހީވާނީ ހަގީގަތުގައިވެސް ތިމާއަކީ މޮޔައެއްކަމަށެވެ. ރަސޫލުﷲ ﷺ ދީނަށް ގޮވައިލައްވަން ފެއްޓެވުމާއެކު މުޅި މައްކާ ކަހަލަ ގޮތަކަށް އެކަލޭގެފާނާއި ދެކޮޅަށް ތެދުވިއެވެ. އަދި އެކަލޭގެފާނަކީ މޮޔައެއްކަމަށާއި ދޮގުވެރިއެއްކަމަށާއި ސިހުރުވެރިއެއްކަމަށް ގޮވިއެވެ. މިކަމުގެ ސަބަބުން ޚުދު އެކަލޭގެފާނަށް ވަރަށްބޮޑު ނުތަނަވަސްކަމެއް ލިބިވަޑައިގަތެވެ. މިފަދަ ކޮންމެ ހާލަތެއްގައި ﷲ ވަހީ ބާވައިލައްވައި އެކަލޭގެފާނަށް ޔަގީންކަންދެއްވިއެވެ. އެގޮތުން ސޫރަތުލް ރަޢުދުގެ 43 ވަނަ އާޔަތަކީ އެފަދަ މިސާލެކެވެ. މިކަމުން އެނގިކަށަވަރުވަނީ ރަސޫލުﷲ ގެ މާތްކަން އެހެން އެއްވެސް މަޚުލޫޤަކާއި އަޅާނުކިޔޭނެކަމެވެ.

ރަސޫލުﷲ ﷺ އަރިހުގައި އެކަކުނެތަސް އެކަލާނގެ ވޮޑިގެންވަނީ އެކަލޭގެފާނާއި އެކުގައިކަން އެންގެވިއެވެ. ތަކުރާރުކޮށް އެހެން އެއްވެސް ފަރާތެއްގެ އެހީތެރިކަމެއްނެތަސް އެކަލޭގެފާނަށް ﷲ އެކަނި ފުދޭކަމަށް އެންގެވިއެވެ. ދީނަށް ގޮވައިލެއްވުމުގައި އެކަލޭގެފާނާއި ކުރިމަތިވާނެ ހުރިހާ ކަމެއް ﷲ ދެނެވޮޑިގަތުމުގައިވިއެވެ. އެހެންކަމުން ދުރާލާ ﷲ އެކަލޭގެފާނުގެ ކިބައިން އެދިވަޑައިގަތީ ﷲ އަށް ޓަކައި އެކަލޭގެފާނު ކެތްތެރިވެވަޑައިގަތުމަށެވެ. އެގޮތުން ސޫރަތުލް މުއްދައްޘިރުގެ 7 ވަނަ އާޔަތަކީ އެފަދަ މިސާލެކެވެ. އެކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި ބޭކަލުންނާމެދު ކަންވީގޮތް ސާފުބަހުން ބަޔާންކޮށްދެއްވިއެވެ. ޔާސީން ސޫރަތުގެ 13 އަދި 14 ވަނަ އާޔަތަކީ އެފަދަ މިސާލުތަކެވެ. މިއިން އަންގައިދެނީ ﷲ އެކަލާނގެ ނަބިއްޔާ ﷺ މަތިވެރިކުރައްވައި އެކަލޭގެފާނަށް ޔަގީންކަން ދެއްވި މިންވަރެވެ.

ކީރިތި ޤުރްއާނަށް މީސްތަކުން އިންކާރުކުރުމުންވެސް ﷲ، ރަސޫލު ﷲ ﷺ ހިތްވަރުދެއްވީ ޢިއްޒަތާއި ޝަރަފުންނެވެ. ކީރިތި ޤުރްއާނަށް އެންމެން ފުރަގަސް ދިންނަމަވެސް ނުވަތަ އެޤުރްއާނަށް އެކަކު ތަބާނުވިނަމަވެސް ﷲ އެޤުރްއާނަށް ހެކިވެވޮޑިގެންވާކަމަށް އެންގެވިއެވެ. ހަމައެފަދައިން އެކަލާނގެ މަލާއިކަތުންވެސް ކީރިތި ޤުރްއާނަށް ހެކިވެޑައިގަންނަވާކަމަށް އެންގެވިއެވެ. ނިސާ ސޫރަތުގެ 166 ވަނަ އާޔަތަކީ އެފަދަ ފުރިހަމަ މިސާލެކެވެ. ހަގީގަތުގައި ﷲ މިދެއްވާ މެސެޖަކީ ޝަހާދަތް ކިޔާނެ އެންމެ މީހަކުނެތަސް ﷲ އާއި މަލާއިކަތުން އެކަމަށް ފުދޭކަމަށެވެ. މިފަދަ ލޯތްބާއި އިހުތިރާމްގެ ބަސްފުޅުތަކުން ރަސޫލުﷲ ﷺ ގެ މަތިވެރިކަން ހާމަވެ ފާޅުވެއެވެ.

ﷲ، އެކަލާނގެ ރަސޫލާ ﷺ ގެ ދަރަޖަ މަތިކުރައްވަމުން އިންޝިރާ ސޫރަތުގެ 4 ވަނަ އާޔަތުގައި އަންގަވަނީ ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ. ވިސްނާށެވެ! ﷲގެ ނަންފުޅު ގެނެވޭ ކޮންމެ ތަނެއްގައި ރަސޫލުﷲ ﷺ ގެ ނަންފުޅުވެއެވެ. ޝަހާދަތުގެ ދެ ކަލިމައިގައި އެނަންފުޅުވެއެވެ. ބަންގިއާއި ޤަމަތުގައި އެކަލޭގެފާނުގެ ނަންފުޅުވެއެވެ. ނަމާދެއް ފުރިހަމަވަނީ އެނަމާދެއްގައި އެކަލޭގެފާނަށް ޞަލަވާތްކިޔަވައިގެންނެވެ. ހުކުރު ޚުޠުބާ ފުރިހަމަވަނީ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވައިގެންނެވެ. އެކަލޭގެފާނުގެ ނަންފުޅު އިވޭ ކޮންމެ ފަހަރަކު އެކަލޭގެފާނުގެ މައްޗަށް ސަލަވާތް ކިޔަންޖެހެއެވެ. އެކަލޭގެފާނަށް ޞަލަވާތްނުކިޔާ މީހާ ފާފަވެރިވެއެވެ. އަދި އެކަލޭގެފާނަށް ތަބާނުވުން ކުފުރުގެތެރޭގައި ލެއްވިއެވެ.

އަންބިޔާ ސޫރަތުގެ 107 ވަނަ އާޔަތުގައި ﷲ އަންގަވަނީ ރަސޫލާ ﷺ އަކީ އެއިލާހު ޢާލަމްތަކަށް ފޮނުއްވި ރަޙުމަތެއްކަމަށެވެ. އެހެންކަމުން ﷲގެ ރަޙުމަތުގެ ރަމްޒަކީ ރަސޫލާ ﷺ އެވެ. އެކަލޭގެފާނުގެ ރިސާލަތަކީ ނުވަތަ ގެނެސްދެއްވި މެސެޖަކީ ރަޙުމަތެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅުތަކަކީ ރަޙުމަތެވެ. ރަޙުމަތާއި ގުޅިފައިވާ ހުރިހާ އެއްޗަކީ އެކަލޭގެފާނެވެ. އެހެންކަމުން އެކަލޭގެފާނަށް ތަބާވުމާއި އެކަލޭގެފާނަށް ކިޔަމަންގަތުމާއި އެކަލޭގެފާނު އެންގެވިގޮތަށް އުޅުމަކީ ރަޙުމަތެވެ. އެކަލޭގެފާނަށް ކަމޭހިތައި ލޯބިކުރުމަކީ ރަޙުމަތެވެ. އެކަލޭގެފާނު ހިމާޔަތްކޮށް ދިފާއުކުރުމަކީ ރަޙުމަތެވެ. މިފަދަ އެތައް މިސާލަކުން ﷲ، ރަސޫލުﷲ ﷺ އަށް ދެއްވި މަގާމާއި ދަރަޖައިގެ ބޮޑުކަން ކަށަވަރުވެއެވެ.

ކީރިތި ޤުރްއާނުގައި އެތައްކަމަކަށް ﷲ އަޅުގަނޑުމެންނަށް އަމުރުކުރައްވައެވެ. އަޅުގަނޑުމެންކުރަންޖެހޭ ކޮންމެ ކަމަކުން ހުސްޠޯހިރުވަންތަ ﷲ ބަރީއަވެވޮޑިގެންވެއެވެ. އެކަމަކު އަޙުޒާބު ސޫރަތުގެ 56 ވަނަ އާޔަތުގައި ރަސޫލުﷲ ﷺ އަށް ސަލަވާތްކިޔަވަން ކުރެއްވި އަމުރުގެ ކުރިން އެކަލާނގެ ވަހީކުރައްވަނީ ހަމަކަށަވަރުން އެކަލާނގެއާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާ ﷺ ގެ މައްޗަށް ޞަލަވާތްލައްވާ ވާހަކައެވެ. ސުބުޙާނަﷲ. މިކަމުން އެނގެނީ ރަސޫލުﷲ ﷺ އަށް ޞަލަވާތްކިޔެވުމަކީ ﷲ ގެ ސުއްނަތުގެތެރޭގައި ހިމެނޭ ކަމެއްކަމެވެ. މިއަމުރުން އެކަނި ރަސޫލު ﷲ ﷺ ޢިއްޒަތްތެރިކުރައްވައި މަތިވެރިކުރައްވައިފައިވާ މިންވަރު ކަށަވަރުވެގެންދެއެވެ.

ﷲ، އެކަލާނގެ ރަސޫލާ ﷺ އަށް މަޤާމުލް މަޙުމޫދުގެ ދަރަޖަދެއްވިއެވެ. މިޚާއްޞަ މަގާމަކީ ޤިޔާމަތް ދުވަހު ރަސޫލުﷲ ﷺ އަށް އެކަނި ﷲ ދެއްވާ މަގާމެކެވެ. މަޙުޝަރު މައިދާނުގައި ﷲ ޚަލްޤުކުރެއްވި އެންމެހައި އިންސާނުންގެ ކުރިމަތީގައި އެކަލޭގެފާނަށް ދެއްވާ ޚާއްޞަ ދަރަޖައެވެ. މިމަގާމުގައި އެންމެހައި އިންސާނުންގެ ފަރާތުން ވަކިން ޚާއްޞަކޮށް ﷲ އަށް އީމާންވި މީހުންގެ ފަރާތުން ޝަފާޢަތްތެރިވުމުގެ އިޒުނަ އެކަލޭގެފާނަށް ދެއްވައެވެ. ﷲ ގެ ޙަޟުރަތުގައި ޝަފާޢަތަށް އެދި ދަންނަވާނީ ޚުދު އެކަލޭގެފާނެވެ. އަދި ރަސޫލުﷲ ﷺ ގެ ޝަފާޢަތް ގަބޫލުކުރައްވައި އެކަލޭގެފާނުގެ އެދިވަޑައިގަތުމަށް ﷲ އިޖާބަދެއްވާނެއެވެ. މިމަތިވެރި މަގާމު އެކަލޭގެފާނަށް ދެއްވުން އެދި ބަންގީގެ ދުޢާގައި އަޅުގަނޑުމެން ދުޢާކުރަމުއެވެ. މިމަތިވެރި މަގާމުން އެކަނިވެސް ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރައްވާފައިވާވަރުގެ ބޮޑުކަން ތަސައްވަރުކުރެވެއެވެ.

ﷲ ސުވަރުގޭގެ އެންމެމަތީ ދަރަޖަ ދެއްވަނީ ރަސޫލުﷲ ﷺ އަށެވެ. އެއީ ފިރުދައުސް އަލްއަޢުލާއެވެ. މިތަންވަނީ ސީދާ ﷲ ގެ ޢަރުށިކޮޅާއި ޖެހިގެންނެވެ. މިޚާއްޞަ ދަރަޖައަކީ އަލްފަޟީލާތްއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރައްވާގޮތުގައި މިއީ ސުވަރުގޭގެ މަންޒިލެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިމަންޒިލް ޚާއްޞަކުރައްވާފައިވަނީ އެކަލާނގެ އަޅުތަކުންގެތެރެއިން އެންމެ އަޅަކަށެވެ. ނުހަނު ތަވާޟުއުވެރިކަމާއެކު އެކަލޭގެފާނު ހާމަކުރެއްވިގޮތުގައި އެކަލޭގެފާނު އުއްމީދުކުރައްވަނީ އަދި ދުޢާކުރައްވަނީ އެއަޅަކަށް އެކަލޭގެފާނުވުމަށެވެ. އެހެންވެ ހުރިހާ މުސްލިމުން އެކަލޭގެފާނަށް މިދަރަޖަ ދެއްވުމަށް އެދި ކޮންމެ ބަންގިއެއްގެ ފަހުގައި ދުޢާކުރެއެވެ. އެކަލޭގެފާނަށް ވަސީލަތާއި ފަޟީލަތް ދެއްވުންއަދައިގެންނެވެ. މިމާތް ދަރަޖައިންވެސް އެނގިފާޅުވަނީ ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރެއްވިވަރެވެ.

ރަސޫލުﷲ ﷺ ގެ ދަރިކަލުން ޢަބުދުﷲ ވަރަށް ތުއްޕުޅު އުމުރުގައި އަވަހާރަވިއެވެ. ލިބިވަޑައިގެންނެވި މިބޮޑު ހިތާމަފުޅުގައިވަނިކޮށް އެކަލޭގެފާނުގެ އަވަށްޓެރިޔާ އަދި ބޮޑުބޭބެ އަބޫ ލަހަބު އެކަލޭގެފާނަށް ފުރައްސާރަކުރިއެވެ. މުޙައްމަދުގެ ފިރިހެން ދަރިއަކުނެތޭ އޭނާގެ ދަރިކޮޅެއް ނަސަބެއްނެތޭ ގޮވައި އަބޫ ލަހަބު ހަޅޭއްލިއެވެ. ރަސޫލުﷲ ﷺ ގެ ހިތްޕުޅުގައި ޖެހުނުލެއްބޮޑުކަމުން އެކަލޭގެފާނަށް ކީރިތި ކުރެއްވުނެވެ. އެހިނދު ﷲ ކައުޘަރު ސޫރަތް ބާވައިލައްވައި ދުވަހަކުވެސް މީހަކަށް ނުދެއްވާވަރަށް ގިނައިން ބޯކޮށް އެކަލޭގެފާނަށް ދެއްވިކަމަށް އެންގެވިއެވެ. މިފަދަ ކޮންމެ މިސާލަކުން އެނގި ހާމަވަނީ ﷲ އެކަލާނގެ ނަބިއްޔާ ﷺ އަށް ދެއްވި ލޯތްބާއި އިޙުތިރާމެވެ.

އަބޫ ލަހަބުގެ ޢަދާވާތްތެރިކަން އިންތިހާއަށް ދިއުމުން ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރެއްވީ އަބޫ ލަހަބު ނަރަކަވެރިއަކަށް ހައްދަވައިގެންނެވެ. މަސަދު ސޫރަތުން ﷲ އިޢުލާންކުރެއްވީ އަބޫ ލަހަބާއި އޭނާގެ އަނބިމީހާ ވަނީ ނަރަކައިގައިކަމުގައެވެ. އަބޫ ލަހަބު މަރުވީ މިސޫރަތް ބާވައިލެއްވިތާ ގާތްގަނޑަކަށް ދިހަ އަހަރު ފަހުންނެވެ. އެހެންކަމުން ދިހަ އަހަރު އޭނާ ދުނިޔޭގައި ލެއްވީ ނަރަކަވަންތަވެރިކަމުގެ ސިއްކަ އޭނާގެ މޫނުގައި ޖައްސަވާފައެވެ. މިކަމުގެ ޙިކުމަތަކީ ރަސޫލު ﷲ ﷺ ގެ ދަރަޖަ އުފުއްލެވުމެވެ. އަދި އެކަލެގެފާނަށް މާތްކޮށް ނުހިތާ މީހުންނަށް ހުރި ޢަޒާބު އެންގެވުމެވެ.

އެއްފަހަރަކު ރަސޫލުﷲ ﷺ އަށް ވަހީއައުން މެދުކެނޑުނެވެ. މައްކާގެ މުޝްރިކުންނަށް މިކަން އެނގުމުން އެމީހުން އެކަލޭގެފާނަށް ފުރައްސާރަކޮށް މަލާމާތްކުރިއެވެ. އެކަލޭގެފާނުގެ ކަލާނގެ އެކަލޭގެފާނު ދޫކުރައްވައިފިކަމަށް ބުނެ މުޝްރިކުން އެތިވަރުތައް ގޮވަންފެއްޓިއެވެ. އިސާހިތަކު ﷲ ޟުޙާ ސޫރަތް ބާވައިލެއްވިއެވެ. މިސޫރަތުން ﷲ އެކަލޭގެފާނަށް ދެއްވީ އުއްމީދާއި ޔަގީންކަމާއި އުފާވެރިކަމެވެ. އެކަލޭގެފާނުގެ މަތިވެރިކަމާއި އެކަލޭގެފާނަށް ހުރި ދަރަޖައާއި މޮޅުކަމުގެ ވާހަކަ މިސޫރަތުގައި ﷲ ބަޔާންކުރެއްވިއެވެ. މިކަމުން އެނގެނީ ﷲ ގެ ޙަޟުރަތުގައި ރަސޫލުﷲ ﷺ ގެ ޚާއްޞަ މަގާމާއި ދަރަޖައެވެ. އެކަލޭގެފާނުގެ ލޮބުވެތިކަމުގެ ބޮޑުކަމެވެ.

މުސްލިމުންގެ ފުރަތަމަ ޤިބުލައަކީ މަސްޖުދުލް ޢަޤުޞާއެވެ. ރަސޫލުﷲ ﷺ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު ޤިބުލައަށް ކުރިމަތިލެއްވުމުން އެކަލޭގެފާނަށް ފުރަގަސްފުޅަށްވީ ކަޢުބަތުﷲ އެވެ. މަސްޖިދުލްޙަރަމްއަކީ އެކަލޭގެފާނުގެ އަދި ރަސޫލުންގެ ބަފައިކަލުން އިބުރާހީމްގެފާނު، ﷲ ގެ އަމުރުފުޅަށް ބިނާކުރެއްވި ފުރަތަމަ މިސްކިތެވެ. ގެފުޅަށް ފުރަގަސްދެއްވަން ޖެހިވަޑައިގަތުމުގެ ހިތާމައިގައި އެއްދުވަހު ރަސޫލުﷲ ﷺ އިސްއުފުއްލަވައި އުޑަށް ބެއްލެވިއެވެ. މިކަމާގުޅިގެން ﷲ އެކަލާނގެ ރަސޫލާގެ ހިތްޕުޅު ހަމަޖެއްސެވުމަށްޓަކައި ކަޢުބަތުﷲ އަށް ގިބުލަބަދަލުކުރެއްވިކަން ބަޤަރާ ސޫރަތުގެ 144 ވަނަ އާޔަތުން ﷲ އެންގެވިއެވެ. ރަސޫލުﷲ ﷺ ގެ ހިތާމަފުޅު ފިއްލަވައި އެކަލޭގެފާނަށް އުފާވެރިކަން ގެނެސްދެއްވުމަށްޓަކައި ﷲ ގިބުލަ ބަދަލުކުރެއްވުމުން އެނގެނީ އެކަލޭގެފާނުގެ މަތިވެރި ދަރަޖައެވެ. އެކަލޭގެފާނަށް ﷲ ލޯބިވެވޮޑިގަތް މިންވަރު މިކަމުން އެކަނި ކަށަވަރުވެއެވެ.

ރަސޫލުﷲ ﷺ އަރިހަށް އައިސް އެކަލޭގެފާނު ދައްކަވާ ވާހަކަ އަހަން މީހުންތިބެއެވެ. އެގޮތަށް ތިބޭ މީހުންގެތެރެއިން ބައެއް މީހުން އެކަލޭގެފާނު ދައްކަވާ ވާހަކަފުޅު ކަނުލާ ނާހައެވެ. އެކަމަކު އެމީހުން ތިބެނީ އެކަލޭގެފާނު ދައްކަވާ ވާހަކަ ކަނުލާ އަހާކަމަށް ހެދިގެންނެވެ. އެފަދަ މީހުންނަށް ﷲ އިންޒާރުގެ ބަސްފުޅު އަމާޒުވިއެވެ. އެގޮތުން މުޙައްމަދު ސޫރަތުގެ 16 ވަނަ އާޔަތް ފާހަގަކޮށްލެވެއެވެ. ﷲ އަންގަވަނީ އެފަދަ މީހުންނަކީ އެމީހުންގެ ހިތްތަކުގައި ﷲ ސިއްކަޖައްސަވާފައިވާ މީހުންކަމުގައެވެ. އަނެއްކޮޅުން އެކަލޭގެފާނުގެ ވާހަކަފުޅު ކަނުލާ އަހާ މީހުންނަކީ ﷲ ތެދުމަގު ދައްކަވައި ތެދުމަގު އިތުރުކުރެއްވި މީހުންކަމުގައެވެ. މިފަދަ އެތައް މިސާލަކުން ކަށަވަރުވާކަމަކީ ރަސޫލުﷲ ﷺ ގެ މަތިވެރިކަމާއި މާތްކަމެވެ.

ﷲ އެމީހެއް ދެކެ ލޯބިވެވޮޑިގަތުމަކީ ކޮންމެ މުސްލިމަކުވެސް އެކަމަށް އެންމެ އެދޭނެކަމެވެ. މިކަން ބޭނުން މީހާ ޖެހެނީ ރަސޫލުﷲ ﷺ އަށް ތަބާވާށެވެ. އެކަލޭގެފާނަށް ތަބާވުމުން ﷲ އެމީހަކު ދެކެ ލޯބިވެވޮޑިގަތުމާއެކު އެމީހެއްގެ ފާފަ ފުއްސަވައެވެ. ހަމައެގޮތަށް ﷲ އަށް ލޯބިވުމަށް އެދޭ މީހާވެސް ފުރަތަމަ ކުރަންޖެހޭ ކަމަކީ ރަސޫލުﷲ ﷺ އަށް ތަބާވުމެވެ. މިކަމާގުޅޭގޮތުން ﷲ އެކަލާނގެ ރަސޫލާއަށް ﷺ ބާވައި ލެއްވީ ސޫރަތުލް އާލުޢިމްރާނުގެ 31 ވަނަ އާޔަތެވެ. މިއިން އަޅުގަނޑުމެން ކަށަވަރުވަނީ ރަސޫލުﷲ ﷺ ގެ މާތްކަމާއި މަތިވެރިކަމެވެ. އެކަލޭގެފާނުގެ މާތްކަން ދަލީލުކޮށްދޭ މިފަދަ ކިތަންމެ އާޔަތެއް ކީރިތި ޤުރްއާނުގައިވެއެވެ.

ރަސޫލުﷲ ﷺ ގެ މާތްކަމާމެދު ބަލާއިރު އެކަލޭގެފާނު މީސްތަކުންނަށް ފޮނުއްވުންވެސް ފާހަގަކުރެވެއެވެ. ﷲ އަންގަވާފައިވާގޮތުގައި މޫމިނުންގެގާތަށް ރަސޫލުﷲ ﷺ ފޮނުއްވުމަކީ ﷲ މޫމިނުންނަށް ދެއްވާފައިވާ ބޮޑުވެގެންވާ ދަރުމައެކެވެ. މިކަން ﷲ އަންގަވަނީ އާލުޢިމްރާން ސޫރަތުގެ 164 ވަނަ އާޔަތުގައެވެ. މިދަރުމައިގެ ސަބަބުން އެކަލޭގެފާނު އެމީހުންނަށް ރިސާލަތު އިއްވަވައި އެމީހުން ޠޯހިރުކުރައްވައި އެމީހުންނަށް ފޮތާއި ޙިކުމަތް އުނގަންނައިދެއްވިއެވެ. މިކަމުން އެނގެނީ ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ މާތްކަމާއި މަތިވެރިކަމެވެ. އެހެންކަމުން އަޅުގަނޑުމެން މުސްލިމުން ކުރަންޖެހޭ އެންމެބޮޑު ކަމަކީ އެކަލޭގެފާނަށް އެންމެފުރިހަމަ މާނައިގައި ލޯބިދިނުމެވެ.