ރާއްޖޭގައި މިވަގުތު ތިބި އިންޑިއާ ސިފައިންގެ އަދަދު އޮޅުންފިލުވުމަށް ނޫހަކުން ކުރި މަސައްކަތް ނާކާމިޔާބު ވެެއްޖެއެވެ. އެ މަޢުލޫމާތު ހާމަކުރެވެން ނެތް ކަމުގައި ޑިފެންސް މިނިސްޓުރީގެ ފަރާތުން ބުނިކަމުގައި ވެއެވެ. އެ ކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް ބުރޫއަރައިފާނެތީ ކަމަށް ވެއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ދިވެހި ސަރުކާރުން އެދިގެންނެވެ. ހަނގުރާމައެއް ކުރާކަށް ނޫނެވެ. ޚަބަރުތައް ބުނާގޮތުގައި ދިވެހި ސިފައިން ތަމްރީނު ކުރުމަށެވެ. އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވުމުގެ ތަމްރީނުތަކަށާއި، އެ ގޮތަށް ހަދިޔާ އަށް ދީފައިވާ އެ ފަދަ އުޅަނދުތައް ދުއްވުމަށް ތަމްރީނު ކުރުމަށާއި މަރާމާތުކުރުމަށް ކަމުގައި ވެސް ބައެއް ޚަބަރުތަކުން ބުނެ އެވެ. ޚަބަރުތަކުން ބުނާ ކަމުގައި ދަންނަވަން ޖެހެނީ އެކަންކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުން އެ މަޢުލޫމާތު ދިނުމަށް ޢުޒުރަވެރިވާތީވެ އެވެ. މި މައްސަލައިގައި އަތުލައިގަންނަން އުނދަގޫ ޕޮއިންޓަކީ މަސައްކަތެއް ކުރަން އައި ބައެއްގެ އަދަދު ހާމަކުރުމުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރޫއަރާ ގޮތް ވަނީ ކިހިނެއްވެގެންކަމެވެ. އިންޑިއާ ސިފައިން ރާއްޖެ އަށް ގެނެވުނީ ދެ ސަރުކާރުގެ މެދުގައި ކުރެވުނު އެއްބަސްވުމެއްގެ ދަށުން ކަމުގައި ވިޔަސް، އެ އެއްބަސްވުމުގައި ރާއްޖޭގައި ތިބޭނެ އިންޑިއާ ސިފައިންގެ އަދަދު ސިއްރުކޮށްފައި ބާއްވަން އޮތުމާ ވަރަށް ނުވައްތަރެވެ.

އެ މަނިކުފާނަކީ ސަރުކާރުގެ ބައިވެރިއެއް ނޫން ކަމުގައި އަމިއްލަފުޅަށް ވިދާޅުވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް (މަޖިލީހުގެ ރައީސް ހޮވަނީ ވެރިކަން ކުރާ ޕާޓީންނެވެ. ސަރުކާރުން ބޭނުންވާ މެމްބަރެކެވެ. ވެރިކަން ކުރާ ޕާޓީ އަކީ މަޖިލީހުގައި މެމްބަރުން އެންމެ ގިނަ ޕާޓީ އެވެ. ވެރިކަން ކުރާ ޕާޓީގެ ރައީސް އަކީ ވެސް މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވެ.) ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުން ހާމަވެގެން ދިޔައީ ރާއްޖޭގެ ސަލާމަތަށްޓަކައި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބިކަމުގަ އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ އިންޑިއާ ކަނޑުގެ ސަލާމަތަށްޓަކައި ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ޤައުމީ ސަލާމަތަށް ޓަކައި ބޭރުގެ ސިފައިން ބޭތިއްބުމަކީ އެހެން ޤައުމުތަކުން ކުރާ ކަމެއް ކަމުގައި ވެސް ވިދާޅުވި ކަމުގައި ވެއެވެ. މި ސަރުކާރު ވެރިކަމަށް އައުމާ ޖެހެންދެން ބޭރުގެ ފައުޖީން ރާއްޖޭގައި ނުތިބެ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސަލާމަތާ ބެހޭ ކަންތައްތައް ބެލެހެއްޓުނެވެ. އިންޑިއާ ކަނޑުގެ ސަލާމަތަށްޓަކައި ރާއްޖޭގައި އިންޑިއާގެ ފައުޖީން ތިބުމުގެ ޙާލަތެއް އަތުވެއްޖެ ނަމަ އެކަން ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހެއެވެ. ބޭރުގެ ބައެއް ޤައުމުތަކުގައި އެ ޤައުމުގެ ސަލާމަތަށްޓަކައި ބޭރުގެ ސިފައިން ބައިތިއްބަނީ ފާޅުގައެވެ. ސިފައިން ތިބޭ ސަބަބު ވެސް އެނގެ އެވެ. އަދި ހޯދަން ބޭނުންވާ ފަރާތްތަކަށް ތިބޭ ސިފައިންގެ ޢަދަދު ވެސް އެނގެއެވެ. ޚަރަދު ކުރެވޭ ގޮތް ވެސް އެނގެ އެވެ. ޚަރަދުގައި ހިފާ ބަޔަކު ވެސް އެނގެ އެވެ. މިސާލެއްގެ ގޮތުން ދެކުނު ކޮރެއާ އެވެ. ޖަޕާނެވެ.
ރާއްޖޭގެ ބައެއް މީހުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކެމްޕެއިނެއް ހިންގަމުން ގެންދާ ކަމުގައި ވެއެވެ. މިފަދަ ކެމްޕެއިން ހިންގާ ކަމަށް މަޖިލީހުގެ ރައީސް ތުހުމަތު ކުރައްވަނީ ހަރުކަށި ފިކުރުގެ ޖަމާޢަތްތައް އަޑީގައި ތިބެގެން ކަމުގައެވެ.
މިއަދާ ހަމައަށް ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ސަރުކާރަކުން ބޭރު ޤައުމެއްގެ ފައުޖީން ރާއްޖޭގައި ބައިތިއްބަން ނިންމާފައި ނުވެއެވެ. އައްޑު އަތޮޅުގެ ގަން ތިރީސް އަހަރަށް އިނގިރޭސީންނަށް ކުއްޔަށް ދިނުމަށް އެއިރު އޮތް ސަރުކާރުން ނިންމި މައްސަލަ އަކީ ވެސް މުޅިން އެހެން ގޮތަކަށް، ކުއްލިއަކަށް އައި މައްސަލައެކެވެ. ސްރީ ލަންކާގައި އޮތް އިނގިރޭސީންގެ ބޭސް ނެގުމަށް އަލަށް ވެރިކަމަށް އައި އެ ޤައުމުގެ ސަރުކާރުން އެންގުމުން އާރް.އޭ.އެފް.ގެ މަތިންދާބޯޓު ތަކަށް ތެޔޮ އެޅުމަށް މި ސަރަހައްދުގައި ތަނެއް ބޭނުންވިއެވެ. އެފަދަ ތަނެއް ނެތް ނަމަ އެ ބޯޓުތަކުން މި ސަރަހައްދުގައި ދަތުރުކުރުން އުނދަގޫވާނެ އެވެ. އައްޑު އަތޮޅު ގަން ފުރަތަމަ ކުއްޔަށް ދޫކުރި ކަމުގައި ވަނީ ސަތޭކަ އަހަރަށެވެ. ފަހުން ތިރީސް އަހަރަށެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ނެތި އެކަން ކުރުމުން ރާއްޖޭގައި ވަރަށް ބޮަޑު މައްސަލައެއް އުފެދުނެވެ. (އަޅުގަނޑުމެންނަކީ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި އޮތް ޤައުމެއް ކަމުގައި ފަސްދޮޅަހުގެ އަހަރުތަކަށް ފަހު ވެރިކަމަށް އައި ސިޔާސީ ބޭފުޅުން ވިދާޅުވި އެވެ. އަޅުވެތި ކަމުގައި އޮތް ޤައުމަކުން އެއްބަސްވުމެއްގައި ސޮއިކޮށްގެން އަސްކަރީ މަރުކަޒެއް ގާއިމު ކުރަންޖެހެނީ ކިހިނެއް ވެގެން ކަމެއް ސާފެއް ނުވެ އެވެ.) ރާއްޖޭގައި ވެރިކަން ކުރި ހުރިހާ ސަރުކާރަކުން ވެސް އިންޑިއާއާ ވަރަށް ގާތް ގުޅުމެއް ބޭއްވި އެވެ. އެ ޤައުމުން އިންތިހާ ދަރަޖައަށް އަޅުގަނޑުމެންނަށް ތަފާތު އެހީތައް ވެދެމުން ގެންދިޔަ އެވެ. ވަކި ދާއިރާ އަކުން ނޫނެވެ. ހުރިހާ ދާއިރާއަކުންނެވެ. ކުލީ ސިފައިން ރާއްޖެ އަށް ގެނެސްގެން ސަރުކާރު ބަދަލުކުރަން އުޅުމުން، އެކަމުން އަޅުގަނޑުމެން ސަލާމަތްކޮށްދިނީ ވެސް، އަޅުގަނޑުމެންގެ އެދުމަށް، އިންޑިއާ ސިފައިން ރާއްޖެ އައިހެވެ.
ޗައިނާ އިން އިންޑިއާ ކަނޑުގައި ޙަރަކާތްތަކެއް ހިންގަފާނެކަމުގެ ބިރު އެމެރިކާ އާއި އިންޑިއާގައި އޮންނަކަން އަޅުގަނޑުމެންނަށް އެނގެ އެވެ. އަޅުގަނޑުމެންނަކީ މި ދެ ޤައުމުގެ ވެސް ރައްޓެހިންނެވެ. އެދުނު ކޮންމެ ގޮތަކަށް ރާއްޖޭގެ ޤާނޫނުގެ ތެރެއިން ކަންތައް ކޮށްދެމުން އަންނަ ޤައުމެކެވެ. ރައީސް ޔާމިނުގެ ސަރުކާރުގައި އެހީ ހޯދުމުގެ ނާށިގަނޑު ހިއްޕަވައިގެން މިނިސްޓަރުންނަށް ގިނައިން ވަޑައިގެންނެވުނީ ޗައިނާއާ ދިމާއަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެ މަނިކުފާނުގެ ޕާޓީ އާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތު ބައެއް ދިވެހި ލީޑަރުން އަދި މިހާރުގެ ސަރުކާރުގެ "ޑިފެކްޓޯ" ވެރިންނާއި، އަޅުގަނޑުމެންގެ ޤަދީމީ ރައްޓެހިންނާއި އޮންނަ ގުޅުން މާބަދަހީ އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ މަޢުލޫމާތު ހާމަކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުނު ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލުމާއި، ރާއްޖޭގައި މިވަގުތު ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ޢުޒުރުވެރިވުމާ ވަރަށް ތަފާތެވެ. ހުށައެޅުނު ކުއްލި މައްސަލައިގައި ކުއްލިއަކަށް ހުށައެޅުމުގެ ކުއްލި ކަމެއް ނެތެވެ. މައްސަލައެއް ހުށައެޅުމާއި، ކުއްލި މައްސަލައެއް ހުށައެޅުމާ ވަރަށް ތަފާތެވެ. އެއް ބޮނޑިވަރަކަށް ހުރިހާ އެއްޗެއް ލައިގެން ކުރިއަށް ދާން ވެސް މަޖިލީހުން ފުރުޞަތު ނުދޭނެ އެވެ. އެއީ އެއް ކޮތަޅަކަށް ހުރިހާ އެއްޗެއް އެޅުން ކަހަލަ ކަމެކެވެ. ކާއްޓާއި މަހާއި ކަދުރާއި ބަނބުކެޔޮ އެއްކޮތަޅަކަށް އެޅީމާ ވާނީ ކިހިނެއްތޯއެވެ؟ އިދިކޮޅުން މަޢުލޫމާތެއް އޮޅުންފިލުވަން ބޭނުން ނަމަ ސުވާލު ކުރަންވީ ކަމާ ބެހޭ މިނިސްޓަރުންނާ އެވެ. ވަކިވަކިންނެވެ. އިންޑިއާއާ އެކީގައި ވެފައިވާ އެއްބަސްވުންތަކާ ބެހޭ ގޮތުން ބަހުސްކުރުމަށް މައްސަލައެއް ވެއްދުމަށް ވެސް މަޖިލީހުން ފުރުޞަތު ދިނުމަކީ ދުރު ކަމެކެވެ. އެ ފަދަ މައްސަލަތަކުން ދެ ޤައުމުގެ ގުޅުމަށް އަސަރު ކުރުމަކީ ވަރަށް ކައިރި ކަމެކެވެ. ރާއްޖޭގައި ތިބީ އިންޑިއާ ސިފައިންގެ ކިތައް މީހުންތޯ ކަމާ ބެހޭ މިނިސްޓަރާ ސުވާލުކުރުމުން ޖަވާބު ނުދެއްވޭނެ އެއްވެސް ހަމައެއް ނެތެވެ. ސިފައިން ބޭތިއްބީ ކީއްކުރަންތޯ އެވެ؟ ކިހާ ދުވަހަކަށް ތޯ އެވެ؟ ރާއްޖެ އަށް އޮތީ ކޮން ނުރައްކަލެއްތޯ އެވެ؟ އިންޑިއާ ކަނޑުގެ ސަލާމަތީ ކަންތައްތަކުގެ ޒިއްމާ އުފުލަން ރާއްޖެ އަށް ޖެހުނީ ކިހާ ހިސާބަކުންތޯ އެވެ؟ މުޅި މަޖިލީހުގެ ނިންމުމެއް ނެތި ބޭރު ޤައުމެއްގެ ފައުޖީން ދިގު މުއްދަތަކަށް ރާއްޖޭގައި ބޭތިއްބިދާނެތޯ އެވެ؟ މިހުރީ ރައްޔިތުން ޖަވާބު ބޭނުންވާނެ ސުވާލުތަކެވެ.
އައްޑޫ ބަޣާވަތުގެ ދުވަސްވަރުގައި އިންޑިއާގެ ލޯކްސަބާ (ރައްޔިތުންގެ މަޖިލީސް) އަށް، 1959 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ހުށައެޅުނު ދިވެިހިރާއްޖެއާ ބެހޭ މައްސަލައެއްގައި އިންޑިއާ އަށް މިނިވަންކަން ހޯއްދަވައިދެއްވުމުގެ އެއް ބާނީ އަދި މިނިވަން އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޕަންޑިތު ޖަވާހަރު ލާލް ނެހެރޫ، ދިވެހިރާއްޖެ އަކީ އިންޑިއާ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ތަނެއް ނޫން ކަމަށް ވިދާޅުވުމުން، މަޖިލީސްގެ ރައީސް، ރާއްޖެއާ ބެހޭ މައްސަލައާ މެދު އެހެން ދުވަހަކުން ވާހަކަ ދެއްކުމަށް ވޯޓަކަށް ނުއެއްސެވި އެވެ. ފުރުޞަތުގެ ބޭނުން ކުރައްވައިގެން ބޮޑުވަޒީރު ނެހެރޫ ވިދާޅުވީ ދުނިޔޭގެ އެއްވެސް ތަނެއްގައި ބޭރު ބައެއްގެ އަސްކަރީ މަރުކަޒުތައް އުފެއްދުމަކީ އިންޑިއާ އަށް ފެންނަ ކަމެއް ނޫނެވެ. ވާހަކަފުޅު ނިންމަވާލެއްވީ މި ނުކުތާ އަށް ބާރު ލައްވަމުންނެވެ.
