Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

ޔޫތު ސިޓީ – ރީތި ކުރެހުމެއްގެ ނުނިމި އޮތް ސްކެޗެއް

ހުޅުމާލެއަށް ޒިޔާރަތް މިކުރީ އަލަކަށް ނޫނެވެ. އަދި، މިއީ ދެވަނަ ފޭހަށް އެރި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ނަމަވެސް، މީގެ ކުރިން ޔޫތު ސިޓީއަށް ދެވެނީ ކޮންމެވެސް ޚާއްޞަ މަޤްސަދެއްގައި، ވަކި ތަނަކަށް މިސްރާބު ޖަހައިގެންނެވެ. ވަކި ތަނެއް، ވަކި ކަމެއް ނެތި، ހުޅުމާލޭގައި ހުސް ދުއްވުމެއް މި ދުއްވާލީ އަލަށެވެ.

ބްރިޖް ހުރަސްކޮށް، ހުޅުލެ ވަށާލާފައި، ޔޫތު ސިޓީއަށް ކުރި މި ޒިޔާރަތް ވެގެންދިޔައީ ތަފާތު އިޙްސާސްތަކެއް ކުރެވުނު، އުފާވެރި ހަނދާންތަކެއް އާލާވި ދަތުރަކަށެވެ. ގިނަ މަގުތަކަށް މި އެރުނީ އަލަށެވެ. ނަމަވެސް، މި ދެވެނީ ކޮން ހިސާބަކަށްކަން އެނގެއެވެ. އަދި، އެހިސާބެއްގައި ހުންނާނެ މުހިންމު ބިނާތައްވެސް އަންދާޒާކޮށްލަން ދައްޗެއް ނޫނެވެ. ހުވަފެނަކުން ފެނިފައިވާ ތަނަކަށް، ހޭވެރިކަން މަތީ ހުރެ ދެވޭ ފަދައިންނެވެ.

މި ފަރިތަކަމުގެ ފަހަތުގައި ސަބަބެއްވެއެވެ. ޔޫތު ސިޓީގެ މޭސްތިރީގެ ދޫފުޅުން އޭގެ އެތައް އަހަރެއް ކުރިން އަޑުއެހި ބަސްފުޅުތަކެއް، މިއަދުވެސް ހަނދާނުގައި ހުރުމެވެ.

އަޅުގަނޑު ހުރި މައިދާނެއްގައި ދެއްވި ތަޤްރީރެއްގައި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވި އެވެ. "ޒުވާނުންގެ ސަހަރަކީ ހަމަ ޒުވާނުންގެ ތަނެކެވެ. އެމީހުންނަށް ހަދާތަނެކެވެ. އެމީހުން ހަދާނެތަނެކެވެ. ސިންގަޕޫރުގެ މޮޑަލަށް ހެދޭ އެޕާޓްމަންޓް ހުންނާނެއެވެ. ހޮންގްކޮންގްގެ މޮޑެލަށް ޕަބްލިކް ޓްރާންސްޕޯޓް ގްރިޑެއް ޤާއިމުކުރާނަމެވެ. 'ލައިޓް މެނިއުފެކްޗަރިންގ' ތަޢާރަފުކޮށް، ގިނަ ވަޒީފާތަކެއް ޒުވާނުންނަށް އުފައްދާނަަމެވެ. ތީމް ޕާކުތަކާއި، އައި-މެކްސް ސިނަމާތަކާއި، ޝޮޕިންގ މޯލްތަކާއި، ފްރެންޗައިޒް ރެސްޓޯރަންޓްތަކާއި، ޕަބްލިކް ބީޗްތަކާއި، ޖޮގިންގ ޓްރެކްތަކާއި ބައިކިންގ ލޭންތަކާއި، ކުޅިވަރު ސްޓޭޑިއަމްތަކާއި ކޯޓުތަކާއި، އެނޫންވެސް މުނިފޫހިފިލުވުމާއި ޒުވާނުން އެދޭފަދަ ޒަމާނީ ޚިދްމަތްތައް ޤާއިމުކުރާނަމެވެ. ބޭންކްތަކާއި ފަސްތަރި ހޮޓާތައްވެސް އެތާނގައި ހުންނާނެއެވެ."

ރައީސް ޔާމީން އާއި ނައިބު ރައީސް ޑރ. ޖަމީލް (ކ) އަދި މުހައްމަދު ހުސެއިން ޝަރީފު (މ)

ތިން ރައީސުންގެ އަރިހުގައި ޚިދްމަތްކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އޭގެ ތެރެއިން ދެ ރައީސުންގެ އަރިހުގައި އަތޮޅުތެރެއަށާއި ރާއްޖެއިން ބޭރަށް ގިނަ ދަތުރުތަކެއް ކުރެވުނެވެ. އެފަދަ ދަތުރުފުޅުތައް ވެގެންދިޔައީ އަޅުގަނޑަށް ލިބިގެންދިޔަ އަގުހުރި ފުރުޞަތުތަކަކަށެވެ. އެހެނީ، ރައީސުންނަކީ އޮފީސް މާޙައުލުގައި ވަރަށް ބުރަކޮށް އުޅުއްވާ ބޭފުޅުންނަށްވީތީ، އެ ބޭފުޅުންގެ މިޒާޖު ދެނެގަންނަން އެންމެ ފަސޭހަ ދަނޑިވަޅުތައް ލިބިގެންދަނީ އެބޭފުޅުން ރަށުން ބޭރުގައި އުޅުއްވާ ވަގުތުތަކުގައި ކަމަށްވީތީއެވެ. މިޒާޖު އެކަންޏެއް ނޫނެވެ. ވިސްނުންފުޅާއި ތަޞައްވުރު އަދި ރޭވުންތެރިކަންވެސް ދެނެގަނެވެއެވެ.

ރަށުން ބޭރުގައި އުޅުއްވާއިރު، އެ ބޭފުޅުންގެ އަރިހުގައި ތިބޭނީ އެންމެ އިތުބާރު ކުރައްވާ، އަރިސް ބޭފުޅުންނެވެ. ވިދާޅުވާ ކޮންމެ ބަސްފުޅެއް، ކުރައްވާ ކޮންމެ ޢަމަލެއް ގާތުން ބަލާ، ދިރާސާކޮށް، ފާޑުކިޔާ ރައްޔިތުންނެއް ނުތިބޭނެއެވެ. މަދަރުސާގައި އަޅުގަނޑުމެންވެސް ބަސް އަހައިގެން ތިބެނީ މުދައްރިސްގެ ހާޒިރުގައި ދެއްތޯއެވެ. ގޭގައިވެސް ޢަމަލާއި ބަހަށް ވިސްނައިގެން އުޅެނީ މައިންބަފައިންގެ ހާޒިރުގައި ނޫންތޯއެވެ. ރައީސުންވެސް ވަކި ތަފާތެއް ނޫނެވެ. ރައްޔިތުންގެ ޚާދިމުން ކަމަށްވީތީ، ރައްޔިތުންގެ ހާޒިރުގައި ނަމަ، އުޅުއްވާނީ ސަމާލުވެ، ވިސްނައިގެންނެވެ. ކަތި ފިޔަވަޅެއް އެޅުއްވިދާނެތީއެވެ. ނުކިއްސަރު އެއްޗެއް ވިދާޅުވެވިދާނެތީއެވެ.

ރާއްޖެއިން ބޭރުގައި ރައީސުންގެ އަރިހުގައި ވަގުތު ހޭދަކުރަން ފުރުޞަތު ލިބުމަކީ، އަޅުގަނޑު ކުރި މަސައްކަތަށް ބޮޑު ފައިދާތަކެއް ލިބުނު ކަމެކެވެ. އެހެނީ، އެފަދަ ދަނޑިވަޅުތަކުގައި، އެބޭފުޅުންގެ އަރިހުން ކަންކަން ސާފުކުރަމުން ދިޔައީމެވެ. ތަޞައްވުރު އޮޅުންފިލުވަމުން ދިޔައީމެވެ. ރޭވުންތައް ދެނެގަންނަމުން ދިޔައީމެވެ.

އެފަދަ އެއް މުޢާމަލާތެއް ލިޔުންތެރިންނާ ޙިއްޞާކޮށްލާނަމެވެ. އަދުގެ ހަޤީޤަތާ ގުޅޭ، މުނާސަބު ކަމަކަށް ވީމައެވެ. އެއީ، 2014 ގައި ރައީސް ޔާމީން އަރިހުގައި ސްރީލަންކާއަށް އަޅުގަނޑު ކުރި ދަތުރެކެވެ. މަތިންދާބޯޓުގައި އަޅުގަނޑަށް އިނދެވުނީ ރައީސް ޔާމީނާ އިންވެގެންނެވެ. އެހެންކަމުން، އެވަގުތު ހިތުގައި އުފެދެމުންދިޔަ މުހިންމު ދެ ސުވާލެއް އެމަނިކުފާނުގެ އަރިހުން ދަންނަވާލަން ޤަސްދުކުރީމެވެ.

އެންމެ އެކަށޭނަ ދަނޑިވަޅަށް އިންތިޒާރުކޮށްގެން އިނީމެވެ. ބޯޓު ނައްޓާލުމާއެކު އަނގަތަޅާކަށް ނުފަށަމެވެ. އެމަނިކުފާނުގެ އާދަތައް ފަރިތަވެފައިވާ، ރަނގަޅަށް ދަންނަ މީހަކަށްވީތީއެވެ. އެފަދަ ކޮންމެ ދަތުރުފުޅެއްގައިވެސް، ރައީސް ޔާމީން އާދަކާދައިގެ މަތިން ކުރައްވާ ކަމެއް އޮވެއެވެ. އެއީ، ވަގުތީގޮތުން، ދަތުރުމަތީގައި ތުރުކުރައްވައިގެން ހުންނަވާ ގަމީސްކޮޅު ބަދަލުކުރެއްވުމެވެ. ބޯޓުގެ ފާޚާނާއަށް ވަޑައިގެން، ނުކުމެވަޑައިގަންނަވާނީ ޓީޝާޓެއްގައެވެ. ދަތުރުތެރޭގައި އިންނަވާނީ ޓީޝާޓު ތުރުކުރައްވައިގެންނެވެ. ގެންގުޅުއްވާ އުކުޅެކެވެ. ގަމީސްކޮޅު ރޫޖެހި، ހަޑިވިޔަ ނުދިނުމަށެވެ. ފައިބާވަޑައިގަންނަވަން ގާތްވުމުން، އަލުން ފާޚާނާއަށް ވަޑައިގެން، ގަމީސްކޮޅު ތުރުކުރައްވަނީއެވެ.

ޓީޝާޓަށް ބަދަލުވެވަޑައިގަތުމަކީ، ރަމްޒީގޮތުން، ނުރަސްމީ ވެވަޑައިގަތުން ފަދަކަމެއް ވެސްމެއެވެ. ހެދުންކޮޅާއެކު ރައީސްގެ މޫޑު އަދި މިޒާޖުވެސް ބަދަލުވެގެންދެއެވެ. ގަމީސްކޮޅުގައި ހުންނަވަނީ ކިޔުންތެރިންނަށް ޓީވީތަކުން ނުވަތަ ރަސްމިއްޔާތުތަކުން ފެންނަ ރައީސް ޔާމީނެވެ. ޓީޝާޓަށް ބަދަލުވުމަށްފަހު، ހުންނަވާނީ އެމަނިކުފާނުގެ އަރިހުގައި އުޅުނު އަޅުގަނޑުމެން ފަދަ މީހުން ދަންނަ، ފަރިތަ ރައީސް ޔާމީނެވެ.

ސިޔާސީ ބޭނުންތަކަށް ބަޔަކު ފަތުރާ އަޑުތަކާ މުޅިން ޚިލާފަށް، ރައީސް ޔާމީން އަކީ ވަރަށް ސަކަ، މަޖާ، ހިތްޕުޅު ތިރި، ސާދާ އަދި ރަޙްމަތްތެރި ބޭފުޅެކެވެ. ޖޯކު ވިދާޅުވަން ލޯބިކުރައްވައެވެ. އަރިހުގައި އުޅޭ ބަޔަކާ ސަމާސާ ކުރައްވައެވެ. އޯގާތެރިކަމާއެކު، ކޮންމެ މުވައްޒަފަކާމެދު ކަންކުރައްވައެވެ. ފަރީއްކޮޅު ނަންގަވާނީ ސެކިއުރިޓީ ބަލަހައްޓާ ކުދިންގެ ގާތުގައި ކައިފިންތޯ އައްސަވާފައެވެ. އަޅުގަނޑުމެންގެ ޢާއިލާތަކުގެ ޙާލުއަހުވާލު އަބަދުމެ އައްސަވައެވެ. ކަންކަމުގައި ނަސޭހަތް ދެއްވައެވެ. އަބަދުވެސް ހިތަށް އަރާ އެއްޗެކެވެ. ރައީސް ނޫން ނަމަވެސް އެމަނިކުފާނަކީ އަޅުގަނޑަށް ބަލައިގަނެވޭނެ، އިޙްތިރާމްކުރެވޭނެ، ކުލުނު އުފެދޭނެ އިންސާނަކަށް ވެގެންދާނެކަން ކަށަވަރެވެ.

ކޮންމެއަކަސް، އެދަތުރު ފެށުމާއެކު، ޓީޝާޓު ތުރުކުރައްވައިގެން އެނބުރި ވަޑައިގެން ސީޓުގައި އިށީނދެވަޑައިގަތެވެ. އެހިސާބުން އަޅުގަނޑު ވާހަކަ ފެށީމެވެ.

އަޅުގަނޑު: ސާރ! އެއްޗެއް ދަންނަވާލަންތޯ؟ ހިތުގައި އުފެދޭ ދެ ސުވާލެއް. ކެމްޕޭނު ދުވަސްވަރުން ފެށިގެން އޮޅުންފިލުވާލަން ހިތުލައިގެން ހުރި ކަމެއް.

ރައީސް ޔާމީން: މުންދު އަށް ލެކްޗަރެއް ދޭން މިއޮތީ ވަގުތު ލިބިފައެއްނު؟ ކޮބާ މިއަދުގެ މައުޟޫއު އަކީ؟

(އެއީ ތެދުފުޅެކެވެ. އެކި ކަންކަމުގައި ރައީސް އަރިހުގައި ގިނައިން ބަހުސްކުރާ މީހަކަށް އަޅުގަނޑު ވާނެއެވެ. އެފަދަ ގިނަ މުޢާމަލާތްތަކުގައި ޚިޔާލު ތަފާތުވާތަންވެސް ވަރަށް ގިނައިން އާދެއެވެ. ޚާއްޞަކޮށް، އެމަނިކުފާނުގެ 2013 ގެ ކެމްޕޭނުގެ ތެރޭގައެވެ. ޒުވާނުންގެ މެނިފެސްޓޯއާއި ކުޅިވަރުގެ މެނިފެސްޓޯ އަޅުގަނޑު ލިޔަން އުޅުމުގެ ތެރޭގައި، އެކި ކަންކަމުގައި ދިގުކޮށް ބަހުސްކުރެވުނެވެ. އަޅުގަނޑަށް ފެންނަ ޚިޔާލުތަކާމެދު ރައީސް ދެކެވަޑައިގަންނަވާ ގޮތެވެ. ހިމަނަން ރައީސް ވިދާޅުވާ ބައެއް ކަންކަމާމެދު އަޅުގަނޑަށް ފެންނަ ގޮތެވެ. ހިސާބަކަށް ގޮތް ދޫނުކުރާ ދެ މީހުންނަށް ވީތީ، ކޮންމެ ނުކުތާއެއްގައި، ވަރަށް ފުނަށް ފީނައިގެން، އެކި ގޮތްގޮތުން ދިމާވެދާނެ ކަންކަމާމެދު ބަހުސް ކުރުމަށްފަހު މެނުވީ މެނިފެސްޓޯގައި ކަމެއް ހިމަނާފައެއް ނުވާނެއެވެ. މެނިފެސްޓޯގެ މަސައްކަތަށް އަމާޒުކޮށްގެން ވަކިން މަޒުމޫނެއް ލިޔަން ޤަސްދު ކުރަމެވެ. އެހެން ދުވަހަކަށެވެ. ވީމާ، އެ މައުޟޫއު އިތުރަށް ކުރިއަށްނުގޮސް، މި ހިސާބުން ކުރުކޮށްލާނަމެވެ.)

އަޅުގަނޑު: ވަރަށް ސާދާ ދެ ސުވާލެއް. ރައީސް އުފަންކުރުވި ބަހެއް. "ޔޫތު ސިޓީ". ހުޅުމާލެއަށް ޔޫތު ސިޓީގެ ނަން ދެއްވީ ކީއްވެތޯ؟ އަދި، މި ޒަޢާމަތުގައި އެންމެ ބޮޑު ހިތްވަރެއް ލައްވައިގެން، ބްރިޖެއް އެޅުއްވުމުގެ ދުރު ވިސްނުންފުޅަކީ ކޮބައިތޯ؟

އެހިސާބުން އެމަނިކުފާނު ފެއްޓެވި އެވެ. ހިތްޕުޅުގައިވާ ޤައުމީ ތަސްވީރެއް ކުރައްސަވާލެއްވިއެވެ. މުސްތަޤްބަލަށް ކުރައްވާ އުންމީދުތަކެއް ހާމަކުރެއްވިއެވެ. ހަނދާންހުރި މިންވަރުން ދަންނަވާލެވޭތޯ ބަލާނަމެވެ.

ރައީސް ޔާމީން: މުންދު! ދެވަނަ ސުވާލުން ފަށާނަން. ހަޤީޤަތުގައި މިއުޅެނީ އެއް ރަށުން އަނެއް ރަށަށް ފާލަމެއް އަޅާކަށް ނޫން. މިއުޅެނީ ދިވެހިންގެ ހިތްދަތި މިއަދުން އުފާވެރި މަދަމާއަށް ފާލަމެއް އަޅަން. ބަލަން ހުންނާތި. މި ބްރިޖުގެ ސަބަބުން ދިވެހިންގެ ހުރިހާ ކަމެއްވެސް ހެޔޮ ގޮތުގައި ބަދަލުވެގެންދާނެ. އިޤްތިޞާދީ ފުދުންތެރިން އެކަންޏެއް ނޫން. އިޖްތިމާއީ ދުޅަހެޔޮކަންވެސް ބަދަލުވެގެންދާނެ.

ދެން ފެއްޓެވީ، ވަރަށް ތަފްޞީލުކޮށް، "ޔޫތު ސިޓީ" އަށް އެނަން ދެއްވި ސަބަބު ވިދާޅުވެދެއްވާށެވެ. ފުރަތަމަ ކަމަކަށް ވިދާޅުވީ، އެއީ އެމަނިކުފާނުގެ ތަޞައްވުރުގައި ޒުވާނުންނަށް ދެއްވާ އަހަންމިއްޔަތުގެ ދަލީލެއް ކަމުގައެވެ.

ރައީސް ޔާމީން: ޤައުމީ ތަރައްޤީގެ ޒިންމާ އުފުލާނެ ސާބިތު ކޮނޑުތަކެއް ލިބުމަކީ، ޒުވާނުންގެ ޒަރިއްޔާއިން ފަހިވާނެކަމެއް. ދިވެހިރާއްޖެއަކީ ޒުވާން އުމުރުފުރާ ނިސްބަތުން އެންމެ ބޮޑު އެއް ޤައުމު. ދިވެހި ޒުވާނުންނަކީ ތަޢްލީމީ، ޤާބިލު، ހުނަރުވެރި އަދި ހީވާގި ބައެއް. އިޤްތިޞާދީ ތަރައްޤީގެ ކުރެހުމުގައި ކުލަޖައްސާނީ ޒުވާނުން.

ޔޫތު ސިޓީ ނުވަތަ ޒުވާނުންގެ ސަހަރު ހިނގާނެ ގޮތްވެސް އެދަތުރުމަތީގައި ކުރެވުނު މުޢާމަލާތުގައި ވިދާޅުވެދެއްވިއެވެ. ވާހަކަ ފެއްޓެވީ އާބާދީ އެއްފަސްކުރުމުގެ ތެރެއިންނެވެ.

ރައީސް ޔާމީން: ރައީސް މައުމޫންގެ 30 އަހަރުގައި އާބާދީ އެއްފަސްކޮށް ނިންމުނު ރަށްތަކުގެ އަދަދު އެނގޭތަ؟ ހަޤީޤަތުގައި ދެ އަތުން ގުނާ ނިންމާލެވޭނެ. އެންމެން ރުއްސައިގެން، އެއްބަސްކުރުވައިގެން އެކަން ކުރަން އުޅުމުގެ ތަޖުރިބާ އެހާ ރަނގަޅެއް ނޫން. އަމިއްލަ ފަސްގަނޑު ދެކެ ލޯބިވާނެ. ފަރިތަ މާހައުލެއް ދޫކުރުމަށް ޖެހިލުންވާނެ. މަސް ވަޅުލާފައި އޮންނަ ތަނަކަށް މައި ކުލުނު ހުންނާނެ. އެހެންކަމުން، އެކަމަށް ހުރަސް އެޅި ބަޔަކު ކޮންމެ ރަށެއްގައިވެސް އެއިރު ތިބި. އެރަށެއްގައި ތިބި އެންމެ ނުފޫޒު ގަދަ، ގިނަ ވަޒީފާތައް ކޮންޓްރޯލްކުރި ބަޔަކު، އަމިއްލަ ފައިދާއަށްޓަކައި، އެއްފަސްކުރަން ސަރުކާރުން ކުރި މަސައްކަތަށް ހުރަސްއެޅިތަންވެސް ދުށިން. ކަމުގެ މުހިންމުކަމަށް ބަލާއިރު، އެއަށްވުރެ އަވަހަށް އެކަން ކުރެވޭނެ ފޯމިއުލާއެއް ބޭނުންވޭ. ގަދަކަމަކުން ނުބޭލޭނެ. އެކަމަކު، އާބާދީ އެއްފަސް ކުރުމޭ ނުބުނެ، އެކަން ކުރެވޭނެ. މީހުން ފައިބާނީ އަމިއްލަ އިޚްތިޔާރުގައި، އުފަލުން، ހިތުން ރުހުމުން، އެކަމަށް އެދި، ހުށަހަޅައިގެން. ޔޫތު ސިޓީ އަކީ މި ރިޔާސަތުގެ އެއްފަސްކުރުމުގެ ޕްރޮގްރާމް. އެކަމަކު، އެނަމެއް ނުކިޔާނަން.

އަޅުގަނޑުމެންގެ އެ މުޢާމަލާތާ ހަމައަށް ދިޔައިރު، ދެވަނަ ފިޔަވަހި ހިއްކާ ނިންމައިފިއެވެ. އަދި، ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ހިމެނޭގޮތަށް ޒުވާނުންގެ ސަހަރު ރޭވޭނެ ގޮތުގެ ކުރެހުންތައްވެސް ދަނީ ނިމެމުންނެވެ. 'ޔޫތު ސިޓީ’ގެ ތަޞައްވުރު އަޅުގަނޑާ ޙިއްޞާކުރެއްވީ، އެހިސާބުންނެވެ.

ރައީސް ޔާމީން: ޔޫތު ސިޓީއަކީ ހުރިހާ ޒުވާނުންވެސް އެންމެ އުޅެން ބޭނުންވާނެ ތަނަށް ހެދަން މިބޭނުންވަނީ. އެތާނގައި އެންމެ ރަނގަޅު ދިރިއުޅުމުގެ ޚިދްމަތްތައް ހުންނާނެ. ޒަމާނީ ރޯހައުސްތަކާއި އެޕާޓްމަންޓްތައް. ހިތްގައިމު ތާރުއެޅި މަގުތައް. ފަސޭހަ ދަތުރުފަތުރުގެ އިންތިޒާމުތައް ޤާއިމުކުރެވޭނެ. މޮޅެތި ސްކޫލްތައް. ފުންނާބު އުސް ކޮލެޖުތަކާއި ޔުނިވަރސިޓީތައް. ފެންވަރު ރަނގަޅު ހޮސްޕިޓަލްތައް. ގިނަގުނަ މުނިފޫހިފިލުވުމުގެ ޚިދްމަތްތައް. އަދި، އަދަދު ނުކުރެވޭހާ ގިނަ ވަޒީފާގެ ފުރުޞަތުވެސް އިރާދަކުރެއްވިއްޔާ ޤާއިމުކުރާނަން. އެފަދަ ގޮތަކަށް ހުޅުމާލެ ތަރައްޤީ ކުރެވިއްޖެނަމަ، އެތަނަށް ނާންނާނީ ކާކު؟ ބޭނުންވަނީ ޒުވާން އާއިލާތައް އެތާނގައި ވަޒަންވެރިވާން. އަދި، އެތާނގައި ތިބެގެން މަސައްކަތްކުރަން. ރަނގަޅު އާމްދަނީއެއް ހޯދަން. އެފަދަ ޒުވާނުން، ލިބިފައި ވަޞީލަތްތަކުން ހިތްވަރު ލިބިގެން، ކައިވެނިކޮށް، އަމިއްލަ ޢާއިލާއެއް ބިނާކުރަން ފަހެއް ނުޖެހޭނެ. އެ ޒުވާނުންނަށް ލިބޭ ކުދިންނަށް ރަނގަޅު ފެންވަރުގައި ކިޔަވާދޭން ބޭނުންވާނެ. އެ ޢާއިލާތައް އުފާވެރި ދިރިއުޅުމެއް ވޭތުކުރަން ބޭނުންވާނެ.

ދެން އައީ އަޅުގަނޑުވެސް އަންދާޒާ ނުކުރާ ބައެކެވެ. ޒުވާނުންގެ ސަހަރުގެ ވަޒަންވެރިން، ޒުވާން އުމުރުފުރާ ނިމުމަށްފަހު، ކަންކުރާނެ ގޮތްވެސް އެމަނިކުފާނު އޮތީ ވިސްނަވާފައެވެ.

ރައީސް ޔާމީން: ރިޓަޔަރމަންޓް އުމުރަށް ދިޔައީމަ، އެ ވަޒީފާ ލިބޭނީ އާ ޖީލެއްގެ ޒުވާނަކަށް. އަދި، ރިޓަޔަރކުރުމަށްފަހު، އެ ޢާއިލާތައް އެނބުރި އުފަން ރަށަށްވެސް ދެވިދާނެ. ހިތްގައިމު ތިމާވެއްޓެއްގައި، މަޑުމައިތިރި، އުފާވެރި ދުވަސްތަކެއް ވޭތުކުރުމަށް. ކުރި މަސައްކަތުން، އެފަދަ އަރާމު ދުވަސްތަކެއް ޙައްޤުވާނެ އެފަރާތްތަކަށް. އެހެން ކަމުން، ރަށްރަށުގައި ހުންނާނީ ވަކި ކަހަލަ، ވަކި އުމުރުފުރާއަކަށް ޚާއްޞަކުރެވިފައިވާ ޚިދްމަތްތަކެއް. ރަށްރަށުގައި އެވްރެޖް އުމުރުފުރާ އެހާތަނަށްދާއިރު މިހާރަށްވުރެ މަތިވާނެ. އެހެންކަމުން، ބޭނުންވާ ކަންކަންވެސް ތަފާތުވާނެ. މަދު ވާނެ. އެ ރަށްރަށުގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ދޮށީ ރައްޔިތުން އެދޭފަދަ ޚިދްމަތްތަކެއް ޤާއިމުކުރަން.

ނިންމަވާލެއްވީ، އެމަނިކުފާނުގެ މި ވިސްނުންފުޅު ވަށާ ޖައްސާ، ލާޖަހާ ބައްދާލައްވައިފައެވެ.

އަޅުގަނޑު: އެންމެން ރަށަކުން ފައިބާ އެތަނެއް ފަޅު ކުރުމެއް ނޫން، ދެއްތޯ؟ އެކަމަކު، އެއްފަސްކުރުން، ދެއްތޯ؟

ރައީސް ޔާމީން: އާނ! އެއިރުން، ހުރިހާ ތަނެއް، އެއް މިންވަރަކަށް ތަރައްޤީކުރަން ޒަމާނުއްސުރެ މިއޮންނަ ޑިމާންޑް ކުޑަވާނެ. އެއޮތީ އެއްފަސްކުރުމުގެ ބޭނުން ފުދިފައި. ކޮންމެ ޚިދްމަތެއް ހުރިހާ ރަށެއްގައި ނަކަލުކުރާކަށް ނުޖެހޭނެ. ޚަރަދު ކުޑަވީ. ދެވޭ ޚިދްމަތުގެ ފެންވަރުވެސް ރަނގަޅުވީ.

މުންދު: ރައީސް. އަޅުގަނޑުމެންނަށް މިދުވަސް ނުފެނުނަސް، އަޅުގަނޑުމެންގެ ދަރިންނަށް ފެންނާނެ، ދެއްތޯ؟

ނިންމަވާލައްވަމުން އުންމީދީ ބަސްފުޅުތަކެއް ވިދާޅުވިއެވެ.

ރައީސް ޔާމީން: ދިހަ އަހަރު (ރިޔާސީ ދެ ދައުރު) ލިބިއްޖެ ނަމަ، މިކަން ކޮށް ނިންމާލެވިދާނެ. ޔޫތު ސިޓީ ހަދާފައި ދައްކާނަން، އިރާދަ ކުރެއްވިއްޔާ. އެދުވަހަކުން، ދިވެހިންގެ މައްސަލަތަކަށް އެދެވޭ ބޮޑު ޙައްލެއް އަންނާނެ. އެއްކަމެއް، ދެކަމެއް ނޫން. އިޤްތިޞާދީ އަދި އިޖްތިމާއީ ގިނަ މައްސަލަތައް ޙައްލުވާނެ.

ވަރަށް ތަފްޞީލުކޮށް އެމަނިކުފާނުގެ ތަޞައްވުރު އެދުވަހު ވިދާޅުވެދެއްވިއެވެ. އަޅުގަނޑު އިނީ ކަނުލާ އަހާށެވެ. އެދަނޑިވަޅުގައި ހިތަށް އެރިއެވެ. ތަފާތެވެ. ވަރަށްވެސް ތަފާތެވެ. ނޭފަތުކުރިއަށްވުރެ ދުރު ފެންނަ ލީޑަރެކެވެ. ފުރިހަމަ ތަޞައްވުރެކެވެ. ނަމަވެސް، މިއީ ހަމަ ކުރެވިދާނެ ކަމެއް ބާވައެވެ؟ ވެދާނެ ކަމެއް ބާވައެވެ؟

މޮޅު ކުރެހުންތެރިއެއް ފުރަތަމަ ކުރަހާނީ ސްކެޗެކެވެ. އެއަށްފަހު، އެ ސްކެޗުގައިވާ އެއްޗެއް ވަކިވަކިން ތަފްޞީލުކުރާނީއެވެ. ނިމޭއިރު އޮންނާނީ ފުރިހަމަ ކުރެހުމެއް ތައްޔާރުވެފައެވެ. ހަމަ އެފަދައިން، މިއަދު ހުޅުމާލެއަށް އަޅުގަނޑު ކުރި ޒިޔާރަތުގައި، ރައީސް ޔާމީން ކުރައްސަވާލެއްވި މުޅި ފޮޓޯ ފުރިހަމަވެފައިވާތަނެއް ނުފެނެއެވެ. ފެނުނީ، އެދުވަހު އަޅުގަނޑާ ޙިއްޞާ ކުރެއްވި ތަޞައްވުރުގެ ވަރަށް ހިތްގައިމު ސްކެޗެކެވެ.

އެ ތަޞައްވުރު، މީގެ ހަތް އަހަރެއްހާ ދުވަސް ކުރީއްސުރެ ހިތުގައި ބިންވަޅު ނެގިފައިވާ މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑު ދެކޭގޮތް ޙިއްޞާ ކޮށްލާނަމެވެ. ލިބިވަޑައިގަތީ ފަސް އަހަރެވެ. މަދުވީ ފަސް އަހަރެވެ. ލިބިވަޑައިގެން މުއްދަތާއި މަދުވީ މުއްދަތު އެއްކޮށްލެއްވުމުގެ ފުރުޞަތު ލިބުނު ނަމަ، ސްކެޗެއްގެ ބަދަލުގައި ފުރިހަމަ ކުރެހުމެއް ޒުވާނުންނަށް ހަދިޔާކުރެއްވީސްކަމަށް އަޅުގަނޑު މިއަދު ޤަބޫލުކުރަމެވެ. ޔޫތު ސިޓީގެ ފުރިހަމަ ކުރެހުން ފެނިގެންދިޔައީސްކަން ޤަބޫލުކުރަމެވެ.

އަލިފާންފޮއްޓާއި ކޮތަރުކޮށީގެ ވާހަކަ، ހުނަރެއް ނެތް ބައެއްގެ ބަހަނާތަކެއްގެ ގޮތުގައި، ދައްކާ އަޑު އަހާކަށް މިއަދު ނުޖެހުނީސްއެވެ. އަދި، އެހުރިހާ ހުސް ވާހަކައަކަށްފަހު، ދެވަނަ ފިޔަވަހި ބަލާލާ، އެތާނގައި ބުރުޖަހާލާ، ސެލްފީ ނަގާލަން ރައްޔިތުންނަށް ހުޅުވާލަން ޖެހުމަކީ، އަދި އެކަމަށް ރައްޔިތުން ދިން ބޮޑު ތަރުހީބަކީ، ކުރެހުންތެރިޔާގެ މޮޅުކަމުގެ ދަލީލެވެ. ކުރަހާފައި އޮތް ސްކެޗް ފުރިހަމަކަމުގެ ދަލީލެވެ. އަދި، ކުރެހުންތެރިޔާގެ އަތުން ފިހި އަތުލާ، އެއަތުގައި ބިޑިއަޅުވާފައި ނުވާނަމަ، ސްކެޗެއްގެ ބަދަލުގައި ހުށަހަޅާނީ ފުރިހަމަކޮށްފައިވާ ހިތްގައިމު، ކުލަ ފޮޓޯއެއްކަން މިއަދު ރައްޔިތުން ޤަބޫލުކުރާކަމުގެ ދަލީލުވެސްމެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
561

One Response

  1. ލިޔުންތެރިޔާގެ ލިޔުމުން އަބަދުވެސް ރާއްޖެތެރެ މީޙާގެ ނިކަމެތިކަން ކުރެހިގެންދަނީ … މިކަމަށް ހައްލެއް ލިބޭނެބާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *