ސްމާޓް ޑިވައިސްތައް "އެންކްރީޕްޓް"ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އެމެރިކާގެ "ޑިޕާޓްމަންޓް އޮފް ޖަސްޓިސް– ޑީއޯޖޭ" އިން ބުނެފި އެވެ. ސްމާޓްފޯން އަދި އެފަދަ އެހެން އާލާތައް ބޭނުންކުރާ މީހުން އެ ޑިވައިސްތައް ގެންގުޅެނީ ކޮން ބޭނުމަކުކަން ޑިއޯޖޭ އަށް އެނގެންޖެހޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ދުނިޔޭގައި މަސްލަހަތު ބަލަހައްޓާ އިދާރާތަކަށް – ޑީއޯޖޭ އިން ބުނާ ގޮތުގައި – އެމެރިކާ، އިންގިރޭސިވިލާތް، ނިއުޒިލޭންޑް، އޮސްޓްރޭލިޔާ އަދި ކެނެޑާ އަށް އެއްބާރުލުން ދިނުމަކީ ސްމާޓް ޑިވައިސްތައް އުފައްދައި، ވިޔަފާރިކުރާ ކުންފުނިތަކަށް ލާޒިމްކަމެކެވެ.
ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ދެކޭ ގޮތުގައި، ސްމާޓްފޯންތައް އެންކްރީޕްޓްކުރެވެނީ މަސްލަހަތައްޓަކައެއް ނޫނެވެ. މަސްލަހަތަކީ ކުރިމަތިވެދާނެ ނުރައްކަލަކުން ފަރުދުން ހިމާޔަތްކުރުން ކަމަށް ޑިއޯޖޭ އިން ގަބޫލުކުރެ އެވެ. ޑީއޯޖޭގެ މިވާހަކަތައް މައިގަނޑު ގޮތެއްގައި އަމާޒުވަނީ އެޕަލް އަށެވެ.
އެޕަލް އިން އައިފޯނުތައް އުފައްދާފައި ވަނީ އެ ފޯނެއް ބޭނުންކުރާ މީހާ ނޫން މީހަކަށް އެއިން އެއްޗެއް ނުނެގޭ ގޮތަށެވެ. އައިފޯނުން މެސެޖެއް ފޮނުވި ނަމަވެސް، އެއީ މެސެޖް ފޮނުވި މީހާ އާއި ލިބުނު މިހާ އާ ދެމެދު އޮންނަ ސިއްރެކެވެ. އެހެން މީހަކު ކިތަންމެ ބޭނުންވި ނަމަވެސް އެ މެސެޖެއް ބެލޭނެ ގޮތެއް ނޯވެ އެވެ.
އެފްބީ އައި އަދި ޑީއޯޖޭ އިން އަބަދު ވެސް އެޕަލް އަށް ހަމަލާދެ އެވެ. މި އިދާރާތަކުން ބޭނުންވެއްޖެ ހިނދެއްގައި ބޭނުން މީހެއްގެ އައިފޯނު ހުޅުވައި، އޭނާ ކުރާ ކަމެއް އެނގެން ބޭނުންވެ އެވެ. މިއީ އެޕަލް އިން އަބަދު ވެސް ދެކޮޅު ހަދާކަމެކެވެ. އެޕަލް އިން ބުނީ އެކަހަލަ ފީޗާއެއް "އައިއޯއެސް" ގައި ހިމަނައިފި ނަމަ، އެއީ ހެކަރުންނަށް ހުޅުވޭ ދޮރެއް ކަމަށެވެ. އެ ހިސާބުން އައިފޯން ބޭނުންކުރާ މީހުންނަށް އޮތް ރައްކާތެރިކަން ނެތި ދިޔައީ ކަމަށެވެ.
ޑީއޯޖޭ އިން ބުނަނީ، ޓެރަރިސްޓުންގެ ބަޔަކު ތަނެއް ގޮއްވާލަން ރާވަމުންދާއިރު، ބަދުއަޚުލާގީ އަމަލުތައް ހިންގާ ބަޔަކު ކުޑަކުދިންނަށް ދައުވަތުދެމުން ދާއިރު، ކުރިއާލައި އެ ބަޔަކު ހޯދުމަކީ ޝަރުއީ އަދި ތަންފީޒީ އިދާރާތަކަށް ލާޒިމުކަމެއް ކަމަށެވެ. އެޕަލްގެ ޑިވައިސްތަކަށް ވަދެވޭނެ ގޮތެއް ހަދައިދޭން ޖެހޭ ސަބަބަކީ އެއީ ކަމަށެވެ.
އެޕަލް އަށް މިހާރު އޮތް ބިރަކީ ޑީއޯޖޭ އިން ކޯޓަށް ދިއުމެވެ. ކޯޓުގައި ދައްކާ ވާހަކައަކުން ނުވަތަ ހެއްކެއްގެ ސަބަބުން، އައިފޯނުތަކަށް ވަދެވޭ ގޮތެއް ހަދައިދިނުމަކީ އެޕަލް އަށް ކުރަންޖެހިދާނެ ކަމަކަށް ވުމެވެ. ވަކި ފަރުދަކަށް ވުރެ ގައުމުގެ މަސްލަހަތު މުހިންމު ކަމަށް ކޯޓުން ނިންމައިފި ނަމަ އެޕަލް އަށް ގޮތްް ހުސްވީ އެވެ.