Support Us

މާލެ- ތިލަފުށި ބްރިޖަށް އިންޑިއާ އިން ދޭ 400 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) އަށް އިންޑިއާ އިން ދޭ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ 6.7 ކިލޯމީޓަރުގެ ބްރިޖާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ ޖީ.އެމް.ސީ.ޕީ އަކީ މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅީފަޅު ޕޯޓް އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯނާ ގުޅުވައިދޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގަ އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ރަށްތަކުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި 140 މީޓަރުގެ ތިން ނެވިގޭޝަން ބްރިޖް އަޅާނެއެވެ. މާލެ އަދި ވިލިމާލޭގެ ލޭންޑް އިންޓަޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމްކޮށް ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރާނެއެވެ. ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާޙިމް އަމީރެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ނިރްމިތު ވޭދް އަދި ޗީފް މެނޭޖަރ ހަރީޝް ކުމާރު ކަމަށް އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ވެއެވެ. މި 400 މިލިއަން ޑޮލަރުގެ އިތުރުން މި މަޝްރޫއަށްޓަކައި އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާގެ ގްރާންޓެއް ފޯރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ހައިކޮމިޝަނުން ބުނެއެވެ.

އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމުގެ ގޮތުން މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ޑެކް ސެލް ލައިޓިން، ސީ.ސީ.ޓީ.ވީ އަދި ސައިން ގެންޓްރީގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭނީ އިރުގެ ހަކަތައެވެ. މިގޮތުން ލޭމްޕް ޕޯސްޓްތަކާއި ބްރިޖްގެ ޕަރަޕެޓް ތަކުގައި ސޯލާ ޕެނަލް ހަރުކުރެވޭނެ ކަމަށް ވެސް ހައިކޮމިޝަނުން ބުނެއެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމަށްވާ އަރޫޕް ލިމިޓެޑް އިން ތައްޔާރުކޮށްފައިވާ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީ.ޕީ.އާރް) އަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީތަކުން ވަނީ އެޕްރޫވަލް ދީފައެވެ. ޓެންޑާ ކަރުދާސްތައް ތައްޔާރު ކުރެވޭނީ ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކް ގުޅިގެން ދެފަރާތުގެ މެދުގައި ބޭއްވޭ މަޝްވަރާތަކަށް ފަހުއެވެ. މިގޮތުން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ޓެންޑަރ މަރުހަލާ ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ހައިކޮމިޝަނުން ބުނެއެވެ. އިންޖިނިއަރިން ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީ.ޕީ.ސީ) ކޮންޓްރެކްޓަރު ހޮވުމުގެ އެންމެ ފަހުގެ ޓެންޑަރު އިއުލާންކޮށް، މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ޑިިސެމްބަރުގައި ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ހައިކޮމިޝަނުން ބުނެއެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ މަޝްރޫއުތަކުގެ އިމްޕްލިމެންޓިން އޭޖެންސީތަކާ، އެގްޒިމް ބޭންކުން އައިސް އުޅޭ ޓީމު ބައްދަލުކުރާނެއެވެ. އެގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، މިނިސްޓްރީ އޮފް ޕްލޭނިން އިންފްރާސްޓްރަކްޗާ އެންޑް ހައުސިން، އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ހައުސިން ޑިވެލޮޕްމެންޓްގެ ފަރާތްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ތަކުގައި މީގެ ކުރިން އިންޑިއާއިން ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގި އުމްރާނީ ތަރައްގީގެ ބޮޑު ހަތް މަޝްރޫއުގެ ކުރިއެރުންތައް ވަޒަންކޮށް މަޝްވަރާކުރާނެ ކަމަށް ވެސް ހައިކޮމިޝަނުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އިންޑިޔާއިން ލޯނު ނެގުން އަދިވެސް ހުއްޓާކަށް ނުވޭތަ.؟

    ރާއްޖެ ވިއްކަނީ ކުޑައަގެއްގައި އެންމެ ފަހުންވެސް 200 މ. ޑޮލަރަށް އައްޑޫ ވިއްކާފައި.. އަދިޔަސް އަފިރިން ތިބެ އައްޖަހަނީ..؟ ނާސިރު ރާއްޖެ ވިއްކީމަ އެއީ ބޮޑުކަމަކަށް ވެގެން އަފިރިން މުޒާހަރާކެޑެއި..! މިކޯ އަމިއްލަ ރަށް ވިއްކިމެޔަސް މިތިބީ ހެވިފައި.؟

    ކޮބާ އައްޑޫ މީހުންގެ ގައުމިއްޔަތު އަމިއްލަ ވަންތަކަން މިނިވަންކަން ؟ މިހާދުވަހު މާލޭ މީހުންނަށް އަޅުދާސް ނުވާން ކުރި މަސަތްކަތް؟ މިހާރު އިންޑިޔާގެ ތައްޕާހަށް މިވައްޓާލީ ! އެވެސް ރަށާއި އަތޮޅު ވިއްކީ ބުދައް އަޅުކަން ކުރާ ބޮޑު ހަރުބީ ކާފަރުންތަކަކަށް.. ދުވަސް ކެޑަކުން މިތަނިޔަސް ބުދު ބަތިބާށިޔެ.

    މިކަމަށް މިހާރު ބަސްނުބުނެ ފިއްޔާ އެމީހުން ހަތިޔާރާއި އެކު އެރީމަ ދެން ކުރާނެ ކަމެއް ނޯންނާނެ. އައްޑޫގައި ޓްރޭނިންސުކޫލޭ ކިޔާފައި ދޮގު ހަދާ އެއީ ބޮޑު މިލްޓްރީ ބޭސް އެއް އެހަދަނީ..ރާއްޖޭ ގެ މައި ސިފައިންގެ މަރުކަޒަށްވުރެން ވަރުގަދަ ކޮށް ކޮންކްރީޓް ކޮށް އެހަދަނީ ހަމަ ޓްރޭންނިން ސްކޫލެކޭ މޮޔަވާހަކަ ނުދައްކާ.. އަފިރިން މީ ގަމާރުންނަށް ނަހަދާ.. އަދިޔަސް މިކަމާއި ވޭޑިގައްފެހޭ ހުއްޓުވޭހެއް.

    ހިގާ އެންމެ އުޅެމާ.. މީގެ އެމްޑީޕީއެއް.. ޕީޕީއެމް އެއް ޖޭޕީ އެއް ނޯންނާނެ..
    #އައްޑޫ މިނިވަން ކުރޭ
    #އިންޑިޔާ އައުޓު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *