ހިތް ނަގައި ދެއްކޭނެ ނަމަ، ހިތް ވެސް ނަގައިފައި ދެއްކުނީސް
އަތް މަތީން ބީވީ ވަގުތު، ނުވިޔަސް އެކަންވެސް ކުރެވުނީސް
ތެދު ޙަޤީޤަތް ފާޅުކުރި ފަރިޔާދުތައް އެހިނަމަ އެރޭ
ތެދު ދޮގާ ވަކިކޮށް ޔަޤީންކޮށް ދޭނެ ފުރުސަތު ވެސް ދިނީސް
ކޮން ކުށެއްގެ ސަޒާ އަކުން ކަން ނޭނގުނަސް ހިތް ކުދިވެގެން
ކޮންމެ މިނިޓެއް ހޭދަވާ، އަހަރެއް ކަމަށް ހީވެސް ނުވީސް
މިތުރުނާ ދުރުގައި، ޚިޔާލީ ދުނިޔެއެއްގައި މާ ވަކިން
ފިކުރުގައި މާޔޫސް ވެވި ބޭކާރުވެވިގެން ނޫޅުނީސް
ނެތި ލިބޭ ނިންޖެއް އަރާމެއް، ފުން ޚިޔާލާ ފިކުރުގައި
ފެތި ޚިޔާލުގެ ކޮށްޓަކަށް އޮވެ ވާނުވާ އެއް ނޯޅުނީސް
ވަގުތުތައް ބޭކާރުވެވި، އޭގައި އަގެއް ނެތްކަން ބަލައި
މަގުތަކުން ދެވި ނޭދެވޭ، މޮޔަ ބަސްތަކެއް ވެސް ނުގޮވުނީސް
ބެހި ޙަޔާތް ބަރުބާދުވެވި، އުންމީދު ކުރިހައި ގެއްލިގެން
ޖެހި މަޅީގައި، އޮވެ މި ކެހިވެރި ރޮއި މި ބޭޒާރެއް ނުވީސް
ފުން ހަނދާންތައް ނިއުޅެމުން މާޒީގެ އެ ދުވަސް ސިފަވެގެން
ފުން އަސަރުގައި ކަރުނަތައް އޮހޮރާކަށެއްވެސް ނުޖެހުނީސް