ގޫގުލް ޕިކްސެލް 5 އަދި އާންމުކޮށް ވިއްކާކަށް ނުފަށަ އެވެ. މި ފޯނު އިއުލާންކުރީ ސެޕްޓެމްބަރު 30 ގަ އެވެ. އާންމު ވިޔަފާރި އަށް ނެރެން ހަމަޖައްސާފައި ވަނީ އޮކްޓޫބަރު 15 ގަ އެވެ. އެހެން ނަމަވެސް، ގޫގުލް އިން ޕްރީއޯޑަރަށް ހުޅުވާލުމާ އެކު އިނގިރޭސިވިލާތާއި، އަޔަލޭންޑް އަދި ޖާމަނުން ވަނީ ސްޓޮކް ހުސްވެފަ އެވެ.
ގޫގުލް ޕިކްސެލް ފޯނުތަކަށް ސަޕޯޓްކުރާ މީހުން އުންމީދުކުރާ ގޮތާ ޚިލާފަށް، ޕިކްސެލް ފޯނުތަކުގައި، ދޭތެރެ ދޭތެރެއިން ކޫސަނި މައްސަލަތައްޖެހެ އެވެ. ޕިކްސެލް 5 ޑިޒައިންކުރަމުން ދިޔައިރު ވެސް، ފިކްސެލް 4 ގައި ހުރި ބައެއް މައްސަލަތަކަށް ގޫގުލް އިން ވަނީ ހައްލުހޯދައިދީފަ އެވެ. އެހެންކަމުން، ގޫގުލް އަށް ހީވެފައި އޮތީ ޕިކްސެލް 5 އަށް ރަނގަޅު ތަރުހީބެއް ނުލިބޭނެ ކަމަށެވެ.
ގޫގުލް އަށް ހީވެފައި އޮތް ގޮތާ ޚިލާފަށް މިހާރު ފެންނަނީ ގޫގުލް 5 އަށް އޮތް ބޮޑު ތަރުހީބެވެ. މި ފޯނު ގަންނަން އެދޭ މީހުންނަށް މިހާރު އޮތް ފުރުސަތަކީ، ފޯނުތައް ވަކިވަކިން ވިއްކާ ފިހާރަތަކެވެ. ގޫގުލް ނެޓްވޯކް ތެރެއިން ފޯނުތަކަށް އޯޑަރުކުރެވޭނެ ދުވަހެއް އަދި ނޭނގެ އެވެ. ޚަބަރު ރިޕޯޓްތައް ބުނާ ގޮތުގައި، ގޫގުލް އިން ޕިކްސެލް 5، ފުރަތަ މަރުހަލާގައި އުފައްދާފައި ވަނީ އަދަދު މަދުކޮށެވެ.
ފިކްސެލް 5ގެ ޑިސްޕްލޭގައި 6 އިންޗި ހުރެ އެވެ. އެއީ "ފުލްއެޗްޑީ" އޯލެޑް ޑިސްޕްލޭއެކެވެ. ފޯނަށް އެކަށީގެންވާ ހަކަތަ ލިއްބައިދިނުމަށް – 4000 އެމްއޭއެޗް ބެޓެރީއެއް ވަނީ އަޅުވާފަ އެވެ. ޕިކްސެލް 5 ފޮށިން ނަގާއިރު ވެސް އޮންނަނީ އެންޑްރޮއިޑް 11 އަޅާ ފުރިހަމަކޮށްފަ އެވެ. ގޫގުލް އިން ވިސްނާފައި ވަނީ ބައްރުތަކުގައި ވަކިވަކިން މި ފޯނު ވިއްކުމަށެވެ.