Support Us

ހިސާބިއްޔާތާއި މުސްލިމުންގެ ދައުރު – 2

މުސްލިމުންނާއި ހިސާބިއްޔާތު

    މިއަދު ދުނިޔެ ދަންނަ ގިނަގުނަ ޢިލްމުތަކެއް ތަރައްޤީކޮށް ކުރިއެރުވުމުގައި މުސްލިމުން އަސާސީ ދައުރެއް އަދާކޮށްފައިވެއެވެ. ހިސާބިއްޔާތަށް ބަލާއިރު އަލްޖަބްރާއާއި ޖޯމެޓްރީއާއި ތިނެސްކަން ހިސާބު (ޓްރިގްނޮމެޓްރީ) އާއި ވިޔައަކުރާއި ، ދަހަމަލައާއި، ކަސްރާއި، މުލާއި (ރޫޓް) އާއި ލޮގްއެރިތަމް ފަދަ ހިސާބިއްޔާތުގައި ހިމެނޭ މުހިއްމު ބައިތައް ތަޢާރުފުކޮށް ތަރައްޤީކޮށް ކުރިއަރާފައިވާ ޢިލްމަކަށް ހެދުމުގައި މުސްލިމު ޢިލްމުވެރީންގެ ވަރަށް މުހިއްމު ދައުރެއް ވާކަން ދުނިޔެ ޤަބޫލު ކުރެއެވެ.މި ކަމުގައި  މުޙައްމަދު ބިން މޫސަލް ޚުވާރަޒްމީ (232 ހ) ފުދެއެވެ.(Algorithm) މި ބަސް އައިސްފައި ވަނީ އޭނާގެ ނަންފުޅު އަލްޚުވާރަޒްމީންނެވެ. އަލްޚުވާރަޒްމީއަކީ ހިސާބިއްޔާތާއި ފަލަކާއި ޖޯގްރަފީ މައިދާނުގައި އެންމެ ވަރުގަދަ ޝަޚްޞިއްޔަތުތަކުގެތެރޭގައި ފާހަގަ ކުރެވޭ ޢާލިމެކެވެ. އޭނާ ލިޔުއްވި އެންމެ މަޝްހޫރު އެއް ފޮތަކީ (كتاب المختصر في حساب الجبر والمقابلة) އެވެ. މި ފޮތް 1145 މ ގައި ލެޓިން ބަހަށް ތަރްޖަމާކުރެވުނެވެ. މި ފޮތުގެ ސަބަބން ހުޅަނގުގެ ބަސްތަކަށް އަލްޖަބްރާ (Algebra) އާއި (ސުމެއް) ފަދަ ބަސްތައް ވަނެވެ. މީލާދީން 16 ވަނަ ސައްތައާ ހަމައަށް ދާންދެން ޚުވާރަޒްމީގެ މި ފޮތް ހުޅަނގުގެ ޔުނިވަރސިޓީތަކުގައި ރެފްރެންސް ފޮތެއްގެ ގޮތުގައްޔާއި ކިޔަވާދޭ ފޮތެއްގެ ގޮތުގައި ވަނީ ބޭނުންކޮށްފައެވެ. ފުރަތަމަ ދަރަޖައާއި (linear equation) ދެވަނަ ދަރަޖައިގެ (quadratic degree) މާދަލާތައް (equation) ޙައްލުކުރާނެ ގޮތްތައް ފުރަތަމަ ފަހަރަށް ބަޔާންކުރެއްވީ ޚުވާޒަރްމީއެވެ. ޚުވާރަޒްމީގެ ނަންފުޅު ލެޓިން ބަހުން ލިޔަނީ (Algoritmi) އެވެ. ސްޕޭން ބަހުން ކިޔަނީ (guarismo) އެވެ. މިއަދުގެ ހިސާބިއްޔާތުގައި މި ބަސް (ޢަދަދު)ގެ މާނައިގައި ބޭނުންކުރެވެއެވެ. އަލްޚުވާރަޒްމީ ޖުމްލަ 27 ފޮތެއް ލިޔުއްވާފައިވެއެވެ. މިއަދު އަޅުގަނޑުމެން މި ބޭނުންކުރާ ވިޔައަކުރު (އެރެބިކް ނިއުމަރަލްސް)ގެ ބާނީއަކީ ޚުވާރަޒްމީއެވެ. ހުޅަނގުގެ ޤައުމުތަކުގައި މި ވިޔައަކުރަށް އަރަބި ވިޔައަކުރުގެ ނަންދީފައި ވަނީ މިހެންވެގެންނެވެ.

ކީރިތި ޤުރްއާނާއި ހިސާބިއްޔާތު

މުޖްތަމަޢަށް ފައިދާކުރާ އެންމެހާ ޢިލްމުތައް އުނގެނި އުނގަންނައިދިނުމަށް އިސްލާމްދީން ގޮވައިލައެވެ. އިސްލާމްދީން ބުނާގޮތުގައި ޢިލްމުތައް ބެހެނީ ދީނީ ޢިލްމުތަކަށާއި ދުނިޔަވީ ޢިލްމުތަކަށެވެ. އޭގެތެރޭގައި ޙިސާބިއްޔާތުވެއެވެ. މާތްﷲ ވަނީ  ހިސާބިއްޔާތު އުނގެނުމަށް ސީދާކޮށްނާއި ނުސީދާކޮށް ގޮވާލައްވައިފައެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ – القمر: 49– މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކިމިންވަރަކަށެވެ.) އެހެން ބަސްފުޅެއްގައި ވެއެވެ. (الشَّمْسُ وَالْقَمَرُ بِحُسْبَانٍ – الرحمن: 5   – މާނައީ: އިރާއި، ހަނދު، ބަރާބަރު ހިސާބެއްގެ މަތިންހިނގައެވެ.) ﷲ ތަޢާލާ ޙީސާބު އުނގެނުމުގެ ބޭނުންތެރިކަން ބަޔާންކުރައްވާ ވަޙީ ކުރެއްވިއެވެ. (هُوَ الَّذِي جَعَلَ الشَّمْسَ ضِيَاءً وَالْقَمَرَ نُورًا وَقَدَّرَهُ مَنَازِلَ لِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ – يونس: 5 – މާނައީ: އެކަލާނގެއީ، އަލިކަމެއްކަމުގައި އިރު ލައްވައި، ނޫރެއްކަމުގައި ހަނދު ލެއްވި ރަސްކަލާނގެއެވެ. އަދި އެ ހަނދު ހިނގުމަށް منـزل ތަކެއް މިންވަރުކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުން އަހަރުތަކުގެ عدد އާއި (މައްސަރުތަކާއި ދުވަސްތަކުގެ) حساب ދެނެގަތުމަށްޓަކައެވެ.) ހިސާބު ބެއްލެވުމުގައި ﷲގެ ކުޅަދުންވަންތަކަން އަންގަވައި ވަޙީ ކުރެއްވިއެވެ. (ثُمَّ رُدُّواْ إِلَى اللّهِ مَوْلاَهُمُ الْحَقِّ أَلاَ لَهُ الْحُكْمُ وَهُوَ أَسْرَعُ الْحَاسِبِينَ – الأنعام: 62 – މާނައީ: ދެން އެއުރެންގެ އެހީތެރިވަންތަ، حق ވަންތަ اللَّه ގެ حضرة އަށް އެއުރެން ރައްދުކުރައްވާނެތެވެ. ދަންނާށެވެ! حكم ކުރެއްވުންއޮތީ، އެކަލާނގެއަށެވެ. އެކަލާނގެއީ، حساب ބެއްލެވުމުގައި އެންމެ އަވަސް ރަސްކަލާނގެއެވެ.) ﷲ ތަޢާލާ ޙިސާބު އުނގެނުމަށް ގޮވާލައްވައި ވަޙީ ކުރެއްވި ބަސްފުޅުތަކުގެ ތެރޭގައި މި ބަސްފުޅު ފާހަގަ ކުރެވެއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. (وَجَعَلْنَا اللَّيْلَ وَالنَّهَارَ آيَتَيْنِ فَمَحَوْنَا آيَةَ اللَّيْلِ وَجَعَلْنَا آيَةَ النَّهَارِ مُبْصِرَةً لِّتَبْتَغُوا فَضْلًا مِّن رَّبِّكُمْ وَلِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ وَكُلَّ شَيْءٍ فَصَّلْنَاهُ تَفْصِيلًاالإسراء: 12 – މާނައީ: ރޭގަނޑާއި، ދުވާލަކީ، ދެ ހެކިކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. ފަހެ، ރޭގަނޑުގެ ހެކިން نور ފުހެލެއްވީމެވެ. އަދި ދުވާލުގެ ހެކި އެއީ (ތަންތަން) ދައްކައިދޭ އެއްޗެއްކަމުގައި ލެއްވީމެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ތިޔަބައިމީހުން، فضل ވަންތަކަން އެދި އުޅުމަށްޓަކައެވެ. އަދި އަހަރުތަކުގެ عدد އާއި، حساب، ތިޔަބައިމީހުން ދެނެގަތުމަށްޓަކައެވެ. އަދި ކޮންމެ ކަމެއްމެ تفصيل ކޮށް ތިމަންރަސްކަލާނގެ ބަޔާންކޮށްދެއްވީމެވެ.)

އިސްލާމީ ޙަޟާރަތުގެ ސަބަބުން ޔޫނާނީންނާއި ރޯމަނުންގެ ޢިލްމީ ފޮތްތައް ތަރްޖަމާކުރެވުނެވެ. އެ ފޮތްތައް ގެއްލި އުވިގެން ނުދިޔައީ މުސްލިމުން އެ ފޮތްތައް ދިރާސާކޮށް އެ ފޮތްތަކުގައި ހުރި މަޢުލޫމާތުތައް ރަނގަޅުކޮށް އެ މަޢުލޫމާތުތައް އިތުރަށް ތަރައްޤީކޮށް އެ ޢިލްމުތައް ކުރިއެރުވުމުގެ ސަބަބުންނެވެ.މުސްލިމުން އެތައްއެތައް ޢިލްމުތަކެއް އަލަށް އީޖާދުވެސް ކުރިއެވެ.

ޢައްބާސީ ޚަލީފާ އަބޫ ޖަޢުފަރުލް މަންޞޫރުގެ ޚިލާފަތުގައި ބަޠުލީމުސް އަލްޤުލޫޛީ (CLAUDIUS PTOLOMY) ގެ ޢިލްމީ ބައެއް މަސައްކަތްތައް ޢަރަބިބަހަށް ތަރްޖަމާކުރެވުނެވެ. އޭގެތެރޭގައި އަލްމަޖިސްޠީ (EMEGAL MATHEMATIKE – މާނައަކީ ހިސާބުގެ އެންމެ ބޮޑު ފޮތް) ވެއެވެ. މުސްލިމުން، މި ފޮތް ތަރްޖަމާކުރުމަށްފަހު މި ފޮތުގައި ހުރި ކުށްތައް ރަނގަޅު ކުރިއެވެ. އަދި މި ފޮތަށް އެތައް މަޢުލޫމަތުތަކެއް އިތުރު ކުރިއެވެ. މި ފޮތަކީ ފަލަކާއި ހިސާބިއްޔާތާ ބެހޭ އެކުމާފާނެކެވެ. މުސްލިމުން ސާންސްކްރިޓް ބަހުން ތަރްޖަމާކުރި ފޮތްތަކުގެ ތެރޭގައި ސިދަންޓާ (Siddhanta) ވެއެވެ. މާނައަކީ މަޢުލޫމާތާއި ޢިލްމާއި މަޒުހަބެވެ. އަލްޚުވާރަޒްމީ މި ފޮތުން ފައިދާ ޙާޞިލު ކުރައްވާފައި ވެއެވެ. ހިސާބިއްޔާތުގައި އެންމެ މަޝްހޫރު ބައެއް ޢިލްމުވެރީންނާ ބެހޭގޮތުން ފަހުން ކޮންމެވެސް ތަފްޞީލަކަށް ދެވޭތޯ ބަލާނަމެވެ.

މުސްލިމު ޢިލްމުވެރީންގެ އަތްމަތިން ލައިފާ ހިސާބިއްޔާތީ ޢިލްމު ވަނީ ވަރަށް ހަލުވި ދުވެއްޔެއްގައި ވަރަށް ދިގު ރާސްތާއެއް ކަނޑަތުކޮށްފައެވެ. އެބޭފުޅުންގެ މަސައްކަތްޕުޅުތަކަށް ހުޅަނގުގެ ޢިލްމުވެރީން ވަނީ ވަރަށް ބޮޑަށް ތާރީފު ކުރައްވަފައި ވެއެވެ. އެބޭފުޅުން އެކަމާމެދު ޙައިރާންވެ ވަޑައިގެންފައިވެއެވެ. އޭގެތެރެއިން ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ. (މުސްލިމުން ހިސާބިއްޔާތީ ޢިލްމަށް ވަރަށް ޚާއްޞަ ޢިނާޔަތެއްދީފައިވެއެވެ. ޙަޤީޤަތުގައި އަހުރެމެންގެ އުސްތާޒުންނަކީ އެމީހުންނެވެ. އެމީހުން ވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގެތެރޭގައި ކުރިބޯށްޓާ ހަމައަށް ވާޞިލުވެފައެވެ.) ރޮމް ލަންޑޯ ވިދާޅުވިއެވެ. (ހިސާބިއްޔާތަށް އެހާ ބޮޑެތި ބަދަލުތަކެއް ގެނެސްދިނީ މުސްލިމުންނެވެ. ޒަމާނީ ހުޅަނގީ ދުނިޔެ އޭގެ މަތީގައި ޤާއިމުވެފައިވާ އަސާސަކީ  މުސްލިމުން އުފަންކުރުވި ހިސާބިއްޔާތީ ޢިލްމުތަކެވެ.  ހިސާބިއްޔާތީ ޢިލްމުތަކަށް މުސްލިމުން ބޮޑެތި އިންޤިލާބުތަކެއް ނުގެނައިނަމަ ކޮޕަރނިކްސް އާއި، ޑި ކާރޓްފަދަ ބޭބޭފުޅުން ފާޅުވުން ލަސްވެގެންދާނެކަން ކަށަވަރެވެ.) ރޯމަން އެމްޕަޔަރު ވެއްޓުމާ ހިސާބުން ޔޫރަޕުގެ ސައެންސީ ތަރައްޤީ ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ޚުވާރަޒްމިއްޔާތާ (alogrithams) މުސްލިމު ޢާލިމުންގެ ދައުރު

ހިސާބިއްޔާތުގައި މުސްލިމު ޢާލިމުންނަކީ ތަފާތު ސަރަޙައްދުތަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންތަކެކެވެ.  ޢިރާޤަށާއި ޝާމުކަރައަށާއި މަޣުރިބަށާއި އަންދަލުސަށާއި މިޞްރަށާއި އިސްލާމީ އިރުމަތީ ސަރަޙައްދުގެ ރަށްތަކަށެވެ. ފިރިހެން ބޭފުޅުންނާއެކު އަންހެން ބޭފުޅުން ވެސް ހިސާބިއްޔާތުގެ މައިދާނުގައި ކުރިއަށް ނުކުމެވަޑައިގެންފައި ވެއެވެ. މި ރޮގުގައި ފާހަގަކޮއްލެވޭ އެއްބޭފުޅަކީ އަމަތުލްވާޙިދު ސުތައިތަތުލް މަޙާމިލީ އަލްބަޣްދާދީ އެވެ.

ޙިސާބިއްޔާތުގައި މަޝްހޫރު މުސްލިމު ބައެއް ޢިލްމުވެރިން

ހަމަ މިސާލެއްގެ ގޮތުން ދެތިން ބޭފުޅެއްގައި ނަން ބަޔާންކޮށްލާނަމެވެ.

  • އިބްނު ސީނާ: އަކީ އަބޫ ޢަލީ އަލްޙުސައިން ބިން ޢަލީ ބިން ސީނާއެވެ. ދުނިޔެއަށް ވަޑައިގަތީ 980މ. ވަނަ އަހަރު އުޒްބަކިސްތާނުގެ ރަށްފުށުގެ ރަށެއްގައެވެ.ޢުމުރުފުޅުން 10 އަހަރުގައި ޤުރްއާން ހިތުދަސްކުރައްވައިފިއެވެ. އިބްނު ސީނާއަކީ ހިސާބިއްޔާތާއި ބޭސްވެރިކަމާއި ފަލްސަފާގައި މަޝްހޫރު ޢާލިމެކެވެ. އޭނާ ހިސާބިއްޔާތުގައި މަޝްހޫރު ތިން ފޮތެއް ލިޔުއްވިއެވެ. އެއީ (مختصر علم الهيئة) އާއި (ومختصر إقليدس) އާއި (رسالة الزاوية) އެވެ. އިބްނު ސީނާގެ އެހެން ފޮތްތަކާ ބެހޭގޮތުން އެއްޗެއް ނުދަންނަވާނަމެވެ. ނިއުޓަން ފުރަތަމަ ޤާނޫނު ހޯއްދެވީ އިބްނު ސީނާކަމަށް ބުނެވެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޒަހްރާ ގުރަހަ އިރަށްވުރެ ކައިރީ  ބިމާއެވެ.

  • ޢުމަރުލް ޚައްޔާމު: އަކީ ޢުމަރު ބިން އިބްރާހީމުލް ޚައްޔާމެވެ. ރައްކައުވީ ނައިސާބޫރީގައި މީލާދީން 1048ވަނަ އަހަރުއެވެ. ތުއްޕުޅުއިރު މަސައްކަތް ކުރައްވާފައިވަނީ ފޭލިގެ ވިއުމުގައެވެ. އޭނާއަކީ އަލްޖަބްރާގައި ވަރަށް ފުންނާބު އުސް ޢިލމުވެރިއެކެވެ. ތިންވަނަ ދަރަޖައާއި ހަތަރުވަނަ ދަރަޖައިގެ މާދަލާތައް އޭނާ ޙައްލު ކުރެއްވިއެވެ. މީގެއިތރަށް އޭނާއަކީ ތަޙްލީލީ ޖޯމެޓްރީ (analytic geometry) އާއި އިޤްލިދީ ޖޯމެޓްރީ (Euclid Geometry) ގައި ވަރަށް މަޝްހޫރު ޢިލްމުވެރިއެކެވެ.

  • އަލްޚުވާރަޒްމީ: އަކީ މުޙައްމަދު ބިން މޫސާ އަލްޚުވާރަޒްމީއެވެ. އުފަންވެވަޑައިގަތީ ޚުވާރަޒަމު ނަމަކަށް ކިޔާ ރަށުގައި މީލާދީން 780 ވަނަ އަހަރުއެވެ. ޚަލީފާ މައުމޫނުގެ ޒަމާނުގައި ޚުވާރަޒްމީ އުޅުއްވީ ބަޣްދާދުގައެވެ. ބައިތުލް ޙިކްމާގައި އޭނާ ފަލަކާއި ޖޯގްރަފީ ކިޔަވާދެއްވަން އުޅއްވިއެވެ. ޚުވާރަޒްމީ އަކީ ހިސާބިއްޔާތުގެ ޢިލްމުތަކުގައި ވަރަށް މަތިވެރި މަޤާމެއް ޙާޞިލު ކުރައްވާފައިވާ ޢާލިމެކެވެ. ޙިސާބާއި ޖަބްރު ތަފާތު ވަކި ދެ ޢިލްމަކަށް ހެއްދެވީ ޚުވާރަޒްމީއެވެ. އޭނާ ލިޔުއްވި މަޝްހޫރު ފޮތްތަކުގެ ތެރޭގައި (المختصر في حساب الجبر والمقابلة) އާއި (كتاب الجبر والمقابلة) އާއި (كتاب علم الحساب) ވެއެވެ. މި ފޮތްތައް ވަނީ ހުޅަނގުގެ ބަސްތަކަށް ތަރްޖަމާ ކުރެވިފައެވެ. އަޅުގަނޑުމެން މިހާރު މި ގެންގުޅޭ ވިޔައަކުރަކީ އޭނާ އީޖާދު ކުރެއްވި  އަކުރެކެވެ. ސުމެއްވެސް އީޖާދު ކުރެއްވީ އޭނާއެވެ. ޢަދަދުތަކަށް ލިބިގެންވާ ވަޅުގެ އަގު (place value) ތަޢާރުފު ކުރައްވައި ހިސާބުގެ މަސްއަލަތައް ލުއިފަސޭހަކަމާއެކު ޙައްލު ކުރެވޭނެ މަގު ތަނަވަސްކޮށް ދެއްވިއެވެ. މާދަލާގެ އެއްފަރާތުގައި ހުންނަ އެއްޗެހި އަނެއް ފަރާތަށް ގެންދިޔުމުން ފާހަގަ (+ ން – ށް) ބަދަލުވާ އިޞްޠިލާޙު ތަޢާރުފުކުރެއްވީ ޚަވާރަޒްމީއެވެ. ބައެއް ޢދަދުތަކަށް (ބީރު ޢަދަދު) ގެ ނަން (العدد الأصم  ނުވަތަ surd) ދެއްވީ ޚުވާރަޒްމީއެވެ. ޔޫރަޕްގެ ބަސްތަކަށް މި ނަން ގެންގޮސްފައިވަނީ އަކުރުންއަކުރަށް ތަރްޖަމާކޮށްގެންނެވެ. ވަރަށް ގިނަ ބައްޓަންތަކުގެ އޭރިއާ ހޯދާއިރު ބޭނުން ކުރާ (π) ގެ މިންވަރަކީ ކަމަށް އެންމެ ފުރަތަމަ ވިދާޅުވީ ޚުވާރަޒްމީއެވެ. ތިނެސްކަން ހިސާބުގައި ބޭނުންކުރެވޭ ނިސްބަތެއް ކަމުގައިވާ  (Tangent) ހޯއްދަވާ އީޖާދު ކުރެއްވީ ޚުވާރަޒްމީއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ބައެއް މަސްއަލަތަކަށް ޙަޤީޤީ ޙައްލެއް ނުހޯދޭނެއެވެ. އެހެންކަމުން މުރައްކަބު ޢަދަދަށް (complex number) ދޮރު ހުޅުވައިލަދެއްވީ ޚުވާރަޒްމީއެވެ. ކޮމްޕިޓަރުގައި ބޭނުންކުރެވޭ އެލޮގްއެރިތަމްގެ ބާނީއަކީ ޚުވާރަޒްމީ އެވެ. މިހެންވެ ޚުވާރަޒްމީއަކީ ކޮމްޕިއުޓަރުގެ ބާނީއެވެ. ޚުވާރަޒްމީ އަވަހާރަވީ މީލާދީން 850 ވަނަ އަހަރުއެވެ.

  • އަލްބީރޫނީ: އަކީ އަބުއްރައިޙާން މުޙައްމަދު ބިން އަޙްމަދުލް ބީރޫނީއެވެ. ބީރޫނީއަކީ ފަލްސަފާއާއި ހިސާބިއްޔާތުގެ ޢަލިމެކެވެ. ބިމުގެ ބައި ދިގު ހުރަސް (radius) ހޯދާނެ މާދަލާއެއް އޭނާ ހޯއްދެވިއެވެ. އޭނާ ލިއުއްވި މަޝްހޫރު ފޮތްތަކުގެތެރޭގައި ވައްބުރާ ބެހޭ ތަފާތު ބައިތައް ހިސާބުކުރާނެގޮތް ބުނެދޭ ފޮތެއްވެއެވެ.

  • އައްޠޫސީ: އަކީ ނާޞިރުއްދީނުއް ޠޫސީއެވެ. އޭނާއަކީ ތިނެސްކަން ހިސާބުގެ ބައްޕަކަމަށް ބުނެވެއެވެ. މީގެއިތުރަށް ޠޫސީއަކީ ޖޯމެޓްރީއާއި ފަލަކާ ބެހޭ ޢާލިމެކެވެ.އޭނާ ލިޔުއްވި ފޮތްތަކުގެ ތެރޭގައި (كتاب القطاعات) ވެއެވެ. ތިނެސްކަން ހިސާބުގެ މުހިއްމު ޤާނޫނެއް ކަމުގައިވާ ޖީބު (Sine) ޤާނޫނު ހޯއްދެވީ ޠޫސީއެވެ.

  • އިބްނު އަސްލަމު: އަކީ އަބޫ ކާމިލު މުޙައްމަދު ބިން ޝުޖާޢުލް މިޞްރީއެވެ. އޭނާއަކީ ބަޣްދާދާއި ޤާހިރާއިން ކިޔަވާވިދާޅުވި ސޫރިޔާގެ ޢާލިމެކެވެ. ޚުވާރަޒްމީގެ އަލްޖަބްރާގެ މަސައްކަތްތަކަށް އޭނާ އެތައް އެއްޗެއް އިތުރުކުރެއްވިއެވެ. ދެވަނަ ދަރަޖައިގެ މާދަލާތަކުގެ ދެ މޫ އޭނާ ހޯއްދެވިއެވެ. ފަސް ދަރަޖައާއި ހަ ދަރަޖައިގެ މާދަލާތައް ވެސް ޙައްލު ކުރެއްވިއެވެ.އޭނާ އެކުލަވައިލެއްވި މުހިއްމު ފޮތްތަކުގެ ތެރޭގައި (ﻛﺘﺎﺏ ﻓﻲ ﺍﻟﺨﻄﺄﻳﻦ) އާއި (ﻛﺘﺎﺏ ﻛﻤﺎﻝ ﺍﻟﺠﺒﺮ ﻭ ﺗﻤﺎﻣﻪ ﻓﻲ ﺃﺻﻮﻟﻪ) އާއި (ﻛﺘﺎﺏ ﺍﻟﻮﺻﺎﻳﺔ ﺑﺎﻟﺠﺬﻭﺭ) ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *