Support Us

ކޮލަމް: ފަގުޑި

ހުކުރު ޚުޠުބާގެ ވާހަކަ

ކިތައްމެ ރަނގަޅު ކަމަކާމެދުވެސް ދެކޭގޮތް ތަފާތުވެއްޖެނަމަ، އެކަމެއް ރަނގަޅެއް ނުވާނެއެވެ. ހަމަ އެހެންމެ ކިތައްމެ ގޯސްކަމެއްވިޔަސް އެއީ ހަމަ ރަނގަޅުކަމެއް ކަމުގައި ދެކޭނަމަ އެކަމެއް ގޯސް ކަމަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. އަދި ހަމަ އެހެންމެ، ކިތައްމެ ރަނގަޅުކަމެއް ކަމުގައިވިޔަސް އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ގޯހުންގޯހަށް ގެންދެވިދާނެއެވެ. މިއީ އިންސާނީ ތާރީޚުގެ ޒަމާންވީ ސަގާފަތެވެ. މިހާރަކަށް އައިސް މިފަދަ ކަންކަން ފެންނަލެއް އަދި މާގިނައެވެ. މި މައުޟޫޢުގައި ކުރިއަށް ދާނަމަ ތަފާތު ވަރަށް ގިނަ ކަންކަން ހިމެނިދާނެއެވެ.

ހުކުރު ނިމިގެން ގެއަށް އައި މަގުމަތިން ދެކެފަރިތަ މީހަކު ގޮވާލީމާ ހުއްޓިއްޖައީމެވެ. ފުރަތަމައިންވެސް ސުވާލުކޮށްލީ މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫޢު އެނގޭހެއްޔެވެ؟ އެއީ، ކިޔަވައިގެން ހުރި އަދި، ދީނީ ތަޢުލީމުވެސް އެނގޭ މީހަކަށްވާތީ، ބޮޑަށް އެނގޭނީ ތިޔަބޭކަލުންނަށް ނޫންތޯއޭ ބުނެލީމެވެ. ލިބި ހުރި ތަޢުލީމުގެ އިތުރަށް މަޢުލޫމާތަށްވެސް ފަރިތަ ބޭކަލަކަށް ވާތީ ވަގުތުން ހުރިހާ އެއްޗެއް ބަންޑުން ކޮށްލެއްވިއެވެ.

"ފެށީ ޢުމުރުން ދުވަސްވީ މީހުންގެ ވާހަކައިން. ވަކި ހިސާބަކުން ޢުމުރުން ދުވަސްވީ މީހުން ބަދަލުވީ މައިންބަފައިންނަށް. ދެން ކީ އާޔަތެއް. އޭގެ މާނަ ގެނައިގޮތުން އެހެންޏާ އެއާޔަތުގެ މާނަ ހަމަ ޚުޠުބާތަކުން އިވޭ ގޮތާ ތަފާތު. މިއަދު އެއާޔަތުގެ މާނަ ކީގޮތުން މައިންބަފައިންނަށް އިޙްތިރާމްކޮށް ކަމޭހިތަން ޖެހެނީ އެމީހުން ޢުމުރުން ދުވަސްވީމާ. އެހެން ނޫނީ އެމީހުންނަށްވެސް ކަމޭހިތާކަށް ނުޖެހޭ. ހިތަށްއެރި އެއީ، ލިޔެފައި އޮތްގޮތްބާއޭ. ނޫނީ ކީ މީހާ ކީގޮތް ބާއޭ. މިއީދެން ކިހާ ބޮޑުކަމެއް. މިހާރު ދަރިންނަށްވެސް މި އިއްވާކަށް ނުވާނެ. އޭރުން އަހަރެމެންގެ މިޢުމުރުގައި އެކުދިން އަހަރެމެންނަށް ކަމޭހިތަން ޖެހޭނެ ކަމަށް ޤަބޫލެއްވެސް ނުކުރާނެ. ކޮންއެއްޗެއް ދެން ރަނގަޅުވާނީ މިއީ ހުކުރު ޚުޠުބާގެ ޙާލަތު." މިހިސާބަށް ވާހަކަ ދިޔަތަނާ މައުޟޫޢު ބަދަލުކޮށްލުމުގެ ނިޔަތުގައި ފަށައިފީމެވެ. "ހުކުރު ޚުޠުބާގައި ވަރަށް ގިނަ ވާހަކަ ގެނެވިދާނެއްނު. އެހެން ނޫނަސް މަސްވެރިކަމަށް ބަލާބަލަ. ބައްޕަމެން ބުނާގޮތުން ރާގޮނޑި އައިނަކަށް ކަށްވައިގެން ބައިބައި ތިއްބާ ރާގޮނޑި ފަވާލާފައި މަސްވެސް އަރާ އަދި ގޮދާވެސް އަރާ. މިއަދުގެ ޚުޠުބާއަށް ތިޔަވީ އެކަހަލަ ގޮތެއް ކަމަށްވެސް ވެދާނެއްނު." ސަމާސާ ރާގަކަށް ބުނެލީމެވެ.

ކުރިންވެސް ނަންގެންހެން އެއީ މިކަހަލަ މަޢުލޫމާތަށްވެސް ނުހަނު ފަރިތަ ބޭކަލަކަށްވާތީ އަނެއްކާ ފަށައިގަތެވެ. "ހުކުރު ޚުޠުބާގައި އިޝާރާތްކުރާނީ އެއިރަކު މުޖުތަމަޢުގައި ހުރި މައިގަނޑު މައްސަލަތަކަށް. ދެން އެކަމަކާ ގުޅޭގޮތުން ދީނީގޮތުން ދޭންބޭނުންވާ ނަޞޭޙަތް ހިމަނާނީ. މިއީ އިސްލާމީ އުއްމަތުގައި މިކަން ކުރަމުން އަންނަ ގޮތަކީ." މިހިސާބުން ވާހަކަ މެދުކަނޑާލާފައި އަނެއްކާވެސް ފަށައިފީމެވެ. "މިހާރުވެސް އެކުރަނީ އެގޮތަކަށްނޫންތަ؟ އަޅުގަނޑަށް މިވަރަށް ބުނެވުނު ތަނާ ތަންކޮޅެއް އަޑުގަދަކޮށް އަނެއްކާވެސް ފަށައިގަތެވެ. ތިޔަބުނަން އުޅެނީ މައިންބަފައިންނަށްދޭ ފައިސާ ދަރިން ބޭނުންކުރާ ވާހަކަ ދޯ؟ ހުންނާތި ބަލަން. ޚުޠުބާގައި އެވާހަކަ އެ ގެނައީ އެފައިސާ ދަރިން ބޭނުންކުރާތީއެއް ނޫން. އެއުޅެނީ ކޮންމެސް އެއްޗެއް ކިޔައިގެން އެފައިސާކޮޅުވެސް ދިނުން ހުއްޓާލަން. ކަންތައްކުރާ ގޮތް މިހާރު އެއްމެނަށް އެނގޭ. އެކަހަލަ ކޮންމެ ކަމެއް ކުރަންވީމާ މިނިސްޓަރު ލައްވާ މުޖުތަމަޢަށް ވިހަދޫކުރަން މިހާރު ބޭނުންކުރަނީ ހުކުރު ޚުޠުބާ. މިއަދުގެ ޚުޠުބާގައި އެވާހަކަ އެ ގެނައީ އެހެންވެ. ޔަޤީނެއްނު."

މިވަރަކުން އަދި ހުއްޓާލީއެއްނޫނެވެ. "ބަލާބަލަ މީގެ ދެ ހުކުރެއް ކުރިން އެއޮއް ކީ ޚުޠުބާއެއް. ހަމައެކަނި ޚުޠުބާ ފަށއިގެންއިރު ޙަމްދު ޞަލަވާތް ހިމަނާފައި ދިވެހިބަހުގެ ބައި ފަށާފައި ވަނީ ޙަމްދުޞަލަވާތްވެސް ނުލާ. އެދުވަހު ހުކުރަށް ދިޔަ މީހަކަށް އެނގޭނެ. މިދެން ބޮޑުވަރު ދޯ؟ ޒަމާނުއްސުރެ މިރާއްޖޭގައި އަހަރެމެން އަޑުއަހާ ޚުޠުބާތައް ކިޔަނީ އެދެބައިގައިވެސް ޙަމްދުޞަލަވާތް ހިމަނައިގެން" މިހިސާބަށް ދިޔަތަނާ އަނެއްކާވެސް ވާހަކަ މެދުކަނޑާލާފައި ބުނީމެވެ. "ޚުޠުބާގެ ރުކުންތަކާއި ޝަރުޠުތަކަށް ބަލާއިރު އޮންނަނީ ޙަމްދުޞަލަވާތް ހިމަނަން. އެހެންވީމާ ޙަމްދު ޞަލަވާތް ހިމެނިފައި އޮތުމުން އެނިމުނީނު" މިވަރަށް ބުނެވުނު އިރަށް އަނެއްކާ ފަށައިފިއެވެ. "އާނ! މިހާރު ދެން ތިޔަހެން ބުނެލާފައި ތިޔަގޮތަށް ނިންމާލާނީ. އެކަމު މަށަށް މިއިން ދުވަނީ އެހެން ވަހެއް. އެއުޅެނީ އެހެން ދަމުންގޮސް އެއްމެފަހުން ޙަމްދުޞަލަވާތްވެސް ނުލައި ޚުޠުބާ ހަދަން. ހުރެބަލަ ބަލަން. މިވަރުން ދަންޏާ އަދި އެހިސާބަށްވެސް ދާނެ."

"ކުރީ ދުވަހެއްގެ ޚުޠުބާގައިވެސް ރައްޔިތުންނަށް އެގޮވާލީ ބަރަހަނާ ސައިޓުތައް ބަންދުކުރަން. އަޅެ މީހަކު ހައިރާނެއް ނުވާނެތަ؟ މިއީ ކުންފުނިތަކަށް އަންގައިގެން ސަރުކާރުން ކުރަންޖެހޭ ކަމެއް. މިވެސް ޢާއްމުންނަށް އޮޅުވާލުމަށް ކުރި ކަމެއްނޫން އެހެން ދެން ކޮންކަމެއް؟ މިކަހަލަ ކަންކަމަށްވެސް މިބޭނުންކުރަނީ ހުކުރުޚުޠުބާ. ކޮންކަމެއް ކޮށްފަ ނުކުރާނީ؟" މިހިސާބަށް ދިޔަތަނާ މާބޮޑަށް ލަސްވެއްޖެއޭ ބުނެ ހިނގައިގެންފީމެވެ.

އިސްލާމީ އުއްމަތަށް ބަލާއިރު، އެކި ސަރުކާރުތަކުން އެކި ދުވަސްވަރު ސިޔާސީ ކަންކަމަށް ހުކުރުޚުޠުބާ ބޭނުންކުރާކަމުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. މިގޮތުން މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ހުކުރުޚުޠުބާގައި އެއް ދުވަސްވަރެއްގައި ކަމެއްގެ ދަލީލަކަށް ބޭނުންކުރާ އާޔަތް ނުވަތަ ޙަދީސް، އަނެއް ދުވަސްވަރެއްގައި އޭގެ ދިމާ އިދިކޮޅު ދަލީލަކަށް ބޭނުންކުރާ ވާހަކަ މެދުއިރުމަތީގެ ބައެއް ނޫސްތަކުން ދުށީމެވެ. މިރާއްޖޭގައިވެސް ހުކުރުޚުޠުބާގައި ސިޔާސީ ކުލަވަރު ޖެހެމުންދާ ކަމަށް ދިގު ތިރީސް އަހަރުގެ ވެރިކަމުގެ ފަހުކޮޅުން ފެށިގެން ސިޔާސީ މީހުން ތުހުމަތުކުރަން ފަށައިފިއެވެ. ސަޢުދީ ސަރުކާރުން ޙާޖީންނަށް ދޭން ބޭނުންވާ ނަޞޭޙަތާއި އިރުޝާދު ހިމަނާފައިވާ ހުކުރުޚުޠުބާ މަސްޖިދުލްޙަރާމުން އަޑުއަހަމެވެ. ޙަޤީޤަތުގައި ހުކުރުޚުޠުބާ އެކުލެވިފައި ވާންވާނީ، އެދުވަސްވަރެއްގައި އެއްމެ ބޭނުންތެރި އިޖުތިމާޢީ މުހިންމު ކަންކަމަށް އެޑްރެސްކުރެވިފައިވާ ދީނީ ނަޞޭޙަތުގެ މައްޗަށެވެ. ނަމަވެސް، އިސްވެ ދެންނެވި ފަދައިން އިސްލާމީ އުއްމަތުގެ އެކިއެކި ވެރިކަންތަކުގައި ސިޔާސީ އައްޑަނައަކަށް ހުކުރުޚުޠުބާ ބޭނުންކުރަމުން ދާކަމަށް ވަރަށް ކުރިއްސުރެ ވާހަކަ ދެކެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

  1. ތިޔަ ބައްދަލުވި މީހަކީ ދީނީ އިލްމުވެސް އުނގެނިގެން ހުރި މީހެއް ކަމަކު ވަރަށް ބޮޑަށް ވަކިކުލައަކަށް ގޮސް ހުސްވެފައި ހުރިކަމަށް ވާހަކައިން ހާމަވަނީ. ހުތުބާ ފެށުމުގެ ކުރިންވެސް ވަކި ކޮޅެއް ނަގައި ވަކި ވިސްނުމެއްގައި ހުރެ ހުކުރަށްދާ މީހާއަށް ހުތުބާ ރަނގަޅުވާނެ ގޮތެއް ނެތް. ޙަމްދު ޞަލަވާތަށް ބަލާއިރު ދެބަހުން އެބައި ގެނައުމުގެ ބޭނުމެއް އަސްލުގައި ވެސް ނެތް. ހުތުބާއަށް މިލިބެނީ 25 ވަރަކަށް މިނެއްޓު. ބައެއް މައުލޫޢުގެ ގޮތުން ވަރަށް ގިނަ ވާހަކަދައްކަން ޖެހޭ. ހަމްދު ޞަލަވާތަކީ ބަރަކާތަށްޓަކައި ހުތުބާގައި ހިމަނާ ބައެއް. ދުޢާތަކަކީ ﷲ އަށް ދަންނަވާ އެއްޗެއް. މީހުންނަށް ބޭނުންވާނީ އެމީހުންނާ މުޚާތަބުކުރެވޭ ބައި. ވީމާ އެބަޔަށް ބޮޑަށް އަލިއަޅުވާލުމަށްޓަކައި ހަމްދު ޞަލަވާތް ތަރުޖަމާ ދޫކޮށްލުން އެންމެ ރަނގަޅު ގޮތަކީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *