Support Us

އައްޑޫ ސިޓީގައި ފުލުހުން ހިންގާ ޑްރަގް އޮޕަރޭޝަން:

ޝަރީއަތް ނިންމެންދެން އިތުރު ތިން މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީ ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު ތިން މީހަކު ޝަރީއަތުން ގޮތެއް ނިންމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ  ސ. ހިތަދޫ/ ފިނިފަރު، ހަސަން އާމިރު، 25،  އާއި ސ. ހިތަދޫ/ބުލޫބާރޑް، ހޫދު ލަތީފް، 24، އާއި ސ. ހިތަދޫ/މަންދޫބުގެ، ޙުސައިން ސިމާޙު، 27، އެވެ.

މި މީހުންގެ ތެރޭގައި ހިމެނޭ ހޫދު ލަތީފަކީ މި މައްސަލައާ ގުޅިގެން އޮކްޓޫބަރު 7 ވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށް، އެދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހެކެވެ. އަދި އަނެއް ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައި ވަނީ އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ.

މި ތިން މީހުންނާއެކު ޖުމްލަ ފަސް މީހަކަށް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެެހެއްޓުމަށް އަމުރުކޮށްފައެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މީގެ ކުރިން ވަނީ ސ. ހިތަދޫ/ފިނިފަރު، ޢަބްދުﷲ އިބްރާހިމް، 33، އާއި ސ. ހިތަދޫ/ކޯޅި، މުޙައްމަދު ޔާމީން ނަޞީރު، ،23، ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.

އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 16 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ދެ މީހަކު ފަހުން ހައްޔަރުކޮށްފައިވާއިރު، އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ އޮކްޓޫބަރު 5 އަދި 7 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 5 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި އޮކްޓޫބަރު 7 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ހޫދު ލަތީފެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ އަށް މީހަކު ވަނީ ދޫކޮށްލާފައެވެ.

ޢަބްދުﷲ އިބްރާހީމް އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޜަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި ޚާއްސަ އޮޕަރޭޝަންގައި ވަގުތީ ބަރުދަނުގައި 98.6 ކިލޯގެ މަސްތުވާތަކެތި ފެނިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *