...

Support Us

ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުން – ސަރުކާރެއް އޮތުމުގެ ބޭނުން

ރައްޔިތުންގެ މަޞްލަޙަތުގެ ތެރޭގައި އެބައިމީހުންގެ ޢަޤީދާއާއި، މުދަލާއި ނަފުސާއި ފުރާނައާއި ޢަބުރު ރައްކާތެރިކުރުން ހިމެނޭނެކަން ކަށަވެރެވެ. ރައްޔިތުން ސަރުކާރެއް ހޮވައި އެބައިމީހުންގެ ފައިސާއިން މުސާރައާއި އެހެނިހެން ޢިނާޔަތްތައް ދެނީ މި ކަންކަން ޙިމާޔަތްކޮށް އެ މީހުންނަށް އަމާން މުޖުތަމަޢެއް ޤާއިމުކޮށްދިނުމުގެ މަސްއޫލިއްޔަތު އުފުއްލުމުގެ ޒިންމާއާ އެކީގައެވެ. ވީމާ، ރައްޔިތުންގެ މި ހުރިހާ މަޞްލަޙަތެއް ޙިމާޔަތްކޮށްދީ ހުރިހާ ދާއިރާއަކުން ރައްޔިތުންނަށް ކުރިއެރުން ހޯދައިދިނުމަކީ ސަރުކާރެއް އޮތުމުގެ ޙަޤީޤީ ބޭނުމެވެ. ސަރުކާރުގެ ޒިންމާއަކީ އެއީއެވެ.

ދިވެހިރާއްޖޭގައި ދިވެހީންގެ "އިޖުތިމާޢީ ޚިދުމަތުގައި" ހެލިކޮޕްޓަރު ދުއްވައިދޭން އުޅޭ "ޚާދިމުން"ގެ ޢަދަދާއި އެ މީހުންނަށް ދިވެހިރައްޔިތުންގެ ވާރު ފައިސާއިން ކުރާ ޚަރަދު ހާމަކުރައްވާން މިނިސްޓްރީ އޮފް ޑިފެންސުން އިޢުތިރާޒުކުރެއްވި ޚަބަރަކީ އެންމެން ކިޔައި ބާވެފައިވާ ޚަބަރެކެވެ. އެހެންނަމަވެސް، މިއީ ޤާނޫނު ބުނާ ގޮތުން ނުދެއްވައި ހިފެހެއްޓެވޭނެ މަޢުލޫމާތެއް ކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. އެހެނީ ދިވެހިރާއްޖޭގައި އުޅޭ އެހެން ޤައުމެއްގެ މީހުންގެ ޢަދަދު، ދިވެހި ދައުލަތުގެ އެއް ޢުންޞުރުކަމުގައިވާ، ދިވެހިރާއްޖޭގެ އަހުލުވެރިންނަށް އެނގުމަކީ ދިވެހީންގެ ޙައްޤެކެވެ. ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު އޮތީ އެ ގޮތުގައެވެ. އަދި ރައްޔިތުންގެ ވާރު ފައިސާއިން (އެހެން ބަޔަކަށް ނަމަވެސް) ކުރާ ޚަރަދުގެ ތަފުޞީލު ދިވެހި ރައްޔިތުންނަށް ލިބުމަކީ ޤާނޫނުއަސާސީގެ 29 ވަނަ މާއްދާއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ. މި ޙައްޤު ނިގުޅައިގަތުމުގެ ޤާނޫނީ ބާރެއް އެއްވެސް އިދާރާއަކަށް ލިބިގެނެއް ނުވެއެވެ.

ކަން އޮތީ މިހެންކަމުގައި ވިޔަސް އިންޑިއާގެ ދެ ހެލިކޮޕްޓަރު ގެންގުޅެ ބެލެހެއްޓުމަށްޓަކައްޔާއި އެހެން ކަންކަމުގައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންނަށް ކުރާ ޚަރަދު ފަދަ މައުލޫމާތު ހާމަކުރުމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބުރޫއަރައިފާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެ، އެކަމަށް ކުރީން ކުރެއްވި އިންކާރު އަނެއްކާ ވެސް އެ މިނިސްޓްރީއިން ތަކުރާރުކުރެއްވި ޚަބަރަކީ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ބިރުވެރިކަން އެތައް ގުނައަކަށް އިތުރުވި ކަމެކެވެ. ޑިފެންސް މިނިސްޓްރީން މި ކަން ތަކުރާރުކުރައްވައިފައި ވަނީ، އޮންލައިން ނޫހަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އކއ) އަށް ހުށަހަޅައިފައިވާ އިލްތިމާސަކާ ގުޅިގެން އާންމުކޮށް ހުޅުވައިލައްވައިގެން، މި ހިނގާ އޮކްޓޯބަރު މަހު ހަވަނަ ދުވަހު އކއގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

އިންޑިއާ އިން ރާއްޖެއަށް "ހަދިޔާކުރި" ޑޯނިއަރ ފްލައިޓު ހަނިމާދޫ އެއަރޕޯޓުގައި – އަދިވެސް ފޮޓޯ:

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ދުއްވައި ބަލަހައްޓަމުން ގެންދާ، ދެ ހެލިކޮޕްޓަރު ދުއްވާށާއި އަދި އެހެނިހެން ވެސް ބޭނުންތަކަށް ޓަކައި، ރާއްޖޭގައި މި ވަގުތު ގާއިމުވެ ތިބި، އިންޑިއާ ސިފައިންގެ ޖުމްލަ އަދަދާއި އެ މީހުންނަށް ދިވެހި ދައުލަތުން ކުރާ އެންމެހާ ޚަރަދުގެ ތަފުސީލު ހޯދާން އެދި، ދިޔަރެސް ނޫހުގެ ފަރާތުން މި އަހަރު ޖެނުއަރީ މަހު 29 ވަނަ ދުވަހު އެދުނު ނަމަވެސް އެ މަޢުލޫމާތު ލިބޭ ގޮތް އަދި ވެސް ވަނީ ނުވެފައެވެ. އެ ނޫހަށް ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އެ ނޫހުން އެދުނު މައުލޫމާތު ދެއްވޭން ނެތް ކަމަށެވެ. އކއގައި ބޭއްވި އަޑުއެހުމުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ތަކުރާރުކުރެއްވީ އެ ނޫހަށް ދެއްވި ޖަވާބެވެ.

މައުލޫމާތު ދެއްވާން މިނިސްޓްރީން ދެކޮޅު ހައްދަވައިފައި ވަނީ، އެ ނޫހުން ހޯދާން އެދުނު މަޢުލޫމާތަކީ "ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި އަމަންއަމާންކަމަށް އުނިކަމެއް ލިބިދާފަދަ އެއްވެސް މައުލޫމާތެއް، ކަމާނުބެހޭ ފަރާތަކަށް ދީފިނަމަ، އެ ޤާނޫނުގެ ދަށުން އެފަދަ މީހަކު ކުށްވެރިވާނެކަމަށް" ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައި އޮތުމުން ކަމަށް ވިދާޅުވެއެވެ. އެހެން އެ ވިދާޅުވީ ސިފައިންގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ) އާ ޙަވާލާދެއްވައި ކަމަށް ފެނެއެވެ. އެހެންނަމަވެސް އެ މަޢުލޫމާތަކީ "ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި އަމަންއަމާންކަމަށް އުނިކަމެއް ލިބިދާ ފަދަ" މަޢުލޫމާތެއްކަމަށް އެއް ވެސް ޤާނޫނެއްގައި ބުނެފައެއް ނެތެވެ. އަދި ދިވެހިރާއްޖޭގައި އުޅޭ ބޭރު ބަޔެއްގެ ޢަދަދާއި އެ ބަޔަކަށް ދިވެހި ރައްޔިތުންގެ ވާރު ފައިސާއިން ކުރާ ޚަރަދު ހާމަކުރުމުން ލިބިދާނެ ގެއްލުމަކީ ކޮބައިކަން ބަޔާންކޮށްދެއްވިފައެއް ވެސް ނެތެވެ. ހަމަ މިފަދައިން ދިވެހިދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަމެއް، އަދި އެ ކަމުގައި ރައްޔިތުންގެ މަޞްލަޙަތު އިންތިހާއަށް އޮތް ކަމެއް އެއީ ރައްޔިތުންނާ ނުބެހޭ ކަމެއް ކަމަށް އެ ބެއްލެވީ ކޮން އަސާސެއްގެ މަތީން ކަމަކަށް ވެސް ވިދާޅެއްނުވެވުނެވެ. ސިފައިންގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (އ) ގައި "ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރުން" މާނަކޮށްދީފައިވާ ގޮތަށް ބަލާއިރު ވެސް، އެ މަޢުލޫމާތު ސިފައިންގެ އަމިއްލަ އިސްނެންގެވުމުގެ މަތީން ވެސް ހާމަކުރައްވާން ޖެހޭކަން ދޭހަވެއެވެ. އެހެނީ "ދިވެހިރާއްޖެއަށް ބޭރުންނާއި އެތެރެއިން ކުރިމަތިވާ ކަންކަމުގެ ސަބަބުން މުޅި ޤައުމަށް ނުވަތަ މުޖުތަމަޢުގެ ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާފަދަ" ކަންކަމުން ދިވެހި ދައުލަތް ޙިމާޔަތްކުރުން ސިފައިންގެ ޤާނޫނު ލާޒިމުކުރާއިރު، ދިވެހިރާއްޖޭގައި އިންޑިއާގެ ސިފައިންނާއި އެ ޤައުމުގެ ޖާސޫސީ ސިފައިން އުޅޭ ޢަދަދު ނޭނގޭތީ ގިނަ ދިވެހީން މި ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އިންޑިއާ ސިފައިންގެ ރިސަރޗް އެންޑް އެނޭލިސިސް ވިންގް (އަނޫސަންދާން އައުރު ވިޝްލޭޝަން ވިންގ) (RAW)ގެ އެޖެންޓުން، ގިނަ ޢަދަދަކަށް ރާއްޖޭގައި ޙަރަކާތްތެރިވާ ޚަބަރު ލިބޭތީ ރައްޔިތުން މި ތިބެނީ ބިރުވެރިކަމެއްގައެވެ. ބިރުގަންނަންޖެހޭ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. ކަޝްމީރުގެ މިނިވަންކަމަށް ޓަކައި ވަކާލާތު ކުރި ވަކީލަކަށް ގޮތް ނޭނގޭ ބަޔަކު ބަޑިން ޙަމަލާދީ އަވަހާރަކޮށްލި ޚަބަރަކީ މި ބިރުވެރިކަން އިތުރުވި ސަބަބެކެވެ.

އެހެންވީމާ ރާއްޖޭގައި ތިބި ބޭރު ސިފައިންގެ ޢަދަދާއި ޖާސޫސުން ތިބި ޢަދަދާއި، އެ މީހުން ރާއްޖޭގައި ތިބޭ މަޤުޞަދު ރައްޔިތުންނަށް ހާމަކޮށްދޭން ލާޒިމެވެ. ރާއްޖޭގައި ދިވެހި ރައްޔިތުންނަށް ކޮށްދޭ ވެރިކަމެއް ހިނގަމުން އަންނަ ކަމަށް ވާ ނަމައެވެ. ރައްޔިތުންގެ ހިތްހަމަޖެހުމާއި މަޞްލަޙަތު އޮތީ އެ މަޢުލޫމާތު ހާމަކުރުމުގައެވެ. އަދި ދިވެހި ޤައުމު، އިޤުތިޞާދީ ބޮޑު ވަޅުގަނޑަކަށް ވެއްޓި، ދިވެހީންގެ ގިނަ ބަޔަކު ހާލުގައިޖެހިފައިވާ އިރު، އެ ބައިމީހުންގެ ޙިއްސާ އޮންނަ ދައުލަތުގެ ފައިސާއިން ބޭރު ބަޔަކަށް ކުރާ ޚަރަދު އެ ރައްޔިތުންނަށް ނާންގައި ސިއްރުކުރެވޭނީ ކޮން ހަމައަކުން ކޮން އިސްސާފަކުންތޯއެވެ! އަދި މިފަދަ ދަނޑިވަޅެއްގައި އެ ފަދަ ޚަރަދެއް ކުރާންޖެހޭ އެއްވެސް ސަބަބެއް ވެސް ނެތެވެ. ދިވެހީން މި ދައްކަނީ ދިވެހީންގެ އަމިއްލަ މިނިވަންކަމުގެ ޔަގީންކަން ހޯދާ ވާހަކައެވެ. ބިރުވެރިކަމެއް ނެތްކަމުގެ ކަށަވަރުކަން ބޭނުންވާ ވާހަކައެވެ. ރައްޔިތުންގެ ވާރު ފައިސާއިން ކުރާ ޚަރަދު އެނގޭން ބޭނުންވާ ވާހަކައެވެ. ވީމާ ރައްޔިތުންގެ ވެރިކަމެއްގައި ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރެވޭކަމުގެ ކަށަވަރުކަމާއި މި ފައިސާއިން އެހެން ބަޔަކަށް ކުރާ ޚަރަދު އެނގުމަކީ ދިވެހި ރައްޔިތުންގެ ޙައްޤެއްކަމީ އާދައިގެ ސިކުނޑީއަކުން ވިސްނާ ބަޔަކަށް ވެސް އެނގޭނެ ކަމެކެވެ. އެ ފައިސާ ސިއްރުކުރާންޖެހޭނީ ދިވެހީން ފިޔަވައި އެހެން މީހުންނަށެވެ. ދިވެހި ރައްޔިތުންނަކީ ދިވެހި ދައުލަތާ ގުޅުމެއް ނެތް ބަޔެއްކަމަށް ބަޔަކު މާނަކުރިޔަސް ރައްޔަތުންނަކީ ދައުލަތުގެ އެއް ބައިކަން އެއީ ސާބިތު ކަމެކެވެ. ދައުލަތް ދައުލަތަކަށް ވާނީ ރައްޔިތުން ހިމަނައިގެންނެވެ. ރައްޔިތުންނަކީ ދައުލަތުގެ އެންމެ މުހިއްމު އެއް ބަހާއެވެ. އެންމެ މުހިއްމު ޢުންޞުރެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މިއީ، ޑިފެންސް މިނިސްޓްރީއިން އެ ވިދާޅުވާ ޤާނޫނާ ޙަވާލާދެއްވައި (ހާމަނުކުރައްވައި) ހިފެހެއްޓެވޭނެ މަޢުލޫމާތެއް ނޫނެވެ. އެ މަޢުލޫމާތު ހާމަނުކުރައްވާން އެ ދައްކަވާ ޙުއްޖަތަކީ ޤާނޫނީ ޙުއްޖަތަކަށް ނުވާތީ، އެ މަޢުލޫމާތު ދޫކުރައްވާން އިންފޮމޭޝަން ކޮމިޝަނަރު، ޑިފެންސް މިނިސްޓްރީގެ މައްޗަށް އަމުރެއް ނެރުއްވާން ޖެހޭނެ ކަމަށް ވެސް އަޅުގަނޑު ދެކެމެވެ. އެހެނީ ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ހ) ގައި ވަނީ، "ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތެއް ހޯދައި ލިބިގަތުމަކީ މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ކަމަށް އެދޭ ކޮންމެ މީހަކަށް ލިބިގެންވާ، އަދި ތަންފީޒުކުރެވޭނެ ޤާނޫނީ ޙައްޤެއް" ކަމަށެވެ. މި ދެންނެވި ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ވަނީ "މި ޤާނޫނުގެ ކުރީން ޢަމަލުކުރަމުން އަންނަ ޤާނޫނެއްގައި ނުވަތަ މި ޤާނޫނުގެ ފަހުން ޢަމަލުކުރާން ފަށާ ޤާނޫނެއްގައި، ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތެއް ހާމަކުރެވޭނީ، ވަކި އުޞޫލެއްގެ މަތީން ކަމުގައި، ނުވަތަ ހާމަކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ބަޔާންކޮށްފައި ވީ ނަމަވެސް، އެ ޙާލަތުގައި ވެސް، އިސްކަންދޭނީ މި ޤާނޫނުގައި ބަޔާންވެގެންވާ އުޞޫލުތަކުގެ މައްޗަށް" ކަމަށާއި "އަދި އެ މަޢުލޫމާތެއް ހާމަކުރުމާއި ނުކުރުމާ ދެމެދު ޢަމަލުކުރާނީ މި ޤާނޫނުގައި އެ ކަމަށް ކަނޑައަޅައިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން"ކަމަށެވެ. އަދި މި ދެންނެވި ޤާނޫނުގެ 70 ވަނަ މާއްދާގައި ވަނީ "މި ޤާނޫނުގެ އެކިއެކި މާއްދާތައް ތަންފީޒުކުރުމުގައްޔާއި މާނަކުރުމުގައި، އެންމެ އިސް މަޞްލަޙަތެއް އޮންނާނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު އޭގެ ފުރިހަމަ ގޮތުގައި ލިބި ދިނުމުގެ މައްޗަށް"ކަމަށެވެ. އެހެންކަމުން، އެހެން ޤާނޫނަކީ މަޢުލޫމާތު ދޫނުކުރާން ދެއްކޭނެ ބަހަނާއެއް ނޫންކަން ވަރަށް ސާފުކޮށް އެބަ އެނގެއެވެ. ދިވެހި ކޮންމެ ރައްޔިތެކޭ އެއްފަދައިން ސިފައިން ވެސް ޢަމަލުކުރާންޖެހޭނީ ވަކި، އެއް ޤާނޫނަކަށް ނޫނެވެ. ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) އެއީ ސިފައިން ނުވަތަ ޑިފެންސް މިނިސްޓްރީއިން އިހުމާލުކޮށްލެވޭނެ ޤާނޫނެއް ނޫނެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ އެންމެހާ ކަންކަމުގައި ޢަމަލުކުރާން ޖެހޭނީ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް"ކަން ވަރަށް ރަނގަޅަށް އެނގެއެވެ. މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމުގެ ކަންކަމުގައި ޢަމަލުކުރާން ލާޒިމުކޮށްފައި މިވަނީ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށެވެ."

މި ހިސާބުން ބައެއް ބޭފުޅުން އުފައްދައިފާނެ ސުވާލެއް ވެސް އަޅުގަނޑަށް ވިސްނެވެ. ޤާނޫނީ ވާހަކަ ދައްކާން އިނބަގެ އޮތީ ކޮން ހައިސިއްޔަތެއްހޭ ބަޔަކު ސުވާލުކޮށްފާނެއެވެ. ޖަވާބުގައި ދަންނަވަމެވެ. އަޅުގަނޑުގެ ހައިސިއްޔަތެއް އެބަ އޮތެވެ. އެއީ ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް އިޙުތިރާމްކުރާ ދިވެހި ޤައުމު ދެކެ ލޯބިވާ ދިވެހި ދަރިއެއްގެ ހައިސިއްޔަތެވެ. އަދި ބަޔަކު ގަބޫލުކުރާން ބޭނުން ނުވިޔަސް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ދިރާސާކޮށް މުރާޖަޢާކޮށް ފާސްކުރި ކޮމިޓީގެ ނާއިބު މުޤައްރިރެއްގެ ގޮތުން އިސްދައުރެއް އަދާކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އަދި އެ ޤާނޫނުގެ ބިލު ފާސްކުރެވުނީ އަޅުގަނޑު ވަރަށް ބޮޑަށް ލޮބީކޮށްގެންނެވެ. އެހެންކަމުން އެ ޤާނޫނުގެ ބޭނުމާއި ނިޔަތް އަޅުގަނޑަށް ނޭނގޭންވީ ސަބަބެއް ނެތެވެ. މީގެ އިތުރަށް އެ ބިލު ޤާނޫނަކަށްވީ ހިސާބުން ފެށިގެން އެ ޤާނޫނުތަންފީޒުކުރުމުގެ ހުރިހާ އިންތިޒާމުތަކެއް ޢަމަލީ ގޮތުން ކޮށް، އެ ޤާނޫނު ތަންފީޒުކުރުމުގައި އެ ޤާނޫނުގެ ފުރަތަމަ ފަސް އަހަރު ދުވަހު، އެންމެ އިސް ދައުރެއް އަދާކުރީ އަޅުގަނޑެވެ. އަދި އަޅުގަނޑަކީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާގައި ކޮންމެވެސް މަޢުލޫމާތުތަކެއް ލިބިހުރި މީހަކީމެވެ. އެހެންކަމުން މި ކަމާ ބެހޭ ގޮތުން އެއްޗެއް ދެންނެވުމުގެ ކޮންމެވެސް ޙައިސިއްޔަތެއް އަޅުގަނޑަށް ވެސް އެބަ އޮތެއް ނޫންތޯއެވެ؟ އަދި އެ ޤާނޫނާ އަޅުގަނޑު ބީރައްޓެހި ވާންޖެހޭ ސަބަބެއް ވެސް ނެތެއް ނޫންތޯއެވެ!

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރު ކައިރީގައި އޭރުގެ ޑިފެންސް މިނިސްޓަރާއި އިސް އޮފިޝަލުން ފޮޓޯ ނަގަނީ

އެއްމެ އާދައިގެ ސިކުނޑިއަކުން ވިސްނައިލަމާ ހިންގަވާށެވެ! ދިވެހިރާއްޖެއަކީ ދިވެހީންގެ ޤައުމެވެ. އެހެންވީމާ ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރައާއި ޢިނާޔަތް ދީފައިވާ ސިފައިންގެ މަސްއޫލިއްޔަތަކަށް ނުވޭތޯއެވެ! ދައުލަތޭ ބުނެވޭ މާނައިގެ ތެރޭގައި ދިވެހިރައްޔިތުން ހިމެނޭ ކަމަށް ހަމަގައިމު ވެސް "ދިވެހި ބަސްފޮތް" ބުނެއެވެ. މި ވާހަކަ އަޅުގަނޑު ތަކުރާރުކޮށް ދަންނަވައިފީމެވެ. އެހެންވީމާ، ދިވެހިރާއްޖޭގައި އުޅޭ ބޭރު ސިފައިންގެ ޢަދަދާއި އެ މީހުންނަށް ދިވެހިރައްޔިތުންގެ ފައިސާއިން ކުރާ ޚަރަދު، ދިވެހި ރައްޔިތުންނަށް ހާމަނުކޮށް ހިފެހެއްޓެވޭނެ ޤާނޫނީ އެއްވެސް ޙުއްޖަތެއް ނޯންނާނެއެވެ. ބާރު އޮތް ބަޔަކު، ޤާނޫނާ ޚިލާފަށް ބާރުގެ ބޭނުންކޮށްގެން ރައްޔިތުންގެ ޙައްޤުތަކުން އެބައިމީހުން މަރުޙޫމްކުރުމަކީ ޤާނޫނު ހުއްދަކުރާނެ ކަމެއް ނޫނެވެ. އަދި އެއީ ދީމުޤްރާޠީ ވެރިކަމެއްގައި، ކަން ހިނގާންވާނެ މަގެއް ވެސް ނޫނެވެ.

އަނެއްކޮޅުން ބަލާއިރު، ބަޖެޓު ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދިވެހި ސަރުކާރުން ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑާ ގުޅޭ އެއްވެސް މައުލޫމާތެއް (ދިވެހި ރައްޔިތުންގެ ބޮލުގައި އެޅުނު ބޮޑު ދަރަންޏާއި އެ ދަރަނި ހޯދާން ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން) ހާމަކުރައްވާން ސަރުކާރުން ދެކޮޅު ހައްދަވައިފައިވާކަން މީޑިއާގެ ޚަބަރުތަކުން އެނގެއެވެ. އަދި އެސްބީއައި އިން ދިވެހި ދައުލަތުން 250 މިލިއަން ޑޮލަރުގެ ބޮންޑު ގަންނަން ނިންމައި، އެކަމާ ގުޅޭ ރަމްޒީ ޗެކެއް ދިވެހި ސަރުކާރާ ހަވާލުކުރެއްވި މަންޒަރު ވެސް ފެނުނެވެ. އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއިން ރަހުމަތްތެރިއަކު ބޭނުންވާ ކޮންމެ ވަގުތަކު އިންޑިއާއިން ތެދުވެ އެހީތެރިވާ ކަމަށެވެ. އަދި 250 މިލިއަން ޑޮލަރުގެ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު މޯދީއަށާއި އިންޑިއާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފައި ވެއެވެ. އާދޭހެވެ! ދިވެހި ދައުލަތަށް ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ދިން 250 މިލިއަން ޑޮލަރުގެ ދަރަންޏަކީ އިންޑިއާއިން ދިން އެހީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ސިފަކުރެއްވީތާއެވެ.

އެހެންނަމަވެސް 250 މިލިއަން ޑޮލަރު، ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ދޭން ނިންމީ ދިވެހި ދައުލަތުން ބޮންޑެއް ގަނެގެންކަން އެންމެންނަށް ވެސް އެނގެއެވެ. އަދި އެ ބޮންޑުގެ މުއްދަތު ދިހަ އަހަރަށް ދެމިގެންދާ ގޮތަށް ހަދައި، އެއިން ކޮންމެ އަހަރެއްގައި ވެސް ސޫދުގެ ގޮތުގައި ސަރުކާރުން އެސްބީއައި އަށް ފައިސާ ދައްކާން ޖެހޭނެއެވެ. ނަން ހާމަނުކުރާން އެދޭ ފަރާތްތަކުން ދޭ މަޢުލޫމާތަށް ބަލާއިރު، މި ދަރަނި ފިޔަވައި، ދަރަނީގެ ސޫދަށް އެކަނި ވެސް 83 މިލިއަނެއްހައި ރުފިޔާ އެސްބީއައިއަށް ދައްކާންޖެހޭ ކަމަށްވެއެވެ. މި ކަމާބެހޭ އެއްވެސް ތަފްޞީލެއް ސަރުކާރުން ހާމައެއް ނުކުރައްވައެވެ. ބަޖެޓު ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދިވެހި ސަރުކާރުން ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑާ ގުޅޭ އެއްވެސް މައުލޫމާތެއް (ދިވެހި ރައްޔިތުންގެ ބޮލުގައި އެޅުނު ބޮޑު ދަރަންޏާއި އެ ދަރަނި ހޯދާން ދިވެހި ސަރުކާރުން ވެފައިވާ ގޮތް ނޭނގޭ އެއްބަސްވުން) ހާމަކުރައްވާން ސަރުކާރުން ވަނީ ދެކޮޅު ހައްދަވައިފައެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމީޔާތުގެ ތެރެއިން

މި ދެންނެވި މަޢުލޫމާތު ދޫނުކުރައްވައި ފިނޭންސް މިނިސްޓްރީން ހިފެހެއްޓެވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 25 ވަނަ މާއްދާއަށް ރިއާޔަތްކުރައްވައި، އެ މާއްދާއިން ލިބިވަޑައިގަންވާ އިޚުތިޔާރުގެ ދަށުން ކަމަށް އެނގިފައިވެއެވެ. އެހެންނަމަވެސް މި ދެންނެވި މަޢުލޫމާތަކީ އެ ޙަވާލާދެއްވި މާއްދާގެ ދަށުން ނުދެއްވައި ހިފެހެއްޓެވޭނެ މަޢުލޫމާތެއް ނޫނެވެ. ސަބަބަކީ، އެ ޙަވާލާދެއްވި 25 ވަނަ މާއްދާގައި ބުނާ "މަޢުލޫމާތު ދޫކުރުމުން ފޫނުބެއްދޭ ފަދަ ގެއްލުމެއް ފޯރާނެ މަޢުލޫމާތެއް ދޫނުކުރުމުގެ އިޚުތިޔާރު" އެއީ މުޠުލަޤަށް ލިބޭ ބާރެއް ނޫނެވެ. އެ ބާރު ލިބެނީ 25 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުން "އެ މަޢުލޫމާތު ހޯދައިފައިވަނީ ހާމަނުކުރާނެކަމަށް އެއްބަސްވެގެން ކަމުގައި ވުމާއެކު،" އެ މަޢުލޫމާތުގައި ޚާއްޞަ ސިފަތަކެއް ހުރެގެންނެވެ. އެ ސިފަތައް އެ އަކުރުގެ ފުރަތަމަ ނަންބަރާއި ދެ ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ. 25 ވަނަ މާއްދާގެ (ހ) ގެ ފުރަތަމަ ނަންބަރުގައި ވަނީ އެ މަޢުލޫމާތެއްގައި "ވިޔަފާރީގެ ސިއްރެއް ހިމެނިގެންވުން" ކަމުގައެވެ. ދެވަނަ ނަންބަރުގައިވަނީ "އެ މަޢުލޫމާތެއް ހާމަކޮށްފި ނަމަ، ތިންވަނަ ފަރާތުގެ ވިޔަފާރީގެ މަޞްލަޙަތަށް ނުވަތަ މާލީ މަޞްލަޙަތަށް އަސަރު ފޯރާނެ ކަމަށް ވުން" ކަމަށެވެ.

މި މާއްދާއަށް ބަލާއިރު، ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުމަކީ ވިޔަފާރީގެ މުޢާމަލާތެއް ކަމަށް ނުވާކަން ކަށަވަރުވެއެވެ. އަދި މި ތަނުގައި ތިންވަނަ ފަރާތެއްގެ މަޞްލަޙަތެއް ނުވެސް ނެތެވެ. އެހެނީ ދައުލަތޭ މި ކިޔަނީ ރައްޔިތުން ހިމެނޭ ގޮތުން ކަމަށް ވާއިރު، ތިންވަނަ ފަރާތެއްގެ ހައްގެއް މި ތާނގައި ހިމެނިފައެއް ނެތެވެ. އަދި ބޮންޑުގެ މުޢާމަލާތަކީ، "ގަތުން" މި ލަފުޒު ހިމެނިފައި ވިޔަސް މިއީ ވިޔަފާރީގެ މުޢާމަލާތެއް ނޫނެވެ. މިއީ، ދަރަނީގެ މުޢާމަލާތެކެވެ. އެހެންކަމުން، ދިވެހީންގެ ޙިއްޞާ އޮންނަ މުޢާމަލާތެއްގެ މަޢުލޫމާތު ދިވެހީންނަށް ދިނުން އިސްތިސްނާކުރާކަށް މި މާއްދާއިން ޖާގައެއް ނުދެއެވެ.

މި ދެންނެވި މާއްދާގެ (ށ)ގައި ބުނެފައި ވަނީ "ބޭރު ދައުލަތަކާއެކު ހިންގާ މުއާމަލާތެއްގެ ތެރެއިން ނުވަތަ އެފަދަ ޤައުމަކާއެކު ހެދޭ އެއްބަސްވުމެއްގެ ތެރެއިން ލިބޭ މައުލޫމާތު ހާމަކުރުމުން އެ ޤައުމާއި ރާއްޖެއާމެދު އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމުގައި ބެލެވޭ މައުލޫމާތު ހާމަނުކުރުމުގެ އިޚުތިޔާރު ލިބިފައިވާ" ކަމުގައެވެ. މި މާއްދާއަށް ބަލާ އިރު، ވެސް މި ޙާލަތެއް މި ދެންނެވި މަޢުލޫމާތަކަށް ނުފެތެއެވެ. އެހެނީ ހޯދާން މި އެދެނީ ބޮންޑްގެ އިންޓަރެސްޓް ރޭޓާއި، އެ "އެހީ"އާ ގުޅިގެން (ދިވެހި ރައްޔިތުން ހިމެނޭ ގޮތުން) ދިވެހި ދައުލަތުން އުފުއްލާން ލާޒިމުކޮށްފައިވާ އިލްތިޒާމުތައް އޮޅުންފިލުވާށެވެ. އެހެންކަމުން އެ މަޢުލޫމާތު ނުދީ ހިފެހެއްޓޭނެ ޤާނޫނީ އެއްވެސް ޙުއްޖަތެއް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 25 ވަނަ މާއްދާއިން ފެންނާކަށް ނެތެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ނުދީ ހިފެހެއްޓެވުމަށްޓަކައި، 25 ވަނަ މާއްދާ ބޭނުންފުޅުކުރައްވާން ދައުލަތުގެ އިދާރާއަކުން މަސައްކަތްކުރައްވާ އިރު، ދައުލަތުގެ އެ އިދާރާއިން ވަނީ މި ދެންނެވި ޤާނޫނުގެ 20 ވަނަ މާއްދާގެ މަތީން ހަނދުމަފުޅު ނައްތަވައިލައްވައިފައެވެ. 20 ވަނަ މާއްދާގެ (ހ) ގައިވަނީ "….ކޮންމެ މާއްދާއެއް ވެސް ކިޔާންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލު ނެގެހެއްޓުމަށް ޖާގަ ލިބިދޭ ގޮތުގެ މަތީން"ކަމަށާއި އަދި "އެ އުޞޫލަށް ހަނިކަމެއް ނާންނާނެ ގޮތުގެ މަތީން" ކަމަށެވެ. މި މާއްދާގެ (ށ) ގައި ވަނީ "މަޢުލޫމާތެއް ދޭން އިންކާރުކުރުމަށްވުރެ އެ މައުލޫމާތު ދިނުމަކީ މުޅި ރައްޔިތުންގެ މަޞްލަޙަތު މާ ރަނގަޅަށް ޙާޞިލުވާނެ ކަމެއް ކަމުގައިވާނަމަ…." އެ މަޢުލޫމާތު ދޫކުރާންވާނެ ކަމުގައެވެ. އަދި މި މާއްދާގެ (ނ) ގައި "ދައުލަތުގެ އިދާރާއަކުން ކަމެއް ކޮށްފައިވާ ގޮތް މީހުންނަށް އެނގިއްޖެ ނަމަ، ޖަވާބުދާރީވާން ދައުލަތުގެ އިދާރާއަކަށް އުނދަގޫވާ ފަދަ މަޢުލޫމާތެއް" ހިމެނިފައިވުމާއި، "ދައުލަތުގެ އިދާރާއަކާމެދު އިތުބާރު ކުޑަވާ ފަދަ މަޢުލޫމާތެއް ހިމެނިގެންވުން" އަދި "……އޭގެ މާނަ ރަނގަޅު ނޫން ގޮތެއްގައި ދޭހަވެދާނެކަމަށް ފެނުން" ފަދަ ކަންކަމަކީ ޢާއްމު މަޞްލަހަތަށް އުނިކަން އަތުވެދާނޭ ކަންކަންކަމަށް ބަލައިގެން ނުވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި އެބަ އޮތެވެ. މާނައަކީ މިއިން އެއްވެސް ސަބަބަކީ މަޢުލޫމާތު ނުދީ ހިފެހެއްޓޭނެ ބަހަނާއެއްނޫނޭއެވެ. އެހެންވީ އިރު، ދައުލަތުން ނަގާ ދަރަނީގެ މަޢުލޫމާތާއި ދަރަންޏަށް ދައްކާންޖެހޭ ސޫދާއި އެ ދަރަނި ނެގުމުގެ ސަބަބުން (ރައްޔިތުން ވެސް ހިމެނޭ ގޮތަށް) ދައުލަތުން އުފުއްލާން ޖެހޭ އިލްތިޒާމުތައް އެ ދައުލަތުގެ ރައްޔިތުންނަށް ހާމަނުކުރައްވައި، ހިފެހެއްޓެވޭނެ ޤާނޫނީ އެއްވެސް ހަމައެއް ނެތެވެ. އަދި އެއީ ހާމަކުރައްވާން ލާޒިމު މަޢުލޫމާތު ވެސް މެއެވެ. އެ މަޢުލޫމާތަކީ ރައްޔިތުންގެ ޙައްޤެކެވެ. އަޅުގަނޑު ތަކުރާރުކޮށް ދަންނަވާ ފަދައިން، ދައުލަތް، ދައުލަތަކަށް މި ވަނީ ރައްޔިތުން ހިމެނޭ ގޮތުންނެވެ.

ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކާއި، ސިއްރުކުރާ ސިއްރުކުރުންތަކާއި، އުތުރުކަރައިގެ އަވައްޓެރި ބޫޓާން އޮތް ޙާލަތާއި ކަޝްމީރުގެ ޙަލަތާއި މިނިވަން ޤައުމެއް ކަމުގައިވާ ސިއްކިމަށް ވީ ގޮތާއި މި ކަންކަން ސިކުންޑިއަށް ވެރިވުމުން މިއަދު ރައްޔިތުންނަށް އަމާންކަމެއް އިޙުސާސެއް ނުކުރެވެއެވެ. ތިބޭން މި ޖެހެނީ ބިރުވެރިކަމެއްކަމުގައެވެ. ރައްޔިތުންގެ މަޞްލަޙަތަށް އިސްކަންދެވޭ ކަމުގެ ޔަގީންކަމެއްނެތެވެ. އެހެންކަމުން އިންޑިއާއާ އެކު އެއްބަސްވެ ސޮއިކުރެވިފައިވާ އެއްބަސްވުންތައް ހާމަކުރުމަކީ ރައްޔިތުންގެ މަޞްލަޙަތަށްޓަކައި ވަރަށް މުހިއްމު ކަމެކެވެ. ރައްޔިތުންނަށް ވާނުވާ އެނގޭނީ އޭރުންނެވެ. މަޢުލޫމާތު ހޯދައި ލިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައި ވަނީ "މަޢުލޫމާތެއް ދޭން އިންކާރުކުރުމަށްވުރެ އެ މައުލޫމާތު ދިނުމަކީ މުޅި ރައްޔިތުންގެ މަޞްލަޙަތު  މާ ރަނގަޅަށް ޙާޞީލުވާނެ ކަމެއް ކަމުގައިވާނަމަ…." އެ މަޢުލޫމާތު ދޫކުރާންވާނެ ކަމުގައެވެ. މި ސަބަބަށްޓަކައި އެކަނި ވެސް އިސްވެ ދެންނެވުނު މަޢުލޫމާތަކީ ރައްޔިތުންގެ ޙައްގެކެވެ. އަމިއްލަ އިސްނެގުމުގެ މަތީން ވެސް އެ މަޢުލޫމާތު ރައްޔިތުންނަށް ދޫކުރެވެންވާނެއެވެ. އެންމެ ކުޑަމިނުން އެ މަޢުލޫމާތަށް އެދިއްޖެ ހިނދެއްގައި އެ މަޢުލޫމާތު ދިނުމަކީ އެ މަޢުލޫމާތެއް އޮތް ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ އިދާރާއެއްގެ ޤާނޫނީ ވާޖިބެކެވެ. މި މަޢުލޫމާތު ނުދީ ހިފެހެއްޓުމުގެ ޤާނޫނީ އެއްވެސް ޙުއްޖަތެއް ނެތެވެ.

އަދި މި ހުރިހާ ކަމަކަށްވުރެ މާ ޚާއްޞަ ކަމެއް އެބަ އޮތެވެ. ބޭރު ދައުލަތަކާ އެކީ ވެފައިވާ އެއްބަސްވުމަކީ ސިއްރުކޮށްގެން ތިބެވޭނެ އެއްޗެއް ނޫނެވެ. އެ އެއްބަސްވުން ސިއްރުކުރުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފުކަމެކެވެ. އެހެނީ އ.ދ. ގެ ޗާޓަރުގެ 102 ވަނަ މާއްދާގައިވަނީ، "އދ.ގެ ޗާޓަރަށް ޢަމަލުކުރާން ފަށާފަހުން ހެދޭ ކޮންމެ މުޢާހަދާއެއް ނުވަތަ ވެވޭ ބައިނަލްއަޤުވާމީ ކޮންމެ އެއްބަސްވުމެއް، ވީ އެންމެ އަވަހަކަށް އދ. ގެ އިދާރާގައި ރަޖިސްޓަރީކޮށް އެ އިދާރާގައި ޝާއިޢުކުރާންވާނެއެވެ." މި ފަދައިންނެވެ. އެހެންކަމުން އދ. ގެ މެންބަރު ޤައުމަކުން އެ ޖަމްޢިއްޔާގެ މެންބަރު އެހެން ޤައުމަކާ ދެމެދު ވެވޭ އެއްބަސްވުމެއް ހާމަނުކޮށް ސިއްރުކޮށްގެން ތިބުމަކީ އދ.ގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފުކަމެކެވެ.

ހަގީގަތަކީ ޤާނޫނާއި ޤަވާޢިދާ އެއް ގޮތަށް ކަންކަން ހިނގާނަމަ، މި މަޢުލޫމާތު ހޯދާން އުޅޭކަށް ވެސް ނުޖެހުނީއެވެ. އެހެނީ މި ދެންނެވި ފަދަ މުޢާހަދާތަކަކީ ނުވަތަ އެއްބަސްވުންތަކަކީ ޢާއްމުކޮށް ޝާއިޢުރެވިފައި ހުންނާންޖެހޭނޭ ތަކެތި ކަމަށް އދ.ގެ ދުސްތޫރު (ޗާޓަރު)ގެ 102 ވަނަ މާއްދާގައި އެ ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން ރައްޔިތުންނަށް ނުރައްކާތެރި ބިރުވެރި ކަންތައްތަކެއް އެކުލެވިފައި ނުވާނަމަ، ދިވެހިރާއްޖޭގެ އަދި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އެފަދަ މަޢުލޫމާތެއް ހިފެހެއްޓުމުގެ މާނައެއް ނެތެވެ. ދިވެހިރައްޔިތުންގެ މަޞްލަޙަތާއި ދިވެހި ރައްޔިތުންގެ ޙިމާޔަތަށް ސަމާލުކަން ނުދެވޭ ނަމަ، އަދި ދިވެހި ރައްޔިތުންގެ މަޞަލަޙަތަށްވުރެ، އެހެން ޤައުމެއްގެ ސަރުކާރަކަށާއި އެހެން ޤައުމެއްގެ ރައްޔިތުންނަށް އިސްކަން ދެވޭ ނަމަ، ވެރިކަމެއް އޮތުމުގެ އެއްވެސް ބޭނެއް ހަމަ، އެއް ގޮތަކަށް ވެސް އަޅުގަނޑަކަށް ނުވިސްނެއެވެ. ވެރިކަމެއް އޮތަސް ނެތަސް އިރުއަރައި އޮއްސޭނެތާއެވެ. މަރުވަންދެން ކޮންމެ އިންސާނަކު ވެސް ދުނިޔޭގައި އުޅޭނެތާއެވެ. ވީމާ ސަރުކާރެއް، ނުވަތަ ވެރިކަމެއް އޮތުމުގެ ބޭނުމަކީ ރައްޔިތުންގެ މަޞްލަހަތު ޙިމާޔަތްކުރުމެވެ. އެހެންނޫނީ އެ ވެރިކަމަކީ ހެޔޮ ވެރިކަމަކަށް ނުވާނެވެ. އެ ވާނީ އަނިޔާވެރިކަމަކަށެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.