Support Us

ކޮލަމް: ސީދާ ވިސްނުން

ކާމިޔާބު ކައިވެންޏަކަށްވާން ބޭނުން ނަމަ އެއްފަހަރު ކިޔާލަބަލަ!

މިއަދަކީ 10.10.2020 އެވެ. ކައިވެނިކުރަން ވަރަށް ވެސް ރީތި ތާރީޚެކެވެ. އެކަމަކު ހަގީގަތުގައި ދިރިއުޅުން އުފާވެރިވެ، ބާއްޖަވެރިވެގެން ދަނީ ކައިވެނިކުރާ ރީތި ތާރީހެއްގެ ސަބަބުންހެއްޔެވެ؟

ދިވެހިރާއްޖެ ހިމެނިގެން ދަނީ ދުނިޔޭގައި ވެސް އެންމެ ވަރި ގިނަ ޤައުމުގެ ގޮތުގައެވެ. މުޖުތަމައުގެ އެކި ކަންކަމަށް ބަދަލުތައް އައިސް ކުރިއެރުންތައް އަންނަމުންދާއިރު ވެސް މިކަމަކަށް ބަދަލެއް ނައެވެ. ދިވެހިންނަކީ ނިސްބަތުން ޅަ އުމުރުގައި ޒަވާޖީ ހަޔާތް ފަށާ ބައެކެވެ. އެހެނަސް ޅަ އުމުރުގައި ކައިވެންޏެއް ކޮށް ވަރިވެފައިވާ ޒުވާނުން ގިނައެވެ. ގިނަ ހާލަތުގައި ކައިވެންޏަށް ފަހު ދަރިން ލިބި އެތައް ހަރުފަތެއް ގިރާކުރާ ފަހުން ވަރިވާންޖެހެއެވެ. މީގެ ސަބަބުން ހިތާމަ ތަހަންމަލު ކުރަން ޖެހެނީ ކައިވެނި ރޫޅިގެންދާ ދެމީހުން އެކަންޏެއް ނޫނެވެ. މައުސޫމު ކުއްޖެއް ނުވަތަ ކުދިންތަކެއްގެ ހިތްވެސް ހަލާކުކޮށްލެވެއެވެ.

ކޮންމެ ދެ މީހަކުވެސް ކައިވެނީގެ ގޮށް ޖަހާނީ އުންމީދާއެކީއެވެ. އުފާވެރި ދިރިއުޅުމެއް ބިނާކުރުމުގެ ފޮނި ހުވަފެންތަކާއި އެކުއެވެ. އެހެނަސް ގިނަ ހާލަތުގައި އެކަން ނިމިގެން ދަނީ އެހެނެއް ނޫނެވެ. ތައުލީމީ މުޖުތަމައެއް ބިނާވެފައިވާ މި ޤައުމުގައި ކައިވެނީގެ ގުޅުން ހަރުދަނާ ކުރަން ދަސްނުވުމަކީ އިޖުތިމާއީ ބޮޑު މައްސަލައެކެވެ. އޭގެ ސަބަބުން އިންތިހާއަށް ގިނަ، ނުރަގަޅު ކަންކަން ވަށައިގެން އާދެއެވެ.

މި މައްސަލަ އަށް ހައްލެއް ނާންނަނީ ކީއްވެހެއްޔެވެ؟ ކޮންމެ ގުޅުމެއް ވެސް ދެމެހެއްޓޭނީ އެކަށީގެންވާ ކާނާ އެޔަށް ލިބިގެންނެވެ. ދޭންޖެހޭ ފަރުވާ ދީގެންނެވެ. މައްސަލަ މި އުޅޭ ހިސާބަކީ މިއީ ކަމަށް ބެލެވިދާނެއެވެ. ހަމައެކަނި ދެމީހަކު ލޯބިވެގެން ނުވަތަ ލޯބިވާކަމަށް ޤަބޫލު ކުރެވިގެން މިކަމެއް ނުނިމެއެވެ. ރަނގަޅު ގުޅުމެއް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ދެނެގަނެ ގުޅުން ދަމަހައްޓަން މަސައްކަތް ކުރަން ޖެހެއެވެ.

ދެމީހުންގެ ތަފާތުތައް ޤަބޫލުކޮށް އިހުތިރާމް ކުރުން

ކައިވެނީގެ ގޮތުން ގުޅޭ ދެމީހަކީ ތަފާތު ދެމީހުންކަން އެންމެ ފުރަތަމަ ދަންނާށެވެ. ލޯބީގެ ގޮތުން ގުޅިގެން ނުވަތަ ރައްޓެހިވެގެން އުޅޭއިރުގެ ހާލަތާއި ކައިވެނިކޮށްގެން އެކީގައި އުޅޭ ހަލަތާ ވަރަށް ތަފާތު ވާނެއެވެ. ކައިވެނީގެ ގޮށް ޖެހުމަށްފަހު އެކީގައި އުޅޭއިރު ކުރިން ނޭނގޭ ވަރަށް ގިނަ ކަންކަން އެނގިގެން ދެއެވެ. މިޒާޖުގައި ހުންނަ ތަފާތުތަކާއި މޫޑަށް އަންނަ ތަފާތުތައް ވަރަށް ބޮޑަށް ފާހަގަވެގެން ދެއެވެ. ވަރަށް ގިނަ ފަހަރު ފެންނަ މަންޒަރަކީ ކައިވެންޏަށް ފަހު ދެ މީހުން މީ އެކަކު އަނެކަކުގެ ވިސްނުމުގެ އަޅަކަށް ހަދަން އުޅޭ މަންޒަރެވެ. ފިރިމީހާ ނުވަތަ އަނބިމީހާ އުޅެންޖެހޭނީ އެކަކު އަނެކަކުގެ ވިސްނުމާއި އެއްގޮތަށް އޭނަ ބޭނުންވާ ގޮތަށެވެ. ބައެއް ކަންކަން ދެމީހުން ވާހަކަ ދައްކާ އެޖެސްޓް ކުރެވިދާނެއެވެ. އެހެނަސް ހުރިހާ ކަމެއްގައި އަނެކާގެ ވިސްނުމަށް ފެތެންވީމާ ވަކި ހިސާބަކުން ފަޅައިގެން ގޮސް މައްސަލަތައް ޖެހެން ފަށާނެއެވެ. ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށް ބަލައިގަންނާށެވެ. ތަފާތުތަކާއި އެކު އެކަކު އަނެކަކަށް އިހުތިރާމާ އެކު އުޅެން ދަސްވެއްޖެ ނަމަ ދިރިއުޅުމުގެ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބޭނެއެވެ.

ކޮންމެ ގުޅުމެއްގެ ތެރޭގައިވެސް މައްސަލަ ޖެހޭނެ

ދެ މީހަކު އެކުގައި އުޅޭއިރު ކޮންމެ ގުޅުމެއްގައިވެސް މައްސަލަތައް ދިމާވާނެއެވެ. ހިތްހަމަނުޖެހުން އަންނަ ފަހަރާއި އެކުގައި ހީ ސަމާސާ ކުރާ ފަހަރު ހުންނާނެއެވެ. ކޮންމެ ދުވަހަކީ އެއް ގޮތަކަށް ވޭތުވެގެންދާ ދުވަހަކަށް ނުވެދާނެއެވެ. އެހެނަސް މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކީ އެ މައްސަލައެއް ބޮޑުވެ ހައްލު ނުކުރެވޭ ހިސާބަށް ގެންދަން ޖެހޭ ކަމެއް ނޫނެވެ. ދެބަސް ވެސް ވާންވާނެއެވެ. އެހެނަސް ރަނގަޅު ގޮތުގައި ދެބަސްވާ ހާލަތުގައި ވެސް ބަހުސްކޮށް އެއްބަސްވުމަކަށް އާދެވިދާނެއެވެ. ބައެއް ފަހަރު ދެބަސްވާންޖެހި ޒުވާބަކަށް ހިނގައިދާނެތީ ކަމަށް ބުނެ ވަރަށް ގިނަ މީހުން އެމީހެއްގެ ވިސްނުން ހާމަނުކޮށް ރަނގަޅު މުއާމަލާތެއް ނުހިނގާ އެބަހުރެއެވެ. ދެމީހެއްގެ ދެމެދުގައި އޮންނަ ގުޅުމެއްގެ އެންމެ މުހިންމު އެކަށްޗަކީ ހުޅުވިފައިވާ ސިކުނޑިއަކާއި އެކު ދެމީހުންނަށް ވާހަކަ ދެއްކުމެވެ. އެ ފުރުސަތު ދެ މީހުންވެސް އެކަކު އަނެކަކަށް ދޭންވާނެއެވެ. އެކަކު އަނެކަކުގެ ވާހަކަތައް އަޑުއަހަން ވާނެއެވެ. ދެމީހުން ބަދަލު ކުރެވޭ ވާހަކަތަކާއި ބަހުސްތަކުގެ ތެރެއިން ދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަވެ ހަރުދަނާވުމުގެ ފުރުސަތު ބޮޑުވާނެއެވެ.

އެކަކު އަނެކަކަށް ތެދުވެރިވުން

މި ޖެހުނީ ބޮޑު ތަނުގައެވެ. އަހަރުމެންގެ ތެރޭގައި އެންމެ ގިނަ ގުޅުންތައް ރޫޅިގެންދާ ސަބަބަކީ އެކަކު އަނެކަކަށް ތެދުވެރި ނުވުމެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުމާއި ލިބެންޖެހޭ ހިތްހަމަޖެހުން އެހެން ދިމާލަކުން ހޯދުމުގެ ޝައުޤުވެރިކަން އުފެދުމަކީ ކައިވެނީގެ ހަލާކެވެ. އެފަދަ އަމަލުތައް ފޮރުވުމަށްޓަކައި ހިތަށް ނާރާހާ ދޮގު ހަދަންޖެހެއެވެ. ކަންކަން އޮޅުވާލަން ޖެހެއެވެ. އަދި ވަކި ހިސާބަކުން އެކަން ވިހަވެ ދެމީހުންނަށް އެކީ ނޫޅެވޭ ހިސާބަށް ދެއެވެ. ހަޤީޤަތުގައި ތެދުވެރިކަމަކީ އެނެކާއަށްޓަކައި ކޮށްދޭ ކަމެއްގެ ގޮތުގައި ނުވިސްނާށެވެ. ތެދުވެރިކަމަކީ އެމީހާގެ އަމިއްލަ ހައިސިއްޔަތުގައި ހުންނަ ކަމަކަށް ހަދަންޖެހެއެވެ. ބައެއް ފަހަރު ބައިވެރިޔާ ތެދުވެރި ނުވީތީ ތިމާ ބޭވަފާތެރިވުން އެންމެ ރަނގަޅު ވިސްނުން ބައެއް މީހުންނަށް އާދެއެވެ. އެހެނަސް އެފަދަ ކަންކަމަކީ އަމިއްލަ ނަފްސުގެ އަގު ތިރިއަށް ޖައްސާލާ ކަންކަމެވެ. ޅަ އުމުރުން ފެށިގެން އެންމެ ބޮޑަށް ނަފްސު ތަރައްޤީކުރުމުގައި އަށަގަންނުވަންޖެހޭ އެއް ސިފައަކީ ތެދުވެރިވުމެވެ. އެހެން ވެއްޖެނަމަ އޭނާގެ ޒަވާޖީ ހަޔާތަށް އޭގެ ހެޔޮ އަސަރު ކުރާނެކަން ޔަޤީނެވެ.

ހަމައެކަނި ލޯބިވެޔޭ ބުނުމަކުން ނުފުދޭނެ

ލޯބިވާން ވަރަށް ގިނަ ހާލަތުގައި ފަސޭހައެވެ. އެހެނަސް ލޯތްބާއެކު ގުޅުން ދެމެހެއްޓުން މީ އެހާ ފަސޭކަމެއް ނޫނެވެ. ރައްޓެހިވެގެން އުޅޭ މަރުހަލާގައި ވަރަށް ގިނައިން ލޯބިވެޔޭ ބުނެލެވެއެވެ. އަދި ލޯބިވާކަން ހާމަކޮށްދިނުމުގެ ވަރަށް ގިނަކަންކަން ހިނގައެވެ. އެހެނަސް ކައިވެންޔަށް ފަހު ލޯބިވާ ވާހަކަ ބުނެލަން ވެސް ގިނަފަހަރަށް ހަނދާން ނުހުރެއެވެ. މާބޮޑަށް އަމިއްލަވީމަ ބާއެވެ؟ އަދި ލޯބިވާކަން ދޭހަކޮށްދޭ ލޯބިލޯބި ކަންކަންމަތިން އެކޮށް ހަނދާން ތެނޭ ކަހަލައެވެ. އެހެނަސް ކައިވެނީގެ ގުޅުމަކީ އުފާވެރި އެއްޗަކަށް ހެދުމަށްޓަކައި އެއްކަލަ ހީސަމާސާކޮށް އުޅުނު ދުވަސްތައް އާލާކޮށް އިތުރުކުރަން ވާނެއެވެ. ލޯބިވާކަން ދޭހަވާ ކަންކަން ދެމީހުން ވެސް ކުރަން ވާނެއެވެ. އަދި ލޯބިވެޔޭ ބުނެލަން ހަނދާން ބަހައްޓަން ވާނެއެވެ.

ގުޅުމެއް ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި ވަރަށް ކުޑަކުޑަ ކަންކަމުންވެސް ބޮޑު ބަދަލުތަކެއް އާދެއެވެ. އަޅުގަނޑުމެންގެ ތެރޭ ކުރެވޭ ގިނަ ކައިވެނިތަކަކީ ކާމިޔާބު ކައިވެނިތަކަކަށް ބަދަލުވެގެންދާނީ ގުޅުމަށް ކާނާ ދޭން ދަސްވެގެންނެވެ. މުޖުތަމައުގެ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ އެއް ބަދަލަކީ މިއީއެވެ. ކައިވެނި ކުރާ ރީތި ތާރީޚުގެ ސަބަބުންނެއް ނޫނެވެ.