Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

މަޖިލީހާމެދު ޝަކުވާކުރުން ހުއްޓާލަމާ ހިންގަވާށެވެ.

ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ އަޑު އަހަމެވެ. ރާއްޖޭގައި ޑެމޮކްރަސީ މިއޮތީ އަދި ޅަފަތުގައި ކަމަށެވެ. ސިޔާސީ ފަރާތްތަކާއި ރައްޔިތުންވެސް މި ނިޒާމަށް ރަނގަޅަށް ފަރިތަނުވަނީ ކަމަށެވެ. މަޢާފު ކުރައްވާށެވެ. އަޅުގަނޑު މިކަން ކުޑަކޮށްވެސް ޤަބޫލެއް ނުކުރަމެވެ.

މިއަދު މިއޮތް ނިޒާމަށާއި، މިނިޒާމުގައި ކަން ހިނގާގޮތަށާއި، މިނިޒާމުގެ ތެރެއިން ކަންކަން ކުރާނެގޮތަށްވެސް ދިވެހިން މިއަދު ވަރަށް ފަރިތައެވެ. ޑެމޮކްރަސީ މިއޮތީ ޅަފަތުގައި ކަމަށް ވަކާލާތުކުރައްވާ ބޭބޭފުޅުން އެހެން ވިދާޅުވާތާ މިހާރު ފަނަރަ އަހަރު ވަނީއެވެ. އިންސާނެއްގެ އުމުރުގައިވެސް، އެހާ ދުވަސް ވާއިރު، ޅަފަތުން ފުރާވަރަށް އެޅޭނެ ދެއްތޯއެވެ. ދިވެހި ޑެމޮކްރަސީވެސް، އަޅުގަނޑުގެ ނަޒަރުގައި، މިއަދު މިވަނީ ފުރާވަރަށް އެޅިފައެވެ.

ވަކި ތަރުތީބަކުން ހިނގަމުން އަންނަ ކަންކަމާމެދު ރައްޔިތުންގެ ހޭލުންތެރިކަން ހުރި މިންވަރު ދައްކުވައިދޭ މިސާލެއް ޙިއްޞާކޮށްލާނަމެވެ. ވޯޓު ހޯދަން އަންނަ ކެނޑިޑޭޓާމެދު ކަންކުރާ ގޮތެވެ. މާޒީގައި ކަންވީގޮތް ހަނދާނުގައި ހުރުމުން، ސިޔާސީ ކެނޑިޑޭޓަށް އިތުބާރު ނުކުރެވެނީއެވެ. ހޮވުނީމައި ކެނޑިޑޭޓު ލޮލު ބޭހަކަށް ވާތީއެވެ. ގޭގެ އޮޅިގަނޑު ދެން ގިރާކޮށްލާނީ، ފަސް އަހަރު ފަހުން، އަލުން ވޯޓު ހޯދަންޖެހުނީމައެވެ. ވީމާ، ވޯޓު ހޯދަން އަންނަ ކެނޑިޑޭޓުގެ ކިބައިން ފައިދާއެއް ވަންޏާ އެކަން ވާނީ ވޯޓުގެ ކުރިން ކަމަށް ދެކެއެވެ. އަދި، ވޯޓު ލާނީ އެއްޗެއް ދިނުމުން ނުވަތަ ކަމެއް ކޮށްދިނުމުން ކަމަށް ބުނެއެވެ.

ނަތީޖާއަކީ ކޮބައިތޯއެވެ. ހޮވޭނީ ކެމްޕޭނު ބަޖެޓު ބޮޑު މީހާއެވެ. ތަނަވަސް މީހާއެވެ. ނުފޫޒު އޮންނަ މީހާއެވެ. މިކަން އަޅުގަނޑު ވަރަށް ގާތުން ތަޖުރިބާކުރީމެވެ. އެއީ 2009 ގައެވެ. ސިޔާސީ ޕާޓީ ނިޒާމު ރާއްޖެއަށް ތަޢާރަފުވީ ފަހުން ބޭއްވުނު ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައެވެ. ސިޔާސީ މައިދާނުގައި އަޅުގަނޑަށް ވަރަށް ގިނަ ކަންކަން ދަސްވި، އަދި ގިނަ ފިލާވަޅުތަކެއް ލިބުނު ކަމަކަށްވީތީ، ކިޔުންތެރިންނާ ޙިއްޞާކޮށްލާނަމެވެ.

އެ އިންތިޚާބުގައި އަޅުގަނޑު ވާދަކުރި ދާއިރާއަށް ކުރިމަތިލީ، އަޅުގަނޑު ހިމެނޭގޮތަށް، ޖުމްލަ ހަތަރު ކެނޑިޑޭޓުންނެވެ. މާސްޓަރސް ފެންވަރަށް މަތީ ތަޢްލީމު ޙާޞިލުކޮށްގެން ތިއްބެވި ޤާބިލު ޒުވާން ދެ ކެނޑިޑޭޓަކު ވާދަކުރެއްވިއެވެ. އަމިއްލަ ގޮތުންނެވެ. ދެން ހުރީ އަޅުގަނޑެވެ. އެއިރުގެ ވާދަވެރި ޕާޓީގެ ކެނޑިޑޭޓެވެ. ވަނަވަރު ދަންނަވަން ބޭނުމެއް ނޫނެވެ. ޝައުޤުވެރިވާ ބޭފުޅަކު ނަމަ، މި ކޮލަމްގެ ތަޢާރަފުގައި އެ މަޢްލޫމާތު ކުރުގޮތަކަށް އެޑިޓަރު ލިޔުއްވާފައި އޮންނާނެއެވެ. ހަތަރު ވަނަ ކެނޑިޑޭޓުގެ ތަޢްލީމީ ފެންވަރެއް އަޅުގަނޑުމެންނަކަށް އަދި ރައްޔިތުންނަކަށްވެސް މުޅިން ސާފެއް ނުވިއެވެ. އެއިރުގެ ޖީ.ސީ.އީ އޯލެވެލް ހަދާފައިނުވާ ކަމަށް ގިނަ ބަޔަކު ބުނީތީ އަޑުއެހީމެވެ. ގްރޭޑް 7 ގެ ފެންވަރު ހުރި މީހެއް ކަމަށް އަޑުއެހީމެވެ. އަޅުގަނޑު އެކަމަށް އެހާބޮޑު ސަމާލުކަމެއް ނުދެމެވެ. އޭނާއާއި އަނެއް ތިން ކެނޑިޑޭޓުންނާ ދެމެދު ތަޢްލީމީ ގޮތުން ހުރި ބޮޑު ފަރަގު ރައްޔިތުންނަށް އެނގި ވިސްނޭނެ ކަމަށް ޤަބޫލުކުރީމެވެ. ދެއްކި ވާހަކަތަކުން އެކަނިވެސް އެކަން ސާފުވާނެތީއެވެ.

ދެން އޮތީ ކެނޑިޑޭޓުންނާ ދާއިރާއާ ދެމެދު އޮތް ގުޅުމެވެ. ފަސް ރަށް އޮންނަ ދާއިރާއެކެވެ. އަޅުގަނޑު ނޫން އަނެއް ތިން ކެނޑިޑޭޓުންނަކީ، އައި.ޑީ ކާޑުގައި އޮންނަ ދާއިމީ އެޑްރެސް އެދާއިރާއަށް ނިސްބަތްވާ ބޭފުޅުންނެވެ. ތިން ކެނޑިޑޭޓުން ތަފާތު ތިން ރަށެކެވެ. ނަމަވެސް، އެތަނުން އެކަކީވެސް އެއިން ޒަމާނެއްގައި ރަށުގައި ދިރިއުޅުނު މީހެއް ނޫނެވެ. އުޅެމުން އައީ، އަޅުގަނޑެކޭ އެއް ފަދައިން، މާލޭގައެވެ. އޭގެ ތެރެއިން ބައެއް ކެނޑިޑޭޓުން، އެބޭފުޅެއްގެ އުފަން ރަށުގެ ވާހަކަ، ކެނޑިޑޭޓުންގެ ބަހުސްގައި ދެއްކެވިއިރު އަޅުގަނޑު ހިނިވެސް އައެވެ. އަބަދު ގޮސް އުޅުމުގެ ސަބަބުން، އެބޭފުޅުންނަށްވުރެ އެ ރަށްރަށަށް އަޅުގަނޑު މާ ފަރިތަވާނެކަން އެނގޭތީއެވެ. ސިޔާސީ ކަމެކެވެ. ހަޤީޤަތް މުހިންމެއް ނުވޭ ނޫންތޯއެވެ. އާޚިރުގައި، އެއިން ކޮންމެ ބޭފުޅަކަށްވެސް އެންމެ ރަނގަޅު ނަތީޖާއެއް ލިބުނީ އެބޭފުޅެއްގެ އުފަން ރަށުންނެވެ. ބީރައްޓެހިވީ އެންމެ ގިނައިން ގޮސް އުޅޭ މީހާއެވެ. އައި.ޑީ ކާޑުގައި މާލޭ މީހެއް ކަމަށް އޮންނާތީއެވެ.

ކެމްޕޭނުގައި އަޅުގަނޑު ދެއްކީ އަޅުގަނޑުގެ ވާހަކައެވެ. ދިނީ އަޅުގަނޑުގެ ތަޢާރަފެވެ. ހުށަހެޅީ އަޅުގަނޑުގެ ތަޞައްވުރެވެ. އަޖާއިބަކީ، އަޅުގަނޑާ ވާދަކުރި ސަރުކާރު ކެނޑިޑޭޓުވެސް ދެއްކީ ހަމަ އަޅުގަނޑުގެ ވާހަކައަށްވީތީއެވެ. އޭގެ ކުރިން އަޅުގަނޑު ދަންނަ މީހެއް ނޫނެވެ. ނަމަވެސް، އޭނާ ދިނީ އަޅުގަނޑުގެ ތަފާތު ތަޢާރަފެކެވެ. ދެއްކީ ތަފާތު ތަޞައްވުރެކެވެ. އޭގައި ޒައްރެއްގެ މިންވަރަށްވެސް ހަޤީޤަތެއް ނެތެވެ. މައްސަލައެއް ނޫންތާ ދެއްތޯއެވެ. އޭނާގެ ޕާޓީ މީހުން އަޑުއަހާ، ބަލައިގަތެވެ.

އެ އިންތިޚާބަށް އަޅުގަނޑު ކުރިމަތިލީ ނުހަނު ބޮޑަށް ތައްޔާރުވެގެންނެވެ. ޚިދްމަތްކުރަން ލިބިދާނެ އަގުހުރި ފުރުޞަތަކަށްވީތީއެވެ. އުފުލަންޖެހޭނެ ބުރަ ޒިންމާވެސް ޤަބޫލުކޮށްގެންނެވެ. އެޒަމާނުގައި އެހާ ޢާންމުކަމެއްވެސް ނޫނެވެ. ނަމަވެސް، މެނިފެސްޓޯއެއްވެސް ހެދީމެވެ. ދާއިރާއަށް ޒިޔާރަތްކުރާނެ މިންވަރާއި، އޮފީހެއް ޤާއިމުކޮށް ރައްޔިތުންނާ ބައްދަލުކުރުމުގެ އުޞޫލަކާއި، ކޮންމެ ރަށެއްގެ އިޖްތިމާއީ އަދި އަސާސީ ކަންކަމަށް އަޅުގަނޑުގެ މުސާރަ ހޭދަކުރާނެ މިންގަނޑުތަކެއްވެސް ހާމަކުރީމެވެ. އަދި، ދާއިރާއަށް މުހިންމު ބައެއް ކަންކަން ކަމުގައިވާ ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، މަސްވެރިކަން، އަދި އަންހެނުން ބާރުވެރިކުރުވުމާއި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު އިތުރުކުރުން ފަދަ ކަންކަމުގައި މަޖިލީހަށް ހުށަހަޅަން ވިސްނި ބައެއް ބިލުތައްވެސް ޙިއްޞާކުރީމެވެ.

އަޅުގަނޑު ވާދަކުރީ އެއިރުގެ އިދިކޮޅު ޕާޓީ ޑީ.އާރު.ޕީގެ ޓިކެޓުގައެވެ. އެހެންކަމުން، ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުން ދާއިރާގައި މަދެއް ނުވާނެއެވެ. އެބޭފުޅުންގެ ފުރިހަމަ ތާއީދު އަޅުގަނޑަށް ލިބުނެވެ. ނަމަވެސް، އެބޭފުޅުންވެސް އަޅުގަނޑު ދެއްކި ވާހަކަ އަޑުއަހަން މާބޮޑު ޝައުޤުވެރިކަމެއް ހުރިކަމަކަށް ޤަބޫލެއް ނުކުރެވުނެވެ. އެބޭފުޅުން އަޅުގަނޑަށް ވޯޓު ދެއްވީ، އަޅުގަނޑުގެ ނަމުގެ ކައިރީގައި އޮތް ޕާޓީގެ ނިޝާނަށް ބައްލަވާފައެވެ.

ކެމްޕޭނުގެ ތެރޭގައި، ފަސް ރަށުގައިވެސް އަޅުގަނޑު ޒިޔާރަތްނުކުރާ ގެއެއް ވަރަށް މަދުވާނެއެވެ. ސަލާމް ގޮވާލުމުން ސަލާމް ބަލައިގެތް ހަމަ ކޮންމެ ގެއަކަށްވެސް ވަނީމެވެ. އަދި، އަޅުގަނޑުގެ ތަޢާރަފާއި ތަޞައްވުރު ޙިއްޞާކުރެވޭތޯ ބެލީމެވެ. ވާހަކަ ދައްކަން ފުރުޞަތު ދެއެވެ. އެއަށްފަހު ބުނެއެވެ. އަނެއް ކެނޑިޑޭޓު ބުނިކަމަށެވެ. ދޮންނަ މެޝިނެއް ގަނެދޭނެ ކަމަށެވެ. ގޯއްޗެއް ނުވަތަ ގެވަޅެއް ދޭނެ ކަމަށެވެ. ލަކުޑިކޮޅަކާއި ޓިނުކޮޅެއް ދޭނެކަމަށެވެ. ވޯޓު ދޭނީ 'އެންމެ ކުޑަމިނުން' އެވަރު ކޮށްދީގެން ކަމަށެވެ. އެންމެންގެ ވާހަކައެއް ނޫނެވެ. ނަމަވެސް، މިފަދަ ހުށަހެޅުންތައް ލިބުނު މިންވަރު މަދެއް ނުވާނެއެވެ.

ފައިސާއަށް ނުވަތަ ތަކެއްޗަށް އެދޭ ބޭފުޅުންނަށް އަޅުގަނޑު އެރުވި ޖަވާބުވެސް ދަންނަވާލާނަމެވެ. އެހެން ކެނޑިޑޭޓުންނަށް އެފަދަ ކަންކަން، ފަސް އަހަރުގެ މުއްދަތަށް، ކޮންމެ މަހަކު މެދުނުކެނޑި ކޮށްދެވޭނެތޯ އަހަމެވެ. ނުވަތަ ކެމްޕޭނުގެ ތެރޭގައި ލިބޭ އެއްޗަކަށްފަހު އެކަން ނިމުނީތޯ އަހަމެވެ. އަދި، އެހެން ކަމަށްވާނަމަ، ބުއްދިވެރިވާނީ އަޅުގަނޑަށް ވޯޓު ދެއްވުން ކަމަށެވެ. އެއީ، އަޅުގަނޑަކީ ލިބޭނެ މުސާރަ އެކީ، ބަޔާންކޮށްފައިވާ އުޞޫލުން، ރައްޔިތުންގެ ތަރައްޤީއަށް އަދި އަސާސީ ބޭނުންތަކަށް ހޭދަކުރާނެ މީހަކަށްވީތީއެވެ. އަދި، އެކަމުގެ އޮޑިޓް ސްޓޭޓްމަންޓެއް ވެބްސައިޓް މެދުވެރިކޮށް ޙިއްޞާކުރާނެ މީހަކަށްވީތީ ވެސްމެއެވެ. އެއްޗެއް ބޭނުން ކަމަށްވަންޏާ ފައިދާ ބޮޑުވާނީ އެއްފަހަރު ލިބުމަށްވުރެ ކޮންމެ މަހަކު ލިބުން ނޫންތޯއެވެ.

ކޮންމެއަކަސް، ވާދަވެރި ކެމްޕޭނަކަށްފަހު، އަޅުގަނޑަށްވުރެ ދިހަ ބާރަ ވޯޓު އިތުރަށް ހޯދައިގެން ގޮނޑި ކާމިޔާބު ކުރީ ސަރުކާރު ކެނޑިޑޭޓެވެ. ހުސްނުވާ ބަޖެޓެއް އޮތެވެ. އޭގެ ފުރިހަމަ ބޭނުން ހިފިއެވެ. އެއީ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންނަށް ޚިދްމަތްކުރުމަށް އަޅުގަނޑު ފުރުޞަތަކަށް އެދުނު ފުރަތަމަ އަދި ފަހު ފަހަރެވެ. މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ޚިދްމަތްކުރަން އިޚްތިޔާރުކުރި މިންގަނޑާއި މަޖިލިސް މެންބަރެއްގެ ކިބައިން ރައްޔިތުން ބޭނުންވާ ކަންކަމާ ދިމާނުވާ ކަމަށް ޤަބޫލުކުރީއެވެ.

މިދެންނެވި އިންތިޚާބުގެ ފަހުން، ހޮވުނު ކެނޑިޑޭޓުގެ ފައިންޕުޅު ނުފެނުމާއި ދާއިރާއަށް ވަޑައިނުގަތުމުގެ ޝަކުވާ ގިނަގިނައިން އަޑު އެހީމެވެ. ވިދިގެން އައި ދައުރުގައި ވާދަކުރައްވާ ނާކާމިޔާބުވިއެވެ. އެދުވަސްކޮޅު، އަޅުގަނޑާ ހަމައަށް އެފަދަ ވާހަކަތައް ގެންނަވާ އެ ދާއިރާގެ ބޭފުޅުންނަށް ދަންނަވަމެވެ. ގޮނޑީގައި އެ ބޭފުޅާ އެއިންނެވީ މަޖިލީހުގެ ފާރުމަތިން އަރާ، ސިފަ ބަދަލުކޮށްދެން، ވަގަށް ނޫން ކަމަށެވެ. އަޅުގަނޑަށްވުރެ އިތުރަށް ވޯޓު ހޯއްދަވައިގެން، ޞައްޙަ ގޮތުގައި ކަމަށެވެ. އަދި، ޝަކުވާ ކުރާނެ ޖާގައެއް އޮތްކަމަށް އަޅުގަނޑު ނުދެކޭ ކަމަށެވެ. އެހެނީ، އެބޭފުޅާ ދެއްވަން ޖެހިވަޑައިގެން އެއްޗެއް، ކޮށްދެއްވަން ޖެހިވަޑައިގެން ކަމެއް އޮތްނަމަ، އެކަމެއް ކެމްޕޭނުތެރޭގައި ފުރިހަމަކުރެއްވި ކަމަށެވެ. ހޮވުމަށްފަހު ވަކި ކަމަކަށް ވަޢުދުނުވާ ކަމަށެވެ. ކެމްޕޭނުގައި، ދޮގުގެ ޒަރިއްޔާއިން ވިއަސް، ދެއްކެވީ އަޅުގަނޑު ނުހޮވަންވީ ވާހަކަ ކަމަށެވެ. އަދި، ވިދާޅުވަމުން ގެންދެވީ އަޅުގަނޑު ހޮވުނަނުދެއްވާނެ ކަމަށެވެ. އަޅުގަނޑު ނުހޮވޭ ކަމަށެވެ. ވީމާ، އެބޭފުޅާގެ ވަޢުދު ފުދިއްޖެކަމަށް އަޅުގަނޑު ޤަބޫލުކުރާ ކަމަށް ޖަވާބުދެމެވެ.

މިއަދުވެސް އިވެއެވެ. މަޖިލީހުގެ ފީކަޅާ ވާހަކައެވެ. ތާކުންތާކު ނުޖެހޭ ވާހަކައެވެ. ވަދެ ތިބި ގިނަ ބައެއްގެ ޤާބިލިއްޔަތާއި، ތަޖުރިބާއާއި، ތަޢްލީމާއި، އިޚްލާސްތެރިކަމެއް ނެތް ވާހަކައެވެ. އެބައެއްގެ އަޚްލާޤީ ފެންވަރާއި، ބަސްމަގު ކަމުނުދާ ވާހަކައެވެ. އަނެއްކާވެސް ދަންނަވަމެވެ. އެއީވެސް ހަމަ ވޯޓު ހޯދައިގެން ހޮވިފައި ތިބި ބައެކެވެ. ދޮންނަމެޝިނާއި، ޓިނާއި، ލަކުޑި ކޮޑި ދީގެންނެވެ. އަދި، ގެވަޅާއި ގޯތި ދޭން ބުނެގެންނެވެ. ޑެމޮކްރަސީގައި ކަންވާނެ ގޮތަކީ އެއީއެވެ. ތިމާގެ ވޯޓު ދެނީ ހަމައެކަނި ނޭފަތު ކުރިއާ ހަމައަށް ބަލާލާފައި ކަމަށްވާނަމަ، ޖުމްލަ ނަތީޖާއަކީ ދުރު މުސްތަޤްބަލަށް ރަނގަޅު ނަތީޖާއަކަށް ވާނެ ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ.

މައްސަލައަކީ ރައްޔިތުންނެއް ނޫނެވެ. އެވޭލާ ޒަމާނުއްސުރެ، މަޖިލީހަށް އިންތިޚާބު ވަމުން އައި ބޮޑެތި، މުއްސަނދި މަހުޖަނުން ކަންކުރަމުން އައި ގޮތެވެ. ނިޒާމު އޮތް ގޮތުން، އޭގެ ތެރެއިން، އަތުގައި އޮތް ވަޞީލަތެއްގެ ބޭނުން ހިފައިގެން ކުޅިފަސް ލިބޭތީ އެކަން ކުރީއެވެ. އަދި، އެފަދަ ކަންކަން ދިމާވުމުން، ވެހޭތާ ފެންނެގުމުގެ އާދަވެސް ރައްޔިތުން ދަސްކޮށް، އެކަން ކުރީއެވެ.

ޑެމޮކްރަސީގައި ކަން ހިނގާގޮތެވެ. އިނގިރޭސި މުހާވިރާ ބަހެއްވެސް އޮވެއެވެ. "ޔޫ ގެޓް ވަޓް ޔޫ ވޯޓް ފޯ" އެވެ. ލިބޭނީ ވޯޓު ދިން އެއްޗެކެވެ. މިއޮއްފަދަ ތަޢްލީމީ ޒުވާނުން ގިނަ ޤައުމުގައި ރައީސަކަށް ހުރީ ނުކިޔަވާހުރި މީހަކަށްވީތީ ޝަކުވާ ނުކުރައްވާށެވެ. މިއޮއްފަދަ ހުނަރުވެރި، ޤާބިލު ޒުވާނުން ގިނަ ޤައުމުގައި މަޖިލީހުގައި ގިނައިން ތިބީ އުޑެއްބުޑެއް ނޭނގޭ، އުރަތްޕެއް ނެތް، ލަޓޯފަޓޯއަށް ވީމާވެސް ޝަކުވާ ނުކުރައްވާށެވެ. މީހަކާ ދިމާއަށް އިނގިލި ދިއްކުރާއިރު، މުށުތެރެއިން އިތުރު ތިން އިނގިލި އޮންނާނީ ތިމާއާ ދިމާއަށް ކަން ހަނދާންކުރާށެވެ.